މާލޭގައި 2021 ގައި ކުޅުނު މެޗުގައި އިންޑިއާގެ ކެޕްޓަން ސުނިލް ޗެރުތީ ހިފަހައްޓަން ރާއްޖޭގެ ހުސެއިން ޝިފާއު ވިއްދާފައި: އިންޑިއާ މޮޅުވީ ޗެތުރީ ޖެހި ދެ ލަނޑުން --(ފޮޓޯ/އިމޭޖްސް އެމްވީ)

ސުނިލް ޗެތުރީ

ޗެތުރީ: ބްރޮކޮލީ ހުއްޓާ ކީއްކުރަން ބިރިޔާނި ކާއްވީ؟

އިންޑިއާ ކެޕްޓަން އުމުރުން 38 އަހަރުގައި ވެސް ސަރަހައްދުގެ އެންމެ މޮޅު ކުޅުންތެރިޔާއަށް ވީ ސަބަބުތަކެއް ހުރެގެން
6 ޖުލައި 2023

އަދިވެސް ހަނދާން އެބަ ހުއްޓެވެ: އެއީ 13 އޮކްޓޯބަރު 2021 ދުވަހުގެ ރެ އެވެ. ގަލޮޅު ދަނޑެވެ. ރަތް ކުލައިން ދަނޑު އޮތީ ފުރާލައިފަ އެވެ. ދިވެހިންގެ ހަޅޭއްކުގެ އަޑުން ގުގުމައިފަ އެވެ. އިންޑިއާ އަތުން އެއްވަރުވެގެން ވެސް ސާފް ޗެމްޕިއަންޝިޕްގެ ފައިނަލަށް ދެވެން ރާއްޖެއަށް އޮތެވެ. އެކަމަކު އިންޑިއާގެ ކެޕްޓަން ސުނިލް ޗެތުރީ ހުރީ ދަނޑު މަތީގަ އެވެ. ދިވެހިން ރޮއްވާލީ އޭނާ އެވެ. އިންޑިއާ 3-1 އިން މޮޅުކޮށްދޭން ދެ ލަނޑު ޖެހީ އޭނާ އެވެ.

ޗެތުރީއާ އެއްފެންވަރުގެ ނުވަތަ ހުނަރުގެ ގޮތުން އޭނާއަށް ވުރެ މޮޅު ރާއްޖޭގެ ކެޕްޓަން އަލީ އަޝްފާގު (ދަގަނޑޭ) ވެސް ހުރީ ދަނޑު މަތީގަ އެވެ. އިންޑިއާ ލަނޑެއް ޖަހާފައި އޮއްވާ ޕެނެލްޓީއަކުން އެއްވަރުކޮށްދިނީ، 2008 ސާފް ޗެމްޕިއަންޝިޕްގެ އެންމެ މޮޅު ކުޅުންތެރިޔާ އަޝްފާގެވެ.

ބެންގަލޫރުގައި އަންގާރަދުވަހު ނިމުނު ސާފް ޗެމްޕިއަންޝިޕްގެ އެންމެ މޮޅު ކުޅުންތެރިޔާ އިންޑިއާގެ ކެޕްޓަން ޗެތުރީއަށް އިނާމު ހަވާލުކުރަނީ --ފޮޓޯ/އިމޭޖްސްއެމްވީ

ނަމަވެސް އޭނާއަށް ވުރެ އެންމެ އަހަރެއް ދޮށީ ޗެތުރީގެ ތަފާތަކީ މިއަދު ވެސް ދަނޑު މަތީގައި އިންޑިއާ ތަމްސީލުކޮށްދޭން އެ ހުރީ ގައުމީ ޓީމުގެ އެއް ވަނަ ފޯވަޑްގެ ގޮތުގައި ކަމަށް ވުމެވެ. އަޝްފާގަށް ތަފާތު އަނިޔާތައް ކުރިމަތިވެ، މި ވަގުތު ހުރީ ކުޅުމާ ދުރުގަ އެވެ. އެކަމަކު ރާއްޖެ މިހާތަނަށް ދުށް އެންމެ މޮޅު ކުޅުންތެރިޔާ، ދިވެހިންގެ ލޯ މަތިން ގެއްލުނީ، އޭނާގެ ކިބާގައި ހުރި ތަފާތު ހުނަރާ އަޅާބަލާއިރު، ތަންކޮޅެއް އަވަހަށެވެ.

ޗެތުރީގެ ތަފާތަކީ މި އެވެ: އޭނާ ބުނަނީ ބްރޮކޮލީ ލިބެން ހުއްޓާ ބިރިޔާނި ކާންވީ ކީއްކުރަން ހެއްޔެވެ؟ ތެދެކެވެ. ބިރިޔާނި މީރެވެ. އެއީ އިންޑިއާގެ އެންމެ މަޝްހޫރު އެއް ކެއުމެވެ. ނަމަވެސް އެ ކެއުން ކައިގެން ހަށިގަނޑަށް އަންނަ ނުބައި ބަދަލު، ޗެތުރީ ފަދަ ކުޅުންތެރިއެއްގެ ކުރިމަގަށް ބަނަ އެވެ.

އެހާ ގިނަ ދުވަހު އެ ފެންވަރުގައި ހިފެހެއްޓުމުގެ ސިއްރަކީ ކޮބައިތޯ ސުވާލުކުރުމުން އޭނާ ބުނީ "އަހަރެން ކާ އެއްޗިއްސާއި ނިދާ މިންވަރު" ކަމަށެވެ.

"ބިރިޔާނީގެ ބަދަލުގައި ބްރޮކޮލީ ކެއުމަކީ މާ ބޮޑު ކަމެއް ނޫން، އެއީ މި ކުޅިވަރަށް ފަހު އަހަންނަށް އެކަހަލަ މީރު ކެއުން ކާން އެކަށީގެންވާ ވަގުތު ލިބޭނެ،" ޗެތުރީ ބުންޏެވެ.

ބެންގަލޫރުގައި ނިމުނު ސާފް ޗެމްޕިއަންޝިޕްގައި އޭނާ ވަނީ ހަ ލަނޑު ޖަހައިފަ އެވެ. އެންމެ މޮޅު ކުޅުންތެރިޔަކީ ވެސް އޭނާ އެވެ.

ބެންގަލޫރުގައި އޮތް ސާފް ޗެމްޕިއަންޝިޕްގައި ޗެތުރީ، ނޭޕާލާ ދެކޮޅަށް ބޯޅަ ހިފައިގެން ދަނީ. މުބާރާތުގައި ހަ ލަނޑު ޖެހި --ފޮޓޯ/އިމޭޖްސްއެމްވީ

ޗެތުރީގެ އެ ވާހަކަތަކަށް ނަޒަރެއް ހިންގާލާފައި، ރާއްޖޭގެ މިހާރުގެ ގައުމީ ޓީމުގެ ގިނަ ކުޅުންތެރިންގެ އާދައަށް ބަލައިލުން ރަނގަޅެވެ. ހޮޓަލަކަށް ވަދެއްޖެ ނަމަ ތެޔޮ ހެދިކާ އެވެ. ބަރު ކެއުންތަކެވެ. ސިނގިރޭޓެވެ. ބޭރަށް ކުޅެން ދާ އިރު ރިހާކުރާއި ދަޅުމަހަކީ، އެފްއޭއެމްގެ ލިސްޓްގެ މުހިންމު ބައިތަކެވެ. 

އުމުރުން 38 އަހަރުގައި ޗެތުރީ އެ ހުރި ފިޓްނެސްއަކީ ނަމޫނާއެކެވެ. 

"އަހަންނާ އެކު އަހަންނާ އެއް ފެންވަރުގެ ނުވަތަ އަހަންނަށް ވުރެ މާ މޮޅު އެތައް ކުޅުންތެރިންނެއް ކުޅެން ނުކުތް. ނަމަވެސް ދަނޑު މަތީގައި ބޭނުންވާ ޖިސްމާނީ ވަރުގަދަކަން ދެމެހެއްޓޭ ގޮތެއް ނުވި،" ޗެތުރީ ބުންޏެވެ.

އިންޑިއާގައި ވެސް އޮތީ، ރާއްޖޭގައި އަޝްފާގާ މެދު ދިވެހިން ކުރި ސުވާލެވެ. ޗެތުރީއަށް ފަހު ދެން އެ މަގާމު ފުރަން ހުރީ ކޮން ކުޅުންތެރިއެއް ހެއްޔެވެ؟ އަޝްފާގުގެ ތަރި އޮއްސެއް ކައިރިވަމުން ދިޔަ އިރު ވެސް ދިވެހިން ކުރީ، 'ދަގަނޑޭއަށް ފަހު ދެން ހުރީ ކޮން ކުޅުންތެރިއެއް ހެއްޔެވެ؟"

ގައުމެއްގައި ތަފާތު ފެންވަރުގެ ކުޅުންތެރިން އުފެދޭނީ މަދުންނެވެ. ޗެތުރީ އާއި އަޝްފާގަކީ އޭގެ ދެ ނަމޫނާ އެވެ.

ދިވެހި ޒުވާން ކުޅުންތެރިން ވެސް ހަނދާން ބަހައްޓަންވީ އެހެން ވާހަކައެއް ޗެތުރީ ކިޔައިދިނެވެ. އިންޑިއާގެ ގައުމީ ޓީމުގެ ކުރީގެ ކޯޗު ބޮބް ހޯޓަން އޭނާ ކައިރީގައި ބުންޏެވެ: ރޮނާލްޑޯގެ ހުރި ހުނަރާއި އޭނާ ގޯލް ޖަހާ ގޮތަށް ގޯލް ނުޖެހިދާނެ އެވެ. އެކަމަކު ރޮނާލްޑޯ އެ ކުރާ ގޮތަށް ޗެތުރީ މަސައްކަތް ކުރުން ހުއްޓުވޭނެ މީހަކު ނުހުންނާނެ އެވެ.

އިންޑިއާގެ ކެޕްޓަންގެ ކުޅިވަރުގެ ހަޔާތުން ދިވެހި ކުޅުންތެރިން އިބުރަތް ހޯދުން ރަނގަޅެވެ. ގަލޮޅު ދަނޑުގައި 2021ގައި، ރާއްޖެ އާއި އިންޑިއާ 1-1 އިން އެއްވަރުވެފައި އޮއްވާ ހުހަށް ހުރެ ޗެތުރީ ޖަހާލި ދެ ލަނޑު އައީ ނަސީބަކުންނެއް ނޫނެވެ. ދިވެހި ސަޕޯޓަރުން ރޮއްވާލުމުގެ ފަހަތުގައި އޮތީ، ދަނޑު މަތީގައި ހުރި ޗެތުރީ، އެ 90 މިނިޓަށް ކުރި މަސައްކަތެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް