119 ކިލޯގެ ޑްރަގް މައްސަލައިގައި ބަންދުކޮށްފައި ތިބި ތިން މީހުން (ކ-ވ): އަހުމަދު ސުނައިދު، އަލީ ޒުބައިރު އަދި އަހުމަދު މުޖާހިދު.

119 ކިލޯގެ ޑްރަގް މައްސަލައިގައި ދައުވާކޮށްފި؛ ތިން މީހުން ވެސް ޝަރީއަތް ނިމެންދެން ބަންދަށް

މި މައްސަލައިގައި ފަސް މީހަކަށް ތުހުމަތު ކުރެވުނު ނަމަވެސް، އިސް ދެ މީހަކު ވަނީ ފިލައިގެން ރާއްޖެއިން ބޭރަށް ގޮސްފައި

ރާއްޖެއަށް 119 ކިލޯގެ ޑްރަގް އެތެރެކުރި މައްސަލައިގައި ހައްޔަރުކޮށްފައި ތިބި މީހުންގެ މައްޗަށް ޕީޖީ އޮފީހުން ދައުވާކޮށްފި އެވެ. އެ މައްސަލައިގެ ޝަރީއަތް ނިމެންދެން އެ ތިން މީހުން ވެސް ބަންދު ކުރަން މިއަދު ކްރިމިނަލް ކޯޓުން ވަނީ ނިންމައިފަ އެވެ.

މައްސަލައިގެ ފެށުން - މިދިޔަ ޑިސެމްބަރު 12 ވަނަ ދުވަހުގެ ފަތިހުގެ ވަގުތެއްގައި 'ބަންގާ' ނަމަކަށް ކިޔާ ލޯންޗަކުން މާލެއަށް ގެނައި މަސްތުވާތަކެތި އަތުލައިގަތުމަށް ފުލުހުން ހިންގި އޮޕަރޭޝަނެއްގައި ޓެކްސީއެއްގެ އިތުރުން، އަމިއްލަ ކާރަކުންނާއި ސައިކަލަކުން ޖުމްލަ 91 ޕެކެޓުގެ ޑްރަގް ހޯދައި 119 ކިލޯގެ ޑްރަގް އަތުލައިގަތެވެ.

ފުލުހުން ބުނާ ގޮތުގައި އެ ޑްރަގަކީ ކުރިން ވެސް ޑްރަގް ޓްރެފިކިންގެ ތުހުމަތުގައި ދައުވާ ކުރި ގދ. ހޯޑެއްދޫ/އަލޯރާ އަރުޝަދު ހާލިދު އިސްވެ ހުރެ އެތެރެ ކުރި ތަކެއްޗެވެ.

އެ މައްސަލައި ފުލުހުން ފަސް މީހަކަށް ތުހުމަތު ކުރި ނަމަވެސް، ހައްޔަރު ކުރެވުނީ ތިން މީހުންނެވެ. އެ ތިން މީހުންގެ މައްޗަށް މިހާރު ވަނީ ޑައިމޯފިން ޓްރެފިކް ކުރުމުގެ ދައުވާ އުފުލައިފަ އެވެ.

ދައުވާ ކުރި މީހުން:

  • އަހްމަދު މުޖާހިދު (29އ) - ގދ. ހޯޑެއްދޫ/އަލޯރާ

  • އަލީ ޒުބައިރު (52އ) - ގދ. ހޯޑެއްދޫ/ގުލޭނޫރަންމާގެ

  • އަހްމަދު ސުނައިނު (25އ) - ގދ. ހޯޑެއްދޫ/އިރުމަތީގެ

12 ޑިސެމްބަރު 2021 ވަނަ ދުވަހުގެ ރޭ ފުލުހުން ހިންގި އޮޕަރޭޝަނެއްގައި ޓެކްސީއެއް ބަލައި ފާސްކޮށް ގިނަ އަދަދެއްގެ މަސްތުވާތަކެތި އަތުލައިގަތްގައި: އެ އޮޕަރޭޝަނުގައި 119 ކިލޯ އަތުލައިގަތް

ވީ ކިހިނެއް؟ - އެ ތިން މީހުން ވެސް ހައްޔަރުކުރުމަށް ފަހު ތިބީ ތަހުގީގުގެ މުއްދަތަށް ބަންދުކޮށްފަ އެވެ. ދައުވާ ކުރުމުން މިއަދު ވަނީ އެ މީހުން ޝަރީއަތް ނިމެންދެން ބަންދު ކުރުމާ މެދު ގޮތެއް ނިންމަން އަޑުއެހުމެއް ބާއްވައިފަ އެވެ. އެ ދެ ފަރާތުން ދެއްކި ވާހަކަތަކަށް އަޑުއެހުމެއް ފަހު ގާޒީ ދީބަނާޒު ފަހުމީ ނިންމެވީ އެ ތިން މީހުން ވެސް ޝަރީއަތް ނިމެންދެން ބަންދު ކުރުމަށެވެ.

އެނގުން މުހިންމު - މި މައްސަލައިގައި ފުލުހުންނަށް ހައްޔަރު ނުކުރެވުނު ދެ މީހުންނަކީ އަރުޝަދު ހާލިދުގެ އިތުރުން، ގދ. ހޯނޑެއްދޫ/ދޯދި، މުހައްމަދު އަކްރަމް އަބްދުލްހަންނާނެވެ. އެ ދެ މީހުން ވަނީ ޑްރަގް އެތެރެކުރި ދުވަހު ރާއްޖެއިން ބޭރަށް ފުރައިގެން ގޮސްފަ އެވެ.

119 ކިލޯގެ ޑްރަގް މައްސަލައާ ގުޅިގެން ފުލުހުން ތުހުމަތު ކުރާ ފަސް މީހުން (ފޮޓޯ/ފުލުހުން)

މާލޭގެ ހަ އެޕާޓްމެންޓެއް ބަލައި ނުވަ ކިލޯގެ ޑްރަގް އަތުލައިގަތް މައްސަލައިގައި އަރުޝަދުގެ އިތުރުން، ޒުބެއިރާއި ސުނެއިނުގެ މައްޗަށް މީގެ ކުރިން ވެސް ޑްރަގް ޓްރެފިކިންގެ ދައުވާ ކުރި ނަމަވެސް ދައުވާ ސާބިތު ނުވެ އެވެ.

މި 119 ކިލޯގެ ޑްރަގްގެ މައްސަލައިގައި އެ މީހުން ހައްޔަރުކުރީ ކުރީގެ ދައުވާ ސާބިތުނުވާ ކަމަށް ކްރިމިނަލް ކޯޓުން ހުކުމް ކުރުމުން ދޫކޮށްލާފައި ތިއްބަ އެވެ. މިހާރު ކްރިމިނަލް ކޯޓުގައި ސާބިތު ނުވި މައްސަލަ ވަނީ ހައި ކޯޓުގައި އިސްތިއުނާފުކޮށްފަ އެވެ.


އިތުރު އާޓިކަލް

އިތުރު އާޓިކަލް