119 ކިލޯގެ ޑްރަގް މައްސަލައިގައި ބަންދުކޮށްފައި ތިބި ތިން މީހުން (ކ-ވ): އަހުމަދު ސުނައިދު، އަލީ ޒުބައިރު އަދި އަހުމަދު މުޖާހިދު.

ޕީޖީ އޮފީސް

119 ކިލޯގެ ޑްރަގް: ހައްޔަރުކުރި އެކަކު ދޫކޮށްލި މައްސަލަ ހައި ކޯޓަށް

ގާޒީ މުހައްމަދު މިސްބާހު ނެރުއްވި ކޯޓު އަމުރުގައި ދޫކޮށްލި ސަބަބެއްގެ ގޮތުގައި ވިދާޅުވެފައި ވަނީ، މި މައްސަލަ އެހެން ފަނޑިޔާރަކާ ހަވާލުނުކުރެވި ގިނަ ދުވަސް ވާތީ ކަމަށް

މިދިޔަ ޑިސެމްބަރު މަހު އަތުލައިގަތް 119 ކިލޯގެ ޑްރަގް މައްސަލައިގައި ހައްޔަރުކުރި ތިން މީހުންގެ ތެރެއިން އެކަކު ކްރިމިނަލް ކޯޓުން ދޫކޮށްލުމުން، ދައުލަތުން އެކަން ހައި ކޯޓުގައި އިސްތިއުނާފްކޮށްފި އެވެ.

ވީ ކިހިނެއް؟ - މީގެ އަހަރެއްހާ ދުވަސް ކުރިން މާލެ އާއި ހުޅުމާލޭގެ ބައެއް ތަންތަން ބަލައި ފާސްކޮށް އަތުލައިގަތް 119 ކިލޯގެ މައްސަލައިގައި ހައްޔަރުކޮށް، ދައުވާ އުފުލީ ތިން މީހެއްގެ މައްޗަށެވެ. އޭގެ ތެރޭގައި ހިމެނޭ އަހްމަދު މުޖާހިދު، ގދ. ހޯނޑެއްދޫ/އަލޯރާ މިިދިޔަ ބުދަ ދުވަހު ކޯޓުން ވަނީ ޝަރުތުތަކަކާ އެކު ދޫކޮށްލާފަ އެވެ.

ތަފްސީލު - ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ)ގެ އޮފީހުގެ ތަރުޖަމާނު އަދި ޕަބްލިކް ޕްރޮސެކިއުޓާ އަހްމަދު ޝަފީއު މިއަދު މީޑިއާތަކަށް ފޮނުއްވި މެސެޖެއްގައި ވިދާޅުވީ، އެ މައްސަލަ ހައި ކޯޓުގައި މިހާރު އިސްތިއުނާފްކޮށްފައިވާ ކަމަށެވެ.

މުޖާހިދާއި އޭނާ އެކު ހައްޔަރުކުރި ދެ މީހުން ބަންދުކޮށްފައި ތިބީ ޝަރީއަތް ނިމެންދެންނެވެ. މުޖާހިދު ބަންދުން ކްރިމިނަލް ކޯޓުގެ ގާޒީ މިސްބާހު މުހައްމަދު ނެރުއްވި އަމުރުގައި، ބަންދުން ދޫކޮށްލި ސަބަބެއްގެ ގޮތުގައި ވަނީ:

  • އެ މައްސަލަ އެހެން ފަނޑިޔާރަކާ ހަވާލުނުކުރެވި ގިނަ ދުވަސްތަކެއް ވުން

މި މައްސަލައިގައި ދެން ހައްޔަރުުގައި ތިބި ދެ މީހުންނަކީ:

  • އަލީ ޒުބައިރު (52އ) - ގދ. ހޯޑެއްދޫ/ގުލޭނޫރަންމާގެ

  • އަހްމަދު ސުނައިނު (25އ) - ގދ. ހޯޑެއްދޫ/އިރުމަތީގެ

ގުޅުން ހުރި ކަމެއް - މި މައްސަލަ ކުރިން ބައްލަވަމުން ގެންދެވީ، މިދިޔަ އޮގަސްޓް މަހު ހައި ކޯޓުގެ ފަނޑިޔާރު ކަމަށް އައްޔަން ކުރި ދިބަނާޒް ފަހުމީ އެވެ. އޭގެ ފަހުން މި މައްސަލަ ކުރިއަށް ގެންގޮސްފައެއް ނުވެ އެވެ.

12 ޑިސެމްބަރު 2021 ވަނަ ދުވަހުގެ ރޭ ފުލުހުން ހިންގި އޮޕަރޭޝަނެއްގައި ޓެކްސީއެއް ބަލައި ފާސްކޮށް ގިނަ އަދަދެއްގެ މަސްތުވާތަކެތި ހޯދާފައި.

ފަސް މަންޒަރު - މިދިޔަ އަހަރުގެ ޑިސެމްބަރު މަހު ފުލުހުން ހިންގި އޮޕަރޭޝަނެއްގައި ޓެކްސީއެއްގެ އިތުރުން، އަމިއްލަ ކާރަކުންނާއި ސައިކަލަކުން ޖުމްލަ 91 ޕެކެޓުގެ ޑްރަގް ހޯދި އެވެ. އެއީ ޖުމްލަ 119 ކިލޯގެ ޑްރަގެވެ.

މި މައްސަލައިގައި ފަސް މީހަކަށް ތުހުމަތުކުރި ނަމަވެސް، ހައްޔަރުކުރީ އެ ތިން މީހުންނެވެ.

ފުލުހުން މީގެ ކުރިން ބުނެފައި ވަނީ:

  • މި ތަކެއްޗަކީ، 12 ޑިސެމްބަރު 2021 ވަނަ ދުވަހުގެ ފަތިހުގެ ވަގުތެއްގައި 'ބަންގާ' ނަމަކަށް ކިޔާ ލޯންޗަކުން މާލެއަށް ގެނައި މަސްތުވާތަކެތި  

  • އެއީ މީގެ ކުރިން ޑްރަގް ޓްރެފިކިންގެ ތުހުމަތުގައި ދައުވާކުރި އަރުޝަދު ހާލިދު، ގދ. ހޯނޑެއްދޫ/އަލޯރާ، އިސްވެ ހިންގާ ޑްރަގް ނެޓްވޯކުން އެތެރެކުރި ތަކެތި ކަމަށް ތުހުމަތުކުރެވޭ

  • މި މައްސަލައިގައި ފުލުހުންނަށް ހައްޔަރުނުކުރެވުނު ދެ މީހުންނަކީ އަރުޝަދު ހާލިދުގެ އިތުރުން، މުހައްމަދު އަކްރަމް އަބްދުލްހަންނާން، ގދ. ހޯނޑެއްދޫ/ދޯދި؛ އެ ދެ މީހުން ވަނީ ޑްރަގް އެތެރެކުރި ދުވަހު ރާއްޖެއިން ބޭރަށް ފުރައިގެން ގޮސްފައި

މާލޭގެ ހަ އެޕާޓްމެންޓެއް ބަލައި ފާސްކޮށް، 9 ކިލޯގެ ޑްރަގް އަތުލައިގަތް މައްސަލައިގައި އަރުޝަދުގެ އިތުރުން، ޒުބެއިރާއި ސުނެއިނުގެ މައްޗަށް މީގެ ކުރިން ވެސް ޑްރަގް ޓްރެފިކިންގެ ދައުވާކުރި ނަމަވެސް، އެ ދައުވާ ސާބިތު ނުވެ އެ މީހުން އޭރު ދޫކޮށްލަން ޖެހުނެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް