ރާހުލް ގާނދީ ކޯޓުން ނުކުމެ ސަޕޯޓަރުންނާ ސަލާމް ކުރައްވަނީ ފޮޓޯ/ ރޮއިޓާސް)

އިންޑިއާ

ރާހުލް ގާނދީގެ މައްޗަށް އިއްވި އަބުރުގެ ހުކުމް ސުޕްރީމް ކޯޓުން ސަސްޕެންޑްކޮށް ގޮނޑި އިޔާދަކޮށްދީފި

އަބުރުގެ މައްސަލައެއްގައި އިންޑިއާގެ އިދިކޮޅު ކޮންގްރެސް ޕާޓީގެ ލީޑަރު ރާހުލް ގާންދީގެ މައްޗަށް އިއްވާފައިވާ ހުކުމް އިންޑިއާގެ ސުޕްރީމް ކޯޓުން މިއަދު ސަސްޕެންޑްކޮށްފި އެވެ. އެއާ އެކު މަޖިލީހުގެ ގޮނޑި ދިފާއުކޮށްދީ އަދި އަންނަ އަހަރު ބޭއްވުމަށް ހަމަޖެހިފައިވާ އާންމު އިންތިހާބުގައި ވާދަކުރެވޭނެ ކަމުގެ އަމުރު ކޯޓުން ވަނީދީފަ އެވެ.

އަބުރުގެ މައްސަލައެއް ސާބިތުވެ، މިދިޔަ މާޗު މަހު ދެ އަހަރަށް ޖަލަށް ލުމަށް ހުކުމް ކުރިތާ އެއް ދުވަސް ނުވަނީސް، އިންޑިއާގެ އެންމެ ބޮޑު އިދިކޮޅު ލީޑަރުގެ ރައްޔިތުންގެ މަޖިލީހުގެ މެމްބަރުކަމުގެ ގޮނޑި ވަނީ ގެއްލުވާލައިފަ އެވެ.

ރާހުލް ގާނދީ ދެ އަހަރަށް ޖަލަށްލާން ދަށު ކޯޓަކުން ހުކުމްކުރީ 2019 ވަނަ އަހަރު ބޭއްވި އެއްވުމެއްގައި ބޮޑުވަޒީރު ނަރެންދުރަ މޯދީއަށް ނިސްބަތްކޮށް، ވަގަށް ގޮވައި އަބުރާ ބެހުނު ކަމަށް ބުނެ އެވެ. އެ ހުކުމާ އެކު ރާހުލްގެ މަޖިލިސް ގޮނޑި ގެއްލި އަދި އަންނަ އަހަރުގެ އާންމު އިންތިހާބުގައި ވާދަކުރުމުގެ ފުރުސަތަށް ހުރަސްއެޅުނެވެ.

އިންޑިއާގައި ތިން ޖީލެއްގައި ބޮޑުވަޒީރުކަން ކުރި ދަރިކޮޅުގެ ގާންދީ، 53،ގެ މައްޗަށް ދެ އަހަރުގެ ޖަލު ހުކުމެއް އިއްވި ނަމަވެސް ޖަލު ހުކުމް މަޑުޖައްސާލައި އޭނާ ހުރީ ކަފާލާތުގެ ދަށުން ދޫކޮށްލައިފަ އެވެ.

ދެ އަހަރު ނުވަތަ އެއަށް ވުރެ ދިގު މުއްދަތަކަށް ޖަލަށްލުމަށް ހުކުމް ކޮށްފައިވާ ސިޔާސީ ފަރާތްތައް އޮޓަމެޓިކުން ޑިސްކޮލިފައި ވުމުން އެ ހުކުމާ ގުޅިގެން މަޖިލީހުގެ ގޮނޑި ވެސް ގެއްލުނެވެ.

ގުޖުރާތުގެ ދަށު ކޯޓުތަކާއި ހައި ކޯޓުން ވަނީ ގާންދީގެ މައްޗަށް އިއްވާފައިވާ ހުކުމް ސަސްޕެންޑް ކުރުމަށް ކުރި އިސްތިއުނާފް މައްސަލަ ބަލައިނުގެންފަ އެވެ. އަދި އެއާ އެކު އޭނާ އެ މައްސަލަ ސުޕްރީމް ކޯޓުގައި އިސްތިއުނާފު ކުރި އެވެ. ގުޖުރާތަކީ ބޮޑުވަޒީރު ނެރެންދުރަ މޯދީގެ ސްޓޭޓްގެ އިތުރަށް އެ ސްޓޭޓް ކޮންޓްރޯލް ކުރަނީ ވެސް ބީޖޭޕީ އިންނެވެ.

ސުޕްރީމް ކޯޓުގެ ފަނޑިޔާރު ބީއާރް ގަވައި ވިދާޅުވީ ގާންދީގެ މައްޗަށް ދެ އަހަރުގެ ޖަލު ހުކުމެއް އިއްވި، ދަށު ކޯޓުން އެންމެ ގިނަވެގެން ދެ އަހަރު ދުވަހުގެ ޖަލު ހުކުމެއް އިއްވަން ޖެހޭ އެއްވެސް ސަބަބެއް ބަޔާންކޮށްފައި ނުވާ ކަމަށާއި އެކަމުގެ ސަބަބުން ގާންދީގެ ގޮނޑި ގެއްލިގެން ނުވާނެ ކަމަށެވެ.

ގާންދީ ދެއްކެވި ވާހަކަތަކަކީ ރަނގަޅު ރަހައެއް ނެތް ވާހަކަތަކެއް ކަމަށާއި އަދި "އާންމުކޮށް ތަގުރީރު ކުރުމުގައި އިތުރަށް ސަމާލުވާންވީ" ނަމަވެސް، އެ ހުކުމުން އަދަބު ދިނީ ހަމައެކަނި ގާންދީގެ އިތުރުން އެ ދާއިރާ ތަމްސީލު ކުރުމަށް އޭނާ އިންތިހާބުކުރި ވޯޓާސް އަށް ކަމަށް ހުކުމް ސަސްޕެންޑް ކުރި ތިން ފަނޑިޔާރުންގެ ބެންޗުގައި އިސްކޮށް ހުންނެވި ގަވައި ވިދާޅުވި އެވެ.

ގާންދީ ސުޕްރީމް ކޯޓަށް ހުށަހެޅުއްވި 731 ސޮފްހާގެ ހުށަހެޅުއްވުމުގައި ބުނެފައި ވަނީ ގާންދީ ދެއްކެވި ތަގުރީރަކީ "ޑިމޮކްރެޓިކް ސިޔާސީ ހަރަކާތެއްގެ ތެރެއިން" ދެއްކެވި ވާހަކައެއް ކަމަށެވެ.

އަދި އޭނާގެ އަދަބަކީ ޑިމޮކްރެޓިކް ހިޔާލުފާޅުކުރުމުގެ މިނިވަންކަމަށް ވަރަށް ބޮޑަށް ގެއްލުންވާ ހުކުމެއް ކަމަށް ވެސް އެ ލިޔުމުގައި ބުނެފައިވެ އެވެ.

ގާނޫނު ހަދާ މަޖިލީހުގެ ތިރިގޭގައި ކޮންގްރެސް ޕާޓީގެ ލީޑަރު އަދީރް ރަންޖަން ޗައުދަރީ ވިދާޅުވީ ގާންދީ އަލުން މަގާމަށް ގެނައުމަށް އެދި މިއަދު މަޖިލީހުގެ ރައީސަށް ސިޓީއެއް ފޮނުއްވާނެ ކަމަށެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް