27 ސެޕްޓެމްބަރު 2022 - ގިނިހިލަ ޑިމޯފޮސްއަށް ނާސާގެ އުޅަނދު ޑާޓް ޖެހިގަތުމުގެ ދެ ސިކުންތު ކުރިން (12 ކިލޯމީޓަރު ދުރުން) އޭގެ ކެމެރާއިން ނަގާފައިވާ ޑިމޯފޮސްގެ ބިންގަނޑުގެ ފޮޓޯއެއް (ފޮޓޯ/ނާސާ)

ގިނިހިލައިގެ މިސްރާބު ބަދަލުކޮށްލަން، ނާސާގެ އުޅަނދު ޖެހިގެންފި

މިއީ ދުނިޔެއަށް ވެއްޓިދާނެ ގިނިހިލައަކުން ކުރިމަގުގައި ރައްކާތެރިވާނެ ގޮތްތައް ހޯދުމުގެ ދަތުރެއް
27 ސެޕްޓެމްބަރު 2022

މުހިންމު ނުކުތާތައް

ޑިމޯފޮސްގެ މިސްރާބަށް ބަދަލެއް އައިކަން އެނގެން އަދި ހަފުތާތަކެއް ނަގާނެ

ޑިމޯފޮސް އާއި އޭގެ ބޮޑު ގިނިހިލަ ޑިޑީމޮސް ދައުރުވަމުން ދަނީ ދުނިޔެއަށް ނުރައްކަލެއް ނެތް ހިސާބެއްގައި

ސައިންސްވެރިން ބުނަނީ މިއީ ދުނިޔޭގެ ހިމާޔަތަށް އެޅުނު ފިޔަވަޅެއް ކަމަށް

އަހަރެމެންނަށް ބައެއް ފިލްމުތަކުން ފެނެ އެވެ: ދުނިޔެއާ ދިމާއަށް އަންނަ ގިނިހިލައެއް ނުވަތަ ދުންތަރިއަކުން ސަލާމަތްވާން އެސްޓްރޮނޯޓުން ނުވަތަ ނިއުކްލިއަ ސައިންސްވެރިން ގޮސް، އޭތި ގޮއްވާލާ ތަނެވެ. ނުވަތަ އޭގެ މިސްރާބު އެހެން ދިމާލަކަށް އަނބުރާލާތަނެވެ.

ހަގީގަތުގައި އެކަހަލަ ގިނިހިލައެއް ނުވަތަ ދުންތަރިއެއް ނަމަވެސް ދުނިޔެއަށް ވެއްޓުމުގެ ފުރުސަތު، ކިތައްމެ ހަނި ނަމަވެސް، އޮވެ އެވެ. އެކި ޒަމާންތަކުގައި އެފަދަ ބިޔަ ހިލަތައް ދުނިޔެއަށް ވެއްޓި، ބޮޑެތި ގެއްލުންތައް ލިބިފައިވެ އެވެ. ޑައިނަސޯތަކުގެ ދިރުން ނެތިދިޔައީ ވެސް، އޭގެ ގިނިހިލައެއް ވެއްޓިގެން ކަމަށް، ސައިންސްވެރިން ލަފާކުރެ އެވެ.

ރޭ ފަތިހު އެމެރިކާގެ ނާސާގެ އުޅަނދު، ޑާޓް ވަނީ ގިނަހިލަ ފަދަ ޖައްވީ ހަމަލާއަކުން ދުނިޔެ ސަލާމަތްކުރުމުގެ އަމަލީ މަސައްކަތުގެ ބައެއް ފުރިހަމަކޮށްފަ އެވެ. ދުނިޔެއާ 11 މިލިއަން ކިލޯމީޓަރު ދުރުން ދަތުރުކުރަމުން ދިޔަ ދެ ގިނިހިލައިގެ ތެރެއިން ކުޑަ އެތި، ޑިމޯފޮސްގައި ޑާޓް ޖެހިގަނެ، އަމިއްލަށް ފުނޑިގެންނެވެ.

27 ސެޕްޓެމްބަރު 2022 - ދުނިޔެއާ 11 މިލިއަން ކިލޯމީޓަރު ދުރުން ދަތުރުކުރަމުން ދާ ގިނިހިލައެއް ކަމަށްވާ ޑިމޯފޮސްއަށް ނާސާގެ ޑާޓް އުޅަނދު ވެއްޓިގަތުމުގެ 11 ސިކުންތު ކުރިން ނަގާފައިވާ ފޮޓޯއެއް (ފޮޓޯ/ނާސާ)

އެ މަންޒަރު ދުނިޔޭގެ އެތައް ޓެލެސްކޯޕެއްގެ އިތުރުން މިހާރު ޖައްވަށް ދޫކޮށްލާފައިވާ އޭގެ ދެވަނައެއް ނެތް ބިޔަ ޖޭމްސް ވެބް ޓެލެސްކޯޕްގެ ނަޒަރު ވެސް ހުއްޓާލި އެވެ.

ފުޅާމިނުގައި 160 މީޓަރު ހުރި ޑިމޯފޮސްގެ މައްޗަށް ޑާޓް ޖެހިގަތީ އޭގެ ސީދާ މެދަށް ވުރެ 17 މީޓަރު ދުރަށެވެ. ނަމަވެސް އެ ޖެހިގަތުމުގެ ބާރުގައި ޑިމޯފޮސްގެ މިސްރާބަށް ނުވަތަ އެ ދަތުރުކުރާ ބާރުމިނަށް ބަދަލު އަންނާނެކަމާ މެދު ސައިންސްވެރިން ޝައްކެއް ނުކުރެ އެވެ. އެކަން ޔަގީންވާނީ އަދި ދެ ހަފުތާއެއްހާ ދުވަސް ފަހުންނެވެ.

ކޮން ކަހަލަ ހައިރާންކުރުވަނިވި މަސައްކަތެއް. މި ގާބިލްކަން ކުރިއަކުން ލިބިފައެއް ނުވޭ.

ޑރ. ލޮރީ ގްލޭޒް، ނާސާގެ ސައިންސްވެރިއެއް

ޑިމޯފޮސްއަކީ އެއަށް ވުރެ ބޮޑު ގިނިހިލައެއް ކަަމށްވާ ޑިޑީމޮސްގެ ދަމާބާރުގައި އެނބުރެމުން ދާ ގިނިހިލައެކެވެ. ޑިޑީމޮސްގެ ފުޅާމިނުގައި 780 މީޓަރު ހުރެ އެވެ.

ޑިޑީމޮސް ވަށައި ޑިމޯފޮސްއަށް ބުރެއް ޖެހެނީ 11 ގަޑިއިރާއި 55 މިނިޓް ތެރޭގަ އެވެ. އަމިއްލައަށް ހަލާކުވެގެން ޑާޓް ދިން ހަމަލާއާ ގުޅިގެން ސައިންސްވެރިން ލަފާކުރަނީ އެ ވަގުތުން މަދު މިނިޓްކޮޅެއް ކެނޑިގެން ދާނެ ކަމަށެވެ. 

ކުރިއަށް އޮތް ހަތަރު އަހަރުގެ ތެރޭގައި ޔޫރަޕިއަން ސްޕޭސް އެޖެންސީ (އީއެސްއޭ) އިން، އިތުރު ދިރާސާތަކަށް އެއްފަހަރާ ތިން އުޅަނދެއް އެ ދެ ގިނިހިލަ ކައިރިއަށް ފޮނުވާނެ އެވެ.

ނާސާގެ ޑާޓް އުޅަނދާއި ދެ ގިނިހިލަ ފެންނަ ގޮތުގެ ކުރެހުމެއް

"މިއީ އިންސާނީ ހަޔާތުގެ މުޅިން އާ ޒަމާނެއްގެ ފެށުން، މިއީ ދުނިޔެއަށް ބޮޑު ކާރިސާއެއް ކުރިމަތިވެދާނެ ފަދަ ގިނިހިލައިގެ ހަމަލާއަކުން ސަލާމަތްވުމުގެ ގާބިލްކަން އިންސާނުންނަށް ލިބިފައިވާ ޒަމާން،" ނާސާގެ ސައިންސްވެރިއެއް ކަމަށްވާ ޑރ. ލޮރީ ގްލޭޒް ވިދާޅުވި އެވެ.

"ކޮން ކަހަލަ ހައިރާންކުރުވަނިވި މަސައްކަތެއް. މި ގާބިލްކަން ކުރިއަކުން ލިބިފައެއް ނުވޭ."

އެހެން ސައިންސްވެރިއެއް ކަމަށްވާ ޑރ. އެލީނާ އެޑަމްސް ސިފަކުރެއްވި ގޮތުގައި މި ލިބުނު ދިފާއީ ނިޒާމުގެ ސަބަބުން "ދުނިޔެވީ ހުރިހާ އެއްޗަކަށް ރަނގަޅަށް ނިދާލެވިދާނެ" އެވެ.

ޑާޓް (ޑަބަލް އެސްޓްރޮއިޑް ރިޑައިރެކްޝަން ޓެސްޓް) ފުނޑުވުމުގެ ކުރިން އޭގެ ކެމެރާތަކުން ފޮނުވި ފޮޓޯތަކުން ފެންނަ ގޮތުގައި ހުރިހާ ކަމެއް ވެސް ދިޔައީ ޕްލޭންކުރި ގޮތަށެވެ. އޭގެ ފަހުގެ ފޮޓޯތަކުން ޑިމޯފޮސް އާއި ޑިޑީމޮސްގެ ސިފަތައް ރަނގަޅަށް ދެނެގަނެވެ އެވެ.

މި ދެ ގިނިހިލަ ދައުރުވަމުން އަންނަނީ ދުނިޔެއަށް އެއްވެސް ކަހަލަ ނުރައްކަލެއް އޮތް މިސްރާބެއްގައެއް ނޫނެވެ. އަދި ޑާޓްގެ ސަބަބުން ޑިމޯފޮސްއަށް އަންނަ ބަދަލުގެ ސަބަބުން ވެސް އެފަދަ ނުރައްކަލެއް ދިމާނުވާނެ ކަމަށް ސައިންސްވެރިން ބުނެ އެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް