ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު، މ، އާއި ވޮލީބޯލް އެސޯސިއޭޝަންގެ ރައީސް މުހައްމަދު ރަނޭޝް އަދި ކުޅިވަރާ ބެހޭ މިނިސްޓަރު އަހުމަދު މަހްލޫފް، ރައީސް އޮފީހުގައި އޮތް ރަސްމިއްޔާތެއްގައި

ރަނޭޝް ބުނެދިނީ މިނިސްޓްރީ ފަހަތުގައި އޮވެއްޖެ ނަމަ ގާނޫނަށް ތަބާނުވެ އުޅެވިދާނެކަން

ވޮލީބޯލް އެސޯސިއޭޝަންގެ ރައީސްކަމުން އިސްތިއުފާ ދެއްވި މުހައްމަދު ރަނޭޝްއަށް ގާނޫނާއި ގަވާއިދާ ހިލާފަށް ވޮލީބޯލް އެސޯސިއޭޝަން ހިންގަން ފުރުސަތު ލިބުނީ ސްޕޯޓްސް މިނިސްޓްރީ ފަހަތުގައި އޮތުމުން
29 ފެބްރުއަރީ 2024

އެއްގޮތަކުން ބަލާއިރު ބޭރުގެ އެއާލައިނަކުން ޕައިލެޓްކަމުގެ ވަޒީފާ ހޯއްދަވައިގެން ރާއްޖެ ދޫކުރައްވާ މުހައްމަދު ރަނޭޝް ވަޑައިގެންނެވިކަން ރަނގަޅެވެ.

އެ ނިންމެވުމާ އެކު އޭނާ އެވަނީ، ރާއްޖޭގެ ވޮލީބޯޅައިގެ ބައެއް ތަޖުރިބާކާރުންގެ ނަޒަރުގައި، ގައުމީ އެސޯސިއޭޝަން ހަމަމަގަށް އަޅުވަން ފުރުސަތު ލިބިފަ އެވެ؛ ރަނޭޝް ވަނީ އެ އެސޯސިއޭޝަންގެ ރައީސްކަމުގެ މަގާމުން އެންމެ ފަހުން އިސްތިއުފާ ދެއްވައިފަ އެވެ.

މިއީ ގާނޫނާއި ގަވާއިދުތަކާ ހިލާފަށް ހިންގި އެއް އެސޯސިއޭޝަނެވެ.

ވޮލީބޯޅަ އެސޯސިއޭޝަންގެ ރައީސްކަމަށް، ކުރީގެ ގައުމީ ޓީމުގެ ސެޓަރު އިންތިހާބުކުރީ އެޕްރީލް 2021ގަ އެވެ. އޭގެ ފަހުން އޭނާ އެސޯސިއޭޝަން ހިންގަވަމުން އައީ އޭރުގެ ސްޕޯޓްސް މިނިސްޓްރީ އާއި ސްޕޯޓްސް މިނިސްޓަރު އަހުމަދު މަހުލޫފްގެ އިތުރުން އޭރުގެ ސްޕޯޓްސް ކޮމިޝަނަރު ހީނާ އަހުމަދު ސަލީމްގެ ވަރަށް ބޮޑު ހިމާޔަތެއް ލިބިގެންނެވެ. 

ރާއްޖޭގެ ގާނޫނު ބުނާ ގޮތުން ކުޅިވަރުގެ އެސޯސިއޭޝަންތަކުން އަހަރަކު އެއްފަހަރު އަހަރީ ޖަލްސާ ބާއްވައި، ބަޖެޓް ފާސްކޮށް، އެ އަހަރަކު ކުރަންވާ ކަންކަން، ސްޕޯޓްސް ކޮމިޝަނަރަށް ހުށައަޅަން ޖެހެ އެވެ. އެކަމަކު ރަނޭޝްގެ ރައީސްކަމުގައި ދެ އަހަރު ދިޔައީ އަހަރީ ޖަލްސާ ނުބާއްވައި، ބަޖެޓް ވެސް ފާސްނުކޮށެވެ.

މިިދިއަ އަހަރުގެ މޭ މަހު 'ދައުރު'ގައި ޖެހި ރިޕޯޓަކަށް ވާހަކަ ދައްކަވަމުން ހީނާ ސަލީމް ވިދާޅުވީ ވޮލީބޯޅަ އެސޯސިއޭޝަންގެ ވެރިންނާ ބައްދަލުކުރެވޭ ގޮތް ނުވި ކަމަށެވެ.

"ރަށުގައި ނޫޅުއްވާތީ ނާދެވުނީ ކަމަށް އެނގިފައި އޮތީ. ދެން އޭގެ ފަހުން އަދި މި އުޅެނީ ވަގުތު ދިމާނުވާތީ ބައްދަލުނުވެގެން،" ހީނާ ސަލީމް އޭރު ވިދާޅުވި އެވެ.

އެ ވަގުތެއް، ސަލީމްގެ ދައުރު ހަމަވި އިރު ވެސް، ލިބިވަޑައެއް ނުގަތެވެ. 

ވޮލީބޯޅަ އެސޯސިއޭޝަނުން ގާނޫނުން ބޭރުގައި ހިންގި ނަމަވެސް ސްޕޯޓްސް މިނިސްޓްރީން ވަރަށް ބޮޑު ހޭދައެއް އެ އެސޯސިއޭޝަނަށް ކުރި އެވެ. އޭގެ ތެރޭގައި ޖެހިޖެހިގެން ބޮޑެތި މުބާރާތްތަކެއް ރާއްޖޭގައި ބޭއްވުން ހިމެނެ އެވެ. އެ މުބާރާތްތަކަށް ބޭރު ޓީމުތައް ގެނެސް، ހުރިހާ ހަރަދެއް ކުރީ ސަރުކާރުންނެވެ.

މިއީ ގާނޫނާއި ގަވާއިދުތަކާ ހިލާފަށް އެސޯސިއޭޝަންތައް ހިންގި ނަމަވެސް އެ އިދާރާތަކުގެ ހިމާޔަތުގައި ސަރުކާރު އޮންނަކަމުގެ ވަރަށް ސާފު ހެއްކެކެވެ. މިކަހަލަ އަމަލްތަކާ ހެދި ކުޅިވަރުގެ ހިންގުމުގެ ތެރެއަށް ނުބައި ނުފޫޒާއި ހިޔާނާތުގެ ކަންކަން ވަދެ އެވެ. މައްސަލަތައް ބަލާނެ ފަރާތެއް ނެތެވެ.

ވޮލީބޯޅަ އެސޯސިއޭޝަނުން 2023ގައި ބޭއްވި ފޯ ނޭޝަންސް ކަޕްގެ ފައިނަލް މެޗުގައި ރާއްޖޭގެ ކުޅުންތެރިޔަކު ސިންގަޕޫރާ ދެކޮޅަށް ހަމަލާއެއް ދެނީ: މިކަހަލަ މުބާރާތްތަކަށް ސަރުކާރުން ހޭދަކުރީ ގާނޫނާ ހިލާފަށް އެސޯސިއޭޝަން ހިންގަނިކޮށް (ދައުރު ފޮޓޯ/އަބްދުﷲ އިޔާން)

ރަނޭޝް އިންތިހާބުކުރި އިންތިހާބު 1 އެޕްރީލް 2021ގައި ބާއްވަން ސްޕޯޓްސް ކޮމިޝަނަރު ހުއްދަދެއްވީ ތިން މަސް ދުވަހުގެ ތެރޭގައި އަސާސީ ގަވާއިދު ފާސްކޮށް ހުށައަޅަން، ރަސްމީކޮށް އަންގަަވައިފަ އެވެ. ނަމަވެސް މަގާމުން ވަކިވެވަޑައިގަތުމުގެ ކުޑަ ދުވަސްކޮޅެއް ކުރިން އެ ގަވާއިދު ފާސްކުރުމުގެ ކުރިން ގާތްގަނޑަކަށް ތިން އަހަރު އެ ހޭދަވީ އެކަން ނުކޮށެވެ. އެހެން ގޮތަކަށް ބުނާ ނަމަ ސްޕޯޓްސް ކޮމިޝަނަރަށް ވެސް ގޮންޖަހަމުންނެވެ. އެކަމަކު ސަލީމަށް ވެސް އަދި މަހުލޫފަށް ވެސް ރަނޭޝް ހަމަ މަގަށް އެޅުއްވޭ ގޮތެއް އޭރު އނުވި އެވެ.

ޕައިލެޓްކަމުގެ ވަޒީފާއެއް ރަނޭޝްއަށް ބޭރުން ލިބިވަޑައިގަތުމަކީ ވޮލީއަށް ރަނގަޅެއް ކަމަށް، ބައެއް ތަޖުރިބާކާރުން ފާހަގަކުރަނީ އެ ސަބަބާ ހެދި އެވެ. އޭނާ ގަދަފައި ވިއްދާފައި ހިންގެވި އެސޯސިއޭޝަނަށް އަލުން ހަމަ ނޭވާއެއް ލާން މިހާރު ކޮންމެވެސް ވަރެއްގެ ފުރުސަތެއް ލިބޭނެ އެވެ.

އެކަމަކު އެއީ މިހާރުގެ ސްޕޯޓްސް މިނިސްޓްރީ އާއި މިނިސްޓަރު އަބްދުﷲ ރާފިއު އަދި ސްޕޯޓްސް ކޮމިޝަނަރު މުހައްމަދު ތޮލާލް ވެސް ކުޅިވަރުގެ ކަންކަން ގާނޫނުތަކާއި ގަވާއިދުތަކާ އެއްގޮތަށް ކުރިއަށް ގެންދަވަން މަސައްކަތްކުރައްވައިފި ނަމަ އެވެ. އޭގެ ބަދަލުގައި އެއްވެސް ސަބަބަކާ ހެދި ވަކި މީހަކު ހިމާޔަތްކުރުމުގެ ސިޔާސަތު ސަރުކާރުގެ ތެރޭގައި އޮވެއްޖެ ނަމަ ރަނޭޝް ކަހަލަ އެތައް ވެރިންނެއް ފެންނާނެ އެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް