Majlis 2024

ބްރިގޭޑިއާ ޖެނެރަލް ޒަކަރިއްޔާ މަންސޫރު ސިފައިންގެ ހިދުމަތުން ޝަރަފުވެރިކަމާ އެކު ރިޓަޔާކުރެއްވުމަށް ބޭއްވި ހަފްލާގެ ތެރެއިން. (ފޮޓޯ/އެމްއެންޑީއެފް)

އެމްއެންޑީއެފް

ރިޓަޔާކުރެއްވި ޒަކަރިއްޔާ މަންސޫރަށް އަދިވެސް މަހަކު 51،000ރ.ގެ މުސާރައެއް

ރިޓަޔާކުރެއްވުމާ ގުޅިގެން އެއް ފަހަރާ ގަނޑުކޮށް 1 މިލިއަނަށް ވުރެ ގިނަ ރުފިޔާ ވެސް ދިން
16 އޯގަސްޓު 2022

ސިފައިންގެ ވަޒީފާ އިން ރިޓަޔާ ކުރެއްވުމަށް ފަހު ވެސް ނެޝެނަލް ކައުންޓާ ޓެރަރިޒަަމް ސެންޓަރު (އެންސީޓީސީ)ގެ ޑިރެކްޓާ ޖެނެރަލްގެ މަގާމުގައި ހުންނެވި ބްރިގޭޑިއާ ޖެނެރަލް ޒަކަރިއްޔާ މަންސޫރަށް މިހާރު ވެސް މަހަކު 51،000ރ.ގެ މުސާރައެއް ލިބިވަޑައިގަންނަވާކަން ހާމަވެއްޖެ އެވެ.

މައްސަލައިގެ ފެށުން - ސިފައިން ގޭގައި 37 އަހަރު ހިދުމަތް ކުރެއްވުމަށް ފަހު، މިދިޔަ ޑިސެމްބަރު 9 ވަނަ ދުވަހު މަންސޫރު ވަނީ ސިފައިން ގޭގެ ހިދުމަތުން ޝަރަފުވެރިކަމާ އެކު ރިޓަޔާ ކުރައްވައިފަ އެވެ. ސިފައިންގެ ވަޒީފާ އިން ރިޓަޔާ ކުރެއްވިޔަސް، ޒަކަރިއްޔާ މަންސޫރު ގެންދަވަނީ އެންސީޓީސީގެ ޑިރެކްޓާ ޖެނެރަލްގެ މަގާމު ފުރުއްވަމުންނެވެ.

އެނގުން މުހިންމު - އެންސީޓީސީ އަކީ ޑިފެންސް މިނިސްޓްރީގެ ދަށުން ހިންގަމުން އަންނަ ތަނެކެވެ. ކައުންޓާ ޓެރަރިޒަމް ސެންޓަރުގެ ޑިރެކްޓާ ޖެނެރަލްގެ މަގާމަކީ ރައީސް އައްޔަން ކުރައްވާ ސިޔާސީ މަގާމެކެވެ. އެހެންކަމުން، ސިފައިންގެ ވަޒީފާ އިން ރިޓަޔާ ކުރެއްވިޔަސް، އެ މަގާމު މަންސޫރަކަށް ނުގެއްލޭނެ އެވެ.

ވީ ކިހިނެއް؟ - މަންސޫރު އެމްއެންޑީއެފްގެ ބްރިގޭޑިއާ ޖެނެރަލްގެ މަގާމުގައި ހުންނެވި އިރު، އަދި ރިޓަޔާކުރެއްވުމާ ގުޅިގެން ލިބިވަޑައިގަންނަވާ އިނާޔަތްތަކާއި އެންސީޓީސީގެ މަގާމުގައި ހުންނަވާ ލިބިވަޑައިގަންނަވާ މުސާރަ އާއި އިނާޔަތްތަކުގެ ތަފްސީލް ހޯދުމަށް އެދުނީ، މައުލޫމާތު ހޯދައި ލިބިގަތުމުގެ ގާނޫނުގެ ދަށުން އެފަދަ ގިނަ މައުލޫމާތުތަކެއް ހޯދާ އައިމަން ލަތީފް އެވެ.

ތަފްސީލް - ރިޓަޔާކުރެއްވުމުގެ ކުރިން، ބްރިގޭޑިއާ ޖެނެރަލްގެ ރޭންކުގައި އެމްއެންޑީއެފްގައި މަންސޫރު ހުންނެވި އިރު މުސާރަ އާއި އިނާޔަތްތަކުގެ ގޮތުގައި މަހަކު 57،032ރ. ލިބިވަޑައިގަތެވެ. އެއީ:

  • އަސާސީ މުސާރަ - 27،240ރ.

  • ސާވިސް އެލަވަންސް - 4،500ރ.

  • ސާވިސް އެލަވަންސް އިންކްރިމެންޓް - 2،500ރ.

  • ނޮން ޕްރެކްޓިސް އެލަވަންސް - 10،896ރ.

  • ފަންނީ އެލަވަންސް - 4،086ރ.

  • ދިގު މުއްދަތަކަށް ހިދުމަތް ކުރައްވާފައިވާތީ ދޭ އެލަވަންސް - 6،810ރ.

  • ފޯނު އެލަވަންސް: 1،000ރ.

މަންސޫރު ސިފައިންގެއިން ރިޓަޔާކުރެއްވުމާ ގުޅިގެން އެއް ފަހަރާ ގަނޑުކޮށް، މިލިއަނަކަށް ވުރެ ގިނަ ރުފިޔާ ވަނީ ދީފަ އެވެ. އަދި ރިޓަޔާކުރެއްވުމާ ގުޅިގެން ކޮންމެ މަހަކު ވެސް މަންސޫރަށް 20،430ރ. ލިބިވަޑައިގަންނަވަ އެވެ.

އެ ރިޓަޔަމަންޓް އެލަވަންސްގެ އިތުރުން، މިހާރު އަދާކުރައްވާ އެންސީޓީސީގެ ޑިރެކްޓާ ޖެނެރަލްގެ މަގާމުގެ މުސާރަ އާއި އިނާޔަތްތަކުގެ ގޮތުގައި މަހަކު ޖުމްލަ 31،300ރ. އޭނާއަށް ލިބިވަޑައިގަންނަވަ އެވެ. އެއީ:

  • އަސާސީ މުސާރަ - 18،000ރ.

  • ލިވިން އެލަވަންސް - 12،500ރ.

  • ފޯނު އެލަވަންސް - 800ރ.

އެހެންކަމުން، ސިފައިންގެއިން ރިޓަޔާކުރެއްވުމަށް ފަހު ވެސް މަންސޫރަށް ޖުމްލަ 51،730ރ. ލިބިވަޑައިގަންނަވަ އެވެ.

ގުޅުން ހުރި ކަމެއް - މަންސޫރު ސިފައިންގެ ހިދުމަތާ ގުޅިވަޑައިގަތީ 13 މާޗު 1984ގަ އެވެ. ސިފައިންގެ ހިދުމަތުގެ ބޮޑު ބައިގައި ކޯސްޓްގާޑުގައި ހިދުމަތް ކުރެއްވި މަންސޫރު ސިފައިންގެ އެހެން ދާއިރާތަކުގެ އިސް މަގާމުތައް ވެސް އަދާ ކުރެއްވި އެވެ.

މަންސޫރު ކުރިން އަދާ ކުރެއްވި މަގާމުތައް:

  • ކޯސްޓުގާޑުގެ ޑިރެކްޓާ ޖެނެރަލްގެ މަގާމާއި ޑެޕިއުޓީ ޑެރެކްޓާ ޖެނެރަލްކަން އަދި ކޮމަޑާންޓްގެ މަގާމު 

  • އެމްއެންޑީއެފް ސެންޓްރަލް އޭރިއާގެ ކޮމާންޑަރުގެ މަގާމު 

  • ސިފައިންގެ އެކުވެރި ކުންފުންޏާއި ސިފައިންގެ ކޯޕަރޭޓިވްގެ މެނޭޖުމެންޓު ކޮމެޓީގެ ޗެއާމަންކަން 

  • ޓްރެއިނިން އެންޑް އިވެލުއޭޝަން ކޮމެޓީގެ މެންބަރުކަން 

  • ކައްދޫ އެއާޕޯޓު ކޮމްޕެނީގެ މެނޭޖިން ޑިރެކްޓަރުކަން 

  • އެމްއެންޑީއެފްގެ ތަރުޖަމާނުކަން

  • ނޭޝަނަލް ކައުންޓާ ޓެރަރިޒަމް ސެންޓަރުގެ ޑިރެކްޓާ ޖެނެރަލްގެ މަގާމު

އިތުރު އާޓިކަލް

އިތުރު އާޓިކަލް