އިސްކަންދަރު ސްކޫލުގެ މުހައްމަދު އިލާން އިމްރާން، ރޭގެ ފައިނަލްގައި ލަނޑެއް ޖެހުމަށް ފަހު އުފާ ފާޅުކުރަނީ: އޭނާ ވަނީ މުޅި މުބާރާތުގައި 38 ލަނޑު ޖަހާފައި (ދައުރު ފޮޓޯ/އަބްދުﷲ އިއާން)

ފުޓްބޯޅަ

ޖުމްލަ 86 ލަނޑު، އިލާން އެކަނި 38 ލަނޑު: އިނާމަކީ އިސްކަންދަރަށް ޗެމްޕިއަންކަން

ސްކޫލްތަކުގެ 15 އަހަރުގެ ދަށުގެ ފައިނަލް މެޗު ވެސް އިސްކަންދަރު ޓީމަށް ވީ އެހާމެ ފަސޭހަ ވާދަކުރުމަކަށް
13 މާރިޗު 2023

މެޗުގެ ކުރިން އޮތް އެންމެ ބޮޑު ސުވާލަކީ ކަލާފާނު ސްކޫލް ކޮޅަށް އިސްކަންދަރު ސްކޫލުން ޖަހާނީ ކިތައް ލަނޑު ހެއްޔެވެ؟ މުޅި މުބާރާތުގައި އިސްކަންދަރު ދެއްކި ކުޅުމަށް ބަލާއިރު ފައިނަލް މެޗު ވެސް އެ ޓީމަށް ފަސޭހަވާނެކަން، ކުރިންސުރެ ވެސް، އެނގެ އެވެ.

ސްކޫލްތަކުގެ 15 އަހަރުން ދަށުގެ ފުޓްބޯޅަ މުބާރާތުގެ ފައިނަލް މެޗަށް ގަލޮޅު ދަނޑަށް ކަލާފާނާއި އިސްކަންދަރުގެ ދަރިވަރުން އެއްވެ، ޓީޗަރުންނާއި ބެލެނިވެރިންނާ އެކު ފޯރިއެރުވި އެވެ. މެޗު ފެށީ އެ ފޯރީގައި، ދެ ސްކޫލްގެ މެދުގައި، ތަފާތެއް ނެތި އެވެ. އެކަމަކު މެޗުގެ ހަތަރު ވަނަ މިނިޓްގައި މުހައްމަދު ލާމިހު އިމްތިޔާޒު ކާމިޔާބުކޮށްދިން ލަނޑާ އެކު، އިސްކަންދަރުގެ ލަނޑު ޖެހުމުގެ ސިލްސިލާ ފެށުނީ އެވެ.

ސްކޫލްތަކުގެ 15 އަހަރުން ދަށުގެ ޗެމްޕިއަންކން ހޯދި އިސްކަންދަރު ސްކޫލް: މިއީ ވަރަށް ތަފާތު ބޮޑު ކާމިޔާބީއެއް (ދައުރު ފޮޓޯ/އަބްދުﷲ އިއާން)

މެޗު ނިމުނު އިރު ޖުމްލައަކީ 7-1 އެވެ. ކަލާފާނުގެ ޓީމަށް ދެ ވަނަ ލިބުމުގެ އިތުރުން ކުޅުންތެރިންނަށް ކުޑަ އެހެން ހިތްހަމަޖެހުމެއް ވެސް އެބަ އޮތެވެ. އެއީ 53 ވަނަ މިނިޓްގައި އަހުމަދު އަފްނާން އަލީ އިސްކަންދަރުގެ ގޯލަށް ވައްދާލި ޕެނެލްޓީ އަކީ، މުޅި މުބާރާތުގައި އިސްކަންދަރު ކޮޅަށް ޖެހި ހަމައެކަނި ލަނޑަށް ވުމެވެ.

އެ ހިސާބަށް މެޗުގެ ވަގުތު ދިއުމުގެ ކުރިން އިސްކަންދަރުގެ ވަރުގަދަ ފޯވަޑް މުހައްމަދު އިލާން އިމްރާން ވަނީ ކަލާފާނުގެ ހުރިހާ އުއްމީދެއް ގެއްލުވާލައިފަ އެވެ. ލާމިހު ޖެހި ލަނޑަށް ފަހު، ފުރަތަމަ ހާފު ނިމުގެ ކުރިން ތިން ލަނޑު ޖަހައި، މުބާރާތުގައި އޭނާގެ 10 ވަނަ ހެޓްރިކް ހެދި އެވެ. އެ ތިން ލަނޑަށް ފަހު ދެން ފެށި ފަހު ހާފުގައި އިތުރު ދެ ލަނޑު އެއްކޮށް، ފައިނަލް މެޗުގައި އަމިއްލަ ޖުމްލަ ފަހަކަށް އެރުވި އެވެ.

އިސްކަންދަރު ސްކޫލްގެ އިލާންއަށް މޮޅު ކުޅުންތެރިޔާގެ އެވޯޑް، އެފްއޭއެމްގެ ރައީސް ބައްސާމް އަދީލް ޖަލީލް ދެއްވަނީ (ދައުރު ފޮޓޯ/އަބްދުﷲ އިއާން)

އިސްކަންދަރުގެ ހަތް ވަނަ ލަނޑު، މެޗުގެ އެންމެ ފަހު ސިކުންތުކޮޅުގައި ޖެހީ، އޭރިޔާގެ ބޭރުން ލިބުނު ހިލޭ ޖެހުމެއްގައި ގޯލުގެ ކަނަށް ފޮނުވާލައިގެން ކާއިން އަބްދުﷲ ފާއިޒް އެވެ.

އިލާން: އިސްކަންދަރުގެ ލަނޑު މެޝިން

  • 1-

    13: އަމީނިއްޔާ ސްކޫލް ކޮޅަށް (ގްރޫޕް)

  • 2-

    4: ގިޔާސުއްދީން ސްކޫލް ކޮޅަށް (ގްރޫޕް)

  • 3-

    8: ބިލަބޮންގް ކޮޅަށް (ގްރޫޕް)

  • 4-

    2: އިމާދުއްދީން ސްކޫލް ކޮޅަށް (ކްއާޓާ ފައިނަލް)

  • 5-

    6: ރެހެންދި ސްކޫލް ކޮޅަށް (ސެމީ ފައިނަލް)

  • 6-

    5: ކަލާފާނު ސްކޫލް ކޮޅަށް (ފައިނަލް)

މުބާރާތުގެ ޗެމްޕިއަންކަން އިސްކަންދަރު މި ނެގީ ކުޅުނު ހަ މެޗުގައި މުޅި ޖުމްލަ 86 ލަނޑު ޖަހައިގެންނެވެ. ބައިކޮޅަށް އެންމެ ލަނޑެކެވެ.

މުބާރާތުގެ އެންމެ ގިނަ ގޯލް ޖެހި ކުޅުންތެރިޔާގެ މަގާމާއި އެންމެ މޮޅު ކުޅުންތެރިޔާގެ މަގާމު ލިބުނީ، ޖުމްލަ 38 ލަނޑު ޖެހި ހުނަރުވެރި ފޯވަޑް އިލާންއަށެވެ. އޭނާ ހިފެހެއްޓޭނެ ދިފާއީ ކުޅުންތެރިޔަކު، މުޅި މުބާރާތުގައި ވެސް ނުފެނުނެވެ.

އެކަމަކު އިސްކަންދަރުގެ މި ތަފާތު ނަތީޖާތަކުގެ ފަހަތުގައި، ހުނަރުވެރިކަމުން ފުރިފައިވާ އީތަން އިބްރާހިމް ޒަކީ އާއި ކެޕްޓަން ޔޫސުފް އަޔާން އާމިރުގެ ރޯލު ވަރަށް ބޮޑެވެ. ރޭ ވެސް މި ދެ ކުޅުންތެރިންގެ ތަފާތު ފެންވަރު ފެނުނެވެ. އަބަދު ކަހަލަ ގޮތަކަށް ހަތަރު، ފަސް ކުޅުންތެރިން ކައިރިން ނައްޓާލައިގެން އީތަން ދިން ބޯޅަތަކާއި ގޯލަށް ފޮނުވާލި ހަމަލާތަކުން، ކުޅިބެލުންތެރިން ހައިރާންކޮށްލި އެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް