ސްރީ ލަންކާ ކޮޅަށް ލަނޑު ޖެހުމަށް ފަހު ކެޕްޓަން މުހައްމަދު އިލާން އިމްރާން، ޓީމުގެ އެހެން ކުޅުންތެރިންނާ އެކު އުފާ ފާޅުކުރަނީ (ފޮޓޯ/ސާފް)

އިލާން ދެ ލަނޑު ޖަހާފައި އޮއްވާ ފަހަތުން އަރާ ސްރީ ލަންކާ މޮޅުވެއްޖެ

ސާފް 20 އަހަރުން ދަށުގެ ފުޓްބޯޅަ މުބާރާތުގައި މިރޭ ރާއްޖެ އާއި ލަންކާގެ ވާދަކުރުން ބަލަން ގިނަ ބަޔަކު ދަނޑަށް ވަން
23 މާރިޗު 2026
2

ފުރަތަމަ ހާފުގައި ކެޕްޓަން މުހައްމަދު އިލާން އިމްރާން ދެ ލަނޑު ޖަހައި ލީޑުގައި އޮއްވާ ފަހު ހާފުގައި ސްރީ ލަންކާއިން ތިން ލަނޑު ޖަހައި، ސާފް 20 އަހަރުން ދަށުގެ މުބާރާތުގެ ފެށުން މިރޭ ކާމިޔާބުކޮށްފި އެވެ.

ގަލޮޅު ދަނޑުގައި ކުޅުނު ފޯރިގަދަ މެޗުގައި އިލާންގެ ދެ ލަނޑަށް ފަހު އުއްމީދާ އެކު ދެވަނަ ހާފުގެ ކުޅުން ރާއްޖެއިން ފެށި ނަމަވެސް ފުރަތަމަކޮޅު، 48 ވަނަ މިނިޓްގައި، ލަންކާގެ މުހައްމަދު ކަތީމު، ޕެނެލްޓީ އޭރިޔާގެ ބޭރުން ފޮނުވާލި ބާރު ބޯޅަ ވައްދާލައިގެން ހިތްވަރު ހޯދި އެވެ.

ރާއްޖެ ލީޑްގައި އޮތުމުން ކުޅުން ލަސްކުރަން ހަދައިގެން ކުޅުމުގެ ވަޒަން ގެއްލިފައި އޮއްވާ ލަންކާއިން އެއްވަރުކުރީ 63 ވަނަ މިނިޓްގައި މުހައްމަދު ހިޖާޒީ، ޕެނެލްޓީ އޭރިޔާގެ ބޭރުން ތިރިން ފޮނުވާލި ބޯޅަ ގޯލުގެ ކަނަށް ވައްދާލައިގެންނެވެ.

ރާއްޖޭގެ އަލީ ހައިޒޫމް ހަސަން (15) ލަންކާގެ މުހައްމަދު ކަތީމް ކައިރިން ޓެކްލްއެއް ކުރަނީ:  (ފޮޓޯ/ސާފް)

މި ފަހުން ގަލޮޅު ދަނޑަށް ވަން އެންމެ ގިނަ ސަޕޯޓަރުންގެ ކުރިމަތީގައި ރާއްޖޭގެ ކޮޅަށް ލަންކާއިން ތިން ވަނަ ލަނޑު ޖަހައި ލީޑު ނެގީ މެޗުގެ 86 ވަނަ މިނިޓްގައި ލިބުނު ޕެނެލްޓީ ހުސެއިން އަބްދުﷲ ކާމިޔާބުކޮށްދިނުމުންނެވެ. ޕެނެލްޓީ ލިބުނީ ހުސްކޮށް ކަތީމްއަށް ލިބުނު ބޯޅަ ރާއްޖޭގެ ކީޕަރު ޒަހުރާން ހުސެއިން ޒިއާދު ކައިރިން ނައްޓާލުމުން ކުރި ފައުލަށެވެ.

މެޗުގެ އިތުރު ވަގުތުގައި އިލާން ހެޓްރިކް ހަދަން ބޮލުން ފޮނުވާލި ބޯޅައިގެ ހުރަހަކަށް ވީ ހުރަސް ދަނޑި އެވެ. އަހުޒަމް ރަޝީދު ނެގި ރީތި ކޯނަރުގައި، އިސްކޮޅުން ދިގު އިލާން ބޮލުން ޖެހީ ވެސް އެހާމެ ރީތިކޮށެވެ.

އޭގެ ފަހުން ވެސް އެއްވަރުކުރަން ރާއްޖެއަށް ރަނގަޅު ފުރުސަތުތައް ލިބި ބޭނުންނުކުރެވިދިޔަ އެވެ.

މާލޭގައި މިހާރު ކުރިއަށްދާ ސާފް 20 އަހަރުން ދަށުގެ ފުޓްބޯޅަ މުބާރާތުގައި ވާދަކުރާ ރާއްޖޭގެ ޓީމު، ސްރީ ލަންކާގެ މެޗުގެ ކުރިން ގްރޫޕް ފޮޓޯއެއްގައި (ފޮޓޯ/ސާފް)

މި މެޗުގައި ކުޅުންތެރިންނަށް އަނިޔާވެގެން ވަރަށް ގިނަ ފަހަރު ކުޅުން ހުއްޓާލަން ޖެހުނެވެ. ފުރަތަމަ ހާފުގެ ކުރީކޮޅު ލަންކާގެ ކީޕަރު ޝާތިން ޝަހީދަށް ލިބުނު އަނިޔާއަކާ ގުޅިގެން އޭނާ ވަނީ ހޮސްޕިޓަލަށް ގެންގޮސްފަ އެވެ.

ގްރޫޕްގެ އޭގެ ފުރަތަމަ މެޗުގައި މިއަދު ހަވީރު، އެންމެ ފަހުގެ ޗެމްޕިއަން ނޭޕާލް ވަނީ 2-1 އިން ބޫޓާން ބަލިކޮށްފަ އެވެ.

ސާފް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ކުރިއަށް އޮތް ދެ މެޗު

  • 25 މާޗު: ރާއްޖެ/ބޫޓާން (ރޭގަނޑު 8:30)

  • 27 މާޗު: ރާއްޖެ/ނޭޕާލް (ހަވީރު 3:45)

ކޮމެންޓް (2)

ޔަހުޔާ

24 މާރިޗު 2026
މިހާ ކަޑަ 20 އަހަރުން ދަށުގެ ޓީމެއް ދުވަހަކުވެސް އަދި ނުދެކެން ފާއިތުވި 30 އަކަށް އަހަރުތެރޭވެސް. ވިސްނުން ކޮށި، މިސް ޕާސް ގިނަ، ފަރުވާ ކުޑަ، ފަސޭހަ ކުރި ޓީމެއް. މިދިޔަ 10 އަހަަރު ތެރޭ މި މީހުން ތަމްރީން ކުރީ ކޮން ބައެއް ބާ. އިންޑިވިޑުއަލީ އިލާން ރަނގަޅު. އެކަމަކު 8 ނަމްބަރަކާ 11 އަކާ މިހެން ގޮސް ކިޔާނެ ކަމެއް ނެތް. ހަމަ ފީކަޅާ. ބޭސިކްސް ވެސް މި ކުޅުންތެރިންނަށް ނުހެދުނު. ފިޒިކަލީ ސުމެއް. މި ޓީމް ގެ އެއްވެސް ހޯޕެއް ނެތް. މުސްތަގްބަލް ރަނގަޅު ކުރަން އަލުން ބަލުން ވިސްނަންޖެހޭ ބޮޑު ތަނުން. ޒުވާން ކުޅުންތެރިންގެ ސިލެކްޝަން ހަދަން މިތިބެނީ މިއީ ކޮންބައެއް. ޓީމް މެނޭޖްކުރި ގޮތްވެސް ސުމެއްކަން ހާމަވީ. ބޮޑު ޑިސްއެޕޮއިންޓްމަންޓެއް. ތި ލެވެލަށް ކުޅޭނެ މަގުމަތިން ކުދިންކޮޅެއް ނަގައިގެން ކުޅުނަސް. ވަރަށް ސަލާން
0 0

ސުޒޭނު

25 މާރިޗު 2026
@ޔަހުޔާ ހައްހައްހައްހާ.... މަށޭ ކިޔާތަ!
0 0

އިތުރު އާޓިކަލް

އިތުރު އާޓިކަލް