އަލިމަސް ޖުބުލީ ފުޓްބޯޅަ މުބާރާތުގެ ތަށި ޕާކިސްތާނުން އުފުލާލަނީ (ފޮޓޯ/އެފްއޭއެމް)

ޕާކިސްތާންގެ ކާމިޔާބީއާ ރާއްޖެ ގުޅިފައި، 35 އަހަރު ފަހުން ތައްޓެއް ހޯދައިފި

އެންމެ ފަހުން ޕާކިސްތާނަށް ފުޓްބޯޅައިން ލިބުނު ބޮޑު ކާމިޔާބީއަކީ 1991ގެ ސާފް ގޭމްސްގެ ފައިނަލްގައި ރާއްޖޭގެ މައްޗަށް ހޯދި 2-0ގެ މޮޅު
1 ގަޑިއިރު ކުރިން

ރާއްޖޭގެ ފުޓްބޯޅައިގެ އަލިމަސް ޖުބުލީ މުބާރާތުގައި ރާއްޖެ ދިޔައީ އެންމެ ފުލަށެވެ. ނަމަވެސް މުބާރާތުގެ ޗެމްޕިއަންކަން ހޯދި ޕާކިސްތާނުގެ ކާމިޔާބީގައި ރާއްޖެއާ އޮތް ގުޅުން ތާރީހީ ގޮތުން ފާހަގަކުރެވެ އެވެ.

ބައިނަލްއަގުވާމީ ފުޓްބޯޅާގައި ޕާކިސްތާނަށް އެންމެ ފަހުން ލިބުނު ބޮޑު ކާމިޔާބީ އައީ 1991ގެ ކޮލަމްބޯ ސާފް ގޭމްސްގަ އެވެ. ފުޓްބޯޅައިގެ ފައިނަލްގައި ރާއްޖެ 2-0 އިން ބަލިކޮށް ރަން މެޑެލް ހޯދި އެވެ.

އެއީ އެހާ ތަނަށް ރާއްޖޭގެ އެންމެ ބޮޑު ކާމިޔާބީ އެވެ. މި ސަރަހައްދުގެ ފުލުގައި އޮތް ގައުމުގެ ޓެގުން ރާއްޖެ ދުރުވެ، ވާދަކުރެވޭ ގައުމުތަކުގެ ލިސްޓަށް ރާއްޖެ އެރީ، މުޅި ގައުމުގެ ލޭ ކައްކުވާލި އެ ފައިނަލް މެޗެވެ. (އެ މެޗުގެ ހަނދާންތައް އާކޮށްލަން މި ލިންކަށް ވަދެލާށެވެ.)

ޕާކިސްތާނުގެ ކުޅުންތެރިން ރޭ ދިދަ ހިފައިގެން: މިއީ 35 އަހަރު ފަހުން ލިބުނު ފުރަތަމަ ތަށި (ފޮޓޯ/އެފްއޭއެމް)

އޭގެ ފަހުން ޕާކިސްތާނުގެ ފުޓްބޯޅަ ދިޔައީ ދަށަށެވެ. އެ ދުވަސްވަރު ފުޓްބޯޅައަށް ހާއްސަ ސާފް ޗެމްޕިއަންޝިޕް ފެށި އެވެ. އެކަމަކު އެ މުބާރާތުގެ ފައިނަލާ ހަމައަށް ވެސް ޕާކިސްތާނަށް އަދި ނުދެވެ އެވެ.

ޕާކިސްތާނުގެ ފުޓްބޯޅަ ތާރީހު ރާއްޖޭގެ ފަސްގަނޑުގައި ރޭ އެ ވަނީ ބަދަލުކޮށްލައިފަ އެވެ.

އަލިމަސް ޖުބުލީ މުބާރާތުގެ ފައިނަލްގައި އަފްގާނިސްތާނާ ވާދަކޮށް 2-0 އިން މޮޅުވެ ޗެމްޕިއަންކަން ހޯދީ އެވެ. މިއީ ފުޓްބޯޅައިގައި ވަރަށް ވާދަވެރި، ދެ 'ހަތުރުން'ނެވެ. އެހެންކަމުން އަފްގާނިސްތާން ބަލިކޮށް ތަށި ނެގުމަކީ ޕާކިސްތާނަށް އޮތް ވަރަށް ބޮޑު ހިތްހަމަޖެހުމެކެވެ.

އެންމެ ފަހުން ހޯދި ކާމިޔާބީގައި ޕާކިސްތާނުން ބަލިކުރީ ރާއްޖެ އެވެ. އޭގެ 35 އަހަރު ފަހުން އަލުން ތައްޓެއް ހާސިލްކުރީ، ދިވެހި ފަސްގަނޑުގަ އެވެ. އެހެންކަމުން ޕާކިސްތާނުގެ ކާމިޔާބީއާ ރާއްޖެ މި އޮތީ ގުޅިލާމެހިފަ އެވެ.

މިހާރު ޕާކިސްތާނުގެ ގައުމީ ޓީމު ބޮޑަށް ބިނާވަނީ ގައުމުން ބޭރުގައި ކުޅޭ ކުޅުންތެރިންނަށެވެ. ކުޅުންގަނޑު ވެސް މިހާރު ވަރަށް ތަފާތެވެ.

މުބާރާތުގެ ތަށި ޕާކިސްތާނުން ނެގީ ކުޅުނު އެއްވެސް މެޗަކުން ބަލިނުވެ އެވެ. އެންމެ ތަފާތު ބޮޑުކޮށް މޮޅުވީ 3-0ގެ ނަތީޖާއިން ރާއްޖެ އަތުންނެވެ. މިއީ 1991ގެ ސާފް ގޭމްސްގައި 2-0 އިން ރާއްޖެ ބަލިވި ފަހުން ޕާކިސްތާނު އަތުން އެހާ ތަފަތު ބޮޑުކޮށް ބަލިވި ފުރަތަމަ ފަހަރު ވެސް މެ އެވެ.

ކޮމެންޓް

profile-image-placeholder

އިތުރު އާޓިކަލް

އިތުރު އާޓިކަލް