ރާއްޖޭގެ ގައުމީ އަންހެން ވޮލީ ޓީމު، ރޭގެ ފައިނަލް މެޗަށް އެރުމުގެ ކުރިން ގައުމީ ސަލާމުގައި: ސާބަސް ހައްގު --ފޮޓޯ/ވޮލީބޯލް އެސޯސިއޭޝަން

ވޮލީބޯޅަ

ބަލިވިޔަސް ދިވެހި ގައުމީ އަންހެން ޓީމަށް އޮތީ ތައުރީފާއި ޝުކުރު

ކާވާގެ އަންހެނުންގެ މުބާރާތުގެ ފައިނަލްގައި ރޭ ކިރިގިސްތާން އަތުން ރާއްޖެ 3-2 ސެޓުން ބަލިވި ނަމަވެސް ދިވެހި ކުޅުންތެރިން ދެއްކި ހިތްވަރު ގަދަ، ކުޅުން މޮޅު
12 ސެޕްޓެމްބަރު 2024
1

ކުޅިވަރުގައި ދިމާވާ ގޮތެކެވެ؛ ބަލިވީ އެވެ. ތަށި ލިބެން އޮވެ އެ އުފުލާނުލެވުނީ އެވެ. މިއީ އާންމު ދިރިއުޅުމުގެ ސިފަކުރުމަކުން ބަލާ ނަމަ މާޔޫސްވެ، މީހާ މޯޅިވެދާނެ ވަގުތެކެވެ.

ނަމަވެސް މަދު ފަހަރަކު އެ ބަލިވުން ވެސް ގެނެސްދެނީ ފަހުރާއި ޝަރަފެެވެ. ތައުރީފެވެ. ދެން އެންމެން އެއް އަޑަކުން ބުނަނީ 'ދަރިންނޭ! ޝުކުރިއްޔާ އެވެ!'

ރޭ ރާއްޖޭގެ ގައުމީ އަންހެން ވޮލީ ޓީމު، ދިވެހި ފަސްގަނޑުގައި، ދިވެހިންގެ ކުރިމަތީގައި ދެއްކީ އެ ނަމޫނާ އެވެ. ސެންޓްރަލް އޭޝިއާ ވޮލީބޯލް އެސޯސިއޭޝަން (ކާވާ)ގެ އަންހެނުންގެ މުބާރާތުގެ ފައިނަލްގައި ދިވެހިން ބަލިވީ 3-2 ސެޓުންނެވެ.

މި ބައްޔަކީ، 2019ގެ މުބާރާތުގެ ފައިނަލްގައި ވެސް ބަލިވި ރާއްޖެއަށް އޮތް ހިތާމަައެއް ވެސް މެ އެވެ. އެހާ ހިތްވަރުކޮށްފައި، އެހާ ވާންކޮށްފައި، އެހާ ގޮތްދޫކުރުމެއް ނެތި ދެއްކި ކުޅުމަށް ބަލާ ނަމަ ރާއްޖެއަށް ތަށި ލިބުމަށް ވުރެ އިންސާފުވެރި ގޮތެއް ނެތް ކަމަށް، އަހަރެމެންނަށް ގަބޫލުކުރެވިދާނެ އެވެ.

އެކަމަކު ނަތީޖާ ބުރަވީ ކިރިގިސްތާން ކޮޅަށެވެ.

ސެޓްތައް ދިޔައީ ކޮޅަކަށް ފަހަރަކު ސެޓެކެވެ. ނަތީޖާއަކީ 25-17، 24-26، 18-25، 25-22، 15-9 އެވެ. މިއީ ލީގު ބުރުގައި ސީދާ ތިން ސެޓުން ރާއްޖެ ބަލިވެފައި އޮވެ، ދިވެހިން ދެއްކި ކުރިއެރުމެކެވެ.

ފަހު ސެޓްގައި ދިވެހި ކުޅުންތެރިން ބިރުން ހާސްވެ، ފިނިވުމުގެ ފުރުސަތު، އެންމެންނަށް އެ ފެނުނު ގޮތަށް، އޮންނާނެ އެވެ. އެހާ ރަނގަޅު ކުޅުމެއް، ސޯޝަލް ސެންޓަރު ފުރާލާފައި އޮތް އެތައް ސަތޭކަ ދިވެހިންގެ ހުއްޓުމެއް ނެތް ތަރުހީބުގެ ތެރޭގައި ދައްކަމުން އައިސް، ފަހު ވަގުތު ކިރިގިސްތާނަށް، މުޅި މެޗުގައި ވެސް ދިވެހި ކުޅުންތެރިންގެ އަތުން ނުލިބޭހާ ފަސޭހަ ޕޮއިންޓްތަކެއް ދޫވީ އެވެ.

ރާއްޖޭގެ އިތުރުން ތަޖިކިސްތާނާއި އަފްގާނިސްތާނުން ވެސް ވާދަކުރި މުބާރާތުގައި ކިރިގިސްތާނަކީ ރާއްޖެއަށް ބަލިނުކުރެވުނު ހަމައެކަނި ޓީމެވެ.

ކިރިގިސްތާން ޓީމަށް ނައިބު ރައީސް ހުސެއިން މުހައްމަދު ލަތީފު ރޭ ތަށި ހަވާލުކޮށްދެއްވަނީ --ފޮޓޯ/ވޮލީބޯލް އެސޯސިއޭޝަން

ބަލިވުމަކީ ކުޅިވަރުގެ އެއް ބަ އެވެ. މޮޅަށް ކުޅެ ބަލިވެއްޖެ ނަމަ ސަޕޯޓަރުންގެ ޝަކުވާއަށް ވުރެ ބޮޑަށް ލިބެނީ ތައުރީފެވެ. އެގޮތުން ދިވެހި ގައުމީ އަންހެން ޓީމަށް މިއަދު މުޅި ރާއްޖޭގައި އޮތީ ތައުރީފެވެ. ޝުކުރުވެރިވުމެވެ. ސޯޝަލް މީޑިއާއިން އެކަން ފެނެ އެވެ. އެތައް ބަޔަކު ގެންދަނީ 'ތިއީ ގައުމުގެ ދަރިންނޭ' ވެސް ބުނަމުންނެވެ.

ރޭގެ މެޗުގެ ޝަރަފުވެރި މެހެމާން އަދި ރާއްޖޭގެ ނައިބު ރައީސް ހުސެއިން މުހައްމަދު ލަތީފް، ދިވެހި ޓީމު ސިފަކުރެއްވީ 'މިރޭ ތިޔައީ ދިވެހިންގެ ޗެމްޕިއަނުން'ގެ ގޮތުގަ އެވެ.

‏"ކާވާ ވިމެންސް ވޮލީބޯލް ޗެލެންޖް ކަޕްގައި ދިވެހި ގައުމީ އަންހެން ވޮލީބޯޅަ ޓީމުން ދެއްކި ހިތްވަރާ މޮޅު ކުޅުމަށް ސާބަސް ރައްދުކުރަން،" ފޭސްބުކްގައި ކުރެއްވި ޕޯސްޓެއްގައި އެމަނިކުފާނު ލިއުއްވި އެވެ.

"ތިޔަ ކުޅުންތެރިންގެ ހުނަރާއި ވާދަވެރިކަމުގެ ރޫހާ މެދު ފަޚުރުވެރިވަން. އެންމެ ބޭނުންވި ނަތީޖާ ނުލިބުނު ނަމަވެސް މިރޭ ތިޔައީ ދިވެހިންގެ ޗެމްޕިއަނުން!"

އާންމުކޮށް ދިވެހި އަންހެނުންގެ ވޮލީބޯޅަ ނުބަލާ މީހުން ވެސް ރޭގެ ފައިނަލް، ޔެސް ޓީވީ އާއި އެ ޗެނެލްގެ ފޭސްބުކް ޕޭޖުން، ވަގުތުން ބެލި އެވެ. ބައެއް މީހުން ބުނީ 'ހަމަ ހައިރާންވެއްޖެ' ކަމަށެވެ. ދިވެހި އަންހެން ޓީމު އެހާ މޮޅަށް ވޮލީބޯޅަ ކުޅޭކަން އޭގެ ކުރިން ނޭނގޭ ކަމަށް ވެސް، ބައެއް މީހުން ބުނެލި އެވެ.

މި މުބާރާތުގައި މީގެ ކުރިން ވެސް ދިވެހި ކުޅުންތެރިން ވަނީ ބެލުންތެރިންގެ ހިތް އަތުލައިފަ އެވެ. ލީގު ބުރުގައި ކިރިގިސްތާން އަތުން ސީދާ ތިން ސެޓުން ބަލިވި މެޗުގެ ފުރަތަމަ ސެޓް 28-28 އެއްވަރުވެފައި އޮއްވާ ކުޅުނު ރެލީ އެވެ. މިއީ މިހާތަނަށް ރާއްޖޭގެ ގައުމީ ވޮލީ ޓީމެއްގެ އެންމެ ދިގު ރެލީ އެވެ. ބޯޅަ ވައްޓާނުލައި ދެ ކޮޅުން ކުޅުނު ކުޅުން 1.15 މިނިޓަށް ދެމިގެންދިޔަ އެވެ. އެ ވަގުތު ދެ ޓީމުގެ ކުޅުންތެރިން 59 ފަހަރު ބޯޅާގައި ޖެހި އެވެ.

އެއީ މި މުބާރާތުގެ މުހިންމު ހަނދާނެކެވެ. ދެން ރޭގެ ފައިނަލް މެޗާއި މެޗަށް ފަހު ކުޅުންތެރިންގެ ކިބައިން ފެނުނު ހިތާމައިގެ އަސަރުތަކާއި ބަލި ގަބޫލުކޮށް ދެއްކި ހިނިތުންވުންތަކެވެ.

ކޮމެންޓް (1)

profile-image-placeholder

ހުސެން

12 ސެޕްޓެމްބަރު 2024
މި ފަހުގެ ތާރީހެއްގައި ރާއްޖޭގެ އަންހެންވޮލީ ޓީީމެއް ނުކުޅޭހާ މޮޅަށް ކުޅެފި. ދެއްކިހިއްވަރު އާދަޔާ ހިލާފު. ޓީމްގަ ޓެލެންޓް އެބައޮތް ހެސްކިޔާފަ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް