2024 ވައިއާރު4 އެސްޓްރޮއިޑް ދުނިޔެއާ ދިމާއަށް އަންނަ މަންޒަރުގެ ޚިޔާލީ ކުރެހުމެއް. މި އެސްޓްރޮއިޑް 2032 ވަނަ އަހަރު ދުނިޔޭގައި ޖެހުމުގެ ފުރުސަތު 3.1% ގައި އޮތްކަމަށް ނާސާއިން ބުނޭ .
ނާސާއިން ބުނަނީ 2032 ވަނަ އަހަރުގެ ޑިސެމްބަރުގައި އެސްޓްރޮއިޑެއް ދުނިޔޭގައި ޖެހުމުގެ ފުރުސަތު 3.1% އަށް އިތުރުވެފައިވާ ކަމަށް
މުހިންމު ނުކުތާތައް
އެސްޓްރޮއިޑުން ސަލާމަތްވުމަށް ނާސާއިން ކުރެވިދާނެ ކަންކަމަކީ ކޮބާ؟
2024 ވައިއާރު4 ދުނިޔޭގައި ޖެހިއްޖެނަމަ ވާނީ ކިހިނެއް؟
އެސްޓްރޮއިޑް 2024 ވައިއާރު4 އިން އާބާދީ ބޮޑެތި ސަރަހައްދުތަކަށް ނުރައްކާވެދާނެކަމަށް ނާސާއިން ބުނެފި
އެތައް މިލިއަން އަހަރެއް ކުރިން ޑައިނަސޯތައް ނެތިދިޔަ ފަދަ ބޮޑު ކާރިސާއެއް އަނެއްކާވެސް ދުނިޔެއަށް ކުރިމަތިވެދާނެތޯއެވެ؟ ފަހަރެއްގައި އެ ވަރުގެ ބޮޑު ނުރައްކަލަކަށް ނުވެ ހިގައިދާނެ އެވެ. އެހެންނަމަވެސް، މީގެ ދެމަހެއްހާ ދުވަސްކުރިން ފެނުނު، އެސްޓްރޮއިޑް ދުނިޔޭގައި ޖެހި ނުރައްކާތެރި ކާރިސާއެއް ހިނގުމުގެ ވަރަށް ހަނި ފުރުސަތެއް އޮތްކަމަށްވެސް ބައެއް ތަޖުރިބާކާރުން ދެކެ އެވެ.
އެންމެ ފަހުގެ ޓެކްނޮލޮޖީ ބޭނުންކޮށްގެން ޖައްވީ ދިރާސާތައް ކުރަމުންދާ ނާސާގެ ސައިންޓިސްޓުން މިހާރު ވަނީ ނުރައްކާތެރި މި އެސްޓްރޮއިޑް ފާހަގަކޮށްފަ އެވެ. '2024 ވައިއާރު4' ގެ ނަމުގައި މި އެސްޓްރޮއިޑް ފާހަގަކުރެވުނީ ޑިސެމްބަރު ފަހުކޮޅު އެވެ. އޭގެ ފަހުން ކޮންމެ ދުވަހަކު ލިބޭ މައުލޫމާތުތަކުން ދައްކަމުންދަނީ 2024 ވައިއާރު4ގެ ނުރައްކާ އިތުރުވަމުންދާ މަންޒަރެވެ. އެންމެ ފަހުން ނާސާއިން ބުނިގޮތުގައި މި އެސްޓްރޮއިޑް ދުނިޔެއާ ޖެހުމުގެ ފުރުސަތު މިހާރު ވަނީ ކުރިއާ އަޅާބަލާއިރު އިތުރުވެފަ އެވެ.
-
އެމެރިކާގެ ޖައްވީ އިދާރާ ނާސާއިން އަންގާރަ ދުވަހު ހާމަކުރި މައުލޫމާތުތަކަށް ބަލާއިރު، 2024 ވައިއާރު4 އެސްޓްރޮއިޑް 22 ޑިސެމްބަރު 2032 ވަނަ ދުވަހު ދުނިޔޭގައި ޖެހުމުގެ ފުރުސަތު 3.1% އަށް އިތުރުވެފައިވެ އެވެ.
-
މީގެ ކުރިން، ފެބްރުއަރީ 7 ގައި ބުނެފައިވަނީ، މި އެސްޓްރޮއިޑް ދުނިޔޭގައި ޖެހުމުގެ ފުރުސަތު 2.3% ގައި އޮތްއިރު، ފާއިތުވި މަހު އެ ފުރުސަތު އޮތީ 1.2% ގައި ކަމަށެވެ.
-
އޭގެ އަލިކަމަށް ބަލާއިރު މި އެސްޓްރޮއިޑްގެ ފުޅާމިނަކީ 130-300 ފޫޓުކަމަށް ލަފާކުރެވޭއިރު، ނާސާގެ ޖޭމްސް ވެބް ސްޕޭސް ޓެލެސްކޯޕުން މިހާރު ދަނީ އޭގެ ސައިޒް ޔަގީންކުރުމުގެ މަސައްކަތް ކުރަމުންނެވެ. ނާސާއިން ބުނި ގޮތުގައި މި އެސްޓްރޮއިޑް ދުނިޔޭގެ ޖައްވަށް ވަދެ ބިމުގައި ޖެހޭނީ ގަޑިއަކު 38,000 މޭލުގެ ސްޕީޑެއްގަ އެވެ.
މިދިޔަ އަހަރުގެ ޑިސެމްބަރު 27 ގައި ފެނުނު 2024 ވައިއާރު4 އެސްޓްރޮއިޑް 2032 ގެ ޑިސެމްބަރު 22 ގައި ދުނިޔޭގައި ޖެހުމުގެ ފުރުސަތު އިތުރުވަމުން ގޮސްފައި ވާ މިންވަރު:
-
ޑިސެމްބަރު 2024: ފުރަތަމަ ހިސާބުތަކުން ދެއްކީ 1.2% ގެ ފުރުސަތެއް އޮތް ކަމަށް.
-
ޖަނަވަރީ 2025: ފުރުސަތު 1.6% އަށް އިތުރުވި.
-
ފެބްރުއަރީ 7، 2025: ފުރުސަތު 2.3% އަށް އިތުރުވި.
-
ފެބްރުއަރީ 18، 2025: މިހާތަނަށް މި ސައިޒުގެ އެސްޓަރޯއިޑަކަށް ރެކޯޑުކުރެވުނު އެންމެ މަތީ މިންވަރަށް ފުރުސަތު އިތުރުވެ، 3.1% އަށް އަރާފައިވޭ.
-
އެރިޒޯނާގެ ވިންސްލޯގައި ހުރި މީޓިއާ ކްރޭޓަރަކީ 165 ފޫޓުގެ ފުޅާ އެސްޓްރޮއިޑެއް ޖެހުމުން އުފެދުނު އެއް މޭލު ފުޅާ ވަޅުގަނޑެއްކަމަށް ނާސާއިން ބުނެފައިވެ އެވެ.
އެސްޓްރޮއިޑާބެހޭ ދާއިރާގައި މަސައްކަތްކުރާ ސައިންޓިސްޓުން ބުނާ ގޮތުގައި މި އެސްޓްރޮއިޑް އެކުލެވިގެންވާ މާއްދާތަކަކީވެސް މުހިންމު އެއްޗެކެވެ. އަޔަން އެސްޓްރޮއިޑެއްނަމަ، ދުނިޔޭގެ ޖައްވަށް ވަދެ ބިމުގައި ޖެހުމުގެ ފުރުސަތު ބޮޑެވެ. ނަމަވެސް ހިލައިން އުފެދިފައިވާ އެސްޓްރޮއިޑެއްނަމަ، ބިމުގައި ޖެހުމުގެ ކުރިން ގޮވާފާނެ އެވެ.
-
"މިވަރުގެ ބޮޑު ހިލަ އެސްޓްރޮއިޑެއް ޖެހުމުން ވާނެ ގޮތް އަޅުގަނޑުމެންނަށް އެނގެނީ ޓަންގަސްކާ ހާދިސާއިން،" ލޯރެންސް ލިވާމޯ ނެޝަނަލް ލެބޯޓްރީގެ ޕްލެނެޓަރީ ޑިފެންސް ޕްރޮގްރާމްގެ އިސްވެރިޔާ ކެތްރިން ކުމަމޯޓޯ ނިއު ޔޯކް ޓައިމްސްއަށް ވިދާޅުވި އެވެ.
1908 ވަނަ އަހަރު ސައިބީރިއާގައި ހިނގި ޓަންގަސްކާ ގޮވުމުގެ ސަބަބުން 830 މޭލު ފުޅާ ސަރަހައްދަކަށް އަސަރުކޮށް، 80 މިލިއަން ގަސް ވެއްޓުނު ކަމަށް ނާސާއިން ބުނެ އެވެ. 2024 ވައިއާރު4 ގޮވާފިނަމަ، އޭގެ އަސަރު އެއަށްވުރެ ބޮޑުވެސް ވެދާނެ އަދި ކުޑަވެސް ވެދާނެކަމަށް ސައިންޓިސްޓުން ބުނެ އެވެ.
Recently-discovered #asteroid 2024 YR4 may make a very close approach to Earth in 8 years. It is thought to be 40-100 meters wide. Uncertainty is still high and more and more observations are needed confirm this. pic.twitter.com/u8PvZg3jaw
— Tony Dunn (@tony873004) January 28, 2025
އެސްޓްރޮއިޑް 2024 ވައިއާރު4 އިން އާބާދީ ބޮޑެތި ސަރަހައްދުތަކަށް ނުރައްކާވެދާނެކަމަށް ނާސާއިން ބުނެފި
ނާސާއިން އާ މައުލޫމާތުތަކެއް ހާމަކުރަމުން ބުނެފައިވަނީ 2024 ވައިއާރު4 އެސްޓްރޮއިޑް ދުނިޔޭގައި ޖެހިއްޖެނަމަ، އާބާދީ ބޮޑެތި ސަރަހައްދުތަކަށް ނުރައްކާވެދާނެ ކަމަށެވެ.
-
މި އެސްޓްރޮއިޑް ޖެހިދާނެކަމަށް ނާސާއިން ފާހަގަކޮށްފައިވާ 'ރިސްކް ކޮރިޑޯ' ދަތުރުކުރާނީ އިރުމަތީ ޕެސިފިކް ކަނޑާއި، ދެކުނު އެމެރިކާގެ އުތުރު ސަރަހައްދާއި، އެޓްލާންޓިކް ކަނޑާއި، އެފްރިކާއާއި، އަރަބި ކަނޑާއި އަދި ދެކުނު އޭޝިއާ ހުރަސްކޮށެވެ.
-
މި އެސްޓްރޮއިޑް ދަތުރުކުރާ މަގުގައި ހިމެނޭ ސިޓީތަކުގެ ތެރޭގައި 11.6 މިލިއަން މީހުން ދިރިއުޅޭ ކޮލަމްބިއާގެ ބޮގޮޓާއާއި، 18.4 މިލިއަން މީހުން ދިރިއުޅޭ އިންޑިއާގެ މުންބާއީ މެޓްރޯޕޮލިޓަން އޭރިއާ އަދި 23.9 މިލިއަނަށް ވުރެ ގިނަ މީހުން ދިރިއުޅޭ ބަންގްލަދޭޝްގެ ޑާކާ ހިމެނެ އެވެ.
BREAKING:
— Visegrád 24 (@visegrad24) February 18, 2025
NASA raises risk of the asteroid 2024 YR4 hitting Earth in 2032 to 3.1%. It stood at 2.3% just 2 weeks ago
This is the highest risk assessment an asteroid has ever received. These cities are under threat:
🇨🇴 Bogota
🇨🇮 Abidjan
🇳🇬 Lagos
🇸🇩 Khartoum
🇮🇳 Mumbai
🇧🇩 Dhaka pic.twitter.com/S4Mmbtm6HM
2024 ވައިއާރު4 ދުނިޔޭގައި ޖެހިއްޖެނަމަ ވާނީ ކިހިނެއް؟
އެސްޓްރޮއިޑް 2024 ވައިއާރު4 އަކީ ކުޑަ އެސްޓްރޮއިޑެއް ނަމަވެސް، ދުނިޔޭގެ ބިމުގައި ޖެހިއްޖެނަމަ، ޚާއްސަކޮށް މީހުން ގިނައިން ދިރިއުޅޭ ސިޓީއަކާ ސީދާ ދިމާވެއްޖެނަމަ، ވަރަށް ބޮޑެތި ގެއްލުންތަކެއް ލިބިދާނެ އެވެ.
-
ޕްލެނެޓަރީ ސޮސައިޓީން ބުނާ ގޮތުގައި މި ބޮޑުމިނުގެ އެސްޓްރޮއިޑެއް ދުނިޔޭގައި ޖެހިއްޖެނަމަ، ޖައްވުގައި ގޮވުމުގެ ފުރުސަތު އޮތްއިރު، ބިމުގައިވެސް ޖެހި ގޮވައި ވަޅުގަނޑެއް އުފެދިދާނެ އެވެ. މި ދެ ހާލަތުގައިވެސް ބިމަށް ވަރަށް ބޮޑެތި ގެއްލުންތަކެއް ލިބޭނެ އެވެ. ނަމަވެސް ގިނަ އަދަދެއްގެ ދިރުންތަކެއް ނެތިދިއުމުގެ ހާދިސާއަކަށް ނުވާނެ އެވެ.
އިންޓަނޭޝަނަލް އެސްޓްރޮއިޑް ވޯނިން ނެޓްވާކުން އާންމުކޮށްފައިވާ ލިސްޓެއްގައި މި އެސްޓްރޮއިޑް ޖެހިދާނެ ތަންތަނުގެ ތެރޭގައި ގިނައީ މީހުން ނޫޅޭ ކަނޑުގެ ސަރަހައްދުތަކާއި، އިރުމަތީ ޕެސިފިކް ކަނޑާއި، ދެކުނު އެމެރިކާގެ އުތުރު ސަރަހައްދާއި، އެޓްލާންޓިކް ކަނޑާއި، އެފްރިކާގެ ބައެއް ސަރަހައްދުތަކާއި، އަރަބި ކަނޑާއި އަދި ދެކުނު އޭޝިއާގެ މަދުން މީހުން އުޅޭ ސަރަހައްދުތަކެވެ. ނަމަވެސް މީހުން ވަރަށް ގިނައިން ދިރިއުޅޭ ސަރަހައްދުތަކެއްވެސް ހިމެނެ އެވެ.
އެޕޯފިސް އެސްޓްރޮއިޑް 20 އަހަރު ކުރިން ފުރަތަމަ ފެނުނު އިރު، 2029 ވަނަ އަހަރު އެ އެސްޓްރޮއިޑް ދުނިޔެއާ ކައިރިން ދަތުރުކުރާއިރު ޖެހުމުގެ ފުރުސަތު 2.7% ގައި އޮތެވެ. އެއީ އޭރު ރެކޯޑެކެވެ.
2024 ވައިއާރު4 ޖެހުމުގެ ފުރުސަތު އެޕޯފިސްއަށް ވުރެ މަތިވެފައިވީ ނަމަވެސް، އެޕޯފިސްއަކީ މާ ބޮޑު އެސްޓްރޮއިޑެއް ކަމަށްވާތީ، ޓޮރީނޯ ސްކޭލްގައި ކުރު މުއްދަތަކަށް ނަމަވެސް 4 ގެ ރޭޓިންއެއް ލިބިފައިވެ އެވެ.
އެސްޓްރޮއިޑްތަކުން ކުރިމަތިވެދާނެ ނުރައްކަލާއި އޭގެ ސަބަބުން ލިބިދާނެ ގެއްލުން މިންކުރުމަށް ޓޮރީނޯ ސްކޭލްގައި 0 އިން 10 އަށް ދަރަޖަކޮށްފައިވެ އެވެ:
-
0 (ހުދު): ނުރައްކަލެއް ނެތް؛ ޖެހުމުގެ ފުރުސަތު ނެތް ނުވަތަ ވަރަށް ކުޑަ.
-
1 (ފެހި): އާންމު ހާލަތް؛ ދުނިޔެއާ ކައިރިން ދަތުރުކުރާއިރު އާދަޔާ ޚިލާފު ނުރައްކަލެއް ނެތް.
-
2-4 (ރީނދޫ): އެސްޓްރޯނޮމަރުން ސަމާލުވާންޖެހޭ؛ ދުނިޔެއާ ކައިރިން ދަތުރުކުރާއިރު ޖެހުމުގެ ފުރުސަތު މަތި ނަމަވެސް، އިތުރަށް ދިރާސާކުރުމުން ފެންވަރު 0 އަށް ތިރިވުން އެކަށީގެންވޭ.
-
5-7 (އޮރެންޖެ): ނުރައްކާތެރި؛ ސަރަހައްދީ ނުވަތަ ދުނިޔެއަށް ގެއްލުން ލިބިދާނެ ކަމުގެ ސީރިއަސް ނަމަވެސް ޔަގީންނޫން ބިރު އޮތް.
-
8-10 (ރަތް): ޔަގީނުން ޖެހޭނެ؛ ވަކި ސަރަހައްދަކަށް ނުވަތަ މުޅި ދުނިޔެއަށް ބޮޑެތި ގެއްލުންތަކެއް ލިބިދާނެ.
މިސާލެއްގެ ގޮތުން، 2004 ގެ ފަހުކޮޅު އެސްޓްރޮއިޑް 99942 އެޕޯފިސް ވަގުތީގޮތުން ޓޮރީނޯ ސްކޭލްގެ 4 ގައި ބެހެއްޓުނީ 2029 ވަނަ އަހަރު ދުނިޔެއާ ކައިރިވާނެ ކަމަށް ލަފާކުރެވުނީތީ އެވެ. ނަމަވެސް އިތުރު ދިރާސާތަކުން އޭގެ މަގު އިތުރަށް ޔަގީންކުރެވުމާއެކު، ފަހުން އެ ފެންވަރު ވަނީ 0 އަށް ތިރިކޮށްފަ އެވެ.
-
ދުނިޔެއާ ދިމާއަށް އަންނަ އެސްޓްރޮއިޑާ ގުޅޭގޮތުން މަޝްހޫރު އެސްޓްރޯފިޒިސިސްޓް ނީލް ޑެގްރާސް ޓައިސަން ވެސް ކަންބޮޑުވުން ފާޅުކޮށްފައި ވެއެވެ.
އިމާރާތެއްގެ ބޮޑުމިނުގެ 2024 ވައިއާރު4 އެސްޓްރޮއިޑް އަށް އަހަރު ތެރޭގައި ދުނިޔޭގައި ޖެހުމުގެ ފުރުސަތު 50 ން 1 އަށް މިވަގުތު އެބައޮތް. މިއީ ސައިންސްގެ ދާއިރާއަށް ކުރާ ހޭދަ މަދުކުރަން އެންމެ ރަނގަޅު ވަގުތެއް ނޫން ކަންނޭނގެ. ހަމަ ބުނެލީ.
"އިމާރާތެއްގެ ބޮޑުމިނުގެ 2024 ވައިއާރު4 އެސްޓްރޮއިޑް އަށް އަހަރު ތެރޭގައި ދުނިޔޭގައި ޖެހުމުގެ ފުރުސަތު 50 ން 1 އަށް މިވަގުތު އެބައޮތް. މިއީ ސައިންސްގެ ދާއިރާއަށް ކުރާ ހޭދަ މަދުކުރަން އެންމެ ރަނގަޅު ވަގުތެއް ނޫން ކަންނޭނގެ. ހަމަ ބުނެލީ،" މިމަހުގެ 15ވަނަ ދުވަހު ޓައިސަން އެކްސްގައި ލިޔުއްވި އެވެ.
At the moment, mansion-sized Asteroid 2024-YR4 has a one-in-fifty chance of hitting Earth in the next eight years.
— Neil deGrasse Tyson (@neiltyson) February 15, 2025
Now might be a bad time to reduce spending on Science. Just sayin’. pic.twitter.com/hzmIjEJRBr
އެސްޓްރޮއިޑުން ސަލާމަތްވުމަށް ނާސާއިން ކުރެވިދާނެ ކަންކަމަކީ ކޮބާ؟
އެޕްރީލް މަހާ ހަމައަށް 2024 ވައިއާރު4 އެސްޓްރޮއިޑްގެ މައުލޫމާތު އެއްކުރުމަށް ބިންމަތީގައި ހުރި ޓެލެސްކޯޕްތައް ބޭނުންކޮށްގެން އެސްޓްރޯނޮމަރުންނަށް ވަގުތު ލިބޭނެ އެވެ. ޖޫން 2028 އާ ހަމައަށް އަލުން މި އެސްޓްރޮއިޑް ދުނިޔެއިން ނުފެނުނު ނަމަވެސް، މާރިޗު މަހު ނާސާގެ ޖޭމްސް ވެބް ސްޕޭސް ޓެލެސްކޯޕަށް އެސްޓްރޮއިޑް ދިރާސާކުރެވޭނެ އެވެ.
އެސްޓްރޮއިޑްގެ އޯބިޓާ ބެހޭ އިތުރު މައުލޫމާތު ލިބެމުންދާ ވަރަކަށް، ދުނިޔޭގައި ޖެހުމުގެ ފުރުސަތު އިތުރަށް ޔަގީންކުރެވޭނެ. ... އެހެން ގިނަ އެސްޓްރޮއިޑް ތަކެކޭ އެއްފަދައިން، 2024 ވައިއާރު4 އިން ދުނިޔެއަށް ނުރައްކަލެއް ނެތްކަން ކުރިއަށް އޮތްތާ ޔަގީންވެދާނެ.
-
"އެސްޓްރޮއިޑްގެ އޯބިޓާ ބެހޭ އިތުރު މައުލޫމާތު ލިބެމުންދާ ވަރަކަށް، ދުނިޔޭގައި ޖެހުމުގެ ފުރުސަތު އިތުރަށް ޔަގީންކުރެވޭނެ،" ނާސާއިން އަންގާރަދުވަހު ޝާއިއުކުރި ބްލޮގް ޕޯސްޓެއްގައި ބުނެފައިވެ އެވެ. "އެހެން ގިނަ އެސްޓްރޮއިޑް ތަކެކޭ އެއްފަދައިން، 2024 ވައިއާރު4 އިން ދުނިޔެއަށް ނުރައްކަލެއް ނެތްކަން ކުރިއަށް އޮތްތާ ޔަގީންވެދާނެ އެވެ."
ކުރިއަށް އޮތް އަހަރުތަކުގައި ނާސާ އާއި ޔޫރަޕިއަން ސްޕޭސް އޭޖެންސީން އެސްޓްރޮއިޑް ދިރާސާކުރުމަށް މީހުން ނުތިބޭ އުޅަނދުތަކެއް ފޮނުވުމަށް ވަނީ ރޭވިފަ އެވެ. މި ދިރާސާތަކުން ދުނިޔެއާ ކައިރިން ދަތުރުކުރާ އެސްޓްރޮއިޑްތަކާ ބެހޭ އިތުރު މައުލޫމާތު ލިބިގެންދާނެ އެވެ.
އެސްޓްރޮއިޑްތަކާއި ބޭރު ފަޒާއިން އަންނަ އެހެނިހެން ތަކެތިން އިންސާނުން ހިމާޔަތްކުރުމަށް އެޖެންސީތަކުން އެކުލަވާލާފައިވާ ގިނަ ޕްލޭންތަކުގެ ތެރެއިން މިއީ އެއް ޕްލޭނެވެ.
-
ސެޕްޓެމްބަރު 2022 ގައި ނާސާއިން ވަނީ ޑަބަލް އެސްޓްރޮއިޑް ރިޑައިރެކްޝަން ޓެސްޓް (ޑާޓް) ގެ ދަށުން ދުނިޔެއާ ދިމާއަށް އަންނަ އެސްޓްރޮއިޑެއް އެހެން މަގަކަށް ބަދަލުކުރެވިދާނެކަން ސާބިތުކޮށްދީފަ އެވެ. މިގޮތުން ސްޕޭސްކްރާފްޓެއް އެސްޓްރޮއިޑްގާ ޖެއްސުމުން ގޮސްފައިވަނީ އެހެން މަގަކަށެވެ. އަދި އޮކްޓޫބަރު މަހު ޔޫރަޕިއަން ސްޕޭސް އޭޖެންސީގެ އުޅަނދެއް ވަނީ އެ އެސްޓްރޮއިޑްގެ ވަކިވެގެންގޮސްފައިވާ ހިލަތައް، ކައިރިން ދިރާސާކުރުމަށް ފޮނުވާފަ އެވެ.
2024 ވައިއާރު4 އެސްޓްރޮއިޑް އެހެން މަގަކަށް ބަދަލުކުރެވިދާނެތަ؟
ނާސާގެ ޑަބަލް އެސްޓްރޮއިޑް ރިޑައިރެކްޝަން ޓެސްޓް (ޑާޓް) މިޝަން ފަދަ ކައިނެޓިކް އިމްޕެކްޓާ ސްޕޭސްކްރާފްޓަކީ ކުރިމަގުގައި ނުރައްކާތެރި އެސްޓްރޮއިޑެއް އެހެން މަގަކަށް ބަދަލުކުރުމަށް ބޭނުންކުރެވިދާނެ ޓެކްނިކެކެވެ. ނަމަވެސް ކޮންމެ އެސްޓްރޮއިޑަކީވެސް ތަފާތު އެއްޗެކެވެ. އަދި އެސްޓްރޮއިޑެއް އެހެން މަގަކަށް ބަދަލުކުރެވޭނީ އޭގެ ސައިޒާއި، އެހެނިހެން ސިފަތަކާއި، އޯބިޓާއި، އަދި ކިހާ ދުވަސްކުރިން ފެނިގެންތޯ ބަލައިގެންނެވެ.
-
2024 ވައިއާރު4 އާ ގުޅޭގޮތުން މިހާރު މަސައްކަތްކުރަމުން ދަނީ މައުލޫމާތު އެއްކުރުމުގެ މަރުހަލާގަ އެވެ. ދުނިޔެއާ ޖެހުމުގެ ފުރުސަތު އަދިވެސް ވަރަށް ކުޑަ އެވެ. އަދި އިތުރު ދިރާސާތައް ކުރެވެމުންދާއިރު މި ފުރުސަތު އިތުރަށް ކުޑަވާނެކަމަށް ބެލެވެ އެވެ. އެހެންކަމުން މިވަގުތު އެސްޓްރޮއިޑް އެހެން މަގަކަށް ބަދަލުކުރެވިދާނެ ގޮތްތަކާމެދު ވާހަކަދެއްކުމަކީ އަވަސްވެގަތުމެއް ކަމަށްވެސް ނާސާއިން ބުނެ އެވެ.