ކޮޕް28 އެއްބަސްވުމުގެ ޑްރާފްޓް އާންމުކުރަނީ. (ފޮޓޯ/ރޮއިޓާސް)
ކޮޕް28: ތެލާ ދުރަށް ދާން ފުރަތަމަ ފަހަރަށް ދުނިޔެއިން އެއްބަސްވެއްޖެ
މޫސުމަށް އަންނަ ނޭދެވޭ ބަދަލުތަކުން ސަލާމަތްވުމަށް ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ތެޔޮ ބޭނުންކުރާ މިންވަރު މަދުކުރަން ފެށުމަށް، ގާތްގަނޑަކަށް 200 ގައުމެއްގެ މަންދޫބުން، ތިމާވެއްޓާ ބެހޭ ދުނިޔޭގެ ސަމިޓް ނުވަތަ ކޮޕް28 ކްލައިމެޓް ސަމިޓްގައި މިއަދު އެއްބަސްވެއްޖެ އެވެ. މިއީ، ތެލާ ދުރަށް ދިއުން ހިމެނޭ އެއްބަސްވުމެއް، އަހަރަކު އެއް ފަހަރު ބާއްވާ ތިމާވެއްޓާ ބެހޭ ދުނިޔޭގެ ސަމިޓެއްގައި ހެދި ފުރަތަމަ ފަހަރެވެ.
ދެ ހަފުތާއެއްހާ ދުވަހުގެ ބުރަ މަޝްވަރާތަކަކަށް ފަހު، ދުބާއީގައި ސޮއިކުރި މި އެއްބަސްވުމަކީ، ތެލާ ދުރަށް ދިއުމަށް ދުނިޔެ އެކަތިގަނޑަކަށްވެފައިވާ ކަމުގެ ވަރުގަދަ ސިގްނަލެއް، އިންވެސްޓަރުންނާއި ސިޔާސަތުތައް ބައްޓަންކުރާ ފަރާތްތަކަށް ދިނުމުގެ ގޮތުން ނިންމި ނިންމުމެކެވެ.
ކޮޕް28ގެ ރައީސް ސުލްތާން އަލް ޖަބެރް ވިދާޅުވީ އެ އެއްބަސްވުމަކީ ތާރީހީ އެއްބަސްވުމެއް ކަމަށާއި ނަމަވެސް އޭގެ ހަގީގީ ކާމިޔާބީ އޮންނާނީ އެ އެއްބަސްވުން ތަންފީޒު ކުރުމުގައި ކަމަށެވެ.
"އަހަރެމެންގެ ކާމިޔާބީ އަކީ އަހަރެމެން ކުރާ ކަންކަން، ދައްކާ ވާހަކައެއް ނޫން،" ސަމިޓް ނިންމާލުމުގެ ގޮތުން ދެއްކެވި ވާހަކައިގައި އޭނާ ވިދާޅުވި އެވެ.
މޫސުމާ ބެހޭ ގޮތުން އެތައް އަހަރެއް ވަންދެން ދައްކަމުން ދިޔަ ވާހަކަތަކަށް އަމަލީ ސިފަ އައުމުން އެތައް ގައުމަކުން އުފާ ފާޅުކުރި އެވެ.
"މިއީ ތެލާ ދުރަށް ދާން ޖެހޭ ކަންކަމާ ބެހޭ ގޮތުން މިހާ ސާފު ލިޔުމަކަށް ދުނިޔެ އެއްގަލަކަށް އެރި ފުރަތަމަ ފަހަރު،" ނޯވޭގެ ހާރިޖީ ވަޒީރު އެސްޕެން ބާތު އީޑޭ ވިދާޅުވި އެވެ.
ތެލާއި ގޭހާއި ކޯލް ބޭނުންކުރުން "ފޭސް އައުޓް" ނުވަތަ ބޭނުންކުރުން ހުއްޓާލުމަށް ކޮޕް28 އެއްބަސްވުމުގައި ހަރުދަނާ ވަރުގަދަ ބަސްތަކެއް ހިމެނުމަށް ގޮވާލައި 100އަށް ވުރެ ގިނަ ގައުމުން ވަރަށް ބޮޑަށް ލޮބީކޮށްފަ އެވެ. ނަމަވެސް، ސައޫދީ އަރަބިއްޔާ އިސް އޮވެ، އޯގަނައިޒޭޝަން އޮފް ދަ ޕެޓްރޯލިއަމް އެކްސްޕޯޓިން ކަންޓްރީޒް (އޯޕެކު)ން ވަރުގަދައަށް ދެކޮޅު ހަދައި އަޑުއުފުލައި އެ ޖަމިއްޔާއިން ބުނަމުން ދިޔައީ ހަމައެކަނި ތެޔޮ މަދުނުކޮށް ވެސް ޖައްވަށް ބޭރުކުރާ ވިހަ ގޭސްތައް މަދުކުރެވިދާނެ ކަމަށެވެ.
އެ ދެކޮޅުވެރިވުމުގެ ސަބަބުން ސަމިޓުގެ ވަގުތު ވެސް އިތުރުކުރަން ޖެހުނެވެ.
އޯޕެކުގެ މެމްބަރުން ގުޅިގެން ދުނިޔޭގެ ތެލުގެ ރިޒާވްގެ ގާތްގަނޑަކަށް %80 އާއި ދުނިޔޭގެ ދުވާލެއްގެ މައްޗަށް ތެޔޮ އުފައްދާ މިންވަރުގެ ތިންބައިކުޅަ އެއްބައި ކޮންޓްރޯލް ކުރާ އިރު، އެ ގައުމުތަކުގެ ސަރުކާރުތަކުން އެ އާމްދަނީއަށް ވަރަށް ބޮޑަށް ބަރޯސާވެ އެވެ.
މޫސުމަށް ނުރައްކާވާ ކުދި ޖަޒީރާ ގައުމުތަކަކީ ތެޔޮ ނައްތާލުމަށް އެންމެ ބޮޑަށް ތާއީދުކުރާ ގައުމުތަކުގެ ތެރޭގައި ހިމެނޭ ގައުމުތަކަކަށް ވާއިރު، އެމެރިކާ، ކެނެޑާ އަދި ނޯވޭ ފަދަ ތެލާއި ގޭސް އުފައްދާ ބޮޑެތި ގައުމުތަކުގެ އިތުރުން އީޔޫގެ ގައުމުތަކާއި އެހެނިހެން އެތައް ސަރުކާރެއްގެ ތާއީދު ވެސް އެ ގައުމުތަކަށް ވަނީ ލިބިފަ އެވެ.