4 ޖޫން 2025 - މޯލްޑިވްސް އޮލިމްޕިކް ކޮމިޓީގެ ނައިބު ރައީސްގެ މަގާމު ކާމިޔާބުކުރެއްވި އަހުމަދު މުންތަގިމް

މުންތަގިމް ދެއްކެވީ ކުޅިވަރުގެ ވޯޓުގައި އޭނާ ބަލިނުކުރެވޭނެކަން، އެކަމަކު ބައެއް މީހުންނަށް އެކަން ގޯސް

އޮލިމްޕިކް ކޮމިޓީގެ ކޮންގްރެސްގައި މުންތަގިމް ވަނީ އޭނާގެ ރަސްމީ ޒިންމާ އޮތް އެތުލެޓިކްސް އެސޯސިއޭޝަންގެ ރައީސްއާ ދެކޮޅަށް ނުކުންނަވައި އެމްއޯސީގެ ނައިބު ރައީސްކަން ހޯއްދަވާފައި

ރާއްޖޭގެ އޮލިމްޕިކް ކޮމިޓީގެ އިންތިހާބުގައި، މިދިއަ ހޯމަދުވަހު، ހިނގީ ހަގީގަތުގައި ވަރަށް އާދަޔާ ހިލާފު ކަމެކެވެ.

އެ އިންތިހާބުގައި އޮލިމްޕިކް ކޮމިޓީގެ ނައިބު ރައީސްގެ މަގާމަށް ވާދަކުރައްވަން އެތުލެޓިކްސް އެސޯސިއޭޝަންގެ އެގްޒެކްޓިވް ކޮމިޓީން ފާސްކުރީ އެ އެސޯސިއޭޝަންގެ ރައީސް މުސްތޮފާ މުހައްމަދެވެ. އެތުލެޓިކްސް އެސޯސިއޭޝަންގެ ޖެނެރަލް ސެކްރެޓަރީ އަހުމަދު މުންތަގިމް އޮތީ އޭނާ ވެސް ވާދަކުރައްވާނެކަމާއި ގިނަ ވޯޓުތަކެއް ޔަގީންކުރައްވާފައި އޮތް ކަމަށް، އެ ބައްދަލުވުމުގައި ވިދާޅުވެފަ އެވެ.

އޭރު ވެސް އޮލިމްޕިކް ކޮމިޓީގެ އެއް ނައިބު ރައީސްއަކީ މުންތަގިމް އެވެ. އެތުލެޓިކްސް އެސޯސިއޭޝަންގައި އޭނާ މަސައްކަތްކުރައްވާތާ 25 އަހަރަށް ވުރެ ގިނަ ދުވަސް ވެއްޖެ އެވެ. އޭނާ ބޭނުން ނަމަ އެ އެސޯސިއޭޝަންގެ ރައީސްކަން ހޯއްދެވޭހާ ވެސް ބާރު އޮވެ އެވެ. ނަމަވެސް އޭނާ މި ދިގު މާޒީގައި މުޅިން ވެސް ހިޔާރުކުރެއްވީ ޖެނެރަލް ސެކްރެޓަރީގެ މަގާމުގައި ހުންނަވާށެވެ.

އެތުލެޓިކްސް އެސޯސިއޭޝަންގެ ރައީސް ކަމަށް އެންމެ ފަހުން އޮތް އިންތިހާބުގައި މުސްތޮފާ ގެނައީ ވެސް، އެތެރޭގެ މައުލޫމާތު ހުރި ބައެއް މީހުން ދެކޭ ގޮތުގައި، މުންތަގިމްގެ ބާރުގަ އެވެ. އޭނާގެ ނުފޫޒު އޮންނަ ކްލަބެއްގެ ކެންޑިޑޭޓެއްގެ ގޮތުގައި މުސްތޮފާ ނެރުއްވައިގެންނެވެ.

އެކަމަކު އޮލިމްޕިކް ކޮމިޓީގެ ނައިބު ރައީސްގެ މަގާމަށް ވާދަކުރައްވަން އޭނާ ތައްޔާރުވަމުން ގެންދަވަނިކޮށް މުސްތޮފާ ވެސް އެ ޝައުގުވެރިކަން ފާޅުކުރެއްވި އެވެ. އެ އެސޯސިއޭޝަންގެ އެގްޒެކްޓިވް ކޮމިޓީން އެ ފުރުސަތު ނުދިނުމުން، މުންތަގިމް ހަތިޔާރު ބެހެއްޓެވީކީ ނޫނެވެ.

އޭނާ އިންތިހާބަށް ނުކުމެވަޑައިގަތީ ޗެސް އެސޯސިއޭޝަންގެ ކެންޑިޑޭޓެއްގެ ގޮތުގަ އެވެ. އޮލިމްޕިކް ކޮމިޓީގައި ތިއްބަވާ ދެ ނައިބު ރައީސުންގެ ވޯޓުގެ ނަތީޖާއަކީ މި އެވެ:

  • 1-

    އަހުމަދު އިސްމާއިލް، 15 ވޯޓު (މިހާރު ވެސް ނައިބު ރައީސް)

  • 2-

    އަހުމަދު މުންތަގިމް، 12 ވޯޓު (މިހާރު ވެސް ނައިބު ރައީސް)

  • 3-

    މުސްތޮފާ މުހައްމަދު، ތިން ވޯޓު (އަލަށް ވާދަކުރެއްވި)

އޮލިމްޕިކް ކޮމިޓީގެ އިންތިހާބުގައި ވާދަކުރާ މީހަކު ކޮންމެހެން އޭނާ ނިސްބަތްވާ އެސޯސިއޭޝަނަކުން ނޮމިނޭޓްކުރާކަށް ނުޖެހެ އެވެ. އެހެންކަމުން މުންތަގިމް އޭނާގެ އެސޯސިއޭޝަންގެ ރައީސްއާ ދެކޮޅަށް ވާދަކުރެއްވުމަކީ ގަވާއިދާ ހިލާފު ކަމެއް ނޫނެވެ. ނަމަވެސް ކުޅިވަރުގެ ބައެއް މީހުންގެ ފާޑުކިއުން އެބަ އޮތެވެ. އެ ނަޒަރުން ވިސްނާ މީހުން ބުނާ ގޮތުގައި އަމިއްލަ އެސޯސިއޭޝަންގެ އެގްޒެކްޓިވް ކޮމިޓީން ވަކި މީހަކު ނެރެން ތާއީދުކޮށްފައި އޮއްވާ އެ ނިންމުމަށް އިހުތިރާމްނުކުރައްވައި، އެހެން އެސޯސިއޭޝަނެއްގެ ފަރާތުން ނުކުމެވަޑައިގަތުމަކީ، މުންތަގިމް ކުރެއްވި ގޯސް ކަމެކެވެ.

މޯލްޑިވްސް އޮލިމްޕިކް ކޮމިޓީގެ ރައީސް މުހައްމަދު އަބްދުއްސައްތާރު (ޗަމްޕީ): ދެވަނަ ދައުރު ލިބިވަޑައިގަތީ ވާދަކުރެއްވުމެއް ނެތި

ނަމަވެސް ހަގީގަތުގައި ކުޅިވަރުގެ އިންތިހާބީ ކަންކަން ވެސް ހިނގަނީ އެހާ ރީތިކޮށެއް ނޫނެވެ. ސިޔާސީ ދެބަސްވުންތަަކާއި ރުޅިވެރިކަން އޮންނަ ގޮތަށް އޮލިމްޕިކް ކޮމިޓީގެ އިންތިހާބުގެ ފަހަތުގައި ވެސް އޮންނަނީ އެފަދަ ވާދަވެރިކަމެކެވެ. ތަފާތަކީ ސިޔާސީ ކަންކަން އާންމުންނަށް އެނގޭ ވަރާ ގާތަށް ވެސް ކުޅިވަރުގެ އެ 'އަނދިރި' ވާދަވެރިކަން ތިލަނުވުމެވެ.

އިންތިހާބަކާ ނުލާ މިފަހަރު އޮލިމްޕިކް ކޮމިޓީގެ ރައީސްގެ މަގާމަށް ހޮވުނީ މިހާރު ވެސް އެ މަގާމުގައި ހުންނެވި މުހައްމަދު އަބްދުއްސައްތާރު (ޗަމްޕީ) އެވެ. އޭނާއާ ވާދަކުރައްވާނެ ކެންޑިޑޭޓަކު ނެތެވެ.

އޮލިމްޕިކް ކޮމިޓީގެ އިންތިހާބު ހިނގަނީ މިހެންނެވެ. އެންމެ މަތީ ތިން މަގާމަކީ ރައީސް އާއި ދެ ނައިބު ރައީސުންނެވެ. އެންމެ ފުރަތަމަ ދެ އިންތިހާބުގައި ސެކްރެޓަރީ ޖެނެރަލް ވެސް އިންތިހާބުކުރަނީ އެވެ. ނަމަވެސް މިހާރު އެއީ އައްޔަންކުރާ މަގާމެކެވެ.

ރައީސް އާއި ދެ ނައިބު ރައީސުންގެ މަގާމަށް އެ ތިން ބޭފުޅުން ނުކުންނަވަނީ ޓީމެއްގެ ގޮތުގަ އެވެ. އެކަކަށް ވޯޓު ދޭ ހުރިހާ އެސޯސިއޭޝަނަކުން އަނެއް ދެ ބޭފުޅުންނަށް ވެސް، އާންމުކޮށް، ވޯޓު ދެ އެވެ. ނުވަތަ މަދު އެސޯސިއޭޝަނަކުން އެހެން ކެންޑިޑޭޓަކަށް ވޯޓު ދީފާނެ އެވެ. މިސާލަކަށް މިފަހަރުގެ އިންތިހާބުގައި މުސްތޮފާ ހޯއްދެވި ތިން ވޯޓެވެ. މުންތަގިމްއަށް އެ ތިން ވޯޓު ގެއްލުނެވެ. އެކަމަކު އަހުމަދު އެ އޮތީ އެ ތިން ވޯޓު ވެސް ހޯއްދަވައިގެން 15 ވޯޓު ހަމަކުރައްވައިފަ އެވެ.

މެޖޯރިޓީ އެސޯސިއޭޝަންތަކުގެ ވޯޓު ކަށަވަރުކުރަން އަޑިން ހިންގަނީ އެހާ ރީތި ކެމްޕޭނެއް ނޫނެވެ. ބައެއް މީހުން ތުހުމަތުކުރާ ގޮތުގައި ވޯޓު 'ވިއްކުން' ވެސް އޮވެ އެވެ. ނަމަވެސް މިފަހަރުގެ އިންތިހާބުގައި އަބްދުއްސައްތާރާއި އަހުމަދު އަދި މުންތަގިމްއާ ވާދަކުރެވޭނެ ޓީމެއް ނުފެނުނެވެ. އެއް ބަޔަކު ބުނަނީ ސަރުކާރުން ވެސް އޮތީ އެ ތިން ބޭފުޅުންނަށް ރުހުން ދީގެން ކަމަށެވެ. އެހެންވެ ޝައުގުވެރިކަން ހުރި ބައެއް މީހުންގެ މަސައްކަތް މާ ކުރިން ހުއްޓުވީ އެވެ.

އެހާ ފަސޭހައިން އިންތިހާބުގެ ކަންކަން ކުރިއަށް ދިޔަސް އެ ބޮޑު ކޮންގްރެސް ބޭއްވީ ސިއްރުން ކަހަލަ ގޮތަށެވެ. އެ ކޮންގްރެސް ކަވަރުކުރަން މީޑިއާއަށް ދައުވަތެއް ނުދެ އެވެ. އޮލިމްޕިކް ކޮމިޓީގެ މީޑިއާ ގްރޫޕަށް ރަސްމީ މެސެޖެއް އައީ، ކުޅިވަރުގެ ބައެއް ރިޕޯޓަރުން ބުނި ގޮތުގައި، ހޯމަދުވަހުގެ ހަވީރު 5:00 ގެ ފަހުންނެވެ. އޭގައި އޮތީ 5:30ގައި ނޫސްވެރިންގެ ބައްދަލުވުމެއް ބާއްވާނެ ކަމަށް ބުނެފަ އެވެ.

އޮލިމްޕިކް ކޮމިޓީގެ އެންމެ އިސް ވެރިން. (ކަނާތުން ވާތަށް) ނައިބު ރައީސް އަހުމަދު އިސްމާއިލް، ރައީސް މުހައްމަދު އަބްދުއްސައްތާރު (ޗަމްޕީ)، ނައިބު ރައީސް އަހުމަދު މުންތަގިމް އަދި ސެކްރެޓަރީ ޖެނެރަލް ތަމޫހު އަހުމަދު ސައީދު (ތަމޫ)

މި އިންތިހާބުގައި ކިރިޔާ ވެސް ވާދަވެރިކަމަކާ ކުރިމަތިލައްވަން ޖެހިވަޑައިގަތީ މުންތަގިމްއަށެވެ. އޭނާ ދެއްކެވީ ކުޅިވަރުގެ ވޯޓުގައި އޭނާ ކަޓުވާލެވޭނެ ވަރުގެ ބާރެއް އެތުލެޓިކްސް އެސޯސިއޭޝަންގެ ރައީސްއަށް ވެސް ނެތް ކަމެވެ.

ޗެސް އެސޯސިއޭޝަންގެ ކެންޑިޑޭޓެއްގެ ގޮތުގައި އޭނާ ނުކުންނެވުމުން ބައެއް މީހުންގެ ފާޑުކިޔުން ކުރިމަތިވިޔަސް މި އިންތިހާބުން ދައްކައިދިނީ ކުޅިވަރުގައި ވެސް ބާރު އޮންނަ ފަރާތްތަކުން އެ ބާރުގެ ބޭނުންކުރާނެ ކަމެވެ. ބާރެއް ލިބި، އެ ބާރު ދޫކުރެއްވި ކުޅިވަރުގެ ވެރިޔަކު ވެސް ރާއްޖޭގައި ނެތެވެ. ކޮންމެ ބޭފުޅަކު ވެސް ދުރަށް ޖެހިވަޑައިގަންނަވަނީ މަޖުބޫރުންނެވެ. އިންތިހާބު ކާމިޔާބުކުރެއްވޭނެކަމުގެ ޔަގީންކަން ނެތުމުންނެވެ.

އޮލިމްޕިކް ކޮމިޓީގެ އާ ރިޔާސަތު 2029އާ ހަމައަށް ދެމިގެންދާނެ އެވެ. ދެ ދައުރަށް ފަހު އަބްދުއްސައްތާރާއި އަހުމަދު އަދި މުންތަގިމް އެ މަގާމުތަކުން ދުރަށް ވަޑައިގަންނަވާނެތޯ ނުވަތަ ނޫންތޯ ސުވާލުކުރަން އަދި މާ އަވަހެވެ.

ކޮމެންޓް (3)

މުސްތޯ

4 ޖޫން 2025
އެތުލެޓިކްސް އެސޯސިއޭޝަންގެ ރައީސް އެސައިންކޮށްފައިން އެސް ޖީ މަގާމުގަ ހުރެގެން އެ އެސޯސިއޭޝަންގެ ރައީސާ ދެކޮޅަށް ނިކުތުމަކީ ކުޅިވަރުގެ ރޫހާއި ޙިލާފް ކަމެއް. މުންތަގިމް އަދި ބައްސާމް ލެވެލް އަށްވެސްދާނެ. ލަދުވެތި ހާލަތެއްގަ ގައުމުގެ ކުޅިވަރު މިއޮތީ.
0 0

ގަރީނު

4 ޖޫން 2025
ބައިވަރުގަނޑެއް ލިބެނީތަ އެހާ ވަރުން ތި މަގާމުތަކާ ތި ހިފަނީ
2 0

އަލީ

4 ޖޫން 2025
މޫސަގެ ދިރާސާ ރަގަޅު. އެކަމަކު މުންތަގިމް އެ މަޤާމް ހޯދީކީ އޭނާ ގެ މޮލު ކަމުން ނޫނީ މަޝްހޫރު ކަމަކުން ނުން. މޫސަ ލިޔުނުހެން ބާރު އޮތީމަ. މާ ކުރިން ޓީމެއް ނިންމާ އެ ޓީމަށް ތާއިދު ލިބި ނިމިފަ އޮތް ކަމެއް. ޗެސް އަކީ ވެސް މި ވަގުތު ބެޑްމިންޓަނާ ފުޓްބާލަ ފަދައިން މަސައްލަތަކެއް ތެރޭއޮތް، އެތައް ދުވަހަކަށް އޭޖީއެމް ނުބޭއްވި، އޮޑިޓް ނުކޮށް، ރައީސަކުނެތް އެސޯސިއޭޝަނެއް. އެ ފަދަ އެސާސިއޭޝަނެއްގެ ޓިކެޓުގައި ކުރިމަތި ލުމަކީ، ގުޑް ގަވަރނަންސްއަށް ވަކާލާތުކޮށް، ފުޓްބޯޅަ އާއި ބެޑްމިންޓަންގެ ވާހަކަ އަބަދު ދައްކާ ބަޔަކަށް އެއްވެސް ކަމަކަށް ނުވި.
2 0

އިތުރު އާޓިކަލް

އިތުރު އާޓިކަލް