އެމްއޭސީއެލްގެ ސީއީއޯ އަދި އެމްޑީ ގޯޑަން އެންޑްރޫ ސްޓުވަޓް (ކ) ރައީސް ސޯލިހާ ވާހަކަ ދައްކަވަނީ. (ފައިލް ފޮޓޯ/ ރައީސް އޮފީސް)
މުއްދަތު ހަމަވިއިރު ވެސް އެމްއޭސީއެލް ވެރިންގެ މުސާރަ ހާމައެއް ނުކުރި
މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް)ގެ ސީއީއޯގެ މުސާރަ ހިމެނޭ ގޮތުން އެ ކުންފުނީގެ ޑިރެކްޓަރުންނާއި މުވައްޒަފުންގެ މުސާރަ ހަތް ދުވަސް ތެރޭ ހާމަކުރަން އިންފޮމޭޝަން ކޮމިޝަނަރުގެ އޮފީސް (އައިކޮމް) އިން އެ ކުންފުންޏަށް އެންގި ނަމަވެސް އެ މައުލޫމާތު ހާމައެއް ނުކުރި އެވެ.
ވީ ކިހިނެއް؟ - އެމްއޭސީއެލްގެ މުވައްޒަފުންގެ މުސާރަ އާއި އިނާޔަތްތަކުގެ ތަފްސީލު ހޯދަން އަމިއްލަ ފަރާތަކުން އައިކޮމްގައި އެދުމުން އެ ކުންފުނިން ވަނީ އެއީ އަމިއްލަ މީހުންނަށް ދޫކުރާ މައުލޫމާތެއް ނޫން ކަމަށް ބުނެ އެ މައުލޫމާތު ހިފަހައްޓަފައިފަ އެވެ. އެ ޖަވާބާ މެދު ހިތްހަމަނުޖެހިގެން އެ މީހާ ވަނީ އެ މައްސަލަ އައިކޮމްއަށް ހުށަހަޅައިފަ އެވެ.
އައިކޮމްގެ ނިންމުން - އެ މައްސަލާގައި އައިކޮމް އިން މި މަހުގެ 14 ގައި ނިންމާފައިވަނީ އެމްއޭސީއެލް އަކީ މައުލޫމާތު ހޯދާ ލިބިގަތުމުގެ ހައްގުގެ ގާނޫނުގައި ބަޔާންކުރާ ދައުލަތުގެ އިދާރާއެއްގެ ގޮތުގައި ނުހިމެނުނު ނަމަވެސް، ދައުލަތުގެ ކުންފުނިތަކަކީ ދައުލަތުގެ އިދާރާއެއް ކަމަށް ބަލާނެ ކަމަށް ހައި ކޯޓުން ނިންމާފައި ވާތީ، އެދިފައިވާ މައުލޫމާތު ހިއްސާކުރަން ޖެހޭނެ ކަމަށެވެ.
އެމްއެސީއެލްގެ ވެރިންނާއި މުވައްޒަފުންގެ މުސާރައިގެ މައުލޫމާތު ހޯދަން އައިކޮމްގައި އެދުނީ، މައުލޫމާތު ހޯދާ ލިބިގަތުމުގެ ގާނޫނުގެ ދަށުން، އެފަދަ މައުލޫމާތު ހޯދައި އާންމުކުރަމުން އަންނަ އައިމަން ލަތީފް އެވެ.
އައިމަން މިރޭ ބުނީ އައިކޮމް އިން އެމްއޭސީއެލްއަށް ދިން ހަތް ދުވަސް ފާއިތުވެ، މިއަދަށް 10 ދުވަސް ވީއިރު ވެސް އެ މައުލޫމާތު އާންމު ނުކުރާ ކަމަށެވެ. އެހެންކަމުން ދެން އޮތީ އައިކޮމް އިން އެކަމާ މެދު ފިޔަވަޅު އަޅާނެތޯ ބެލުމެވެ.
"މައުލޫމާތު ހާމަ ނުކޮށްފި ނަމަ އައިކޮމްގެ އަމުރަށް ނުކިޔަމަންތެރިވި ކަމަށް ބަލައި، [ހައި ކޯޓުގައި] ދައުވާ ކުރުމުގެ ފުރުސަތު އައިކޮމްއަށް އޮންނާނެ،" އައިމަން ބުންޏެވެ.
އެނގުން މުހިންމު - އެމްއޭސީއެލްގެ މުވައްޒަފުންގެ މުސާރައާ ގުޅޭ މައުލޫމާތު ނުދިން މައްސަލާގައި އެކުންފުނީގެ ބަހެއް މިރޭ ނުލިބުނެވެ.
ސަރުކާރުގެ ބޮޑެތި ކުންފުނިތަކުގެ ވެރިން ހިމެނޭހެން މުވައްޒަފުންގެ މުސާރައިގެ ތަފްސީލު ހޯދަން މީގެ ކުރިން ވެސް އައިމަން ވަނީ އެދިފަ އެވެ. ނަމަވެސް ކުންފުނިތަކުން މައުލޫމާތު ދޭން ދެކޮޅުހަދަ އެވެ.
"ބޮޑެތި ކުންފުނިތަކުން މައުލޫމާތު ދޭން ބޭނުން ނުވަނީ،" އައިމަން ބުންޏެވެ.
އައިކޮމްގެ ނިންމުމުގެ މުހިންމު ބައިތައް
-
މައުލޫމާތު ހޯދައި ލިބިގަތުމުގެ ގާނޫނުގެ 37 ވަނަ މާއްދާގެ (ފ)ގެ ދަށުން ހާމަކުރަން ލާޒިމް މައުލޫމާތެއް
-
އެއީ ގާނޫނުގެ 7 ވަނަ ބާބުގައި ބަޔާންކުރާ އިސްތިސްނާ ހާލަތަކަށް ފެތޭ މައުލޫމާތެއް ނޫން
-
އެމްއޭސީއެލްގެ މުވައްޒަފުންގެ މުސާރައިގެ މައުލޫމާތު 7 ދުވަސް ތެރޭ ހާމަކުރަން އެ ކުންފުންޏަށް އެންގި
އެމްއޭސީއެލްގެ މުސާރައިގެ މައުލޫމާތު ހޯދަން އައިމަން އެންމެ ފުރަތަމަ އެދުނީ 19 ސެޕްޓެމްބަރު 2020ގަ އެވެ.
މައްސަލާގައި ކަން ހިނގާފައިވާ ގޮތުގެ ހުލާސާ
-
15 އޮކްޓޯބަރު 2020: އެމްއޭސީއެލް އިން ވަނީ އައިމަން މައުލޫމާތު ހޯދާ ހައިިސިއްޔަތު ސާފުކޮށްދޭން އެދިފައި
-
22 އޮކްޓޯބަރު: ފޯމު ލިބުނު ކަމުގެ ރަސީދެއް ފޮނުވި
-
21 ނޮވެމްބަރު: މައުލޫމާތު ލިބުން ލަސްވާތީ ހަނދާންކޮށްދިން
-
ޑިސެމްބަރުގައި ވެސް މައުލޫމާތު ނުދިނުމުން ފޯނުން ގުޅައިގެން ހަނދާންކޮށްދިނުމުން އެދުނީ އަލުން ފޯމު ފޮނުވުމަށް
-
13 ޑިސެމްބަރު: އަލުން ފޯމު ފޮނުވި
-
21 ޑިސެމްބަރު: މައުލޫމާތު ނުދޭތީ އަލުން ހަނދާންކޮށްދިން
-
27 ޑިސެމްބަރު: އެމްއޭސީއެލް އިން ސިޓީއެއް ފޮނުވީ މައުލޫމާތު ދޭން އުޒުރުވެރިވާ ކަމަށް
-
28 ޑިސެމްބަރު: އެމްއޭސީއެލްގެ ނިންމުން މުރާޖައާކޮށްދިނުމަށް، އެ ކުންފުނީގެ މުރާޖައާ ކޮމެޓީގައި އެދުނު
-
31 ޑިސެމްބަރު: މުރާޖައާ ކޮމިޓީން ބުނީ އެ ކުންފުންޏަކީ މައުލޫމާތު ހޯދާ ލިބިގަތުމުގެ ގާނޫނުގެ ތަރަހައަށް ފެތޭ ކުންފުންޏެއް ނޫން ކަމަށް
-
14 ސެޕްޓެމްބަރު 2021: މުސާރައިގެ މައުލޫމާތު ދޭން އައިކޮމް އިން އެމްއޭސީއެލްއަށް އެންގި
-
21 ސެޕްޓެމްބަރު: އައިކޮމް އިން ދިން ހަތް ދުވަހުގެ މުއްދަތު ހަމަވި
އެމްއޭސީއެލްގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރުގެ މަގާމުގައި ހުންނަވަނީ އިނގިރޭސިވިލާތަށް ނިސްބަތްވާ ގޯޑަން އެންޑްރޫ ސްޓުވަޓް އެވެ. އޭނާ މަގާމާ ހަވާލުވެ ވަޑައިގަތީ މިދިޔަ އަހަރުގެ ޖުލައި މަހު އެވެ.
އިތުރަށް ކިޔާލަން