މާލޭގައި މިހާރު ކުރިއަށްދާ ސާފް 20 އަހަރުން ދަށުގެ ފުޓްބޯޅަ މުބާރާތުގައި ވާދަކުރާ ރާއްޖޭގެ ޓީމު: މިރޭ ރާއްޖެ ނުކުންނާނީ ބޫޓާނާ ދެކޮޅަށް (ފޮޓޯ/ސާފް)

އިލާން އެގޮވަނީ، 'އޭ ސަޕޯޓަރުންނޭ، މަޑުން ނުތިބެ ސަޕޯޓްކޮށްދީ!'

ފުރަތަމަ މެޗުގައި ރާއްޖޭގެ ކެޕްޓަން އިލާން ލަނޑު ޖަހާފައި ގޮނޑި ބަރީގެ ސަޕޯޓަރުންނާ ދިމާއަށް އަތުން އިޝާރަތްކޮށްފައި، ސަޕޯޓްކުރަން އެތައް ފަހަރަކު ގޮވި
25 މާރިޗު 2026
1

އިއްޔެ ރޭ ގަލޮޅު ދަނޑުގައި ރާއްޖޭގެ 20 އަަހަރުން ދަށުގެ ޓީމުގެ ކެޕްޓަން މުހައްމަދު އިލާން އިމްރާން ދިވެހި ސަޕޯޓަރުން ކައްކުވާލަން އިޝާރާތްތަކެއް ކުރި އެވެ. އޭނާގެ ދެ ލަނޑާއި އޭގެ ފަހުން ޓީމަށް ހިތްވަރު ބޭނުންވި ދަނޑިވަޅުތަކުގައި، ގޮނޑި ބަރީގައި ތިބި ސަޕޯޓަރުންނާ ދިމާއަށް ދެ އަތް ހޫރަމުން އެ ބުނީ މިހެންނެވެ:

"އޭ ސަޕޯޓަރުންނޭ، މަޑުން ނުތިބެ ސަޕޯޓްކޮށްދީ!"

މެޗު ބަލަން ވަން މީހުންތަކުން ގޮނޑި ބަރި އޮތީ ފުރިފަ އެވެ. އޭގެ އިތުރުން މަޖީދީ މަގަށް ވާ ސިޑިބަރީގައި ވެސް އެތައް ސަތޭކަ ދިވެހި ސަޕޯޓަރުން ތިއްބެވެ. އެކަމަކު ޒުވާން ގައުމީ ޓީމަށް ހިތްވަރު ބޭނުންވާ ގިނަ ދަނޑިވަޅުތަކުގައި ފެނުނީ މާ ބޮޑު އަޑެއް އިއްވާނުލައި ތިބި ތަނެވެ.

އިލާންއަކީ އުމުރުން އެންމެ 16 އަހަރުގެ ކުޅުންތެރިއެކެވެ. އޭނާގެ ދިގު އިސްކޮޅާއި ވަރުގަދަ ކުޅުން އެންމެ ބޭނުންވި ފެންވަރުގައި އެރޭ ނުދެއްކުނު ނަމަވެސް އެއީ ކުރިމަގުގެ ދިވެހި ފުޓްބޯޅައިގެ އެއް އުއްމީދެވެ.

ރާއްޖެ ދެ ލަނޑުން ލީޑު ނަގާފައި އޮއްވާ ސްރީ ލަންކާ ފަހަތުން އަރާ ތިން ލަނޑު ޖަހައި މޮޅުވި ނަމަވެސް ރާއްޖެއަށް މުބާރާތް އަދި ނުގެއްލެ އެވެ. 

ސްރީ ލަންކާ ކޮޅަށް ލަނޑު ޖެހުމަށް ފަހު ކެޕްޓަން މުހައްމަދު އިލާން އިމްރާން، ޓީމުގެ އެހެން ކުޅުންތެރިންނާ އެކު އުފާ ފާޅުކުރަނީ (ފޮޓޯ/ސާފް)

މިރޭ ބޫޓާނާ ދެކޮޅަށް އަނެއްކާވެސް ނުކުންނާނެ އެވެ. އެކަމަކު އިލާން އާއި އެހެން ކުޅުންތެރިން ބޭނުންވާނީ ކުރީ ރޭގެ ހިމޭންކަމަށް ވުރެ އަމިއްލަ ފަސްގަނޑުގައި އަމިއްލަ ސަޕޯޓަރުންގެ ވަރުގަދަ ހަޅޭއްކާއި ހިތްވަރުދިނުމެވެ. އެއީ ސީނިއަ ގައުމީ ޓީމުގެ ވާދަވެރި މެޗުތަކުގައި ދިވެހި 'ރަތް ސަޕޯޓަރުން' ނެރުނު ހިތްވަރުގެ އަޑުތަކެވެ.

ސެމީ ފައިނަލުން ޖާގަ ހޯދަން މިރޭގެ މެޗުން މޮޅުވުން ކޮންމެހެން ވެސް މުހިންމެވެ. އޭގައި ދިވެހި ސަޕޯޓަރުންނަށް އެހީތެރިވެވޭނެ އެވެ. އިލާން އާއި އެހެން ކުޅުންތެރިންގެ އިޝާރާތުން އެންެގުމުގެ ކުރިން ސަޕޯޓަރުންގެ ޒިންމާ އަދާކޮށްދޭންވީ އެވެ.

ރާއްޖޭގެ މި ޓީމު ބިނާވެފައި އޮތީ ކުރިއަށް އޮތް ދެތިން އަހަރުގެ ތެރޭގައި ސީނިއަ ޓީމަށް ނަގާނެ ކުޅުންތެރިންގެ މައްޗަށެވެ. އިލާން އާއި އީތަން އިބްރާހިމް ޒަކީ އަކީ މިހާރު ވެސް ސީނިއަ ގައުމީ ޓީމުގެ ކުޅުންތެރިންނެވެ.

ރާއްޖޭގެ ސަޕޯޓަރުންނަކީ، މި ސަރަހައްދުގެ ފެންވަރުން ވެސް، ވަރަށް ތަފާތު ބައެކެވެ. ގަލޮޅު ދަނޑުން އޭގެ ހެކި، ކުރީގެ މުބާރާތްތަކުން އޮތީ ދައްކައިދީފަ އެވެ. އެހެންކަމުން ޒުވާން ޓީމުގެ އެދުމަކަށް ވާނީ ދިވެހި ސަޕޯޓަރުން މި މުބާރާތުގައި ވެސް އެ ހިތްވަރު ނެރެ ދެއްކުމެވެ.

ކޮމެންޓް (1)

އިމްރާން

25 މާރިޗު 2026
ފުޓުބޯޅަ މެޗެއް ބަލަން ގޮސް ތިބެނީ މަޑުން. އޮލިމްޕަހަށް ފިލްމް ބަލަން ގޮސް ކަރުން އަޑުނަގާ ހަޅޭއްލަވަން. އެއީ ދިވެހިންނަކީ. އިލާން ކޮއްކޯ ދަސްކުރޭ
0 0

އިތުރު އާޓިކަލް

އިތުރު އާޓިކަލް