ޕީޕީއެމްގެ 'އިންޑިއާ އައުޓް' ކެމްޕެއިންގެ ދަށުން 'ނޭވާހޮޅިއަށް' ނަމުގައި ބާއްވަން އުޅުނު ހިނގާލުމަށް ފުލުހުން ހުރަސްއެޅުމުން މުޒާހަރާގެ ބައިވެރިން މަސްވެރިން ޕާކް ސަރަހައްދުގައި. ހުކުރު، 25 މާޗު 2022. (ދައުރު ފޮޓޯ/މުޒައްޔިން ނާޒިމް)

ކޮމިޓީގެ ލަފަޔަކީ ގާނޫނު އިސްލާހުކޮށްގެން ވިޔަސް އިންޑިއާ އައުޓް ހުއްޓުވުން

ކަމާގުޅުންހުރި ހުރިހާ އިދާރައަކުން ވެސް ބުނަނީ އެއީ ގައުމީ ސަލާމަތަށް ނުރައްކާވާ ހަރަކާތެއް ކަމަށް

އިނދިކޮޅުން ހިންގާ 'އިންޑިއާ އައުޓް' ހަރަކާތް ހުއްޓުވުމަށް ދައުލަތުގެ ކަމާގުޅުންހުރި އިދާރާތަކާއި ސަލާމަތީ ހިދުމަތްތަކުން މަސައްކަތް ކުރުމަށާއި، އެކަމަށް ގާނޫނީގޮތުން ހުރަސްތަކެއް ދިމާވާކަމަށް ފެންނަ ނަމަ، ކަމާގުޅޭ ގާނޫނުތައް އިސްލާހުކުރުމަށް ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުމަށް ލަފާ ދިނުމަށް ސަލާމަތީ ހިދުމަތްތަކާ ބެހޭ ކޮމިޓީ (241 ކޮމިޓީ) އިން ފާސްކޮށްފި އެވެ.

ވީ ކިހިނެއް؟ - އެ ހަރަކާތަކީ ގައުމުގެ ސަލާމަތަށް ނުރައްކާވެދާނެ ކެމްޕެއިންކަމަށް ވިދާޅުވެ، 241 ކޮމިޓީއަށް އެ މައްސަލަ ހުށަހެޅުއްވީ ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އެވެ. ކަމާގުޅުންހުރި އިދާރާތަކާ ބައްދަލުކޮށް، މައްސަލަ ދިރާސާކުރުމަށްފަހު މިދިޔަ ހޯމަ ދުވަހު ވަނީ ރިޕޯޓު ފާސްކޮށްފަ އެވެ.

ތަފްސީލް - އެ ރިޕޯޓުގައި އެކި މުއައްސަސާތަކުން ފާހަގަކުރި ގިނަ ކަންތައްތަކެއް ބަޔާންކޮށްފައިވެ އެވެ.

1. ހޯމް މިނިސްޓްރީގެ ފަރާތުން ފާހަގަކުރި ކަންކަން:

  • އިންޑިއާ އައުޓްގެ ނަމުގައި ސޯޝަލް މީޑިއާގައި ބޭނުންކުރާ އިބާރާތްތަކުގެ ސަބަބުން ނުވަތަ ކަންތައް ކުރެވޭ ގޮތުން އެކި އިންޒާރު ދެވި އަނިޔާވެރިކަމަށް ގޮވާލެވޭ ގޮތަށް ކަންކަން ވަމުންދާކަން ފާހަގަކުރެވޭ ކަމަށާއި، އެއީ ރައްޔިތުންނަށް ވަރަށް ބޮޑު ނިކަމެތިކަމެއް ކުރިމަތިވެދާނެ ކަމެއް ކަމަށް

  • އެ ހަރަކާތުގެ ސަބަބުން ބޭސް ފަރުވާ އަށާއި އެނޫންވެސް އެކިއެކި ބޭނުންތަކަށް އިންޑިއާއަށް ދާ ދިވެހިންނަށާއި އިންޑިއާގައި ދިރިއުޅޭ ދިވެހިންނަށް އެކަމުގެ ނޭދެވޭ އަސަރު ކުރާނެކަމަށް 

  • އެ ހަރަކާތުގެ ތެރޭގައި ރާއްޖޭގެ ސަލާމަތާއި ރައްކާތެރިކަމަށް އަދި ރައްޔިތުންނަށް ބޮޑެތި ގެއްލުންވާފަދަ ކަންކަން ކުރަމުންދާ ކަމަށާއި އެކަމުގެ ސަބަބުން ރާއްޖޭގެ ރައްޔިތުންގެ ރައްކާތެރިކަމަށާއި ގައުމުގެ ދާހިލީ ހަމަޖެހުމާއި ސަލާމަތަށް ނުރަނގަޅު އަސަރު ފޯރުމަކީ ވަރަށް ބޮޑަށް އެކަށީގެންވާ ކަމެއް ކަމަށް

2. ފުލުހުން ފާހަގަކުރި ކަންކަން

  • އެ ހަރަކާތުގައި ބައިވެރިވާ ފަރާތްތަކުން، ރައްޔިތުންގެ އަމަންއަމާންކަމަށް ބުރޫއެރުން ހުއްޓުވުމަށް ފުލުހުން އަޅާ އެކި ފިޔަވަޅުތަކަށް ނުކިޔަމަންތެރިވާކަމަށް

  • އެ ހަރަކާތުގައި އެކި ކުށްތަކުގެ ރެކޯޑް އޮންނަ މީހުން ބައިވެރިވާ ކަމަށާއި، އެކަމުގެ ސަބަބުން ނުރައްކާތެރި އަމަލުތައް ހިނގުން ގާތްކަމަށް

  • އެއީ ކަންބޮޑުވާ ހަރަކާތެއް ކަމަށާއި، އެކަމުގެ ސަބަބުން ރައްޔިތުންގެ ރައްކާތެރިކަމަށާއި އަދި ގައުމުގެ ދާހިލީ ހަމަޖެހުމާއި ސަލާމަތަށް ނުރަނގަޅު އަސަރުތަކެއް ފޯރުން ވަރަށް ބޮޑަށް އެކަށީގެންވާ ކަމަށް

  • އެ ހަރަކާތުގެ ސަބަބުން ނަފްރަތާއި ދެކޮޅުވެރިކަން އުފެދި، ދެ ގައުމުގެ ރައްޔިތުންގެ ފުރާނައަށާއި މުދަލަށް ގެއްލުން ލިބޭ ހިސާބަށް ކަންކަން ބޮޑުވެގެން ދިއުން އެކަށީގެންވާ ކަމަށާއި، އެ ހަރަކާތް ރޭވި ސްޓްރެޓަޖައިޒް ކުރެވެމުންދަނީ އެ މިސްރާބަށްކަން ލިބެމުންދާ އެކި ރިޕޯޓުތަކުން ފާހަގަކުރެވޭކަމަށް

  • ރާއްޖެއާއެކު މަސައްކަތްކުރާ ދައުލަތަކަށް ނިސްބަތްކޮށް ނަފުރަތު އުފެދޭ ގޮތަށް ހަރަކާތް ހިންގުމުން ޓްރާންސްނެޝަނަލް ކުށްތައް ހުއްޓުވަން ކުރާ މަސައްކަތުގައި ބޮޑެތި ގޮންޖެހުންތަކެއް ކުރިމަތިވާނެ ކަމަށް

  • ދޭދޭ ގައުމުތަކާއި އަދި ފަރުދުންގެ މެދުގައި ނަފްރަތާއި ރުޅިވެރިކަމާއި ދެކޮޅުވެރިކަން އުފެދިގެން ގޮސް ފުރާނައާއި މުދަލާއި ތަކެއްޗަށް ގެއްލުންވާ ހިސާބަށް ކަންކަން ހިނގަންދެން ބަލަން ތިބެގެން ނުވާނެ ކަމަށާއި، އެ ހަރަކާތް ރޭވި ކުރިއަށް ދަނީ އެ މަގު ފެންނަ ގޮތަށް ކަމަށް ދެކެވޭ ހުރިހާ ވާހަކަތަކުންނާއި ލިބޭ ރިޕޯޓުތަކުން ވެސް ގަބޫލުކުރެވޭކަމަށް

3. ޑިފެންސް މިނިސްޓްރީން ފާހަގަކުރި ކަންކަން

  • އެއީ ރާއްޖޭގެ ސަލާމަތާއި ރާއްޖޭގައި ދިރިއުޅޭ އިންޑިއާ ރައްޔިތުންނަށާއި އިންޑިއާގައި ދިރިއުޅޭ ދިވެހިންގެ ސަލާމަތާއި ރައްކާތެރިކަމަށް ގެއްލުންވާ ގޮތަށް މިފަހުގެ ތާރީހެއްގައި ހިންގާތީ ފެނުނު އެންމެ ނުރައްކާތެރި ކެމްޕޭން ކަމަށް

  • އެ ހަރަކާތުގެ ސަބަބުން ރާއްޖޭގެ އެތެރޭގެ ހަމަޖެހުން ގެއްލި ސަރަހައްދީ ގައުމުތަކާ އޮތް ގާތް ގުޅުން ހީނަރުވެ ސަރަހައްދީ ސަލާމަތީ މަޝްރަހަށް ނުރައްކާވެ ރާއްޖޭގެ ގައުމީ ދިފާއުއާއި ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށް ރާއްޖޭން ކުރަމުންދާ މަސައްކަތަށް ހުރަސް އެޅިގެންދާނެ ކަމެއް ކަމަށް

  • އެ ކެމްޕޭނަކީ ގައުމީ ސަލާމަތަށް ނުރައްކާވެގެން އަންނާނެ ކެމްޕޭނެއް ކަމަށް

  • ދޭދޭ ގައުމުތަކުގެ އެއްބައިވަންތަކަމަށާއި، ކުށް މަދުކުރުމަށް ގުޅިގެން ހިންގާ ހަރަކާތްތަކަށް ބުރޫ އަރާނެ ކަމެއް ކަމަށް

ސަލާމަތީ ހިދުމަތްތަކާބެހޭ ކޮމިޓީގެ 19 ވަނަ ބައްދަލުވުން، 31 މެއި 2022 (ފޮޓޯ/ރައްޔިތުންގެ މަޖިލިސް)

4. ފޮރިން މިނިސްޓްރީން ފާހަގަކުރި ކަންކަން

  • އެއީ ވަކި ގައުމަކަށް، ވަކި ގްރޫޕަކަށް، ވަކި ރޭސް އަކަށް، ވަކި ކުލައެއްގެ މީހުންނަށް ނުވަތަ ވަކި ދީނެއްގެ މީހުން ތަފާތުކޮށް އެ މީހުންނާ ދެކޮޅަށް ނަފުރަތު އުފެދޭ ބަސްތައް ބޭނުންކުރުމާއި ހަރުކަށި ކަމަށް މަގުފަހިވާ ގޮތަށް ކުރެވޭ މަސައްކަތްތަކެއް ކަމަށް 

  • އެ ހަރަކާތުގެ ސަބަބުން ރާއްޖޭގައި އުޅޭ އިންޑިއާ މީހުންނަށް އަމާޒުކޮށް އެކި ގެއްލުންތައް ލިބެން ފަށައިފި ނަމަ ދެ ގައުމުގެ ގުޅުމަށް ހީނަރުކަން އަންނާނެ ކަމަށާއި، ނަމަވެސް މީހަކަށް ގެއްލުމެއް ލިބެންދެން އެ ހަރަކާތް ނުހުއްޓުވައިފި ނަމަ ދެ ގައުމުގެ ގުޅުން ހީނަރުވެ މައްސަލަ ހައްލުކުރުމަށް އޮންނާނީ މާބޮޑަށް ލަސްވެފައި ކަމަށްވާތީ ދިމާވެދާނެ ހާލަތެއް ދުރާލާ ހުއްޓުވުމަށް ވިސްނަން ޖެހޭނެ ކަމަށް

  • އެކަމާ ގުޅިގެން ކަންބޮޑުވުން ފާޅުކުރަނީ ހަމައެކަނި އިންޑިއާ ސަރުކާރުން ނޫން ކަމަށާއި، ރާއްޖޭގައި ތިބި އެކި ގައުމުތަކުގެ އެމްބެސެޑަރުން ވެސް ކަންބޮޑުވުން ފާޅުކޮށްފައިވާ ކަމަށާއި އަދި އެމްބަސީތަކުގެ ސެކިއުރިޓީ ވަރުގަދަކުރުމަށް އެދިފައިވާ ކަމަށް

5. އިކޮނޮމިކް މިނިސްޓްރީން ފާހަގަކުރި ކަންކަން

  • ރާޢްޖޭގެ ތަރައްގީއަށް އިންޑިއާ އިން ވެސް އެކިއެކި އެހީތައް ލިބެމުންދާ ކަމަށާއި ހާއްސަކޮށް ކާރިސާގެ ހާލަތްތަކުގައި ވެސް އެހީތެރިކަން ފޯރުކޮށްދިނުމަށް އިންޑިއާއިން ރާއްޖެއަށް ހާއްސަ އިސްކަމެއް ދެމުންދާއިރު، އެ ގައުމާ ދެކޮޅަށް ނުރުހުން ފާޅުކޮށް އެފަދަ ހަރަކާތެއް ހިންގުމަކީ ރާއްޖޭގެ ތަރައްގީ އަށާއި އިގްތިސޯދަށް ގެއްލުންހުރި ކަމެއް ކަމަށް

  • އެ ހަރަކާތް ފުޅާވަމުންދާ ވަރަކަށް، އެކަމުގެ ނޭދެވޭ އަސަރު ރާއްޖޭގެ އެކި ކަންކޮޅުތަކުން ފެންނަމުންދާ ކަމަށާއި، އެގޮތުން ރާއްޖޭގައި ދިރިއުޅޭ އިންޑިއާ މީހުންނާ ދިމާކުރަމުންދާކަން ބައެއް ނޫސްތަކާއި ސޯޝަލް މީޑިއާ ހަބަރުތަކުން އެނގޭ ކަމަށް

އޭގެ އިތުރުން، އެ ހަރަކާތާ ގުޅިގެން ކޮޗިން އެއާޕޯޓުގެ އިމިގްރޭޝަންގެ ކައުންޓަރުގައި ތިބި ފަރާތްތަކުން ދިވެހިންނަށް ނިސްބަތްކޮށް "އިންޑިއާ އައުޓް ޕީޕަލް ކަމިން" ފަދަ ބަސްތަކުން މުހާތަބު ކުރި ކަމަށާއި، އަދި އިންޑިއާއަށް ކުރި ދަތުރެއްގައި އެރި ޓެކްސީއެއްގެ ޑްރައިވަރަކު، އިންޑިއާ އައުޓް ހަރަކާތަށް ނިސްބަތްކޮށް، އިންޑިއާއިން "މޯލްޑިވްސް އައުޓް" ގެ ނަމުގައި ހަރަކާތެއް ފަށައިފިނަމަ ހަދާނީ ކިހިނެއްތޯ ބުނެ ސުވާލު އުފެއްދި ކަމަށް އާންމު ފަރާތަކުން ކޮމިޓީއާ މައުލޫމާތު ހިއްސާކުރި ކަމަށް ވެސް ރިޕޯޓުގައި ބުނެފައިވެ އެވެ.

ހަމަ އެއާއެކު، އިންޑިއާ އައުޓް ހަރަކާތަކީ ގައުމީ ސަލާމަތަށް ނުރައްކާވާ ކަމެއް ކަން ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ގަރާރަކުން ކަނޑައަޅާފައި އޮތްކަން ވެސް ކޮމިޓީ ރިޕޯޓުގައި ފާހަގަކުރި އެވެ.

ބުނީ ކީކޭ؟ - ގިނަ ހޯދުންތަކެއް ހިމަނައި، 241 ކޮމިޓީން ރިޕޯޓުހައި ހިމެނީ ދެ ހުށަހެޅުމެކެވެ. އެއީ:

  • އެ ހަރަކާތަކީ ގައުމީ ސަލާމަތަށް އޮތް ނުރައްކަލަކަށް ވާތީ އާއި އެކަމުގެ ސަބަބުން ރާއްޖޭގެ އިގްތިސޯދަށް ނުރަނގަޅު އަސަރު ކުރާނެ ކަމަކަށް ވެފައިބައިނަލްއަގުވަމީ ގުޅުންތަކަށް ހީނަރުކަން އަންނާނެ ކަމަކަށް ވާތީ ގާނޫނާ ގަވައިދުގައިވާ ގޮތުގެ މަތިން، އެ ހަރަކާތް ހުއްޓުވުމަށް ދައުލަތުގެ ކަމާގުޅުންހުރި އިދާރާތަކާއި ސަލާމަތީ ހިދުމަތްތަކުން މަސައްކަތް ކުރުމަށް 

  • އިންޑިއާ އައުޓް ނަމުގައި ހިންގާ ހަރަކާތް ހުއްޓުވުމަށް ގާނޫނީގޮތުން ހުރަސްތަކެއް ދިމާވާކަމަށް ފެންނަ ނަމަ، ކަމާގުޅޭ ގާނޫނުތައް އިސްލާހުކުރުމަށް ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުމަށް

އިތުރު އާޓިކަލް

އިތުރު އާޓިކަލް