އެއްޗެއް ގޮވާފައި ވަނީ ވެރިރަށް ވިކްޓޯރިއާގެ ދެކުނުގައި އޮންނަ ސިނާއީ ސަރަހައްދެއްގައި

ސީޝެލްސް

ސޭޝެލްސްގައި ބާރުގަދަ އެއްޗެއް ގޮވައި ކުއްލި ނުރައްކަލުގެ ހާލަތު އިއުލާންކޮށްފި

ސޭޝެލްސްގެ މައި ރަށް، މާހޭގެ ސިނާއީ ސަރަހައްދެއްގައި ބާރުގަދަ އެއްޗެއް ގޮވުމާއި ބޯކޮށް ވާރޭވެހި ފެންބޮޑުވުމުގެ ސަބަބުން ކުއްލި ނުރައްކަލުގެ ހާލަތު އިއުލާނުކޮށްފި އެވެ.

މި ގޮވުމުގެ ސަބަބުން އެ ސަރަހައްދުގައި ހުރި ފިހާރަތައް ބިމާ ހަމެވެ، ކައިރީގައި ހުރި ފްލެޓު އިމާރާތްތައް ހަލާކުވެ، މާހޭ އައިލެންޑުގެ އިރުމަތީ އައްސޭރިފަށާ ހަމައަށް ގެއްލުމުގެ އަސަރުވަނީ ކޮށްފަ އެވެ.

ސޭޝެލްސްގެ ރައީސް ވެވެލް ރަމްކަލަވަން ވަނީ ޒަރޫރީ މަސައްކަތްތެރިން ފިޔަވައި އެހެން ހުރިހާ ރައްޔިތުން ގޭގައި ތިބުމަށް އަންގަވައިފަ އެވެ.

އެ ހާދިސާގައި ވަރަށް ގިނަ ބަޔަކު ވަނީ ޒަހަމުވެފަ އެވެ. އަދި ވަރަށް ގިނަ ބަޔަކު ވަނީ ގެދޮރުން ނެރެފަ އެވެ. 

އެ ހާދިސާ ހިނގާފައިވަނީ ސޭޝެލްސް ގަޑިން މިއަދު 2 ޖެހި އިރު އެވެ. ހަތަރު ކޮންޓޭނަރެއްގައި ހުރި ގޮވާތަކެތި ހުރީ ކޮންސްޓްރަކްޝަން ކުންފުންޏެއްގެ އިމާރާތެއްގެ އަޑީގަ އެވެ.

އެ ހާދިސާގައި ހަތަރު ކިލޯމީޓަރު (2.5 މޭލު) ދުރުގައި އޮތް އިންޓަނޭޝަނަލް އެއާޕޯޓަށް ވެސް ވަނީ ބޮޑެތި ގެއްލުންތަކެއް ލިބިފަ އެވެ. އިމަޖެންސީ ކޭސްތައް ފިޔަވައި އެހެން ހުރިހާ ކަމަކަށް ސްކޫލްތަކާއި ހޮސްޕިޓަލްތައް ވަނީ ބަންދުކޮށްފަ އެވެ.

ހުއްދަ ދީފައިވާ ހަމައެކަނި ހަރަކާތަކީ ޗުއްޓީ ހޭދަކުރާ ރަށްރަށަށް ވަދެ ނިކުތުމެވެ.

"ސޭޝެލްސް އިންޓަނޭޝަނަލް އެއާޕޯޓް އަދިވެސް އޮޕަރޭޓް ކުރަމުން އަންނަ އިރު، ރަށްރަށަށް ޒިޔާރަތްކުރާ މީހުންނަށް ފެރީގެ ހިދުމަތް ދަނީ ދެމުން،" އެ ގައުމުގެ ރަސްމީ އެކައުންޓުން އެކްސްގައި ބުނެފައިވެ އެވެ.

އިނގިރޭސި ސަރުކާރުން ވަނީ މާހޭގައި ދިރިއުޅޭ އެ ގައުމުގެ ރައްޔިތުން ވަކި ގޮތެއް އަންގަންދެން ގޭގައި ތިބުމަށް އިލްތިމާސްކޮށްފަ އެވެ.

ރޭގަނޑު ބޯކޮށް ވާރޭ ވެހުމުގެ ސަބަބުން ފެންބޮޑުވެ، ބިންގަނޑު ކަނޑައިގެން ދިއުމުގެ ސަބަބުން ރަށުގެ ރެސްޕޮންސް ޓީމުތަކަށް ވަނީ ޕްރެޝަރު ބޮޑުވެފަ އެވެ.

ގެތައް ހަލާކުވެ ތިން މީހަކު ވަނީ މަރުވެފަ އެވެ.

ފެންބޮޑުވުމުގެ ސަބަބުން މޫދަށް ނަޖިސް ބޭރުވެ، މޫދަށް އެރުން ވަނީ މަނާކޮށްފަ އެވެ.

ގައުމީ ޓީވީގައި ވާހަކަ ދައްކަވަމުން ރައީސް ވެވެލް ރަމްކަލަވަން ވަނީ މި ދެ ކާރިސާއަކީ ގައުމަށް ކުރިމަތިވި ކާރިސާއެއް ކަމަށް ސިފަކުރައްވައި ހާލުގައި ޖެހިފައިވާ ފަރާތްތަކަށް އެހީތެރިވުމަށް އިލްތިމާސް ކުރައްވައިފަ އެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް