މި އަހަރު އޮތް ސްކޫލްތަކުގެ ފުޓްބޯޅަ މުބާރާތުގައި ބިލަބޮންގް ކޮޅަށް ލަނޑު ޖެހުމަށް ފަހު އީތަން އުފަލުން (ދައުރު ފޮޓޯ/އަބްދުﷲ އިއާން)

ސްޕެއިންގެ ކްލަބަކުން އީތަން އެއް ސީޒަނަށް ގެންގޮސްފި

އުމުރުން 14 އަހަރުގެ މިޑްފީލްޑަރު ގެންދިޔަ ކްލަބް ހާމަކުރެވޭނީ އެ ކްލަބުން ހުއްދަ ލިބިގެން
12 އޯގަސްޓު 2023
6

ރާއްޖޭގައި މި ވަގުތު ތިބި ޒުވާން އެންމެ މޮޅު ކުޅުންތެރިންގެ ތެރޭގައި ހިމެނޭ އީތަން އިބްރާހިމް ޒަކީ، ސްޕެއިންގެ ކްލަބަކުން އެއް ސީޒަނަށް ގެންގޮސްފި އެވެ. މިއީ ސްޕެއިންގެ ކްލަބަކުން ކޮންޓްރެކްޓެއްގެ ދަށުން ދިވެހި ކުޅުންތެރިޔަކު ކުޅެން ގެންދިޔަ ފުރަތަމަ ފަހަރެވެ.

'ދައުރު'އަށް އެނގިފައިވާ ގޮތުގައި މިހާރު ސްޕެއިންގައި ހުރި 14 އަހަރުގެ މިޑްފީލްޑަރު ކުޅޭނީ އޭނާ ގެންދިޔަ ކްލަބްގެ 16 އަހަރުން ދަށުގެ ޓީމަށެވެ.

އީތަންއަކީ 16 އަހަރުން ދަށުގެ ގައުމީ ޓީމާއި އިސްކަންދަރު ސްކޫލްގެ 15 އަހަރުން ދަށުގެ ޓީމުގެ ތަރިއެކެވެ. މި އަހަރު އޮތް ސްކޫލްތަކުގެ ފުޓްބޯޅަ މުބާރާތުގެ ޗެމްޕިއަންކަން އެއްވެސް މެޗަކުން ބަލިނުވެ އިސްކަންދަރު ހޯދުމުގެ ފަހަތުގައި ހުރި އެއް ޕްލޭމޭކަރަކީ ވެސް އީތަން އެވެ.

މިދިއަ އަންގާރަ ދުވަހު ދިވެހި ޕްރިމިއަ ލީގުގައި ވެލެންސިއާއަށް ލަނޑެއް ކާމިޔާބުކޮށް އީތަން ވަނީ ރާއްޖޭގެ އެންމެ މަތީ ފުޓްބޯޅަ މުބާރާތުގައި ލަނޑެއް ޖެހި އެންމެ ހަގު ކުޅުންތެރިޔާގެ ގޮތުން ތާރީހަށް ވަދެފަ އެވެ. އެ ލަނޑު ޖެހި އިރު އުމުރަކީ 14 އަހަރާއި ނުވަ މަހާއި ދެ ދުވަހެވެ.

ދިވެހި ޕްރިމިއަ ލީގުގައި ޔުނައިޓެޑް ވިކްޓަރީ ކޮޅަށް ލަނޑު ޖެހުމަށް ފަހު އީތަން އިބްރާހިމް ޒަކީ ތާރީހުން ޖާގަ ހޯދި: އޭނާ ކުޅުނީ ވެލެންސިއާއަށް (ފޮޓޯ/އެފްއޭއެމް)

ވެލެންސިއާ ޓީމުގައި އޭނާގެ އިތުރުން އިސްކަންދަރު ސްކޫލަށް ޗެމްޕިއަންކަން ހޯދައިދިން އެހެން ބައެއް ކުޅުންތެރިން ވެސް އަންނަނީ ކުޅެމުންނެވެ.

އެފްއޭއެމްގެ ޖެނެރަލް ސެކްރެޓަރީ ހުސެއިން ޖަވާޒު (ޖަވާ) ވިދާޅުވީ އުމުރު ފުރައިގެ ކުދިން ކްލަބްތަކަށް ގެންދާއިރު ހިފަހައްޓާ އުސޫލުތައް ހަރުކަށި ކަމަށެވެ. އެހެންކަމުން އީތަން ގެންދިޔަ ކްލަބުން ހުއްދަ ލިބިގެން ނޫނީ އެއީ ކޮން ކްލަބެއްކަން ހާމަކުރެވެން ނޯންނަ ކަމަށް، އޭނާ ވިދާޅުވި އެވެ.

"އީތަންގެ ހުރިހާ ކަމެއް އެ ބަލަހައްޓަނީ އާއިލާއިން. އާއިލާއިން ކުރި މަސައްކަތެއްގެ ނަތީޖާ މިއީ. އަނެއްހެން އެފްއޭއެމްއާ ބެހޭ ކަމެއް ނޫން،" ޖަވާޒު ވިދާޅުވި އެވެ.

އެކަމަކު އޭނާ ވިދާޅުވީ އީތަން ކަހަލަ އުއްމީދީ ކުޅުންތެރިޔަކަށް، ދުނިޔޭގެ ފުޓްބޯޅައިގެ އެންމެ ކުރީގައި އުޅޭ އެއް ގައުމުން އެކަހަލަ ފުރުސަތެއް ލިބުމުން އެކަމާ އެފްއޭއެމުން ފަހުރުވެރިވާ ކަމަށެވެ.

"މިކަހަލަ ޅަ އުމުރެއްގައި ވަރަށް ބޮޑު ބަދަލެއް ގެނެވޭނެ ފުރުސަތެއް މިއީ. އީތަންއާ މެދު އެފްއޭއެމުން ފަހަރުވެރިވޭ،" ޖަވާޒް ވިދާޅުވި އެވެ.

އީތަން އަންނަނީ ސްޕެއިންގެ ބާސެލޯނާގައި އޮންނަ އުމުރު ފުރައިގެ މުބާރާތެއްގައި ސްކޫލް ޗުއްޓީ ދުވަސްވަރު ކުޅެމުންނެވެ. އެ މުބާރާތުގައި ކުޅެން އޭނާ ސްޕެއިންއަށް ދަނީ ތައިލެންޑްގެ ޓީމަކާ އެކު އެވެ. 'ދައުރު'އަށް އެނގިފައިވާ ގޮތުގައި އީތަންއަށް ކޮންޓްރެކްޓް ދިނީ އެ މުބާރާތުގައި އޭނާގެ ހުނަރު ފެނިގެންނެވެ.

ދިވެހި ބައެއް ކޯޗުން ބުނާ ގޮތުގައި އީތަންއަކީ ކުރިމަގުގައި ދިވެހި ފުޓްބޯޅަ ބަދަލުކޮށްލާނެ ފެންވަރުގެ ކުޅުންތެރިއެކެވެ.

އިތުރަށް ކިޔާލަން:

ކޮމެންޓް (6)

97765

12 އޯގަސްޓު 2023
ޕްރޮގްރެސް ވެގެން ފަސްޓް ޓީމާ ހަމަޔަށް ދާން މަސައްކަތް ކުރަންޖެހޭ. ކުރިންވެސް ޓްރަޔަލް ތަކުގަ ބައިވެރިވި ކުދިންނާ، ކޭމްޕް ތަކަށް ޅަ އިރު ދިޔަ ކުދިންނާ، މެންޗެސްޓާގަޔާ ސްޕެއިންގެ ވެސް އެކި އެކި ޓީމްތަކުގަ ދިވެހި ކުޅުންތެރިން ބައިވެރިވި. ވަކި ހިސާބަކަށް ޕްރޮގްރެސް ނުވެވި ރާއްޖެ އަންނަތަން ފެންނަނީ ގިނަ ކުޅުން ތެރިން . މައިންބަފައިން ހަރަދު ކޮށްގެން ވެސް ޓްރަޔަލް ތަކަށް ގޮސް އުޅޭ ޅަކުދިން މިހާރު. ހިއްވަރުކޮށް ޔޫރަޕުގެ ބޮޑެތި ލީގުތަކުގަ ދިވެހި ޒުވާން ކުދިން ކުޅެލޭތަން ދެކެން ބޭނުން
13 2

ލިބުނީ

12 އޯގަސްޓު 2023
ތިޔަ ދެދުނިޔެ ލިބުނީ ދޯ؟؟؟؟
2 21

އޯކޭ

13 އޯގަސްޓު 2023
@ލިބުނީ ލިޔަން ކިޔަން ނޭނގޭތަ؟ ދެދުނިޔޭގެ ވާހަކައެއް އެބައޮތްތަ މީގަ؟ ފިތުނަ އާއި ހަސަދަވެރިކަމުގެވެސް ބޮޑުވަރުތީދެން!
10 1

ޔޫރަޕު

14 އޯގަސްޓު 2023
@އޯކޭ ޔޫރަޕަށް ތުއްތު ދަރިފުޅު ފޮނުވުނީމަ ހުރިހާ ކަމެއް އެ ހާސިލްވީދޯ؟ ދީނެއް، އާހިރަތެއް، ގައުމެއް، ސަގާފަތެއް، ނެއްދޯ؟
1 11

ޙެހެހެ

14 އޯގަސްޓު 2023
@ޔޫރަޕު ޖޭ ނުވެބަލަ.
5 0

އޯކޭ

15 އޯގަސްޓު 2023
@ޔޫރަޕު ޔޫރަޕުވީމަ ދީން ގެއްލޭތަ؟ ކަލޭގެ އީމަންތެރިކަން ހެލޭ ދަތަކަށްވުރެ ބަލިކަށްޓެއްނު ތިކަހަލަ ވިސްނުން ހުންނަންޔާ!
4 1

އިތުރު އާޓިކަލް

އިތުރު އާޓިކަލް