ރާއްޖޭގެ ކީޕަރު މުހައްމަދު ސޯދިގު، ކުވޭތުގެ ހަމަލާއެއް ދިފާއުކުރަނީ: މީގެ 38 އަހަރު ކުރިން ކުޅުނު މި މެޗުން ރާއްޖެ ބަލިވީ 6-1 އިން (ފޮޓޯ/ހަވީރު)

ފުޓްބޯޅަ

ދިވެހިންނަށް ދުނިޔޭގެ ފެންވަރު ދައްކާލި ފުރަތަމަ މުބާރާތް

ޖޫން 1988ގައި އޭޝިއާގެ 19 އަހަރުން ދަށުގެ މުބާރާތަށް ކޮލިފައިވާން ކުޅުނު ގްރޫޕް ދޭއްގެ މެޗުތައް މާލޭގައި ބާއްވަން ޖެހުނީ އިރާގާއި ކުވޭތާ ދެމެދު އޮތް ހަމަނުޖެހުންތަކާ ހެދި
25 މާރިޗު 2026
2

ފުރަތަމަ ފަހަރަށް ރާއްޖޭގައި ޓީވީން ލައިވްކޮށް ދެއްކި ވޯލްޑް ކަޕް، 1986ގެ މެކްސިކޯ ވޯލްޑް ކަޕްގެ މެޗުތައް ދިވެހިންނަށް ފެނުނުތާ އޭރު ވީ އެންމެ ދެ އަހަރެވެ.

މުޅި އަހަރު ދުވަހުގެ ތެެރޭގައި އޭޝިއަން ކްލަބް ޗެމްޕިއަންޝިޕްގެ މެޗެއް، ބައެއް ފަހަރަށް، ރާއްޖޭގެ ޗެމްޕިއަނުންނާ އެކު ގަލޮޅު ދަނޑުގައި ކުޅެފާނެ އެވެ. 

ބޭރުގެ ފުޓްބޯޅަ ވާދަކުރުން އެހާ ހިސާބުން އެ ނިމުނީ އެވެ.

އެކަމަކު ޖޫން 1988ގައި މާލޭގައި ބޭއްވި އޭޝިއާގެ 19 އަހަރުން ދަށުގެ މުބާރާތުގެ ކޮލިފައިން ގްރޫޕް ދޭއްގެ މެޗުތަކަކީ، ދުނިޔޭގެ ފުޓްބޯޅައިގެ ފެންވަރު ހަމަ ލޮލުން ދިވެހިންނަށް ބަލައިލަން ލިބުނު ފުރަތަމަ ފުރުސަތެވެ. އެ ފުރުސަތު ލިބުނީ ރާއްޖެއިން އެދިގެން ނުވަތަ ބޭނުންވެގެންނެއް ވެސް ނޫނެވެ. އެއީ އިރާގާއި ކުވޭތާ ދެމެދު އޮތް ރުޅިވެރިކަމާ ހެދި އޭއެފްސީން ރާއްޖެ ލައްވާ ކުރުވިި ކަމެކެވެ.

އޭރު އިރާގާއި ކުވޭތަކީ ވެސް އޭޝިއާގެ ފުޓްބޯޅައިގެ އެންމެ ވަރުގަދަ ގައުމުތަކެވެ. އެ ދެ ގައުމުގެ އިތުރުން ރާއްޖެ އޮތް ގްރޫޕްގައި ދެން ހިމެނުނީ އަރަބި އެހެން ގައުމެއް ކަަމަށްވާ ސައުތު ޔަމަން އެވެ.

ހާމިދު އަބްދުލްގަފޫރަކީ އެޑިޔުކޭޝަން މިނިސްޓްރީގެ އިސް ވެރިއެކެވެ. ނަމަވެސް އޭނާގެ ކުޅިވަރުގެ ވިސްނުމާއި އޮސްޓްރޭލިޔާއިން މަތީ ތައުލީމު ހާސިލްކުރައްވާފައި ވާތީ ދުނިޔޭގެ ކަންކަން ދެނެވަޑައިގަތުމުގެ ސަބަބުން ކުޅިވަރުގެ ޒިންމާތައް ވެސް ސަރުކާރުން ހަވާލުކުރި އެވެ. ޕާޓްޓައިމް ވަޒީފާއެއްގެ ގޮތުގައި އެފްއޭއެމްގެ ސެކްރެޓަރީކަން ލިބިވަޑައިގަތްތާ އޭރު މާ ގިނަ ދުވަހެއް ނުވެ އެވެ.

ކުވޭތުގެ ކުޅުންތެރިއެއްގެ އަތުން ބޯޅަ ހޯދަން ރާއްޖޭގެ އަހުމަދު ޝާހިދު (ސާބެ)، ކަނާތް ފަރާތުގައި، މަސައްކަތްކުރަނީ (ފޮޓޯ/ހަވީރު)

މާޒީގެ ހަނދާންތައް އާކުރައްވަމުން ހާމިދު ވަނީ ގްރޫޕް ދޭއްގެ އިންތިޒާމްތައް ދިޔަ ގޮތް 'ދައުރު'އަށް ކިޔައިދެއްވައިފަ އެވެ.

"އަސްލު ރާއްޖޭގައި އެ މެޗުތައް ބާއްވަން އޭއެފްސީން ނިންމީ އިރާގާއި ކުވޭތުގެ ޒުވާބާ ހެދި،" ހާމިދު ވިދާޅުވި އެވެ.

އެއިން ކޮންމެ ގައުމެއް ވެސް ބޭނުންވީ އެ ގައުމުގައި މެޗުތައް ބާއްވާށެވެ. ސައުތު ޔަމަނުން އެ ހަމަނުޖެހުމުގެ ތެރެއަށް ވަންނާކަށް ބޭނުމެއް ނުވި އެވެ. އެހެންކަމުން އޭއެފްސީން އެދުނީ ރާއްޖޭގައި މެޗުތައް ބާއްވައިދޭށެވެ. ވަކި ކޮޅަކަށް ނުޖެހޭ ގައުމެއްގެ ހައިސިއްޔަތުންނެވެ.

"އޭއެފްސީން ގުޅާފައި މި ބުނަނީ ހޯސްޓްކުރެވިދާނެހޭ. އެ ފުުރުސަތު ބޭނުންކުރަން ހިނގާށޭ އަޅުގަނޑުމެން ސަރުކާރުގައި ދެންނެވިން. އެއީ އޭއެފްސީއާ އެފްއޭއެމުން ސީދާ ޑީލްކޮށްގެން ކުރި ފުރަތަމަ މަސައްކަތް،" ހާމިދު ވިދާޅުވި އެވެ.

އެ މުބާރާތުގެ ކުރިން ރާއްޖޭގެ 19 އަހަރުން ދަށުގެ ޓީމު ސައުތު އޭޝިއާގެ ބޭރުގެ ގައުމަކާ ވާދަކޮށްފައެއް ނުވެ އެވެ. އެހެންކަމުން އިރާގާއި ކުވޭތު ފަދަ ގައުމުތަކުގެ ޓީމުތައް އަންނާތީ ދިވެހިން ވެސް ތިބީ ވަރަށް އުފާވެ، އިންތިޒާރުގަ އެވެ.

ހާމިދު ވިދާޅުވި ގޮތުގައި ދުނިޔޭގެ މަސްރަހު ވެސް އެހާ ރަނގަޅަށް ނޭނގޭ ޒަމާނަކަށް ވުމާ އެކު ވެސް އެއީ ރާއްޖޭގައި ބޭއްވުނު ވަރަށް ރަނގަޅު މުބާރާތެކެވެ. އެކަމަކު ފަދަ ބޮޑު ވާދަކުރުމެއް ރާއްޖޭގައި އަލަށް ކުރިއަށް ގެންދެވިދާނެތޯ އޭއެފްސީއަށް ވެސް އޮތީ ޝައްކެވެ. 

އެފްއޭއެމްގެ ކުރީގެ ޖެނެރަލް ސެކްރެޓަރީ ހާމިދު އަބްދުލް ގަފޫރު

ހާމިދު ވިދާޅުވި ގޮތުގައި އިރާގާއި ކުވޭތާ ދެމެދު އޮތް ހަމަނުޖެހުންގަނޑުގެ އަސަރު ފެނުނެވެ. ޓީމުތައް ތިބެން ހަމަޖައްސާފައި އޮތީ މިހާރުގެ ވިލިމާލެ އެކަމަކު އޭރު ވިލިގިނގިލި ރިސޯޓްގަ އެވެ. ކުވޭތާއި އިރާގުން އެއް ތަނެއްގައި ތިބޭކަށް ބޭނުމެއްނުވި އެވެ. އެހެންކަމުން ކުވޭތު ޓީމު ދިޔައީ، ކުރުނބާ މޯލްޑިވްސްއަށެވެ. އޭރު އެއީ ރާއްޖޭގެ ހަމައެކަނި ފަސް ތަރީގެ ރިސޯޓެވެ.

ކުވޭތުން އެއްބަސްވީ ވިލިނގިލީ ރިސޯޓަށް ވުރެ ކުރުނބާ އަގު ބޮޑުކަމުން އިތުރުވާ ފައިސާ ދައްކާ ގޮތަށެވެ. ނަމަވެސް ޓީމު ފުރައިގެން ދިޔައީ އެ ފައިސާ ނުދައްކަ އެވެ. އެ ބައި އެންމެ ފަހުން ހަމަޖައްސަން ޖެހުނީ ދިވެހި ސަރުކާރަށެވެ.

ހާމިދު ވިދާޅުވި ގޮތުގައި ކުވޭތު ޓީމު ރާއްޖެ އައީ ސިންގަޕޫރު އެއާލައިންސްގެ ފްލައިޓެއް ޗާޓަރުކޮށްގެންނެވެ.

"އަޅުގަނޑު އަޑުއެހިން އެ މީހުން އައިއިރު ގެނައޭ މޮބައިލް ހޮސްޕިޓަލެއް ވެސް. އެއީ އެ މީހުންނަށް އެނގޭނެތާ ރާއްޖޭގެ ހާލަތު،" ހާމިދު ވިދާޅުވި އެވެ.

ފޯރިގަދަ، އެހާމެ ހޫނު ވެސް މެޗުތަކެއް

ބައެއް ދިވެހިން ހީކުރީ ރާއްޖެއަށް ވެސް ކޮންމެވެސް ވަރެއްގެ ކާމިޔާބީތަކެއް ހޯދިދާނެ ކަމަށެވެ. ނަމަވެސް ގަލޮޅު ދަނޑުގައި ވާދަކުރުންތައް ފެށުމާ އެކު ފެނުނީ މުޅިން ތަފާތު ފެންވަރުގެ ފުޓްބޯޅައެކެވެ. ދިވެހިންނަށް އަތުލެވޭ ފެންވަރެއް ނޫނެވެ.

ހަތަރު ޓީމު ލީގު އުސޫލުން ދެ ބުރު ކުޅުނެވެ. ރާއްޖޭގެ ނަތީޖާތަކަކީ މި އެވެ:

ފުރަތަމަ ބުރު

  • ރާއްޖެ 0 - 4 ސައުތު ޔަމަން 

  • ރާއްޖެ 1 - 6 ކުވޭތު

  • ރާއްޖެ 0 - 11 އިރާގު

ދެވަނަ ބުރު

  • ރާއްޖެ 1 - 2 ސައުތު ޔަމަން

  • ރާއްޖެ 1 -5 ކުވޭތު

  • ރާއްޖެ 0 - 3 އިރާގު

މުބާރާތުގައި ރާއްޖޭގެ ހުރިހާ ލަނޑެއް ވެސް އައީ އޭރު އުފެދުނު އެންމެ މޮޅު އެއް މިޑްފީލްޑް ކުުޅުންތެރިޔާ އަހުމަދު އަރީފްގެ ފަރާތުންނެވެ. ފުރަތަމަ ބުރުގައި ކުވޭތާއި ރާއްޖެ ވާދަކުރި މެޗުގައި ކުވޭތު ކޮޅަށް ވަނީ ބައި ގޯލެކެވެ. އެކަމަކު އެ ގޯލު ވަންނަން މެދުވެރިވީ އަރީފް ޖެހި ބޯޅައެކެވެ.

ދެ ވަނަ ބުރުގައި އަރީފް ވަނީ ސައުތު ޔަމަން އާއި ކުވޭތު ކޮޅަށް ވެސް ލަނޑު ޖަހައިފަ އެވެ.

ކުރީގެ ފުޓްބޯޅަ ކުޅުންތެރިޔާ އަދި ޕޮލިސް ކޮމިޝަނަރު އަހުމަދު އަރީފް

އަރީފްގެ ފުޓްބޯޅަ ކެރިއަރު ގުރުބާންކުރީ ފުލުހުންގެ ހިދުމަތަށް ވަންނަވައިފަ އެވެ. އޭނާއަކީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ޕޮލިސް ކޮމިޝަނަރުކަން ކުރެއްވި ބޭފުޅެއް ވެސް މެ އެވެ. ނަމަވެސް 1 ފެބްރުއަރީ 2018ގެ ސުޕްރީމް ކޯޓުގެ ހުކުމާ ގުޅިގެން ބަންދުކޮށް މަގާމުން ވަކިކުރި އެވެ.

އިރާގާއި ކުވޭތުގެ ވާދަވެރިކަން ކިތައްމެ ބޮޑު ނަމަވެސް ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ގްރޫޕްގެ އެއް ވަނަ ހޯދީ އިރާގެ އެވެ. އޭގެ ތެރޭގައި ކުވޭތު ދެ ފަހަރަށް ބަލިކުރުން ވެސް ހިމެނެ އެވެ.

ރާއްޖެ ކޮޅަށް ފުރަތަމަ ބުރުގައި އިރާގުން 11 ލަނޑު ޖެހުމުން އަސްލު ހައިރާންވާކަށް ނުޖެހެ އެވެ. ގަތަރުގައި އޮތް އެ އަހަރުގެ އޭޝިއާގެ 19 އަހަރުން ދަށުގެ މުބާރާތުގެ ޗެމްޕިއަންކަން ހޯދީ ވެސް އިރާގެވެ. އެހެންކަމުން 1989ގައި ސައުދީ އަަރަަބިއްޔާގައި އޮތް ދުނިޔޭގެ 20 އަހަރުން ދަށުގެ މުބާރާތަށް އިރާގު ކޮލިފައިވި އެވެ.

ކުވޭތާއި ސައުތު ޔަމަން ބައްދަލުރި މެޗުގައި ސައުތު ޔަމަންގެ ކުޅުންތެރިޔަކު ފައުލްކުރަނީ: މިއީ އެންމެ ހޫނުވި މެޗު (ފޮޓޯ/ހަވީރު)

ދުނިޔޭގެ މުބާރާތުގައި ވެސް އިރާގު ފެނުނީ އެހާމެ ވަރުގަދަކޮށެވެ. އާޖެންޓީނާ ހިމެނުނު ގްރޫޕްގައި އާޖެންޓީނާ އާއި ސްޕޭން އަދި ނޯވޭ ވެސް ބަލިކޮށް އެއްވަނަ ހޯދައިގެން ކްއާޓާ ފައިނަލަށް ގޮސް ކެޓީ އެމެރިކާ އަތުން 2-1 އިން ބަލިވެގެންނެވެ.

ހާމިދު ވިދާޅުވީ އޭޝިއާގެ އެހާ ވަރުގަދަ ޓީމުތަކެއް މާލޭގައި ވާދަކުރުމަކީ ދިވެހި ފުޓްބޯޅައަށް ވެސް ލިބުނު ދިރުމެއް ކަމަށެވެ. އޭގެ ސަބަބުން އޭއެފްސީ ކަހަލަ ޖަމާއަތްތަކުގެ އިތުބާރު ރާއްޖެއަށް ބޮޑުވި އެވެ. ބައިނަލްއަގުވާމީ ފުޓްބޯޅައިގެ އާ ފުރުސަތުތަކާއި އާ އެހީތެރިކަމަށް ވެސް ރާއްޖެ ހުޅުވުނެވެ.

"އޭރު ނުބާއްވާ ބައިނަލްއަގުވާމީ މުބާރާތެއް ރާއްޖޭގައި. އާ ކަމެއް. އަނެއްކާ ދަނޑު ހަމަ ފުރާލި. ފޯރިގަދަ،" ހާމިދު ވިދާޅުވި އެވެ.

އިރާގައި ކުވޭތާ ދެމެދު ރުޅިވެރިކަން އޮތަސް މުބާރާތުގެ އެންމެ ހޫނުވި މެޗަކަށް ވީ ކުވޭތާއި ޔަމަން ފުރަތަމަ ބުރުގައި ބައްދަލުކުރި މެޗެވެ. އެ މެޗުން ކުވޭތު 2-1 އިން ބަލިވި އެވެ. 

މެޗުގައި ހަމަނުޖެހުން ބޮޑުވެ ކުޅުންތެރިންނާއި އޮފިޝަލުން ދަނޑަށް އަރައި ވެސް ގަތެވެ. އޭރުގެ އެންމެ ބޮޑު ނޫސް 'ހަވީރު'ގައި ލިއެފައި ވަނީ އެއީ ރާއްޖެއަށް އާ މަންޒަރެއް ނަމަވެސް ދުނިޔޭގެ އެހެން ގައުމުތަކުގައި ހިނގާ ކަންކަން ކަމަށެވެ.

ކޮމެންޓް (2)

ސުހާނާ

27 މާރިޗު 2026
އަރީފް އަކީި މިޑްފީލްޑްގައި ކުޅުނު ކުޅުންތެރިޔެއް ނޫން. އޭނާއަކީ ފޯވަރޑަކަށް ކުޅުނު ކުޅުންތެރިޔެއް. ޢާންމުކޮށް އޭނާ ކުޅުނީވެސް ސެންޓަރ ފޯވަރޑުގެ މަގާމުގައި.
0 0

ދޮން އާދަނު

25 މާރިޗު 2026
އެމް.އީ.އެސް.ޓީމުން ވިދާލި ކީޕަރު ޞާދިޤްއަކީ މިހާރު އެމް.އޭ.ސީ.އެލް.ގެ ދިގުމުއްދަތެއްގައި ޚިދުމަތް ކުރުމުގައި ހުރި ހީވާގި މުވައްޒަފެކެވެ.އެއީ މިހާރު ކުޅިވަރު ކުޅުމާއި ދުރުގައި ހުރި ވަރަށް ތަފާތު ވިސްނުމެއްގެ ފަރުދެކެވެ.ޞާދިޤްމެން މަދަރުސާދުވަސްވަރު އެންމެ ހިނގާ މަޖާކަމަކީ އެކިއެކި ޢުމުރުފުރާތަކުުގައި ޢުމުރު ހަމަނުވެ ގިނަދުވަސްވަންދެން ކުޅޭ ކުޅުމެވެ.ޢަރީފް އެމް.އީ.އެސް.ޓީމަކުން ދުއްހަނދޭނެއް ނުވެއެވެ.އޭރު އޭނާ ފުޓުބޯޅަކުޅޭކަމެއްވެސް ނުދަންނަމެވެ.މިހާރު މިއެގުނީތާއެވެ.
1 0

އިތުރު އާޓިކަލް

އިތުރު އާޓިކަލް