ޔޫތް މިނިސްޓަރު އަހުމަދު މަހުލޫފް މިއަދު ރައްޔިތުން މަޖިލީހުގެ ތަޅުމުގައި މެންބަރުންގެ ސުވާލުތަކަށް ޖަވާބު ދެއްވަނީ: ސްޕޯޓްސް ކޯޕަރޭޝަން އުވާލަން ގޮވާލެއްވި (ފޮޓޯ/މަޖިލީސް)

ޔޫތު މިނިސްޓްރީ

ސްޕޯޓްސް ކޯޕަރޭޝަން ބޭކާރު، ވަގުތުން އުވާލަން ޖެހޭ: މަހުލޫފް

ސްޕޯޓްސް ކޯޕަރޭޝަން އުވާލުމުގެ ވާހަކަ ދައްކާ އެތައް ދުވަހެއް ވާއިރުވެސް އެކަން ތަންފީޒު ނުވާތީ މަހުލޫފް މިއަދު ކަންބޮޑުވުން ފާޅުކުރެއްވި
17 ނޮވެމްބަރު 2021

ސްޕޯޓްސް ކޯޕަރޭޝަނަކީ ވަގުތުން އުވާލަން ޖެހޭ ކުންފުންޏެއް ކަމަށާއި އެ ކޯޕަރޭޝަނަކީ އެއްވެސް މަސައްކަތެއް ނުކުރާ ބޭކާރު ފައިސާތަކެއް ހަރަދު ވަމުންދާ ކުންފުންޏެއް ކަމަށް ޔޫތް މިނިސްޓަރު އަހުމަދު މަހުލޫފް މިއަދު ވިދާޅުވެއްޖެ އެވެ.

ބުނީ ކީކޭ؟ - ސްޕޯޓްސް ކޯޕަރޭޝަންގެ މަސައްކަތްތަކާ ގުޅޭ ގޮތުން މެންބަރަކު މިއަދު މަޖިލީހުގައި ކުރެއްވި ސުވާލަކާ ގުޅިގެން ޖަވާބު ދެއްވަމުން މިނިސްޓަރު މަހުލޫފް ވިދާޅުވީ ސްޕޯޓްސް ކޯޕަރޭޝަނަކީ ދުނިޔޭގެ އެއްވެސް ތަނެއްގައި އޮންނަ ޒާތެއްގެ ކުންފުންޏެއް ނޫން ކަމަށެވެ. އަދި އެ ކުންފުނީގެ މެންޑޭޓް ވަރަށް ބޮޑަށް ޔޫތް މިނިސްޓްރީއާ ވެސް ފުށު އަރާ ކަމަށް ވިދާޅުވި އެވެ. މަހުލޫފް ވިދާޅުވީ ސްޕޯޓްސް ކޯޕަރޭޝަނުގައި މަސައްކަތެއް ކުރެވޭނެ ގާބިލް ކަމެއް ވެސް ނެތް ކަަމަށާއި ދުނިޔޭގައި އޮންނަނީ ސުޕޯޓް ޑިވަލޮޕްމަންޓު ފަންޑުތައް ކަމަށެވެ.

"އެކަން [ސްޕޯޓްސް ކޯޕަރޭޝަން] ކަންތައް ވެސް މި އޮންނަނީ ވަރަށް މަޖާކޮށް ހިނގާ ކަމަކަށްވެފައި. މި މަޖިލީހުގައި ވެސް އެ މައްސަލަ [ސްޕޯޓްސް ކޯޕަރޭޝަން އުވާލުމުގެ މައްސަލަ] ދެކޮޅަށް ދުވާތާ އެތައް ދުވަހެއް. ހަމައެކަނި މިހާތަނަށް އެ ކުންފުނިން ކުރާ ކަމަކީ ހެޕީ ފާދާސް ޑޭ. ހެޕީ މާދާސް ޑޭ. މިކަހަލަ ގުރީޓިން ޕޯސްޓުތައް ކުރުން އެކަނި. އެ ނޫން އެއް ކަމެއް ވެސް ނުކުރޭ. މިއީ ވަގުތުން އުވާލަން ޖެހޭ ކުންފުންޏެއް،" މަހުލޫފް ވިދާޅުވި އެވެ.

ޔޫތް މިނިސްޓަރު އަހުމަދު މަހުލޫފްރައްޔިތުން މަޖިލީހުގެ ތަޅުމުގައި މެންބަރުންގެ ސުވާލުތަކަށް ޖަވާބު ދެއްވަނީ (ފޮޓޯ/މަޖިލީސް)

އައުޓްޑޯ ޖިމް މަޝްރޫއު ލަސްވީ އެ ކުންފުންޏާ ހެދި

މަހުލޫފް ވިދާޅުވީ އެ ކުންފުންޏާ ހަވާލުކޮށްގެން ބައެއް ކަންކަން ކުރެވޭތޯ ޔޫތް މިނިސްޓްރީން މަސައްކަތް ކުރި އެވެ.

އެ ގޮތުން މިނިސްޓްރީން ހަވާލުކުރި މަަސައްކަތްތަކުގެ ތަފްސީލް މިނިސްޓަރު މިއަދު ދެއްވި އެވެ. ވިދާޅުވީ:

  • އައުޓްޑޯ ޖިމްތައް ހެދުމަށް ބޭނުންވާ ސާމާނު ތިން މަސް ތެރޭ ރާއްޖެ ގެންނަން ހަވާލުކުރި

  • އެ ތަކެތި ރާއްޖެ ގެނެވުނީ އެއް އަހަރާއި ދެ މަސް ފަހުން 

  • އެތަކެތި ކަސްޓަމްސްގައި ހުރެ ގިނަ ދުވަސްވުމުގެ ސަބަބުން ޑެމަރޭޖް އެރި 

  • އެ ފައިސާ މާފުކޮށް ދިނުމަށް ރައީސްއަށް ދަންނަވަން ޖެހުނު

"އެ މަޝްރޫއު އެކަމާ ހެދި ލަސްވެގެން ގޮސް އަޅުގަނޑުމެންނަށް ޝަކުވާތައް އެބަ އާދޭ،" މަހުލޫފް ވިދާޅުވި އެވެ.

 ހަމައެކަނި މިހާތަނަށް އެ ކުންފުނިން ކުރާ ކަމަކީ ހެޕީ ފާދާސް ޑޭ. ހެޕީ މާދާސް ޑޭ. މިކަހަލަ ގުރީޓިން ޕޯސްޓުތައް ކުރުން އެކަނި. އެ ނޫން އެއް ކަމެއް ވެސް ނުކުރޭ. މިއީ ވަގުތުން އުވާލަން ޖެހޭ ކުންފުންޏެއް

އަހުމަދު މަހުލޫފް/ޔޫތް މިނިސްޓަރު

އިމާރާތާއި ބޭކާރު ހަރަދު

ސްޕޯޓްސް ކޮމިޝަނަރު އިށީންނާނެ ތަނެއް ނެތް އިރުވެސް ގަލޮޅު ދަނޑުގައި ހުރި މިނިސްޓްރީގެ އިމާރާތެއް ސްޕޯޓްސް ކޯޕަރޭޝަނަށް ދޭން ޖެހިފައިވާ ކަމަށް މަހުލޫފް ވިދާޅުވެ އެކަމުގެ ކަންބޮޑުވުން ވެސް ފާޅުކުރެއްވި އެވެ. އޭނާއެކަން ސިފަކުރެއްވީ ގަދަކަމުން ޔޫތް މިނިސްޓްރީގެ އިމާރާތެއްގެ ތެރެއަށް މިނިސްޓްރީއާ ގުޅުމެއް ނެތް ބަޔަކު ގަދަކަމުން ވަދެ ތިބުން ކަމަށެވެ.

"އެތަނުގައި ތިއްބެވި ބޭފުޅުންގެ ގާބިލް ކަމާ މެދު އަޅުގަނޑު ޝައްކު ކުރަނީއެއް ނޫން. އެތަނުގައި ތިއްބެވި މައުރޫފްމެން މިނިސްޓްރީއަށް ވަޑައިގެން މިނިސްޓްރީ ތެރޭގައި މަަސައްކަތް ކުރައްވާ ނަމަ މާ ރަނގަޅުވާނެ. އަނެއްކާ އެތަނަށް އެތައް ފައިސާތަކެއް ބޭކާރުވެގެން ވެސް އެބަދޭ،" މިނިސްޓަރު ވިދާޅުވި އެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް