ދިވެހިރާއްޖެއަށް 20 އަހަރަށްވުރެ ގިނަ ދުވަހު އެހީތެރިވެފައިވާ ޔޫއެސްއެއިޑްގެ ދިދަ. އދ އިން ހިސާބުކުރާ އިންސާނީ އެހީގެ %42 ފޯރުކޮށްދޭ މި އިދާރާ އުވާލުމަށް އެމެރިކާ ރައީސް ޓްރަމްޕް ސަރުކާރުން ނިންމުމުން ދުނިޔޭގެ ގިނަ ގައުމުތަކަށް ސިހުމެއް ލިބުނު.
2023 ވަނަ އަހަރު އެކި ފަރާތްތަކަށް 72 ބިލިއަން ޑޮލަރުގެ އެހީ ދީފައިވޭ؛ ޔޫއެސްއެއިޑް އުވާލުމުން ރާއްޖެއަށް ލިބޭ މިލިއަން ޑޮލަރުގެ އެހީ ހުއްޓިދާނެ
އީލަން މަސްކް ވަނީ އެމެރިކާގެ ބޭރު އެހީގެ އިދާރާ (ޔޫއެސްއެއިޑް) އުވާލުމަށް މަސައްކަތް ކުރަމުންދާ ކަމަށް ހޯމަ ދުވަހު ބުނެފަ އެވެ.
ފެޑެރަލް ސަރުކާރު ކުޑަކުރުމަށް ރައީސް ޓްރަމްޕްގެ މަސައްކަތްތައް އިސްވެ ކުރިއަށް ގެންދާ ބިލިއަނަރު މަސްކް، މި އިދާރާއާ ގުޅޭގޮތުން ވާހަކަދެއްކީ ރިޕަބްލިކަން ޕާޓީގެ ކުރީގެ ރިޔާސީ ކެންޑިޑޭޓް ވިވެކް ރާމަސްވާމީ އަދި ރިޕަބްލިކަން ސެނެޓާ ޖޯނީ އަންސްޓްއާ އެކު އެކްސްގައި ބޭއްވި ވާހަކަދެއްކުމެއްގަ އެވެ. އޭނާގެ ސަރުކާރު ހަރުދަނާކުރުމުގެ ޑިޕާޓްމަންޓުން ޔޫއެސްއެއިޑް އުވާލުމަށް އަމާޒު ހިފާފައިވާ ކަމަށް މަސްކް ބުންޏެވެ.
USAID is a criminal organization https://t.co/Xzl70dmow1
— Elon Musk (@elonmusk) February 3, 2025
-
"މިއީ މަރާމާތެއް ނުކުރެވޭވަރުގެ އެއްޗެއް،" މި އިދާރާ އުވާލަން ޓްރަމްޕް ވެސް އެއްބަސްވާ ކަން ފާހަގަކުރަމުން މަސްކް ބުންޏެވެ. "މިހާރު މިއީ (ޔޫއެސްއެއިޑް) މަރުވަން ޖެހޭ ވަގުތު،" އޭނާ އެކްސްގައި އިތުރަށް ލިޔުނެވެ.
މިއީ މަރާމާތެއް ނުކުރެވޭވަރުގެ އެއްޗެއް ... މިހާރު މިއީ މަރުވަން ޖެހޭ ވަގުތު
ޔޫއެސްއެއިޑްއަކީ ދުނިޔޭގެ އެންމެ ބޮޑު އެހީދޭ އެއް ފަރާތެވެ. އެމެރިކާގެ ސްޓޭޓް ޑިޕާޓްމަންޓްގެ ތަފާސްހިސާބުތަކުން ދައްކާގޮތުން، މި އިދާރާއިން އެންމެ ގިނައިން އެހީ ދޭ 10 ގައުމުގެ ތެރެއިން ހަތް ގައުމަކީ މެދުއިރުމަތި އަދި އެފްރިކާގެ ގައުމުތަކެވެ. މީގެ ތެރޭގައި އީތިއޯޕިއާ، ސޯމާލިއާ، ސީރިއާ އަދި ޔަމަން ހިމެނެ އެވެ.
2023 ވަނަ އަހަރުގެ ބަޖެޓް އަހަރުގައި އެމެރިކާއިން ދުނިޔޭގެ އެކި ކަންކޮޅުތަކަށް 72 ބިލިއަން ޑޮލަރުގެ އެހީ ދޫކޮށްފައިވެއެވެ. މީގެ ތެރޭގައި ހަނގުރާމަވެރި ސަރަހައްދުތަކުގައި އަންހެނުންގެ ސިއްހަތާއި ސާފު ބޯފެން ލިބުމުގެ ފުރުސަތު ފަދަ ކަންކަމަށް ކުރެވުނު އެހީތެރިކަން ހިމެނެއެވެ. މިދިޔަ އަހަރު އދ އިން ހިސާބުކުރި އިންސާނީ އެހީގެ %42 ފޯރުކޮށްދިނީ މި އިދާރާއިންނެވެ.
މިނިވަން އިދާރާއެއްގެ ގޮތުގައި ހިންގާ ޔޫއެސްއެއިޑްގެ ބަޖެޓަކީ 50 ބިލިއަން ޑޮލަރަށް ވުރެ ބޮޑު އަދަދެކެވެ. އެމެރިކާގެ ބޭރުގެ އެހީގެ ދެބައިކުޅަ އެއްބަޔަށްވުރެ ގިނަ އަދަދަށް ޒިންމާވަނީ މި އިދާރާއިންނެވެ. ދުނިޔޭގެ ތަރައްގީވަމުން އަންނަ ގައުމުތަކުގައި މި އިދާރާގެ ނޫ އަދި ރަތް ކުލައިގެ ލޯގޯ ވަރަށް ގިނައިން ފެނެއެވެ. ދިހަހާހަށް ވުރެ ގިނަ މުވައްޒަފުން މި އިދާރާގައި މަސައްކަތް ކުރެއެވެ. ހޯމަ ދުވަހު މި އިދާރާގެ ވެބްސައިޓް ވަނީ ބަންދުވެފައެވެ. އަދި އިދާރާގެ މަސައްކަތްތައް ޝާއިއުކުރާ އިންސްޓަގްރާމް ޕޭޖް ވެސް ވަނީ ނަގާފަ އެވެ.
-
ޓްރަމްޕް ވަނީ މަސްކްއާ ފެޑެރަލް ޚަރަދު ކުޑަކުރުމުގެ ޕެނަލްގެ އިސް މަގާމު ހަވާލުކޮށްފަ އެވެ. އާދީއްތަ ދުވަހު މަސްކްގެ މަސައްކަތާ މެދު ސުވާލުކުރުމުން ރައީސް ވިދާޅުވީ: "އޭނާއަކީ ބޮޑު ޚަރަދު ކުޑަކުރާ މީހެއް. ބައެއް ފަހަރު އަހަރެމެން އެއްބަހެއް ނުވާނަން އަދި އޭނާ ދާން ބޭނުންވާ ހިސާބަކަށް ނުދާނަން. އެކަމަކު އަހަރެން ދެކޭގޮތުގައި އޭނާ ވަރަށް ރަނގަޅަށް މަސައްކަތް ކުރޭ. އޭނާއަކީ ވިސްނުންތޫނު މީހެއް. ވަރަށް ވިސްނުންތޫނު. އަދި އަހަރެމެންގެ ފެޑެރަލް ބަޖެޓް ކުޑަކުރުމަށް ވަރަށް ބޮޑަށް މަސައްކަތް ކުރޭ."
އޭނާއަކީ ބޮޑު ޚަރަދު ކުޑަކުރާ މީހެއް. ބައެއް ފަހަރު އަހަރެމެން އެއްބަހެއް ނުވާނަން އަދި އޭނާ ދާން ބޭނުންވާ ހިސާބަކަށް ނުދާނަން. އެކަމަކު އަހަރެން ދެކޭގޮތުގައި އޭނާ ވަރަށް ރަނގަޅަށް މަސައްކަތް ކުރޭ. އޭނާއަކީ ވިސްނުންތޫނު މީހެއް.
މަގާމާ ހަވާލުވިތާ 11 ދުވަސް ވެފައިވާއިރު، ޓްރަމްޕް ވަނީ ސަރުކާރުގައި ބޮޑެތި ބަދަލުތަކެއް ގެނައުމަށް ފަށައިގަނެފަ އެވެ. އެމެރިކާގެ ބިއުރޮކްރަސީ ކުޑަކޮށް އިތުރު ވަފާތެރިން ލެއްވުމުގެ ފުރަތަމަ ފިޔަވަޅުގެ ގޮތުން، ސަތޭކަ އަށްވުރެ ގިނަ އަދަދެއްގެ ސިވިލް ސާވަންޓުން ވަނީ ވަޒީފާއިން ވަކިކޮށް އަދި އެއްފަރާތް ކޮށްފަ އެވެ. 'އެމެރިކާ ފަސްޓް' ސިޔާސަތުގެ ދަށުން، ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ކުރިއަށްދާ އެމެރިކާގެ އެހީގެ ޕްރޮގްރާމްތައް ހުއްޓާލުމަށް އޭނާ ވަނީ އަމުރުކޮށްފަ އެވެ. މި ނިންމުމަކީ ދުނިޔޭގެ އެކި ކަންކޮޅުތަކަށް ސިހުމެއް ގެނެސްދިން ނިންމުމެކެވެ.
-
އެމެރިކާގެ ޚަރަދުތައް ކުޑަކުރުމާ ގުޅޭގޮތުން ފުޅާ ދާއިރާއެއްގައި ވާހަކަދައްކަމުން، މަސްކް ލަފާކުރި ގޮތުގައި އަންނަ އަހަރު ޓްރަމްޕް ސަރުކާރަށް އެމެރިކާގެ ދަރަނިން 1 ޓްރިލިއަން ޑޮލަރު ކުޑަކުރެވޭނެ އެވެ.
މަސްކް އިތުރަށް ބުނި ގޮތުގައި "ޕްރޮފެޝަނަލް ބޭރުގެ ފްރޯޑް ރިންގްތަކުން" ބޮޑެތި އަދަދުތަކެއްގެ ފައިސާ ވަގަށް ނަގަމުންދަނީ އެމެރިކާގެ ޑިޖިޓަލް ރައްޔިތުންގެ ގޮތުގައި ދައްކައިގެން ނުވަތަ ދޮގު ރައްޔިތުން އުފައްދައިގެންނެވެ. ނަމަވެސް މި ދައުވާއަށް އެއްވެސް ހެއްކެއް ހުށަހަޅާފައެއް ނުވެއެވެ.
ޔޫއެސްއެއިޑް އުވާލުމުން ރާއްޖެއަށް ލިބޭ މިލިއަން ޑޮލަރުގެ އެހީ ހުއްޓިދާނެ
-
ވޭތުވެދިޔަ 20 އަހަރުދުވަހުގެ ތެރޭގައި ޔޫއެސްއެއިޑްއިން ރާއްޖެއަށް ވަނީ ގިނަގުނަ އެހީތަކެއް ދީފަ އެވެ. 2004 ވަނަ އަހަރުގެ ސުނާމީ ކާރިސާގައި 8.6 މިލިއަން ޑޮލަރުގެ އެހީ ދިން މި އިދާރާއިން، މިދިޔަ އޯގަސްޓް މަހު ވަނީ އިތުރު 8.5 މިލިއަން ޑޮލަރުގެ މާލީ އެހީތެރިކަމެއް ފޯރުކޮށްދީފައެވެ. މި އެހީތަކުގެ ތެރޭގައި ބަނދަރުތަކާއި، ނަރުދަމާ ނިޒާމްތަކާއި، ކަރަންޓު އުފައްދާ ވަސީލަތްތައް އަލުން އިމާރާތްކުރުމާއި، ތިމާވެށްޓާއި މޫސުމަށް އަންނަ ބަދަލުތަކަށް ހޭނުމާއި، ޑިމޮކްރަސީ ކުރިއެރުވުމާއި އިގްތިސާދީ ތަރައްގީއަށް އަމާޒުކޮށްފައިވާ އެތައް މަޝްރޫއުތަކެއް ހިމެނެއެވެ.
-
ޔޫއެސްއެއިޑްއާއި ދިވެހި ސަރުކާރާ ދެމެދު މިދިޔަ އަހަރުގެ ޖޫން މަހު ސޮއިކުރެވުނު އިސްލާހުކުރެވުނު އެއްބަސްވުމުގެ ދަށުން އިތުރު 7.2 މިލިއަން ޑޮލަރު (110.8 މިލިއަން ރުފިޔާ) ގެ އެހީ ދޭގޮތަށް ވަނީ ހަމަޖެހިފައެވެ. 2019 ވަނަ އަހަރު ފުރަތަމަ ސޮއިކުރެވުނު އެއްބަސްވުމުގެ ދަށުން މިހާތަނަށް ރާއްޖެއަށް ދީފައިވާ ޖުމްލަ އެހީގެ އަދަދު 36 މިލިއަން ޑޮލަރު (554.4 މިލިއަން ރުފިޔާ) އަށް އަރައެވެ.
