ޔޫކްރެއިން ދޫކޮށް ދިއުމަށް އެ ގައުމުގެ ބައެއް މީހުން މިއަދު ހެނދުނު ރޭލަކަށް އަރަން ތައްޔާރުވަނީ. (ފޮޓޯ/އޭއެފްޕީ)

ޔޫކުރެއިންގައި ތިބި ދިވެހިން ރާއްޖެ ގެނެވޭނެ ގޮތްތައް ގައުމުތަކާ ގުޅިގެން ބަލަނީ

ރަޝިޔާއިން ހަމަލާތައް ދިން ތިން ސިޓީގައި ތިބި ދިވެހި ދަރިވަރުންގެ ހާލު ރަނގަޅު ކަމަށް ފޮރިން މިނިސްޓްރީން ބުނޭ
24 ފެބްރުއަރީ 2022

ޔޫކުރެއިންގައި ތިބި ދިވެހި ދަރިވަރުން އެ ގައުމުން ގެނައުމުގެ މަސައްކަތް ގައުމުތަކާ ގުޅިގެން ކުރަމުން އަންނަ ކަމަށް ރާއްޖޭގެ ފޮރިން މިނިސްޓްރީއިން މިއަދު ބުނެފި އެވެ.

އެނގުން މުހިންމު - މީގެ ކުރިން ފޮރިން މިނިސްޓްރީން ބުނެފައި ވަނީ އެ ދަރިވަރުން ރާއްޖެ ގެނައުމުގެ ފުލް ސްކޭލް އޮޕަރޭޝަނެއް ނުވަތަ އިވެކުއޭޝަނެއް ހިންގަން ނިންމާފައި ނުވާ ކަމަށެވެ. 

ޔޫކުރެއިންގައި 50އަށް ވުރެ ގިނަ ދިވެހިން ތިބި ނަމަވެސް އޭގެ ތެރެއިން 20 ކުއްޖަކު ވަނީ މިހާރު އަނބުރާ ރާއްޖެ އައުމަށް ފުރައިފަ އެވެ. އަދި ފަސް ކުއްޖަކު ތިބީ ރަޝިޔާއިން މިހާރު ފަށާފައިވާ ސަރަހައްދުގަ އެވެ.

ބުނީ ކީކޭ؟ - މިއަދު ހެނދުނުން ފެށިގެން ރަޝިޔާއިން ޔޫކުރެއިންނަށް ހަމަލާތައް ދީ ހަނގުރާމަ ފަށާފައި ވަނިކޮށް ފޮރިން މިނިސްޓްރީން މީޑިއާތަކަށް ފޮނުވި މެސެޖެއްގައި ބުނީ:

  • ޖަރުމަނުގެ ބާލިންގައި ހުންނަ ދިވެހި އެމްބަސީން، ޔޫކުރެއިންގައި ތިބި ދިވެހި ދަރިވަރުން ރައްކާތެރި ހިސާބަކަށް ގެންދިއުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް 

  • އެކުވެރި ގައުމުތަކާ ގުޅިގެން، ދިވެހި ދަރިވަރުން ޔޫކުރެއިނުން ގެނައުމަށް ވެސް ވިސްނަމުން އަންނަ ކަމަށް

ހަަމަލާދިން ސިޓީތަކުގައި ތިބި ކުދިންގެ ހާލު ރަނގަޅު

ރަޝިޔާއިން މިއަދު ހެނދުނު ހަމަލާތައް ދިން ތިން ސިޓީގައި ތިބި ދިވެހި ކުދިންގެ ހާލު ރަނގަޅު ކަމަށް ވެސް ފޮރިން މިނިސްޓްރީން ބުންޏެވެ. އަދި ހެނދުނު ނުތަނަވަސްކަން ބޮޑު ވަގުތުތަކެއް ދިޔަ ނަމަވެސް ހުރިހާ ދަރިވަރުން މިވަގުތު ތިބީ އާންމު ހާލަތުގައި ކަމަށް ވެސް އެ މިނިސްޓްރީން ބުންޏެވެ.

އެ ދަރިވަރުންގެ އަތުގައި ފެނާއި ކާބޯތަކެއްޗާއި ފައިސާ އެބަހުރި ކަމަށް ވެސް ފޮރިން މިނިސްޓްރީން ބުންޏެވެ.

އިތުރަށް ކިޔާލަން -

އިތުރު އާޓިކަލް

އިތުރު އާޓިކަލް