ނާސާގެ އުޅަނދު ޑާޓް ވެއްޓި ގަތުމުން ޑިމޯފޮސް ގިނިހިލައިން ބޭރުވި ހިރަފުސްތަކާއި ކުދިކުދި ހިލަކޮޅުތައް ޖައްވަށް ފެތުރިފައި: މިއީ ހަބްލް ސްޕޭސް ޓެލެސްކޯޕް އިން ނެގި ފޮޓޯއެއް

ނާސާ

ނާސާގެ އުޅަނދު ވައްޓާލުމުން ގިނިހިލައިގެ މިސްރާބު ބަދަލުވި

އެމެރިކާގެ ޖައްވީ އުޅަނދު ޑާޓް ޖެހިގަތުމުން ޑިމޯފޮސް ގިނިހިލައިގެ ބުރުޖެހުމަށް ވަނީ 32 މިނިޓްގެ އަވަސްކަމެއް އައިސްފައި
12 އޮކްޓޯބަރު 2022

ޖައްވުން ދުނިޔެއަށް ވެއްޓިދާނެ ގިނިހިލަ ފަދަ އެއްޗަކުން ދިފާއުވުމުގެ ކުޅަދާނަކަން ލިބިފައިވާ ކަމަށް، ނާސާއިން އިއްޔެ ބުނެފި އެވެ. އެމެރިކާގެ ޖަވީ އިދާރާގެ އެ ވާހަކަ އައީ މިދިއަ މަހު ކުޑަ ގިނިހިލައެއްގެ މިސްރާބު، ނާސާ އިން އޭގައި ޖެއްސުވި އުޅަނދުގެ ސަބަބުން ބަދަލުވިކަން ކަށަވަރުވުމުންނެވެ.

އެ ގިނިހިލައިގެ ނަމަކީ ޑިމޯފޮސް އެވެ. އޭގައި ޖެހިގަނެ ހަލާކުވީ ނާސާގެ ޑާޓް އުޅަނދެވެ. މި ޖެހިގަތުން ހިނގީ ދުނިޔެއާ 11 މިލިއަން ކިލޯމީޓަރު ދުރުގަ އެވެ.

ދުނިޔޭގެ އެކި ހިސާބުތަކުގައި ހުރި ޓެލެސްކޯޕްތަކާއި ޖައްވީ ޓެލެސްކޯޕްތައް ބޭނުންކޮށްގެން ހެދި ދިރާސާއިން ކަށަވަރުވީ، ނާސާގެ ސައިންސްވެރިން ބުނި ގޮތުގައި، ޑިމޯފޮސްގެ މިސްރާބު ބަދަލުވެއްޖެ ކަމެވެ.

 ޑިމޯފޮސްއަށް ނާސާގެ ޑާޓް އުޅަނދު ވެއްޓިގަތުމުގެ 11 ސިކުންތު ކުރިން ނަގާފައިވާ ފޮޓޯއެއް (ފޮޓޯ/ނާސާ)

"ކާއިނާތުން ދުނިޔެއަށް އަތުވެދާނެ ހަމަލާއަކުން ދިފާއުވާން ނާސާއިން ތައްޔާރުވާ ތައްޔާރުވުން ކާމިޔާބު،" ނާސާގެ އެޑްމިނިސްޓްރޭޓަރު ބިލް ނެލްސަން ވިދާޅުވި އެވެ.

"މި ދުނިޔެ ހިމާޔަތްކުރުމުގައި ނާސާ ވަރަށް ސީރިއަސްކަން މިކަމުން އެބަ ކަށަވަރުކޮށްދޭ."

ފުޅާމިނުގައި 160 މީޓަރު ހރި ޑިމޯފޮސް އަކީ އެއަށް ވުރެ ބޮޑު ގިނިހިލައެއް ކަމަށްވާ 780 މީޓަރުގެ ޑިޑީމޮސްގެ ވަށައިގެން އެނބުރެމުން ދާ ހިލަގަނޑެކެވެ. ޑާޓް އުޅަނދު، 26 ސެޕްޓެމްބަރުގައި، ވެއްޓުމުގެ ކުރިން ޑިމޯފޮސްއަށް ޑިޑީމޮސް ވަށައި ބުރެއް ޖެހެނީ 11 ގަޑި 53 މިނިޓުންނެވެ. އެކަމަކު ޑާޓް ވެއްޓިގެން އައި ބަދަލާ އެކު މިހާރު ޑިޑީމޮސް ވަށައި ބުރެއް ޖަހަން ނަގަނީ 11 ގަޑި 23 މިނިޓެވެ. މިއީ 32 މިނިޓްގެ ބަދަލެކެވެ.

ސައިންސްވެރިން ބުނާ ގޮތުގައި ޑާޓް ވެއްޓިގަތުމުން ޑިމޯފޮސް ވަނީ ޑިޑީމޮސްއާ ތަންކޮޅެއް ކައިރިއަށް ޖެހިލައިފަ އެވެ.

ޑާޓްގެ ދަތުރުގެ ކާމިޔާބު ކަނޑައަޅަން ނާސާއިން ބަލާފައި އޮތް މިންގަނޑަކީ އެ އުޅަނދު ޑިމޯފޮސްއަށް ވެއްޓިގަނެ، އެންމެ ކުޑަވެގެން 73 ސިކުންތުގެ ބަދަލެއް، އޭގެ ބުރު ޖެހުމަށް އައުމެވެ. ނަމަވެސް ދިރާސާތަކުން ދައްކަނީ އެއަށް ވުރެ 25 ގުނަ ބޮޑު ބަދަލެއް ގެނައިކަމެވެ.

މިއީ އަދި ފެށުމެއް

ޑާޓް މިޝަންގެ ބައެއް ސައިންސްވެރިން ވާހަކަ ދައްކަވަނީ ތަންކޮޅެއް ބޮޑަށް ވިސްނަވައިގެންނެވެ. ސަބަބަކީ ގިނިހިލަ ފަދަ ޖައްވީ ބައިތަކުގެ ތަފާތު ބޮޑުވުމެވެ. އެއް ގިނިހިލަ އާއި އަނެއް ގިނިހިލާގައި ވަރަށް ބޮޑެތި ތަފާތުތަކެއް ހުރެ އެވެ. އުފެދައި ހުންނަނީ ވެސް އެހާމެ ތަފާތު ސިފަތަކެއްގަ އެވެ. އެހެންކަމުން މި ޓެސްޓުގެ ނަތީޖާ، ޖައްވީ އެހެން އެތިގަނޑެއްގައި ޖެހިގަނެގެން ނުނެރެވިދާނެކަމުގެ ބިރު އޮވެ އެވެ.

"އަހަރެމެން އެހާ ބޮޑަށް އަދި ނިންމާކަށް ނުވާނެ އެންމެ ގިނިހިލައެއްގައި ކުރި ޓެސްޓަކީ އެހެން ހުރިހާ ގިނިހިލަތަކެއްގައި ވެސް ނުކުންނާނެ ނަތީޖާއޭ،" ޑާޓް ޕްރޮގްރާމްގެ ސައިންސްވެރިއެއް ކަމަށްވާ ޑރ. ޓޮމް ސްޓެޓްލާ ވިދާޅުވި އެވެ.

ޑިމޯފޮސްއަށް ނާސާގެ އުޅަނދު ޖެހިގަތުމުގެ ދެ ސިކުންތު ކުރިން (12 ކިލޯމީޓަރު ދުރުން) އޭގެ ކެމެރާއިން ނަގާފައިވާ ޑިމޯފޮސްގެ ބިންގަނޑުގެ ފޮޓޯއެއް (ފޮޓޯ/ނާސާ)

އޭނާ ވިދާޅުވި ގޮތުގައި އެކި ހާލަތްތަކުގައި ނުކުމެދާނެ ނަތީޖާ ދެނެގަތުމުގެ މައިގަނޑު ޕޮއިންޓަކަށް މި ޓެސްޓްގެ ނަތީޖާ ބޭނުންކުރެވިދާނެ އެވެ.

އެހެންކަމުން ޑާޓްގެ މިޝަންއަކީ އަދި ފެށުމެކެވެ. ނުވަތަ ދުނިޔޭގެ ހިމާޔަތަށް ކުރަން ޖެހޭ މުހިންމު މަސައްކަތަކަށް ލިބުނު އަގުހުރި ނަތީޖާއެކެވެ.

ސައިންސްވެރިން ލަފާކުރާ ގޮތުގައި މީގެ އެތައް ސަތޭކަ މިލިއަން އަހަރެއް ކުރިން ޑައިނަސޯ ފަދަ ދިރުންތައް ދުނިޔެއިން ނެތި ދިޔައީ ޖައްވީ ބޮޑު ހިލަގަނޑެއް ވެއްޓި ގޮވި ބިޔަ ގޮވުމުގެ ސަބަބުންނެވެ. އެފަދަ އެތިގަނޑުތައް ވެއްޓިފައި ހުރިކަން ސާބިތުވާ ބޮޑެތި ވަޅުގަނޑުތައް ދުނިޔޭގެ އެކި ހިސާބުތަކުން މިހާރު ވެސް ފެނެ އެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް