ހަނގުރާމަ ކުރާ ބޯޑަރުގެ ސަރަހައްދާ އެންމެ ކައިރީގައި އޮންނަ ކާކީވް ސިޓީ. (ފޮޓޯ/ ދިވެހި ދަރިވަރެއް)

ޔޫކްރެއިން

ބޯޑަރު ކައިރީގައި އުޅޭ 5 ދަރިވަރުން އެހެން ސިޓީއަކަށް ދެވޭތޯ ބަލަނީ

ހަނގުރާމައިގެ ބިރު އޮތް ކާކީވްގައި ތިބި ގިނަ ދަރިވަރުން ފުރާފައިވިޔަސް، ޔުކްރެއިންގެ އެއާސްޕޭސް ބަންދުކޮށްފައިވާތީ ބާކީ ތިބި 5 ދަރިވަރުންނަށް ފުރޭނެ ގޮތެއް އަދި ނުވޭ
24 ފެބްރުއަރީ 2022

ޔޫކްރެއިނާއި ރަޝިއާގެ މައްސަލަ ހޫނުވެ، ހަނގުރާމަ މިއަދު ފަށާފައިވާ އިރު އެ ސަރަހައްދާ ކައިރީގައި މިހާރު ތިބި ދިވެހި ފަސް ދިވެހިން، ރައްކާތެރިކަން ހޯދުމަށް ދުރު ސަރަހައްދުތަކަށް ދިޔުމަށް މަސައްކަތް ފަށައިފި އެވެ.

އެނގުން މުހިންމު - ޔޫކުރެއިންގައި 50އަށް ވުރެ ގިނަ ދިވެހި ދަރިވަރުން ތިބި އިރު އޭގެ ތެރެއިން ގިނަ ދަރިވަރުން މިހާރު ވަނީ ރާއްޖެ އައުމަށް ފުރާފަ އެވެ. އެކަމަކު ހަނގުރާމަ ފެށިއިރު، ރަޝިޔާގެ ބޯޑަރު ކައިރީގައި އޮންނަ ސިޓީއެއް ކަމަށްވާ ކާކީވްގައި ފަސް ދަރިވަރުން އެބަތިއްބެވެ.

ވީ ކިހިނެއް؟ - ޔޫކްރެއިންގެ މަޝްރަހު ގޯސްވަމުން ދާތީ، އެ ގައުމުގައި ތިބި ދިވެހި ދަރިވަރުން ރާއްޖެ ގެނައުމުގެ މަސައްކަތް، މިދިޔަ ހުކުރު ދުވަހުން ފެށިގެން ސަރުކާރުން އަންނަނީ ކުރަމުންނެވެ. ބޯޑަރު ކައިރީގައި އޮންނަ ކާކީވްގައި ތިބި ފަސް ކުދިން ވެސް ތިބީ ފުރަން ތައްޔާރުވެގެންނެވެ.

އެކަމަކު، ހަނގުރާމަ ފެށުމާ އެކު އެ ސިޓީގެ އެއާޕޯޓާއި ބޮޑެތި ރެއިލްވޭ ސްޓޭޝަންތައް މިހާރު ބަންދުކޮށްފައިވާތީ، އެ ކުދިން އެހެން ސަރަހައްދުތަކަށް ގެންދިޔުމަށް ވަނީ ގޮންޖެހުންތައް ކުރިމަތިވެފަ އެވެ.

ހަނގުރާމަ ކުރާ ސަރަހައްދާ ދުރުގައި އުޅޭ އެހެން ދަރިވަރަކު 'ދައުރު'އަށް ބުނި ގޮތުގައި ކާކީވްގައި ތިބި ފަސް ދަރިވަރުން ތިބީ، ރައްކާތެރި ސަރަހައްދަކަށް ދެވޭ ގޮތް ނުވެފަ އެވެ.

"ގިނަ ތަންތަން ބަންދުކޮށްފައި ހުރީމައި އެ މީހުންނަށް ނާދެވިގެން އުޅެނީ. މިހާރު އެ މަސައްކަތް ކުރަނީ ޓެކްސީއަކަށް އަރައިގެން ނަމަވެސް މި ސިޓީއަށް އާދެވޭތޯ،" ޔޫކްރެއިންގެ އިރުމަތީ ސިޓީއެއްގައި ހުރި ދަރިވަރު ބުންޏެވެ.

އޭނާ ބުނި ގޮތުގައި އެ ސިޓީގައި 15 ދަރިވަރަކު އެބަތިއްބެވެ. އޭގެ ތެރެއިން ބައެއް ކުދިން ތިބީ، އެ ސަރަހައްދަށް ހަނގުރާމައިގެ ބިރު ނުފޯރާނެ ކަމަށް ބަލައި، މިވަގުތު ރާއްޖެ ނުދާން ނިންމައިގެން ކަމަށް ދަރިވަރު ބުންޏެވެ. އެކަމަކު މިހާރު ހަނގުރާމަ ކުރާ ގޮތަށް ބަލައި، އެ ބިރު އެ ސަރަހައްދަށް ވެސް އޮތް ކަމަށް ހީވާ ކަމަށް އޭނާ ބުންޏެވެ.

"އަޅުގަނޑުމެންނަށް ލިބޭ ހަބަރުތަކުން މިހާރު ބިރު ގަންނަން ފަށައިފި. ހަނގުރާމަ ފެށީމައި ދެން އެހާ ފަސޭހައެއް ނުވާނެ ދަތުރުތައް ކުރާކަށް ވެސް،" އެ ދަރިވަރު ބުންޏެވެ.

ފޮރިންގެ ބަސް - ފޮރިން މިނިސްޓްރީން މިއަދު ބުނި ގޮތުގައި އެ މިނިސްޓްރީ އާއި ޖަރުމަނުގެ ބާލިންގައި ހުންނަ ދިވެހި އެމްބަސީން އަންނަނީ، ދަރިވަރުންގެ ހާލަތު ގާތުން ބަލަމުންނެވެ. ހަނގުރާމައިގެ ނުރައްކާ އެންމެ ބޮޑަށް އޮތް ކާކީވްގައި ތިބި ފަސް ދަރިވަރުންގެ ހާލު ވެސް ރަނގަޅު ކަމަށާއި އެ ކުދިންނަށް ބޭނުންވާ ކަންކަން ކޮށްދެމުންދާނެ ކަމަށް އެތަނުން ބުންޏެވެ.

ފަސްމަންޒަރު - ޔޫކްރެއިނުގެ އިރުމަތީގައި، ރަޝިއާއާ އިންވެގެން އޮތް ޔޫކްރެއިނާ ވަކިވެގަތުމަށް މަސައްކަތްކުރާ ދެ ސަރަހައްދެއް ކަމަަށްވާ ލުހާންސްކް އަދި ޑޮނެސްކްގެ މިނިވަންކަން ރަޝިއާއިން ގަބޫލުކޮށް އެ ދެ ސަރަހައްދުގައި ސުލްހަ ގާއިމްކޮށް ދެމެހެއްޓުމުގެ ނަމުގައި ސިފައިން ފޮނުވުމަށް ރަޝިއާގެ ރައީސް ލަޑިމިއާ ޕުޓިން ވަނީ އަމުރުކުރައްވާފަ އެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް