ކުރީގެ ފޮރިން މިނިސްޓަރު މޫސާ ޒަމީރު އެމެރިކާއަށް ކުރެއްވި ރަސްމީ ދަތުރުގައި ޔޫއެސްއެއިޑްގެ އެޑްމިނިސްޓްރޭޓަރު ސަމަންތާ ޕަވާއާ ބައްދަލުކުރައްވަނީ: ޔޫއެސްއެއިޑުން ރާއްޖެއަށް ބޮޑެތި އެހީތަކެއް ވަމުން އައި (ފޮޓޯ/ ފޮރިން މިނިސްޓްރީ)

ޔޫއެސްއެއިޑް

ޔޫއެސްއެއިޑް ހުއްޓާލުމާ އެކު ރާއްޖެއަށް ވެސް ބޮޑު އަސަރެއް ކުރާނެ

މިހާރު ވެސް ޔޫއެސްއެއިޑް މެދުވެރިކޮށް 20 މިލިއަން ޑޮލަރުގެ އެކި ޕްރޮގްރާމްތައް ރާއްޖޭގައި އަންނަނީ ހިންގަމުން
3 ފެބްރުއަރީ 2025
2

ރައީސް ޑޮނަލްޑް ޓްރަމްޕްގެ ސަރުކާރުން ޔޫއެސް އެޖެންސީ ފޯ އިންޓަނޭޝަނަލް ޑިވެލޮޕްމަންޓް (ޔޫއެސްއެއިޑް) ވަގުތީ ގޮތުން ހުއްޓާލުމާ އެކު ރާއްޖެއަށް ވެސް އޭގެ ނުބައި އަސަރުކުރާނެ ކަމަށް، އެ ދާއިރާގެ ތަޖުރިބާކާރުން ބުނެފި އެވެ.

ވީ ކިހިނެއް؟ - ޓްރަމްޕްގެ އެންގެވުމަށް ޔޫއެސްއެއިޑްގެ ހުރިހާ ޕްރޮގްރާމެއް މިހާރު ވަނީ ހުއްޓާލައިފަ އެވެ. ޓްރަމްޕްގެ އަރިސް ބޭފުޅެއް ކަމަށްވާ އީލޮން މަސްކް އިއްޔެ ވިދާޅުވީ ޔޫއެސްއެއިޑް އެއްކޮށް ހުއްޓާލުމުގެ ފުރުސަތު ވެސް އެބަ އޮތް ކަމަށެވެ.

ތަފްސީލް - ޔޫއެސްއެއިޑްއަކީ އެމެރިކާއިން ދުނިޔޭގެ އެކި ގައުމުތަކަށް އެހީ ފޯރުކޮށްދިނުުގެ މައި އެޖެންސީ އެވެ. އެގޮތުން 2023ގެ މާލީ އަހަރު 38 ބިލިއަން ޑޮލަރު (585 ބިލިއަން ރުފިޔާ)ގެ ޕްރޮގްރާމްތައް އެކި ގައުމުތަކުގައި ހިންގި އެވެ. އޭގެ ތެރޭގައި އަސްކަރީ އެހީ އާއި އަސްކަރީ ތަމްރީންތަކުގެ އިތުރުން ތިމާވެއްޓާއި އިންސާނީ ވަސީލަތް ތަރައްގީކުރުމުގެ ޕްރޮގްރާމްތައް ވެސް ހިމެނެ އެވެ.

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް އާއި އީލޮން މަސްކް: ވިސްނުން ހުރީ އެހީގެ ދާއިރާއިން ދުނިޔެއާ އެކަހެރިވާން

ނަން ނުޖަހާ ގޮތަށް ވާހަކަ ދެއްކެވި ބޭފުޅަކު ވިދާޅުވި ގޮތުގައި ޔޫއެސްއެއިޑްގެ ދަށުން ރާއްޖޭގައި ހިންގާ ހުރިހާ ޕްރޮގްރާމްތަކެއް ވެސް މިހާރު ވަނީ ވަގުތީ ގޮތުން ހުއްޓާލައިފަ އެވެ. އެ ޕްރޮގްރާމްތަކުގައި އުޅޭ ބިދޭސީ އަދި ދިވެހި މުވައްޒަފުންނަށް ވެސް ވަގުތީ ނޯޓިސް ވަނީ ލިބިފައި ކަމަށް، އޭނާ ވިދާޅުވި އެވެ.

"މިއީ ސަރުކާރުގެ ބަޖެޓުގެ ބޭރުން ރާއްޖޭގައި ހިންގާ އެތައް ކަމެއް ހުއްޓުން،" އޭނާ ވިދާޅުވި އެވެ.

މިދިއަ އަހަރު ރާއްޖޭގައި ހިންގަން ޔޫއެސްއެއިޑުން ފެށި ޕްރޮގްރާމްތަކުގެ އަގު އުޅެނީ 20 މިލިއަން ޑޮލަރު (302 މިލިއަން ރުފިޔާ)ގަ އެވެ. އޭގެ ތެރޭގައި އެންމެ ބޮޑު އެހީއެއް ދޭން އޮތީ 8 މިލިއަން ޑޮލަރު ހިމެނޭ، އަސްކަރީ ދާއިރާއިންނެވެ.

"ރާއްޖޭގައި ވަރަށް ގިނައިން ހިންގާނެ އެމެރިކާގެ އެހީގައި އަސްކަރީ އެކި ކަންކަން. ތަމްރީނުކުރުން ވެސް. އެހުރިހާ ކަމެއް ދެން މި ހުއްޓުނީ،" ކުރިން ވާހަކަ ދެއްކެވި ބޭފުޅާ ވިދާޅުވި އެވެ.

ކާރިސާތަކުން ރައްކާތެރިވުމާ ބެހޭ ކަންކަމާއި ތިމާވެށީގެ ބައެއް ޕްރޮގްރާމްތައް ވެސް ޔޫއެސްއެއިޑްގެ ދަށުން އަންނަނީ ހިންގަމުންނެވެ.

އެނގުން މުހިންމު - އެމެރިކާގެ މިހާރުގެ ރައީސް ޓްރަމްޕްގެ ސިޔާސަތު ބޮޑަށް ބިނާވެފައި ވަނީ ދުނިޔޭގެ އެހެން ގައުމުތަކާ ދުރުވެ، އެމެރިކާ އެކަހެރިވުމުގެ މައްޗަށެވެ. އެމެރިކާގެ މައި ސަރުކާރުގެ ހަރަދުތައް މާ ބޮޑު ކަމަށް ބުނެ އެ ހަރަދުތައް ކުޑަކުރުމުގެ ފިޔަވަޅުތައް އެޅުން ހަވާލުކޮށްފައި ވަނީ ކުރިން ޓްވިޓާ މިހާރު ނަމަ އެކްސްގެ ވެރިޔާ މަސްކްއާ އެވެ.

އިއްޔެ ޓްރަމްޕްއާ އެކު އޮތް ބައްދަލުކުރެއްވުމަށް ފަހު އޭނާ ވިދާޅުވީ ޔޫއެސްއެއިޑް އެއްކޮށް ހުއްޓާލުމުގެ ވިސްނުން ޓްރަމްޕްގެ އެބަހުރި ކަމަށެވެ.

ޔޫއެސްއެއިޑްގެ އިސް އެތައް ވެރިންނެއް މިހާރު ވެސް ވަނީ މަސައްކަތުން އެކަހެރިކޮށްފަ އެވެ.

ޔޫއެސްއެއިޑްއަކީ އެއް ގައުމަކުން ދުނިޔޭގައި ހިންގާ އެހީގެ އެންމެ ބޮޑު ޕްރޮގްރާމެވެ.

ކޮމެންޓް (2)

ޢައްލާ

4 ފެބްރުއަރީ 2025
ތިކަމުން ރާއްޖެ އަށް ގެއްލުން ވާނެ ކަމަށް ލަފައެއް ނުކުރެވޭ’ ރާއްޖޭގެ އިޖްތިމާއީ ފޭރާން ހަލާކު ކޮއްލުމަށް ވަރައް ބޮޑެތި ޕޮރޮގްރާމް ހިންގާ ޚަރަދު ކުރާ ބައެއް
2 0

ތެދު

14 ފެބްރުއަރީ 2025
@ޢައްލާ ވަރަށްބޮޑުު ތެދެއްް. އެއީީ ހަމަަ ރީތިނަމެއްގެެ ނިވަލުގައިި ތިބެެ ކްރިސްޓިއަންދީންް ފަތުރާާ މިޝަނަރީއެއްް. އަމިއްކަަ ތަޖުރިބާއިންް ބުނިި އެއްޗެއްމީީ. .
1 0

އިތުރު އާޓިކަލް

އިތުރު އާޓިކަލް