-
ޔޫއެސްއެއިޑް އުވާލުމަށް ޓްރަމްޕް ސަރުކާރުން ނިންމި ނިންމުމާ ގުޅިގެން މިހާރު ހިނގަމުންދާ މަޝްރޫއުތަކަށް މި ބަދަލު އަންނާނެ ގޮތެއް އަދި ސާފެއް ނުވެ އެވެ. 2019 ވަނަ އަހަރު ދިވެހި ސަރުކާރާއި އެމެރިކާ ސަރުކާރާއި ސޮއިކުރި އެއްބަސްވުމުގެ ދަށުން ފެށުނު ގިނަ މަޝްރޫއުތައް ނިމުމަކަށް އަންނާނީ 2025 ވަނަ އަހަރުގެ ތެރޭގައެވެ.
-
އެމެރިކާގެ ކުރީގެ ރައީސް ޖޯން އެފް ކެނެޑީ ޔޫއެސްއެއިޑް އުފެއްދެވީ 1961 ގައި އެގްޒެކެޓިވް އޯޑަރަކުންނެވެ. މިއީ ބޭރުގެ އެހީގެ ޕްރޮގްރާމްތައް އަލުން އިންތިޒާމްކުރުމަށް ކޮންގްރެސްއިން ފާސްކުރި ގާނޫނަކާ ގުޅިގެންނެވެ. ވޮޝިންގްޓަންގެ ބައެއް މީހުން މި އިދާރާ ބަންދުކުރުމުގެ ގާނޫނީ ހައިސިއްޔަތާމެދު ސުވާލު އުފައްދާފައިވެއެވެ.
-
"މީގައި ގާނޫނީ މައްސަލައެއް އަދި އަމަލީ މައްސަލައެއް އެބައޮތް،" 2013 އިން 2016 އަށް ޔޫއެސްއެއިޑްގެ ގާޒާ އަދި ދެކުނު ދުނިޔޭގެ މިޝަން ޑިރެކްޓަރުގެ ގޮތުގައި މަސައްކަތްކުރި ޑޭވް ހާޑެން ބުންޏެވެ.
"ވެބްސައިޓް ބަންދުކޮށް، އެހީ ކުޑަކުރުމަށްފަހު ސްޓޭޓް ޑިޕާޓްމަންޓާ އެއްކޮށްލައި، ސްޓޭޓް ޑިޕާޓްމަންޓްގެ ކުޑަ ބިއުރޯއެއްގެ ގޮތުގައި ހަދާލުމަކީ، 1961 އިން ފެށިގެން ހިނގަމުން އައި މިނިވަން ފެޑެރަލް އިދާރާއެއް އުވާލުމުގެ ގާނޫނީ ގޮތުން ނުބައި، ގާނޫނާ ޚިލާފު މަސައްކަތެއްގެ ރަމްޒީ ނިޝާނެއް،" އޭނާ ދަ ނޭޝަނަލްއަށް ބުންޏެވެ.
ބޭރުގެ އެހީގެ ޕްރޮގްރާމްތަކަށް ޓްރަމްޕް ގެންނަން މަސައްކަތްކުރާ ބަދަލުތަކުން އެމެރިކާގެ ރައްޔިތުންނަށް ގެއްލުން ވާނެތީ ހާޑެން ބިރުގަނެއެވެ.
He just tweets out complete disinformation, complete lies (even if it was leaked from a lab, which we have no evidence for, Covid isn’t a bioweapon and USAID didn’t fund its creation) and millions instantly believe his lies and disinformation.
— Mehdi Hasan (@mehdirhasan) February 2, 2025
No factchecking or media org can… pic.twitter.com/gL04HZDLyx
-
"މިއީ އެމެރިކާ އަދި އޭގެ ދުނިޔޭގެ މަގާމަށް ގެންނަ ފަލްސަފީ ބަދަލެއް، އެއީ ސޮފްޓް ޕަވާ ކުޑަކުރުމުގެ ވާހަކަ ވިޔަސް، މޫސުމަށް އަންނަ ބަދަލު ފަދަ އުނދަގޫ މައްސަލަތަކަށް އެއްބާރުލުން ދިނުމުގެ ވާހަކަ ވިޔަސް، ނުވަތަ އަހަރެމެންގެ އެންމެ ގާތް އަވަށްޓެރިން، ބައިވެރިން އަދި ވިޔަފާރި ބައިވެރިންނާއެކު ކުރާ ވިޔަފާރީގެ ހަނގުރާމައެއްގެ ވާހަކަ ވިޔަސް މެ. މިއީ އެމެރިކާއަށް އަދި އެމެރިކާގެ ރައްޔިތުންނަށް ނުބައިކޮށް ނިމޭނެ ކަމެއް،" އޭނާ ބުންޏެވެ.