އިމްރާން ހާން.
އިމްރާންގެ ސަޕޯޓަރުންގެ އަސްކަރީ ޝަރީއަތްތައް ސުޕްރީމް ކޯޓުން ހުއްޓުވައިފި
އާންމުންގެ މައްޗަށް އަސްކަރީ ޝަރީއަތް ހިންގުމަކީ ގާނޫނުއަސާސީއާ ހިލާފު ކަމެއް ކަމަށް ކަނޑައަޅައި ޕާކިސްތާނުގެ ސުޕްރީމް ކޯޓުން އެ ޝަރީއަތްތައް ހުއްޓުވައިފި އެވެ.
އިއްޔެ ސުޕްރީމް ކޯޓުން އެ ޝަރީއަތްތައް ހުއްޓުވާފައި މި ވަނީ، ކުރީގެ ބޮޑުވަޒީރު އިމްރާން ހާން މެއި މަހު ހައްޔަރުކުރުމާ ގުޅިގެން ކުރި މުޒާހަރާތަކުގައި ހައްޔަރުކުރި 100އަށް ވުރެ ގިނަ މީހުންގެ ޝަރީއަތް އަސްކަރީ ކޯޓުތަކުގައި ކުރިއަށް ގެންދާނެ ކަމަށް ސަރުކާރުން ބުނެފައި ވަނިކޮށެވެ.
އެ ނިންމުމަށް އިންސާނީ ހައްގުތަކަށް މަސައްކަތްކުރާ ޖަމިއްޔާތަކުން ވަނީ ވަރަށް ބޮޑަށް ފާޑުކިޔައިފަ އެވެ.
އެ މައްސަލަތައް ދެން ބަދަލު ކުރާނީ ޖިނާއީ ކޯޓުތަކަށެވެ.
އެ ހުކުމުގެ ސަބަބުން އަސްކަރީ ކޯޓުތަކުގައި ކުށް ސާބިތުވާ އެހެން އާންމުންނަށް ވެސް އިސްތިއުނާފު ކުރުމުގެ މަގު ފަހިވެދާނެ އެވެ.
"މިއަދުގެ ހުކުމަކީ ވަރަށް މުހިންމު ހުކުމެއް. އޭގެ ސަބަބުން ގައުމުގެ ގާނޫނުއަސާސީ އާއި ގާނޫނާއި މަދަނީ މުއައްސަސާތައް ހަރުދަނާ ކުރުމަށް މަގުފަހިވެގެންދާނެ،" އިމްރާންގެ ޕާކިސްތާން ތަހްރީކޭ އިންސާފް (ޕީޓީއައި)ގެ ގާނޫނީ ވަކީލް އައިތުޒާޒް އަހުސަން ވިދާޅުވި އެވެ.
އެ ނޫން ގާނޫނީ މާހިރުން ވެސް ވަނީ އެ "ހިތްވަރުގަދަ" ހުކުމަށް ތައުރީފް ކޮށްފަ އެވެ.
ޕާކިސްތާނުގެ ސުޕްރީމް ކޯޓް ބާ އެސޯސިއޭޝަންގެ ކުރީގެ ރައީސް އަހުސަން ބޫން ވިދާޅުވީ އެ ނިންމުމަކީ ގާނޫނުއަސާސީއަށް ލިބުނު ކުރިއެރުމެއް ކަމަށެވެ.
އިމްރާންގެ ސަޕޯޓަރުންގެ މައްޗަށް އަސްކަރީ ކޯޓުތަކުގައި ޝަރީއަތް ހިންގަން ސަރުކާރުން ނިންމުމުން އެ މަރުހަލާ ބޭއިންސާފުވެދާނެ ކަމުގެ ބިރު ވަނީ އުފެދިފަ އެވެ.
އިންސާނީ ހައްގުތަކަށް މަސައްކަތް ކުރާ އެމްނެސްޓީ އިންޓަނޭޝަނަލް އިން ތުހުމަތުކުރާ ގޮތުގައި، އަސްކަރީ ޓްރައިބިއުނަލްތަކަކީ ދެ ފުށް ނުފެންނަ، ޑިއު ޕްރޮސެސްއަށް އިހުމާލުވުން އޮތް، އިއުތިރާފު މަޖުބޫރުން ހޯދުން ފަދަ ނޭއްގާނީ ކަންކަމުގެ ތާރީހެއް އޮތް ތަންތަނެކެވެ.
ނަމަވެސް، ސަރުކާރުގެ ބައެއް އޮފިޝަލުން ވަނީ ސުޕްރީމް ކޯޓުގެ ހުކުމާ ދެކޮޅު ހައްދަވައިފަ އެވެ.
އެ މައްސަލަތައް ހުށަހެޅި ބަލޫޗިސްތާން ޕްރޮވިންސްގެ ވަގުތީ އިންފޮމޭޝަން މިނިސްޓަރު ޖަން އަޗަކްޒާއީ އެކްސްގައި ވިދާޅުވީ އެ ނިންމުމަށް އިހުތިރާމް ކުރެއްވި ނަމަވެސް، އެއީ ކުރިމަތިވި މާޔޫސް ކަމެއް ކަމަށެވެ.
އިތުބާރު ނެތްކަމުގެ ވޯޓަކުން މިދިޔަ އަހަރު މަގާމުން ދުރުކުރި އިމްރާންގެ މައްޗަށް ސިޔާސީ މަގްސަދެއްގައި ގިނަ މައްސަލަތަކެއް ދަނީ ކުރިމަތިކުރަމުންނެވެ. އިއްޔެ ވެސް، ސިއްރު ލިޔުންތަކެއް ލީކުކޮށްލި ކަމުގެ ތުހުމަތުގައި އޭނާގެ މައްޗަށް އިތުރު ދައުވާތަކެއް އުފުލާފައިވެ އެވެ.
ޕާކިސްތާނުގެ ސިޔާސީ މައިދާނުގައި އަސްކަރިއްޔާއަކީ އިސް ދައުރެއް އަދާކުރާ ފަރާތެކެވެ. ބައެއް ފަހަރު އަސްކަރީ ބަގާވާތްތަކުގައި ވެރިކަން ވައްޓާލުމާއި އަނެއް ބައި ފަހަރު ފަރުދާގެ ފުރަގަހުން ރާވައިގެން ވެރިކަން ބަދަލު ކުރުމުގެ ސަގާފަތެއް ޕާކިސްތާނުގައި އޮވެ އެވެ.
ގިނަ ތަޖުރިބާކާރުން ގަބޫލުކުރާ ގޮތުގައި، 2018 ވަނަ އަހަރު އިމްރާން އިންތިހާބު ކާމިޔާބު ކުރެއްވީ އަސްކަރިއްޔާގެ އެހީގަ އެވެ.
ނަމަވެސް، އިމްރާން އާއި އަސްކަރިއްޔާއާ ދެމެދު އޮތް ގުޅުން ހީނަރުވެ، ފަރުދާގެ ފުރަގަހުން ހިންގި "ބަގާވާތަކުން"، ކުރީގެ މަޝްހޫރު ކްރިކެޓް ކުޅުންތެރިއާގެ ވެރިކަން ވަނީ ބަދަލުކޮށްފަ އެވެ.
އޭނާ އަކީ އެ ކަމަށް އެންމެ ބޮޑަށް ފާޑުކިޔާ އެއް ބޭފުޅަކަށް ވާއިރު، އަސްކަރިއްޔާގެ މަގުބޫލުކަން ދަށަށް ގޮސްފައިވާ ކަމަށް ތަޖުރިބާކާރުން ބުނެ އެވެ.
މިދިޔަ މެއި މަހު އޭނާ ހައްޔަރުކުރުމާ ގުޅިގެން ޕާކިސްތާނުގެ އެކި ކަންކޮޅުތަކުގައި މުޒާހަރާތައް ފެށި އެވެ. އަދި އޭނާގެ އެތައް ހާސް ސަޕޯޓަރުންނެއް މުޒާހަރާތަކުގައި ބައިވެރިވި ކަމަށް ތުހުމަތުކޮށް އެ މީހުން ވަނީ ހައްޔަރުކޮށްފަ އެވެ.
އޭގެ ފަހުން، އިމްރާނާއި ޕީޓީއައިއަށް ވަނީ ހަރުކަށި ފިޔަވަޅުތަކެއް އަޅައި ޕާޓީން ވަކިވާން އުޅޭކަން އިއުލާނު ކުރުމުގެ ކުރިން އޭނާގެ އިސް ލީޑަޝިޕްގެ ގިނަ ބަޔަކު ހައްޔަރުކޮށްފަ އެވެ.