ދިވެހި ޕްރިމިއަ ލީގުގައި ޔުނައިޓެޑް ވިކްޓަރީ ކޮޅަށް ލަނޑު ޖެހުމަށް ފަހު އީތަން އިބްރާހިމް ޒަކީ އުފާ ފާޅުކުރާއިރު އޭނާގެ ފަހަތުގައި މުހައްމަދު އިލާން އިމްރާން: އީތަންއަކީ ޕްރިމިއަ ލީގުގައި ލަނޑު ޖެހި އެންމެ ހަގު ކުޅުންތެރިޔާ (ފޮޓޯ/އެފްއޭއެމް)
ވެލެންސިއާ ފުލުގައި އޮތަސް، މި ތިން ކުޅުންތެރިން ތާރީހު ފޮތަށް
ދިވެހި ޕްރިމިއަ ލީގުގެ ފުރަތަމަ ބުރު ނިމި، ދެ ވަނަ ބުރުގެ މެޗުތައް ފެށިއިރު ވެލެންސިއާ އޮތީ އެންމެ ޕޮއިންޓަކާ އެކު ތާވަލްގެ ފުލުގަ އެވެ. ނަމަވެސް 15 އަހަރުގެ ގިނަ ކުޅުންތެރިންތަކެއް ހިމެނޭ ވެލެންސިއާގެ ތިން ކުޅުންތެރިޔަކު މި ވަނީ ދިވެހި ފުޓްބޯޅައިގެ ތާރީހުގެ ތެރެއަށް ވަދެފަ އެވެ.
އިއްޔެ ހަވީރު ޔުނައިޓެޑް ވިކްޓަރީ (ޔޫވީ) އަތުން 2-1 އިން ބަލިވި އިރު ތާރީހީ ދެ ކަމެއް ހިނގި އެވެ. އެއް ކަމަކީ ވެލެންސިއާ އިން 12 ވަނަ މިނިޓްގައި ލީޑް ނަގަން އީތާން އިބްރާހިމް ޒަކީ ޖެހި ލަނޑެވެ. އެ ލަނޑާ އެކު އޭނާ ވެފައި ވަނީ ދިވެހި ލީގުގައި މިހާތަނަށް ލަނޑު ޖެހި އެންމެ ހަގު ކުޅުންތެރިޔާ އަށެވެ. އުމުރަކީ 14 އަހަރާއި ނުވަ މަހާއި ދެ ދުވަހެވެ.
މީގެ ފަސް ދުވަސް ކުރިން 4 އޮގަސްޓްގައި ގްރީން ސްޓްރީޓާ ދެކޮޅަށް ވެލެންސިއާ ކުޅުނު މެޗުގައި 1-1 އިން އެއްވަރުވާން މެޗުގެ ފަހު ވަގުތުކޮޅު ލަނޑު ޖެހި ޔޫސުފް އަޔާން އާމިރަކީ، އިއްޔެއާ ހަމައަށް، ރާއްޖޭގެ ފުރަތަމަ ޑިވިޒަންގައި ލަނޑު ޖެހި އެންމެ ހަގު ކުޅުންތެރިޔާ އެވެ. އުމުރަކީ 15 އަހަރާއި ހަ މަހާއި 13 ދުވަހެވެ.
އިއްޔެ އީތަންއާ އެކު ޒުވާން ފޯވަޑް މުހައްމަދު އިލާން އިމްރާން ވެސް ދިވެހި ފުޓްބޯޅައިގެ ތާރީހުން ޖާގައެއް ހޯދި އެވެ. މެދު ރޮނގާ ހަމައިން ޔޫވީގެ ދެ ކުޅުންތެރިޔަކު ކަޓުވާފައި އީތަން ހިފައިގެން ދިޔަ ބޯޅަ، އިލާންއަށް ލިބި، ޕެނެލްޓީ އޭރިޔާގެ ތެރެއިން ހުރަސްކޮށްލުމަކީ، ލަނޑެއް ޖަހަން އެހީވި އެންމެ ހަގު ކުޅުންތެރިޔާގެ ނަން އިލާންއަށް ލިބުމެވެ. އުމުރަކީ 14 އަހަރާއި ހަ މަހާއި 22 ދުވަހެވެ.
Ethan Zaki breaks the record of being the youngest player ever to score in Maldives top division football at the age of 14!! 🔥🔥 pic.twitter.com/mLjEL0I25H
— Alma Aleel (@AlmaAleel) August 8, 2023
އީތަން އާއި އަޔާންއަކީ ޕްލޭމޭކަރުންނެވެ. އިލާންއަކީ ކުޅަދާނަ ފޯވަޑެކެވެ. މި ތިން ކުޅުންތެރިންނަކީ މި އަހަރު އޮތް އެފްއޭއެމްގެ 15 އަހަރުން ދަށުގެ ފުޓްބޯޅަ މުބާރާތުގެ ޗެމްޕިއަންކަން އިސްކަންދަރަށް ހޯދައިދިން ޓީމުގެ ތަރިންނެވެ. އެއްވެސް މެޗަކުން ބައްޔެއް ނުވެ އެވެ. އިދިކޮޅު ޓީމުތަކުގެ ކޮޅަށް 86 ލަނޑު ޖެހި އެވެ. އޭގެ ތެރޭގައި އިލާންގެ 38 ލަނޑު ހިމެނެ އެވެ.
އިލާންއަށް ލަނޑު ޖަހަން ފުރުސަތު ހޯދައިދީ މުޅި ޓީމު ލައްވާ ކުޅުވައިދިން ދެ ކުޅުންތެރިންނަކީ އީތަން އާއި އަޔާން އެވެ.
ދިވެހި ލީގަށް ވެލެންސިއާ ނުކުތީ މި ތިން ކުޅުންތެރިންގެ އިތުރުން ވެސް އެ އުމުރުގެ ގިނަ ކުޅުންތެރިންތަކަކާ އެކުގަ އެވެ. ވެލެންސިއާ ތާވަލްގެ ފުލުގައި އޮތީ އެންމެ ޕޮއިންޓެއް ލިބިގެންނެވެ. އެއް ވަނާގައި އޮތް މާޒިޔާއަށް މިހާތަނަށް ލިބިފައި ވަނީ 19 ޕޮއިންޓެވެ.