ކުރީގެ ކުޅިވަރާ ބެހޭ މިނިސްޓަރު އުމަރު ޒާހިރު (ކ) އާއި 1991 ސާފް ގޭމްސްގެ ރިހި މެޑެލް ހޯދި ޓީމުގެ މެނޭޖަރު މައިނާ އިބްރާހިމް ރަޝީދު
މިއަދުގެ ރަން ހަނދާން: އުމަރު ޒާހިރާއި މައިނާ އިބްރާހިމް ރަޝީދު
'ހަވީރު' ސްޕޯޓްސް އެވޯޑްސްގައި އެރޭ މައިނާ އިބްރާހިމް ރަޝީދުގެ ލޮލުން ކަރުނަ ފާއްދާލި އެވެ. އޭގެ އަށެއްކަ އަހަރު ފަހުން، އުމަރު ޒާހިރު ވެސް 'ހަވީރު'ގެ އެ އެވޯޑާ ހަވާލުވެވަޑައިގަތީ، އުފާވެރިކަމުގެ ފުން އަސަރުތަކާ އެކުގަ އެވެ.
ރާއްޖޭގެ ކުޅިވަރަށް ދެ ބޭފުޅުން ކޮށްދެއްވި އަގުހުރި، ދިގު މުއްދަތުގެ ހިދުމަތްތަކުގެ އަގުވަޒަންކުރުމުގެ ގޮތުން އެރުވީ، ހަވީރު ސްޕޯޓްސް އެވޯޑްސްގައި ހިމެނޭ ލައިފްޓައިމް އެޗީވްމެންޓް އެވޯޑެވެ. އެ ދެ ރޭގެ އެ ބޭފުޅުންގެ މާޒީ އަލުން ހަނދާނަށް ގެނައުމުން، އެންމެން ބޭއިހުތިޔާރުގައި ކޮޅަށް ތެދުވެ، އަތްތިލަބަޑި ޖަހަން ފެށި އެވެ.
ދެ ބޭފުޅުން ވެސް މިއަދު އަޅުގަނޑުމެންނާ އެކު މި ދުނިޔެއަކު ނެތެވެ. މައިނާ އަވަހާރަވިތާ އެތައް އަހަރެއް ފަހުން، މި މަހު އަޅުގަނޑުމެންނާ ވަކިވެ ދިޔައީ، އުމަރު ޒާހިރެވެ.
މިއަދު މި ދެ ބޭފުޅުންގެ ހަނދާންތައް އަންނަނީ ދިވެހި ފުޓްބޯޅައިގެ ތަރައްގީގައި ހިމެނުނު ހިއްސާ ބޮޑުކަމުންނެވެ. ދެ ބޭފުޅުން ދުނިޔޭގައި ތިއްބެވި ނަމަ، އެ ހަނދާންތަކާއި އެއާ ގުޅިފައިވާ އުފަލާއި ހިތާމައިގެ އެތައް ވަގުތުކޮޅެއްގެ ވާހަކަތައް މިއަދު ހިއްސާކުރެއްވީހެވެ.
އެކަމަކު މިއަދު މި އޮތީ 20 ވަނަ ގަރުނުގައި ދިވެހި ކުޅިވަރަށް ބޮޑެތި އެތައް ޚިދުމަތްތަކެއް ކޮށްދެއްވި ދެ ބޭފުޅުންގެ ހަނދާންތައް އާކުރަން، އަޅުގަނޑު ކަހަލަ، ލިއުންތެރިންނަށް ޖެހިފަ އެވެ.
ފުޓްބޯޅައިގެ ފިރިކެމުން އަރައިގަނެ ދުއްވައިގަތުން
ފަގީރު ގައުމެކެވެ. އެކަމަކު ލިބެން ހުރި ވަސީލަތްތައް، ލިބެން ހުރި ފައިސާއަކުން އެންމެ ރަނގަޅަށް ތަރައްގީކުރެވޭތޯ ސަރުކާރުން މަސައްކަތް ކުރިއިރު، އޭގެ އެއް އާރުކާޓީއަކީ، ނުވަތަ އަމަލީ ގޮތުން އެކަން ކުރުވުމުގެ ވެރިޔަކީ، އުމަރު ޒާހިރެވެ.
ކްލަބެއް ހިންގުމުގެ ދަތި ހާލަތުގައި، އެތައް ބައިވަރު ކުޅުންތެރިންތަކެއް ހިތާރި ރޫހުން ގަބޫލުކުރާނެ ފަދަ ޝަހުސިއްޔަތެއްގެ ވެރިޔަކަށް ވެ، މައިނާގެ ނުފޫޒު ވިކްޓަރީގެ މައްޗަށް ފަތުރާލެއްވި ގޮތާއި، އެ ހޯދި ކާމިޔާބީތައް، ކުޅިވަރުގެ ތާރީހު ހެކިދެ އެވެ. އެއްވެސް މީހަކު ދެކެ ޖެހިލުންވެވަޑައެއް ނުގަންނަވަ އެވެ.
ސަރުކާރުގެ މަތީ މަގާމުތަކުގައި ހުންނަވައިގެން އުމަރު ޒާހިރުގެ ހިދުމަތްތައް، ރެ އާއި ދުވާލު ފަތުރާލެއްވި އިރު، މައިނާގެ ކުޅިވަރުގެ ހަރުދަނާ އުސޫލުތަކަށް ފުރަގަސްދޭން ކުޅުންތެރިން ބޭނުމެއްނުވެ އެވެ. އެ ހިތްވަރެއް ވެސް، ގިނަ ފަހަރަކަށް ނުހުރެ އެވެ. އެއީ 1970 އާއި 1980 އާއި 1990ގެ އަހަރުތަކުގައި ވެސް މެ އެވެ. އަލަށް ނުކުންނަ ޒުވާނުންގެ ހިޔާލާއި ހިންގުމުގެ ތެރެއަށް ކްލަބް ދޫކޮށްލައްވަން ޖެހިވަޑައިގަތުމާ ހިސާބަށެވެ. އެކަމަކު އެ ވަގުތު ލައިގަތް އިރު ދިވެހި ކުޅިވަރު، ހާއްސަކޮށް ފުޓްބޯޅަ އޮތީ، ފިރުކުމުގެ މަރުހަލާ ނިމި، ސަރަހައްދުގައި ދުއްވައިގަނެފަ އެވެ. ކްލަބްތައް އޮތީ، އެއް ޖީލުގެ އަތްމަތިން އަނެއް ޖީލަށް ބަދަލުވެފަ އެވެ.
ކުޅިވަރަށް ހާއްސަ ލޯތްބެއް ބެހެއްޓެވި ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމާއި އުމަރު ޒާހިރު ގަބޫލުކުރެއްވީ ކްލަބްތަކާ ގުޅިގެން މުހިންމު މަޝްރޫއުތަކެއް ކުރިއަށް ގެންދެވިދާނެ ކަމަށެވެ. ގަލޮޅު ދަނޑަކީ އޭގެ މިސާލެކެވެ. ފުޓްބޯޅަ މެޗުތައް ބަލަން ދަނޑަށް ވަންނަ އެތައް ސަތޭކަ ބަޔަކު ކޮޅަށް ތިބޭ ތިބުން ނިމުމަކަށް ގެންނަން، ވަށައިގެން ސިޑި ބަރި ހެދީ، އޭރުގެ ގަދަ ކްލަބްތަކާ އެކު ސަރުކާރުން އެއްބަސްވުމަކަށް ގޮސްގެންނެވެ. ލޯނެއް ނަގައިގެން ކުރި ހަރަދު، ގޭޓް ފައިސާއިން އަނބުރާ ދައްކާ ގޮތަށެވެ. ގޭޓް ފައިސާގެ ވަކި ޕަސެންޓެއް ކްލަބްތަކަށް ވެސް ލިބޭ ގޮތަށެވެ. ފުރަތަމަ، އިރުމަތީ ފަރާތު ސިޑިބަރި އެވެ. ދެން މަޖީދީ މަގަށް ވާ ގޮތަށް، އުތުރު ފަރާތެވެ. ހުޅަނގު ފަރާތް އޭގެ ފަހުންނެވެ. އެންމެ ފަހުން ގަލޮޅު ސަހަރާއަށް ވީ ފަޅި، ދެ ބުރިއަށެވެ.
މިއީ ކްލަބްތަކާއި ސަރުކާރާ ގުޅިގެން ފުޓްބޯޅައިގެ ތަރައްގީއަށް، ރާއްޖޭގެ ތާރީހުގައި ވެސް އެޅި އެންމެ ބޮޑު ބިނާ އެވެ. އަދި ވެސް ގަލޮޅު ދަނޑު އެފެންނަނީ ގާތްގަނޑަކަށް އެ ސިފައިގަ އެވެ.
ބިނާއެއްގެ ގޮތުގައި ކޮންމެ ދުވަހަކު ލޮލަށް ނުފެނުނަސް، ދެ ބޭފުޅުންގެ ޚިދުމަތާއި ޝަހުސާ ގުޅިފައި ހުރި ކުޅިވަރުގެ ބޮޑެތި ދުވަސްތައް، ނުފޮހެވޭނެ ހަނދާނެއްގެ ގޮތުގައި މާޒީގައި ވަނީ ލިއެވިފަ އެވެ. އޭގެ ތެރެއިން އެއް ދުވަސް، މީގެ 30 އަހަރު ކުރިން، 29 ޑިސެމްބަރު 1991 ގައި ދިވެހިން ހެކިވި އެވެ.
ގަލޮޅު ދަނޑުގެ ސިޑިބަރިތައް އުސްވަމުން، އޭރުގެ ދިވެހި ރާއްޖެއަށް އެކަށީގެންވާ ސްޓޭޑިއަމެއްގެ ސިފަތަކާ އެކު، މައްޗަށް އުފުލެމުން ދިޔަ އިރު، ބޮޑެތި ކްލަބްތަކާއި ސަރުކާރުން އިންތިޒާމްކުރި ތަފާތު މުބާރާތްތަކުގެ އެހީގައި، ސަރަހައްދީ ފެންވަރުން ދިވެހި ފުޓްބޯޅަ އޭގެ ހަމަ އިސްކޮޅަށް ދެމިލުމުގެ ދުވަސްތައް ވެސް އައީ ގުނަމުންނެވެ. ލަދުވެތި ނަތީޖާތަކުން އަރައިގަތުމުގެ މަރުހަލާ އެވެ.
ސްރީ ލަންކާގެ ފުޓްބޯލް އެސޯސިއޭޝަންގެ އޭ ޓީމުގެ ނަމުގައި 1980ގެ އަހުރުތަކުގެ ކުރީކޮޅު ރާއްޖެ އައިސް، އޭރު އޮތް ހުސް ބިން ބޮޑު ގަލޮޅު ދަނޑުގައި، ރާއްޖެ ކޮޅަށް ހަތް ލަނޑު ޖެހި އެވެ.
ސާފް ގޭމްސްގައި ބަންގްލަދޭޝް އިން 8-0، އިންޑިއާ އިން 5-0 އަދި ނޭޕާލުން 4-0 އިން ރާއްޖެ ބަލިކުރި އެވެ. ރައީސް މައުމޫން، ކޮލަމްބޯގެ ސްގަތަދާސާ ސްޓޭޑިއަމްގައި، ރަސްމީ އިއްޒަތުގައި ބައްލަވަން އިންނެވި ބައިނަލްއަގުވާމީ ރަހުމަތްތެރިކަމުގެ މެޗު ލަންކާއިން ކާމިޔާބުކުރީ 5-0 އިންނެވެ.
އެކަމަކު މައިނާގެ މަސްއޫލުވެރިކަމުގައި ހިންގި ވިކްޓަރީގެ އިތުރުން ނިއު އާއި ވެލެންސިއާ ފަދަ ކްލަބްތައް، ގަލޮޅު ދަނޑުގައި ކުޅެން ފެށި ވާދަވެރި މެޗުތައް، ލަންކާގެ ފުޓްބޯޅަ ލީގު ފަހަތަށް ޖައްސާލި އެވެ. ހަދަމުން އައި ގަލޮޅު ދަނޑުގައި، އަލަށް އެފްއޭ ކަޕް، އޭގެ ފަހުން ބޭރުގެ ދެ ޓީމަކަށް ދައުވަތު ދީގެން ރައީސްގެ ދައުވަތު ތައްޓަށް ކުޅުނު ޕޮމިސް ކަޕެވެ. ކުޅިވަރު އޮތީ އުމަރު ޒާހިރުގެ ބެއްލެވުމުގެ ދަށުގަ އެވެ. މައިނާއަކީ، ވާދަވެރި އެ މުބާރާތްތަކަށް ނުކުތް ވިކްޓަރީގެ މައިގަނޑު އެއް ތަނބެވެ. އެ ކްލަބްގެ ފޮނި ކާމިޔާބީތަކުގެ ލިސްޓު ދިގުވީ، ނިއު އާއި ވެލެންސިއާ ފަދަ ކްލަބްތަކުގެ މަސްއޫލުވެރިންނާއި ހިންގުންތެރިންގެ މިންނެތް މަސައްކަތް ވެސް ހިމެނިގެންނެވެ. އެހާ ވާދަވެރި ޓީމުތަކެއް ނެތް ނަމަ، ފުޓްބޯޅަ ކުރިޔަކަށް ނޭރީހެވެ.
ކޮލަމްބޯ ސާފް ގޭމްސްގެ ފުޓްބޯޅަ ދަނޑަށް ގައުމީ ޓީމު ނުކުތް އިރު، ކުޅިވަރުގެ މިނިސްޓަރެއްގެ ގޮތުން އުމަރު ޒާހިރު ވެދެއްވި އެހީތެރިކަން، އޭރުގެ އެފްއޭއެމްގެ ޖެނެރަލް ސެކްރެޓަރީ ހާމިދު އަބްދުލްގަފޫރުގެ ހަނދާނުން ފޮހެވިގެންނެއް ނުދެ އެވެ. އޭނާ ވިދާޅުވި ގޮތުގައި ކުޅިވަރުގެ ތަރައްގީ އާއި އެފަހަރުގެ ގައުމީ ޓީމުގެ ތައްޔާރީތަކުގައި އެ މަނިކުފާނު ކުޅުއްވި ރޯލް ވަރަށް ބޮޑެވެ.
"އަބަދުވެސް އުމަރު ޒާހިރުގެ އެހީތެރިކަން އަޅުގަނޑުމެންނަށް ލިބޭ" ކަމަށް ހާމިދު ވިދާޅުވަނީ، ހަމައެކަނި ސަރުކާރުގެ ޒިންމާއެއް އަދާކުރެއްވި ކުރެއްވުމަކަށެއް ނޫނެވެ. އެ މަނިކުފާނުގެ ހިތްޕުޅު ވެސް އޮތީ ކުޅިވަރާ ގުޅިލާމެހިފަ އެވެ. ކުޅިވަރަކީ އުފާވެރި އިހުސާސެއްކަން ގަބޫލުފުޅުކުރެއްވި އެވެ. އެހެންކަމުން ހާމިދު ކަހަލަ ތައުލީމީ ޒުވާނުންނަށް، ކުޅިވަރުގެ ތަރައްގީގައި ދެއްވެން އޮތް އެހީތެރިކަމެއް، ފަސްޖެހިވަޑައިގަތުމެއް ނެތި، ދެއްވި އެވެ.
ގަލޮޅު ދަނޑުގައި އުމަރު ޒާހިރު ނެތި، ބޮޑެތި މެޗުތަކެއް ނުކުޅޭނެ އެވެ. ވިކްޓަރީގެ ބެންޗުގައި، މެނޭޖަރެއްގެ ގޮތުން، މައިނާގެ އެހީތެރިކަމެއް ނެތި، ފުޓްބޯޅަ މުބާރާތްތައް ކުރިއަކަށް ނުގެންދެވޭނެ އެވެ. ރިހި މެޑެލްގެ މެނޭޖަރަކަށް އޭނާ ވެވަޑައިގަތުމުގެ ފުރުސަތަކީ ވެސް، އެފަދަ ނިންމުމެކެވެ. އަދި ގައުމީ ޓީމުގައި އޭނާ އަދާކުރެއްވި ރޯލު، އެފަދަ ކާމިޔާބީއަކާ ހަމައަށް ދިއުމުގެ މުހިންމު ބަޔަކަށް ވާނެ ކަމަށް، ކެޕްޓަން މުހައްމަދު ކަލީމު ގަބޫކުރަނީ، ސަބަބުތަކާ ވެސް އެކުގަ އެވެ.
ކަލީމު ދެކޭ ގޮތުގައި، މިހާރު ވިސްނާލާ އިރު ވެސް، މައިނާގެ އުއްމީދަކީ ސީދާ ރަން މެޑެލް ހޯދުންކަން، އެނގެ އެވެ.
"އަޅުގަނޑަށް ހަމަ ޔަގީން މައިނާ އިބްރާހިމް ރަޝީދާއި [ކޯޗު] މިކޮލަސްއަށް އެ ނޫން އެއްވެސް އެއްޗެއް [މުބާރާތް ކާމިޔާބުކުރުން، ރަން މެޑެލް ހޯދުން] ނުފެނޭ،" ކަލީމް ބުންޏެވެ.
މިވެނި މީހަކު މަރުވުމުން އެއީ މިވެނި ކަމަކަށް، މިވެނި ދާއިރާއަކަށް ލިބޭ ވަރަށް ބޮޑު ހުސްކަމެކޭ، ވަރަށް ގިނަ ފަހަރަށް ބުނެވެ އެވެ. އެކަމަކު އެ ބުނުމަކީ، ނުވަތަ ސިފަކުރުމަކީ، މިއަދު ހަމަ ހަގީގަތުގައި ވެސް ތެދެއްކަން، އިހުސާސްކުރެވެ އެވެ. މިއަދަކީ މައިނާ އިބްރާހިމް ރަޝީދާއި އުމަރު ޒާހިރުގެ ދުވަހެކެވެ. ނޭޕާލާއި ސްރީ ލަންކާގެ މައްޗަށް ގައުމީ ޓީމު ފުރަތަމަ ފަހަރަށް ހޯދި މޮޅާ އެކު، ސާފް ގޭމްސްގެ ފައިނަލްގައި ކުޅެލުމަކީ، މައިނާގެ ވަރަށް ބޮޑު ހިއްސާއެކެވެ. އުމަރު ޒާހިރުގެ ވަރަށް ބޮޑު އެހީތެރިކަމެކެވެ.
ދެ ބޭފުޅުން މިއަދު އަޅުގަނޑުމެންނާ އެކު ނެތުމަކީ، މިއަދުގެ ހުސްކަމެވެ. އުފާވެރިކަމުގެ ތެރެއަށް ވެއްޓޭ ހިތާމައިގެ ކަރުނައެކެވެ.
ދެ ބޭފުޅުންގެ ފުރާނަފުޅަށް މާތްﷲ ރަހުމަތްލައްވާށި އެވެ. އާމީން.
ކޮމެންޓް (1)
ޑައިހާޑް ވިކް ފޭން