ވޮލީބޯޅަ

މިއީ ގައުމީ ވޮލީ ޓީމެއްގެ އެންމެ ދިގު ރެލީ ބާ؟

ރޭ ރާއްޖޭގެ ގައުމީ އަންހެން ޓީމު ކިރިގިސްތާނާ ދެކޮޅަށް ކުޅުނު މެޗުގެ ފުރަތަމަ ސެޓްގެ ފަހުކޮޅު ފެނުނު ރެލީ 1.15 މިނިޓަށް ދެމިގެން ދިޔަ
9 ސެޕްޓެމްބަރު 2024

މިހާރު މާލޭގައި ކުރިއަށްދާ ސެންޓްރަލް އޭޝިއާ ވޮލީބޯލް އެސޯސިއޭޝަން (ކާވާ)ގެ އަންހެނުންގެ މުބާރާތުގައި ރޭ ކިރިގިސްތާން އަތުން ރާއްޖެ ސީދާ ތިން ސެޓުން ބަލިވި ނަމަވެސް ދިވެހިންނަށް ހިތްހަމަޖެހުން ލިބުނު މަންޒަރެއް ފެނުނެވެ.

ފުރަތަމަ ސެޓް 28-28 ޕޮއިންޓުން އެއްވަރުވެފައި އޮއްވާ ކިރިސްތާނުން ކުރި ސާވާ އެކު ފެށި ރެލީ ދިޔަލެއް ރީތިކަމެވެ. ދެ ޓީމުން އެ ބޯޅަ ވައްޓާނުލައި ގާތްގަނޑަކަށް 1.15 މިނިޓަށް ކުޅުނެވެ. ދެ ޓީމުގެ ކުޅުންތެރިން 59 ފަހަރު ބޯޅާގައި ޖެހި އެވެ. އެންމެ ފަހުން އެ ރެލީގެ ޕޮއިންޓް ލިބުނީ ރާއްޖެއަށެވެ. އެކަމަކު 31-29 އިން ސެޓް ގެންދިޔައީ ކިރިގިސްތާނުންނެވެ.

"މިހާ ހިތްގައިމު ރެލީއެއް ދިވެހި އަންހެން ވޮލީ މެޗަކުން ދުށިންތަ؟ ދިވެހި އަންހެން ކުދިންނަށް ވާނެ. ރަން މެޑެއްޔަށް ދަތުރުކުރޭ!" މިއީ ވޮލީބޯލް އެސޯސިއޭޝަންގެ ކުރީގެ ޖެނެރަލް ސެކްރެޓަރީ އަދި ބީޗު ވޮލީގެ ބައިނަލްއަގުވާމީ ރެފްރީ ހުސެއިން މުހައްމަދު، އޭނާގެ ފޭސްބުކްގައި ލިއުއްވި ޖުމްލައެކެވެ.

މި ރެލީގެ ވީޑިއޯ ރެއިންސުރެ ސޯޝަލް މީޑިއާގައި އަންނަނީ ވައިރަލްވަމުންނެވެ.

އަންހެން ގައުމީ ޓީމު އެކަންޏެއް ނޫނެވެ. ފިރިހެން ގައުމީ ޓީމު ވެސް މިހާ ދިގު ރެލީއެއް ކުޅުނު ތަން ގިނަ މީހުންނަށް ފެނިފައެއް ނުވެ އެވެ. ސޯޝަލް މީޑިއާގެ މި ޒަމާނުގައި އެފަދަ މަންޒަރެއް ފެނުނު ނަމަ އެ ވައިރަލްވީހެވެ.

ހަތަރު ގައުމުން ވާދަކުރާ މުބާރާތުގައި ރޭ ރާއްޖެ ބަލިވި ނަމަވެސް ދެވަނަ ޓީމުގެ ގޮތުން ސެމީ ފައިނަލްގައި ކުޅޭނެ އެވެ.

ރާއްޖެ އާއި ކިރިގިސްތާންގެ އިތުރުން ދެން ވާދަކުރަނީ ތަޖިކިސްތާން އާއި އަފްގާނިސްތާން އެވެ.

ކޮމެންޓް

profile-image-placeholder

އިތުރު އާޓިކަލް

އިތުރު އާޓިކަލް