ސައުދީ އާއި ދުނިޔޭގެ ތެޔޮ އުފައްދާ ގިނަ ގައުމުތަކުން ވަނީ ތެޔޮ އުފައްދާ މިންވަރު މަދުކުރަން ނިންމާފައި. (ފައިލް ފޮޓޯ/ ރޮއިޓާސް

ތެޔޮ

އޯޕެކުން ތެޔޮ އުފައްދާ މިންވަރު މަދުކުރުމުން ތެލުގެ އަގު އުފުލިއްޖެ

ދުނިޔޭގައި އެންމެ ގިނަ އަދަދަކަށް ތެޔޮ އުފައްދާ ގައުމުތައް ތަމްސީލުކުރާ ޖަމާއަތް، އޯޕެކް ޕްލަސް އިން ތެޔޮ އުފައްދާ މިންވަރު މަދުކުރަން ކުއްލިއަކަށް ނިންމުމާ އެކު، ފާއިތުވި އަހަރެއްހާ ދުވަހުގެ ތެރޭގައި ނުދާ މިންވަރަށް ތެލުގެ އަގު ބާޒާރުގައި އުފުލިއްޖެ އެވެ.

ތެލުގެ ބާޒާރު ކަނޑައަޅާ، ބްރެންޓް ކްރޫޑު ތެޔޮ ފީފާއެއްގެ އަގު %5އަށް ވުރެ މައްޗަށް ގޮސް، ފީފާއެއް ވަނީ 84 ޑޮލަރަށް ވުރެ މައްޗަށް އަރާފަ އެވެ.

ސައުދީ އަރަބިއްޔާ، އިރާގު އަދި ގަލްފުގެ ބައެއް ގައުމުތަކުން ވަނީ ދުވާލެއްގެ މައްޗަށް އެއް މިލިއަން ފީފާއަށް ވުރެ ގިނަ ތެޔޮ އުފައްދާ މިންވަރު ކަނޑާލާނެކަން އިއްޔެ އިއުލާންކޮށްފަ އެވެ.

މީގެ އިތުރުން، ރަޝިއާއިން ވަނީ ދުވާލަކު އުފައްފާ ތެލުން ބައި މިލިއަން ފީފާ ކަނޑާލުމުގެ މުއްދަތު މި އަހަރު ނިމެންދެން އިތުރުކުރާނެ ކަމަށް ބުނެފަ އެވެ.

ހަކަތައިގެ ބޮޑެތި ކުންފުނިތައް ކަމަށްވާ ބީޕީ އާއި ޝެލްގެ ހިއްސާގެ އަގު މިދިޔަ ހޯމަ ދުވަހު އުފުލިފައިވާ އިރު، އެ ދެ ކުންފުނީގެ ހިއްސާ ވެސް ވަނީ %4އަށް ވުރެ މައްޗަށް ގޮސްފަ އެވެ.

ރަޝިޔާއިން ޔޫކްރެއިނަށް އަރައިގަތުމާ އެކު މިދިޔަ އަހަރުގެ ފެބްރުއަރީގައި ތެލުގެ އަގު އުފުލުނު މިންވަރަށް މިހާރު ވަނީ ތެލުގެ އަގު މައްޗަށް ގޮސްފަ އެވެ.

ހަކަތައިގެ އަގުތައް ދަށް ކުރުމަށް، ތެޔޮ އުފެއްދުން އިތުރުކުރުމަށް އެމެރިކާއިން އަންނަނީ ގޮވާލަމުންނެވެ.

މިދިޔަ އަހަރު ހަކަތަ އާއި ތެލުގެ އަގު ބޮޑުވުމުން އިންފްލޭޝަން މަތިވެ، ގިނަ ގޭބިސީތަކުގެ އާމްދަނީއަށް ޕްރެޝަރު ކުރިމަތިވި އެވެ.

ކޭޕީއެމްޖީގެ ޗީފް އިކޮނޮމިސްޓް ޔައީލް ސެލްފިން ވިދާޅުވީ ތެލުގެ އަގު އުފުލުމުން އިންފްލޭޝަން ދަށްކުރުމުގެ މަސައްކަތް އިތުރަށް އުނދަގޫވެދާނެ ކަމަށެވެ. ނަމަވެސް، ތެލުގެ އަގު އުފުލުމަކީ ކޮންމެހެން ގޭބިސީތަކުގެ ހަކަތައިގެ ބިލް ބޮޑުވެގެންދާނެ ކަމެއް ނޫން ކަމަށް އޭނާ ވިދާޅުވި އެވެ.

އެންމެ ބޮޑު އަސަރެއް ކުރާނީ ދަތުރުފަތުރުގެ ހަރަދަށް ކަމަށާއި ތެލުގެ އަގު މިއަށް ވުރެ ވެސް މަތިވާ ތަން ފެންނާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

ތެޔޮ އުފައްދާ މިންވަރު މަދުކުރަން އެންމެ ފަހުން ނިންމި ނިންމުމާ ގުޅިގެން އެމެރިކާގެ ނޭޝަނަލް ސެކިއުރިޓީ ކައުންސިލްގެ ތަރުޖަމާނު ވިދާޅުވީ "މާކެޓުގެ ނުތަނަވަސްކަމަށް ބަލާ އިރު މި ވަގުތު ތެޔޮ އުފައްދާ މިންވަރު މަދުކުރުމަކީ ރަނގަޅު ކަމެއް ކަމަށް ދެކިވަޑައިނުގަންނަވާ" ކަމަށެވެ.

ތެޔޮ އުފައްދާ މިންވަރު ދަށްކުރަނީ އޯޕެކް ޕްލަސްގެ މެމްބަރުންނެވެ. ދުނިޔޭގައި ތެޔޮ އުފައްދާ މިންވަރުގެ ގާތްގަނޑަކަށް %40 ހިއްސާކުރަނީ އެ ގްރޫޕެވެ.

ސައުދީ އަރަބިއްޔާއިން ވަނީ ދުވާލެއްގެ މައްޗަށް 500،000 ފީފާ އަދި އިރާގުން 211،000 ފީފާގެ ތެޔޮ އުފެއްދުން މަދުކުރަން ނިންމާފަ އެވެ. ޔޫއޭއީ، ކުވޭތު، އަލްޖީރިއާ އަދި އޮމާން އިން ވެސް ދަނީ ތެޔޮ އުފައްދާ މިންވަރު މަދުކުރަމުންނެވެ.

ސައުދީގެ އެނާޖީ މިނިސްޓްރީގެ އޮފިޝަލަކު ވިދާޅުވީ މިއީ ތެލުގެ ބާޒާރުގެ ހަމަޖެހުމަށް އެހީތެރިވުމުގެ ގޮތުން އެޅި ރައްކާތެރިކަމުގެ ފިޔަވަޅެއް ކަމަށެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް