ރޭގެ މެޗުގައި އަފްގާނިސްތާންގެ އަމީން ނަބީޒާދާ (ކ) އަތުން ބޯޅަ ހޯދަން ރާއްޖޭގެ އިބްރާހިމް އައިސަމް މަސައްކަތް ކުރަނީ(ފޮޓޯ/އެފްއޭއެމް)

ރާއްޖެ އާއި އަފްގާނިސްތާން ދައްކައިދޭ ފުޓްބޯޅައިގެ ތަސްވީރު

ދިވެހި ފުޓްބޯޅައިގެ އަލިމަސް ޔޫބީލް ފާހަގަކުރަން މިހާރު ކުރިއަށް ދާ ބައިނަލްއަގުވާމީ މުބާރާތުގައި ރޭ އަފްގާނިސްތާން ވަނީ 1-0 އިން ރާއްޖެ ބަލިކޮށްފައި. އެކަމަކު މީގެ 20 އަހަރު ކުރިން ރާއްޖެ އަތުން އަފްގާން ބަލިވީ 9-1 އިން

މީގެ 20 އަހަރު ކުރިން، 7 ޑިސެމްބަރު 2005ގައި، އަޅުގަނޑު އިނީ ޕާކިސްތާނުގެ ކަރާޗީގެ ޕީޕަލްސް ފުޓްބޯލް ސްޓޭޑިއަމްގަ އެވެ. އެ ދަނޑަށް ކުޅެން ނުކުތީ ރާއްޖެ އާއި އަފްގާނިސްތާނެވެ. އެއީ އަފްގާނިސްތާން ސާފް ޗެމްޕިއަންޝިޕްގައި ވާދަކުރި ދެވަނަ ފަހަރެވެ. ރާއްޖެއަކީ ސާފްގެ ގަދަ ބާރެކެވެ.

އެތެރޭގެ ހަނގުރާމައާ ހެދި އަފްގާނިސްތާނުގައި ކުޅިވަރު އޮތީ ގާތްގަނޑަކަށް މަރުވެފަ އެވެ. އެކަމަކު އަލުން ބައިނަލްއަގުވާމީ ދަނޑަށް ނުކުމެ ސާފްގެ މެމްބަރަކަށް ހަދައި، ސައުތު އޭޝިއާގެ އެންމެ ބޮޑު ފުޓްބޯޅަ މުބާރާތުން ޖާގަ ދިނުމަކީ އަފްގާންގެ ފުޓްބޯޅައަށް ލިބުނު ދިރުމެވެ.

އެ މެޗުގެ ނަތީޖާއަކީ ރާއްޖެ އަތުން 9-1 އިން ބަލިވުމެވެ. ލަދުވެތި ބައްޔެކެވެ.

އެކަމަކު ރޭ ރާއްޖޭގެ އަމިއްލަ ފަސްގަނޑުގައި އަފްގާނިސްތާން އެ ފޭބީ 1-0 އިން ރާއްޖެ ބަލިކޮށްފަ އެވެ. 

ދެ ގައުމުގެ ފުޓްބޯޅައިގެ މި ތަސްވީރު އިތުރަށް ފުރިހަމަކޮށްލަމާ ހިނގާށެވެ.

މެޗުގެ ކުރިން ދެ ޓީމުގެ ކުޅުންތެރިންނާ ސަލާންކުރައްވަމުން ގެންދެވި އެފްއޭއެމްގެ މިހާރުގެ ރައީސް އަހުމަދު ތޯރިގު (ޓޮމް)އަކީ އެ ދުވަހު އަފްގާނިސްތާން ކޮޅަށް ތިން ލަނޑު ޖަހައި ހެޓްރިކް ހެދި ރާއްޖޭގެ ފޯވަޑެވެ.

ރޭ ބައިނަލްއަގުވާމީ 100 ވަނަ މެޗު ހަމަކޮށް، ފީފާގެ ސެންޗަރީ ކްލަބުން ޖާގަ ހޯދި، މިހާތަނަށް ރާއްޖެ ދުށް އެންމެ މޮޅު ފުޓްބޯޅަ ކުޅުންތެރިޔާ، އަލީ އަޝްފާގު (ދަގަނޑޭ) އެ މެޗުގައި ދެ ލަނޑު ޖެއްސެވެ.

އަލިމަސް ޖުބްލީ ފުޓްބޯޅަ މުބާރާތުގެ ފުރަތަމަ މެޗު ފެށުމުގެ ކުރިން އެފްއޭއެމްގެ ރައީސް އަހުމަދު ތޯރިގު (ޓޮމް)، ކަނާތް ފަރާތުގައި، އާއި ކުރީގެ ގައުމީ ކޯޗު އަލީ ސުޒެއިން: 2005ގައި ތޯރިގު އަފްގާން ކޮޅަށް ތިން ލަނޑު ޖެހިއިރު ސުޒެއިން ހުރީ އެސިސްޓެންޓް ކޯޗަކަށް (ފޮޓޯ/އެފްއޭއެމް)

ދިވެހި ފުޓްބޯޅައިގެ އުދަރެސް އަލިކޮށްދީ، ދިވެހިންގެ އުފާވެރިކަން ބޮޑުކޮށްދިން އަޝްފާގު 100 ވަނަ މެޗު ހަމަކުރީ ފަހު 10 މިނިޓްގައި ލިބުނު ފުރުސަތުގަ އެވެ. އެކަމަކު މިއަދު 40 އަހަރުގެ ފޯވަޑަކީ، ކުރީގެ ހަލުއި، ވަރުގަދަ ހުނަރުވެރިޔާއެއް ނޫނެވެ. އެއަށް ވުރެ ކުޅުން ލަސްވެފައި އުމުރާ އެކު ބަރުހެލިކަން ވަނީ ބޮޑުވެފަ އެވެ.

އަފްގާނިސްތާންގެ ވަރުގަދަ ދިފާއީ ކުޅުންތެރިން ކައިރީގައި ކުރީގެ ޖާދޫ ދައްކާލެވޭ ވަރެއް ނުވި އެވެ.

ރާއްޖެ އަތުން 9-1އިން ބަލިވި މެޗަށް ފަހު، ސާފް ޗެމްޕިއަންޝިޕްގައި އަފްގާނިސްތާން އައީ ފަހަރަކަށް ވުރެ ފަހަރެއް ރަނގަޅުކޮށް، ޓީމު ވަރުގަދަކުރަމުންނެވެ. ފުރަތަމަ ދެ މުބާރާތަށް ދިޔައީ އަފްގާނިސްތާންގެ ތެރެއިން ހޮވާލި ކުޅުންތެރިންތަކަކާ އެކުގަ އެވެ. ފަހުން އަފްގާނިސްތާން ޓީމު ބިނާވަނީ ގައުމުން ބޭރުގައި ކުޅެމުން އަންނަ ކުޅުންތެރިންގެ މައްޗަށެވެ.

މިއަދު ހުރިހާ ކުޅުންތެރިން ކަހަލަ ގޮތަކަށް ދިރިއުޅެނީ އަދި ކުޅެނީ ވެސް ގައުމުން ބޭރުގަ އެވެ.

ސާފް ޗެމްޕިއަންޝިޕްގައި ރާއްޖެެ އާއި އަފްގާނިސްތާން

2005، ކަރާޗީ، ޕާކިސްތާން

  • ރާއްޖެ 9 - އަފްގާނިސްތާން 1

2009، ޑާކާ، ބަންގްލަދޭޝް

  • ރާއްޖެ 3 - އަފްގާނިސްތާން 1

2013، ކަތަމަންޑޫ، ނޭޕާލް

  • ރާއްޖެ 0 - އަފްގާނިސްތާން 0

  • އަފްގާނިސްތާން ޗެމްޕިއަން: ފައިނަލްގައި އަފްގާން ވަނީ އިންޑިއާ 2-0 އިން ބަލިކޮށްފައި. މިއީ އެ ގައުމުގެ ބައިނަލްއަގުވާމީ ފުރަތަމަ ތަށި

2015، ޓްރިވަންޑްރަމް

  • ރާއްޖެ 1 - އަފްގާނިސްތާން 4

  • އަފްގާނިސްތާނާ ދެކޮޅަށް ކުޅެ ރާއްޖޭގެ ފުރަތަމަ ބަލި

  • މިއީ ސާފްގެ މެމްބަރެއްގެ ގޮތުން އަފްގާނިސްތާން ވާދަކުރި ފަހު މުބާރާތް. ފައިނަލްގައި އިންޑިއާ އަތުން 2-1 އިން ބަލިވެ، ތަށި ދިފާއު ނުކުރެވުނު

މިއަދު އަފްގާނިސްތާނަކީ ސެންޓްރަލް އޭޝިއަން ފުޓްބޯލް ފެޑެރޭޝަންގެ މެމްބަރެކެވެ. އެހެންކަމުން ސާފް ޗެމްޕިއަންޝިޕްގައި އަފްގާން މިހާރު ވާދައެއްނުކުރާނެ އެވެ. އެކަމަކު ރާއްޖޭގެ ހާއްސަ ދައުވަތަކަށް އައިސް އެ ކުޅެނީ އެ ގައުމުގެ ސީނިއަ ފުޓްބޯޅަ ޓީމެވެ.

ރޭގެ މެޗުގެ 80 ވަނަ މިނިޓްގައި ރޯމަން ފާޒީ ޖެހި ހަމައެކަނި ލަނޑުން މޮޅުވި އިރު އެއީ ރާއްޖެއަށް ވުރެ ވަރުގަދަ ޓީމެއްކަން އެނގެ އެވެ. އެކަމަކު ދެވަނަ ހާފުގައި ދިވެހި ޓީމުން މެޗު ކޮންޓްރޯލްކޮށް، ވަރަށް ގިނަ ހަމަލާތައް ދިން ވެސް މެ އެވެ.

ރޭ އަފްގާނިސްތާނާ ދެކޮޅަށް ވާދަކުރަން ރާއްޖޭގެ ޓީމު ނުކުންނަ އިރު ކެޕްޓަން ހަމްޒާ މުހައްމަދު ލީޑްކުރަނީ: މިއީ ގައުމީ ޓީމުގެ ކެޕްޓަންކަމުގައި ހަމްޒާ ކުޅުނު ފުރަތަމަ މެޗު (ފޮޓޯ/އެފްއޭއެމް)

މެޗުގެ 58 ވަނަ މިނިޓްގައި ކުޅެން ނުކުތް ފާޒީގެ ލަނޑު އައީ، ދިވެހި ދިފާއީ ކުޅުންތެރިންނަށް މުޅި މެޗުގައި ވެސް ރަނގަޅަށް މާކްނުކުރެވުނު ހަމައެކަނި ސިކުންތުކޮޅުގައި، ގޯލުގެ ހަމަ ކުރިމަތީ ހުހަށް ހުރެ ފޮނުވާލި ބޯޅައިންނެވެ.

އަފްގާނިސްތާނާއި ރާއްޖޭގެ ވާދަކުރުންތަކުން ފެންނަ ފުޓްބޯޅައިގެ ތަފާތު މައިގަނޑު ގޮތެއްގައި ބިނާވަނީ ބޭރުގައި އުޅޭ ކުޅުންތެރިންނަށެވެ. 

އެކަމަކު ދިވެހިން ނާއުއްމީދު ވާ ހިސާބަކަށް ނުދެ އެވެ. ދިވެހި ކުޅުންތެރިން އަމިއްލަ ގައުމުގައި ކުޅެ ހޯދާ ތަޖުރިބާތަކާ އެކު މި ސަރަހައްދުގައި ވާދަކުރެވެނީ ދިވެހިންގެ ހުނަރު ތަފާތުކަމުންނެވެ.

ރެއަކީ ދިވެހި ސަޕޯޓަރުންގެ ގަދަ އަޑު އިވެންވީ ރެއެއް ވެސް މެ އެވެ. އެ ފޯރިދިނުން އޮތް ނަމަ މެޗުގެ ނަތީޖާ ތަފާތުވުން އެކަށީގެންވެ އެވެ. ޔަގީންކަމާ އެކު ބުނެވޭނީ ދަނޑުން ނުކުމެގެން ދާނީ ރަނގަޅު ފުޓްބޯޅަ މެޗެއް ބަލައިލެވުނުކަމުގެ ހިތްހަމަޖެހުމާ އެކުގައި ކަމަށެވެ.

މުބާރާތުގައި ރާއްޖޭގެ ކުރިއަށް ހުރި މެޗުތައް

  • 4 ޖޫން: ރާއްޖެ - ޕާކިސްތާން، ހަވީރު 4:00

  • 7 ޖޫން: ރާއްޖެ - ބަންގްލަދޭޝް، ރޭގަނޑު 9:00

  • 10 ޖޫން: ފައިނަލް، ރޭގަނޑު 9:00

މުބާރާތުގެ ފައިނަލަށް ދާނީ އެންމެ ގިނަ ޕޮއިންޓް ހޯދާ ދެ ޓީމެވެ. 

ކޮމެންޓް (3)

ޖުހާަ

2 ޖޫން 2026
ދަގަނޑޭ ފައިގަ ޖެހުނީ ހަމަ އެންމެ ދެ ބޯޅަ އޭނަ ހުރި ވަގުތުކޮޅު. އެންމެ ރަނގަޅު ބޯޅައެއްވެސް ދަގޭ އަކަށް ނުލިބޭ ކުޅެލާކަށް އެހުރި ވަގުތުކޮޅު. ދެން ކިހިނެއް ޖާދުލެއް ދެއްކޭނީ. ނިކަން މޫސަ ބުނެބަލަ. މިހާރުވެސް އޭނަގެ ޖާދޫ ފެންނާނެ ރަނގަޅު ބޯޅަ އޭނައަށް ދެންޏާ. ދެން ދަގޭ މުޅި ދަނޑުގަ ދުވެގެން ބޯޅަ ހޯދައިގެން ނުވެސްޖެހޭ ދޯ އެހެން ކުޅެން މިހާރަކު. އަދިވެސް ތިބުނާހާ ބަރުހެލިއެއް ނުވޭ އޭރިއާ ތެރެއިން ޖާދޫ ދައްކަން.
2 1

މިއަދު

2 ޖޫން 2026
މީގެ 25 އަހަރު ކުރިން ގޯލްޑަން ޖުބްލީ މުބާރާތް ކުޅުނުއިރު މުޅިރާއްޖޭގަވަނީ މުބާރާތުގެ "ވައި ހިއްޕާ"ލާފައެވެ. މިއަދު ޑައިމަންޑު ޖުބްލީ މުބާރާތް ކުޅޭއިރު މުބާރާތެއް ކުޅޭކަންވެސް ރާއްޖޭގެ ވަރަށް ގިނަ މީހުންނަކަށް "ރޭކާވެސް ނުލައެވެ". މަދު މީހަކަށް ނޫނީ މުބާރާތެއް އޮތްކަންވެސް ރާއްޖެ ކުޅޭކަންވެސް ނޭންގެއެވެ.
5 0

އިބިރަހިމާ

2 ޖޫން 2026
އަހަރެން ބެލީ ފަހު ހާފުގެ އެންމެ ފަހު ތިރީސް މިނެޓް. ދިވެހި ޓީމުގެ ކުޅުމުގެ ވައްޓަފާޅިއަށް އަހަރެން ހަމަ ސަތޭކަ ދެން. އަހަރެން ބަލަން ހުއްޓާ ޑިފެންސުން މަތިން ފޮނުވާލީ އެންމެ ދެބޯޅަ. މުޅިންވެސް ހަމަ ޕާސް ޖެހީ. އެކަން އަހަރެން ބަލައިގަންނަނީ ވަރަށް ޕޮސިޓިވްކޮށް. ދެންމެ ދެންމެ ލަނޑުޖަހާފާނެހެން ހީވާ ހަތަރު ފުރުސަތު ލިބުނު. އޭގެން ދެ ފުރުސަތުގައި ރަނގަޅު ޝޮޓްވެސް ނެގި. މެދުތެރެއިން ބޯޅާ އާއެކު ދުވެލަން ޖެހިލުން ވެގެން އުޅޭތަނެއް ނުފެނޭ. ދެން އޮތް މެޗުގަ އިރާދުކުރެއްވިއްޔާ ރަނަގަޅު ނަތީޖާއެއް ނެރެވޭނެ. މިހުރީ ހަމަ ޓީމްގެ ފަހަތުގަ.
5 1

އިތުރު އާޓިކަލް

އިތުރު އާޓިކަލް