މި އަހަރު ފެބްރުއަރީ މަހު ކުއްލިއަކަށް ބޭއްވި 'ފޯ ނޭޝަންސް ކަޕް' އިއުލާންކުރުމުގެ ރަސްމިއްޔާތުގައި މުހައްމަދު ރަނޭޝް ،ކ، އާއި ކުޅިވަރާ ބެހޭ މިނިސްޓަރު އަހުމަދު މަހްލޫފު ބޮޑު ހިނިތުންވުމެއްގައި: މިއީ އަހަރީ ޖަލްސާ ނުބާއްވާ ހިންގާ ހަމައެކަނި އެސޯސިއޭޝަން --ފޮޓޯ/ވޮލީބޯލް އެސޯސިއޭޝަން

ރަނޭޝްގެ ރައީސްކަމުގައި ވޮލީ އެސޯސިއޭޝަނަށް ގާނޫނެއް ވެސް ނުހިނގާ

އަހަރީ ޖަލްސާ ނުބާއްވާތާ ދެ އަހަރު ވީ އިރު ވެސް ސަރުކާރުން ގެންދަނީ ރަނޭޝްގެ ހިމާޔަތުގައި އެތައް އެހީއެއް ވަމުން

މުހައްމަދު ރަނޭޝްގެ ރައީސްކަމުގައި ރާއްޖޭގެ އެންމެ ބޮޑު އެއް އެސޯސިއޭޝަން ހުއްޓި، ގާނޫނާއި ގަވާއިދުތަކާ ހިލާފުވެފައިވާކަމުގެ ޝަކުވާ ބޮޑުވެއްޖެ އެވެ.

ވާދަވެރި އިންތިހާބަކަށް ފަހު 2021 ގައި، ގައުމީ ޓީމުގެ ކުރީގެ ސެޓަރު އަދި ދިރިއުޅުމުގެ ވަޒީފާއެއްގެ ގޮތުން ޕައިލެޓްކަން ކުރައްވަމުން ގެންދަވާ ރަނޭޝް ރާއްޖޭގެ ދެވަނައަށް އެންމެ މަގުބޫލް ކުޅިވަރުގެ މައި އިދާރާގެ ރައީސްކަން ލިބިވަޑައިގެންނެވުމުން ވޮލީބޯލް އެސޯސިއޭޝަންގެ ހިންގުން ހަރުދަނާވާނެ ކަމަށް ބެލެވުނެވެ. ނަމަވެސް އޭނާ ފެންނަނީ، ވޮލީގެ ބައެއް ތަޖުރިބާކާރުން ބުނާ ގޮތުގައި، 'ވޮލީ އާއިލާ ހަލާކުކުރާ ތަނެ'ވެ.

ރާއްޖޭގެ ގައުމީ އެސޯސިއޭޝަންތަކުން އަހަރަކު އެއްފަހަރު އަހަރީ ޖަލްސާ ބާއްވައި، އަހަރުގެ ބަޖެޓް ފާސްކޮށް، އަހަރު ތެރޭގައި ކުރާ ކަންކަން ރާވާފައި، ކޮމިޝަނާ އޮފް ސްޕޯޓްސްއަށް ހުށައަޅަން ޖެހެ އެވެ. އާންމުކޮށް ދީފައި އޮންނަނީ މާޗު މަސް ނިމުގެ ކުރިން އަހަރީ ރިޕޯޓް ހުށައަޅާށެވެ. ނަމަވެސް އެސޯސިއޭޝަންގެ ހިންގުމާ ރަނޭޝް ހަވާލުވެވަޑައިގެންނެވި ފަހުން އަހަރީ ބައްދަލުވުމެއް އަދި ނުބާއްވަ އެވެ.

ފޯ ނޭޝަންސް ކަޕްގައި ރާއްޖޭގެ އަންހެން ޓީމު މެލޭޝިއާއާ ދެކޮޅަށް ކުޅުނު މެޗު: ސަރުކާރުގެ އެހީގައި މުބާރާތްތައް ބޭއްވިޔަސް އެސޯސިއޭޝަން ހިންގަނީ ގާނޫނާ ހިލާފަށް (ދައުރު ފޮޓޯ/އަބްދުﷲ އިޔާން)

ކޮމިޝަނާ އޮފް ސްޕޯޓްސް ހީނާ އަހުމަދު ސަލީމް ވިދާޅުވީ ވޮލީބޯލް އެސޯސިއޭޝަންގެ މައްސަލާގައި މަޝްވަރާކުރަން ދެ ދުވަހަކު ދެންނެވުމުން ވެސް، އެސޯސިއޭޝަންގެ ބޭފުޅުންނަށް ވަޑައިނުގެންނެވުނު ކަމަށެވެ.

"ރަށުގައި ނޫޅުއްވާތީ ނާދެވުނީ ކަމަށް އެނގިފައި އޮތީ. ދެން އޭގެ ފަހުން އަދި މި އުޅެނީ ވަގުތު ދިމާނުވާތީ ބައްދަލުނުވެގެން،" ހީނާ ސަލީމް ވިދާޅުވި އެވެ.

އަހަރީ ޖަލްސާ ނުބާއްވާ ދެ އަހަރު ވުމަކީ، ވޮލީ ކަހަލަ ރާއްޖޭގެ މައި ކުޅިވަރެއްގެ ގައުމީ އިދާރާގެ ހިންގުން ބޮއްސުންލާފައި އޮތް ކަމުގެ ހެއްކެއް ކަމަށް ވޮލީގެ ތަޖުރިބާކާރުން ދެކެ އެވެ.

ގައުމީ ވޮލީ ޓީމުގެ ކުރީ ކޯޗު މުހައްމަދު ޝަރަފަކީ އެސޯސިއޭޝަންގެ ކަންކަމާ އެންމެ ފާޅުގައި ފާޑުކިޔަމުން އަންނަ އެކެކެވެ. އެސޯސިއޭޝަންގެ މިހާރުގެ މެނޭޖްމަންޓަށް ދެ އަހަރު ފުރުން ފާހަގަކޮށް 1 އެޕްރީލްގައި އޭނާ ލިއުނު އެފްބީ ޕޯސްޓެއްގައި 10 ކަމެއް ފާހަގަކުރި އެވެ. އެސޯސިއޭޝަންގެ އާންމު ޖަލްސާތައް ނުބާއްވާ މައްސަލައިން ފެށިގެން ކުޅުންތެރިންނާއި ކޯޗުންނާއި ރެފްރީންގެ ތެރޭގައި ނަފުރަތު އުފައްދައި، ބައިބައިކުރުމުގެ އުސޫލެއް ގެންގުޅޭކަމުގެ ތުހުމަތު، އެ 10 މައްސަލައިގެ ތެރޭގައި އޭނާ ހިމެނި އެވެ.

ވޮލީއާ ގުޅުން ހުރި މީހަކު އެގޮތަށް އާންމުކޮށް ފާހަގަކުރި މައްސަލަތަކާ ބެހޭ ގޮތުން، ރަނޭޝްއަށް 'ދައުރު'ން ސުވާލުކުރިތާ މަހަކަށް ވުރެ ގިނަ ދުވަސް ވި އިރު ވެސް، ޖަވާބެއް ނުދެއްވަ އެވެ.

އެސޯސިއޭޝަންގެ ކޯޗާސް ކޮމިޝަންގެ މެމްބަރަކު، އެ ކޮމިޝަންގެ ދެ އަހަރުގެ މުއްދަތު ހަމަވެ، އިންތިހާބެއް ނުބާއްވައި އިތުރަށް ހުންނަން ބޭނުންނުވެގެން އިސްތިއުފާ ދިނުމުން، އެތެރޭގެ ގުނަންތަކުގެ އިންތިހާބު ބާއްވާނީ ކޮން އިރަކުންތޯ ސުވާލު ދެންނެވުމުން މި މަހު ދެ ވަނަ ދުވަހު، ރަޝޭން ހަމައެކަނި ވިދާޅުވީ 'މޭމަހު' ކަމަށެވެ. އެއީ މި މަހެވެ.

ވަޓްސްއެޕުން ކުރި އެ ސުވާލަށް އެ ޖަވާބު ދެއްވުމުން، މަތީގައި ދެން ހުރި ސުވާލުތަކުގެ ޖަވާބަކީ ކޮބައިތޯ ދެންނެވިތާ މިއަދަށް މިވީ 11 ދުވަހެވެ. އަދި ޖަވާބެއް ނެތެވެ.

ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އާއި  ރަނޭޝް (ރައީސްއާ ޖެހިގެން ފޮޓޯގެ ވާތް ފަރާތުގައި) އަދި ކުޅިވަރާ ބެހޭ މިނިސްޓަރު މަހްލޫފް، ރައީސް އޮފީހުގައި އޮތް ރަސްމިއްޔާތެއްގައި

ކޮންމެ އަހަރަކު ބާއްވަން ޖެހޭ އާންމު ޖަލްސާ ނުބާއްވައި، ދެ އަހަރު ވީ ނަމަވެސް ވޮލީބޯލް އެސޯސިއޭޝަނަކީ ސަރުކާރުގެ އެންމެ ގާތް އެއް އެސޯސިއޭޝަންކަން އެނގެ އެވެ. އެގޮތުން ބޭރުގެ ޓީމުތައް ގެނެސްގެން މުބާރާތްތައް ބާއްވަ އެވެ. އެއީ ކުޅުންތެރިންނަށް ހޯދައިދޭ ފުރުސަތެއް ނަމަވެސް، އިދާރީ ހިންގުމުގައި ގާނޫނާއި ގަވާއިދުތަކާ ހިލާފުވެފައިވާ އެސޯސިއޭޝަނަކަށް ސަރުކާރުގެ ބަޖެޓުން ބޮޑު ހަރަދެއް ކުރަން ޖެހޭތޯ ސުވާލު އުފެދެ އެވެ.

ހީނާ ސަލީމް ވިދާޅުވީ ގަވާއިދާ ހިލާފު ވެއްޖެ ނަމަ ޖޫރިމަނާކުރުމުގެ ބާރު ކޮމިޝަނާ އޮފް ސްޕޯޓްސްއަށް އޮންނަ ކަމަށެވެ. ނަމަވެސް މިހާތަނަށް، އެއްވެސް އެސޯސިއޭޝަނެއް ނުވަތަ ކްލަބެއް ވެސް ޖޫރިމަނާކޮށްފައި ނޯންނާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

ނަން ނުޖަހާ ގޮތަށް ވާހަކަ ދެއްކި ވޮލީގެ ތެރޭގައި އުޅެމުން އަންނަ ބައެއް މީހުން ބުނީ މިހާރު 'ވޮލީބޯޅަ އެސޯސިއޭޝަނެއް ނެތް' ކަމަށެވެ. އެހެން ބުނަން ޖެހޭ އެތައް ސަބަބެއް އެބަ ހުއްޓެވެ. އިދާރީ ގޮތުން އެސޯސިއޭޝަންތައް ހިންގުމުގެ އިސް މަގާމަކީ ޖެނެރަލް ސެކްރެޓަރީ އެވެ. ނަމަވެސް ވޮލީބޯލް އެސޯސިއޭޝަންގެ އެ މަގާމުގައި މީހަކު ނެތްތާ ހައެއްކަ މަސް ވެއްޖެ އެވެ.

"ހުރިހާ ކަމެއް އޮންނަނީ ރެނޭގެ އަތް ދަށުގައި،" ވޮލީގެ ހަރަކާތްތަކުގައި އުޅޭ އެކަކު ބުންޏެވެ.

ރަނޭޝް އިންތިހާބުވި އިންތިހާބު 1 އެޕްރީލް 2021 ގައި ބާއްވަން ކޮމިޝަނާ އޮފް ސްޕޯޓްސް އިން ހުއްދަދިނީ ތިން މަސްދުވަހުގެ ތެރޭގައި އަސާސީ ގަވާއިދު ބަދަލުކޮށް އެ ކޮމިޝަނަށް ހުށައަޅަން، ރަސްމީކޮށް އަންގައިފަ އެވެ. ނަމަވެސް ދެ އަހަރު ވީ އިރު އެ ގަވާއިދު އެ ކޮމިޝަނަކަށް ހުށައެއްނާޅަ އެވެ.

ބޭރު ތެރެއިން ލިބޭ މައުލޫމާތަށް ބިނާކުރައްވައި ހީނާ ވިދާޅުވީ ގަވާއިދު އިސްލާހުކޮށްފައި އޮތް ކަމަށެވެ. ނަމަވެސް އެ އިސްލާހުތައް އަހަރީ ޖަލްސާގައި ފާސްކުރަން ޖެހެ އެވެ. އެ ޖަލްސާ ނުބާއްވަންޏާ އެކަމެއް ނުކުރެވޭނެ އެވެ.

އަހަރީ ޖަލްސާ ނުބާއްވައި މި ގޮތަށް ގައުމީ އެސޯސިއޭޝަނެއް 'ހިންގަން' ދޫކޮށްލުމަކީ ކުޑަ މައްސަލައެއް ނޫނެވެ. އެކަމަކު ވޮލީގެ ބައެއް މީހުން ބުނާ ގޮތުގައި ރަނޭޝްއަކީ ސަރުކާރުގެ ރުހުން އޮތް ބޭފުޅެކެވެ. ސަރުކާރުން ހިތްހަމަނުޖެހޭ ބޭފުޅަކު ވޮލީ އެސޯސިއޭޝަންގެ ރައީސްކަމުގައި މި ވަގުތު ހުންނެވި ނަމަ އެ ފުރުސަތު ނޯންނާނެ ކަމަށް، އެ މީހުން ދެކެ އެވެ.

ސަރުކާރުން ހިމާޔަތްކުރަން ބޭނުން މީހެއް ނަމަ ގާނޫނާއި ގަވާއިދާ ހިލާފު ވިޔަސް، އެ މީހާ ހުންނާނީ، އެހެން ބަޔަކަށް އަތްނުލެވޭ ހިސާބެއްގަ އެވެ. ރަނޭޝްއަކީ އޭގެ މިސާލެކެވެ. 

"ރަނޭ ދެކެނީ އޭނާއަށް ފާޑުކިޔާ އެންމެންނަކީ ދުޝްމަނުން ކަމަށް. ފާޑެއްކިޔައިފިއްޔާ އެމީހާއާ ގުޅުން ކަނޑާލަނީ،" ނަން ނުޖަހާ ގޮތަށް ވާހަކަދެއްކި، ވޮލީބޯޅައިގެ ތަޖުރިބާކާރަކު ބުންޏެވެ.

"އެސޯސިއޭޝަން ހިންގާ ގޮތަށް ފާޑުކިޔުމަކީ ރުޅިއަންނަން ޖެހޭ ކަމެއް ނޫންދޯ. ހިޔާލު ތަފާތު މީހުން އުޅޭނެ."

އެކަން ހަމަގައިމުވެސް ރަނޭޝްއަކަށް އެނގިވަޑައެއްނުގަންނަވަ އެވެ. އަދި އެގޮތުގައި އޭނާއަށް ހުންނެވޭނެ ފުރުސަތު ސަރުކާރުން އޮތީ ފުޅާކޮށް ދީފަ އެވެ.

ކޮމެންޓް (6)

ހުސެން

13 މޭ 2023
4 މީހުންގެ ޓީމަކުން ވޮލީ ފުނޑަނީ ރަނޭ ، ރާމްބެ ‘ އަސްރާ ‘ ކާއްޓޭ
5 1

އަލީ

13 މޭ 2023
ކޮމިޝަނަރ އޮފް ސްޕޯޓްސް ގެ ޒިންމާ އެއް ނެތްތޯ؟ މިހުރިހާ އިދާރާއެއް ހުރީމާ ވަކި ވާކަމެއް އިތުރުކަމެއް ނެތް ދެއްތޯ؟ ހާދަ ފަސޭހަކެށޭ ކޮމިޝަނަރުވެސް އެ ބޮލުން ނައްޓާލަނީ. އަދި އިތުރު ކޮމިޝަނަރެއްވެސް ކޮންމެވެސް ނަމެއް ކިޔާފަ ލާންވީ.
4 0

އަބުޅޯ

13 މޭ 2023
ރަނޭ ހިތުން ވޮލީ ފުނޑާ ލާނީ ޔޯ. އެހެން އެކަން ކުރަން ދޫކޮށްލަން ތިބޭނެ ކަމަށް ހީނުކުރާތި.
6 1

ރިޔާ

13 މޭ 2023
ރަނޭ ދުއްވާ ބޯޓުގަ ތިބޭނީ އެއް ކޯ ޕައިލެޓާ ދެ ކެބިން ކުރޫ. އެވަރަށް މީހުން ގެންގުޅެން އިނގުން އޭނަގެ ކެޕޭސިޓީ އަކީ.
7 3

ނަލަ

13 މޭ 2023
@ރިޔާ ކޯޕައިލެޓް - ރާމްބެ ކެބިން ކްރޫ - އަސްރާ ، ކާއްޓެ 😂😂😂😂
5 1

ތެފައާސާ

15 މޭ 2023
@ރިޔާ ހަހަ. ޓޭކެން އިން ކޮންޓެކްސްޓް ވިތް ދަ އިޝޫ އިން ދަ އާރޓިކަލް، ދިސް އިޒް ދަ ބެސްޓް ކޮމެންޓް އައި ހޭވް ސީން ފޯރ އަ ވައިލް..
0 0

އިތުރު އާޓިކަލް

އިތުރު އާޓިކަލް