ރައީސް ސޯލިހު އިންޑިއާގެ ބޮޑުވަޒީރު މޯދީއާ ބައްދަލުކުރައްވަނީ: މި ސަރުކާރުން އިންޑިއާއާ އެކު ބާއްވަނީ ވަރަށް ގާތް ގުޅުމެއް (ފޮޓޯ/ރައީސް އޮފީސް)

އިންޑިއާ އައުޓް ހުއްޓުވުމުގެ ގަރާރު ގާނޫނީ ގޮތުން ރަނގަޅުތަ؟

އިދިކޮޅުންނާއި ބައެއް ގާނޫނީ ވަކީލުން ވެސް ބުނަމުންދަނީ އެއީ ގާނޫނުއަސާސީއާ ހިލާފު ގަރާރެއް ކަމަށް
28 އޭޕްރީލު 2022

ރިޔާސީ އިންތިހާބުގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ހޯއްދެވި ކާމިޔާބީއަށް ފަހު އިދިކޮޅު ޕީޕީއެމް/ޕީއެންސީގެ ހަރަކާތްތައް ވަރަށް ބޮޑަށް ހުއްޓުމަކަށް ދިޔަ އެވެ. ކުރީގެ ރައީސް އަބްދުﷲ ޔާމީން ޖަލަށް ވެސް ލުމާ އެކު އެވެ. އެކަމަކު އިންޑިއާ ސިފައިން ރާއްޖޭގައި ތިބޭތިބުމާ ދެކޮޅަށް އިދިކޮޅުގެ ހަރަކާތްތައް، ޔާމީން ޖަލުގައި ހުންނެވި އިރު ވެސް، ދިޔައީ މަޑުމަޑުން ވަރުގަދަވަމުންނެވެ. 

މިިދިޔަ ނޮވެމްބަރުގައި މިނިވަންވެވަޑައިގަތުމަށް ފަހު 'އިންޑިއާ އައުޓް' ހަރަކާތް ލީޑު ކުރައްވަން ފެއްޓެވީ ޔާމީނެވެ. އެއާ އެކު އެ ހަރަކާތް އިތުރަށް ފުޅާވެގެން ގޮސް އިދިކޮޅު ވެސް 'ހޭލީ' އެ އަޑުތަކުގެ ތެރެއިންނެވެ. އެންމެ ފުރަތަމަ އިންޑިއާ އައުޓް ޓީޝާޓު ލައްވައިގެން މާލޭގައި ރެލީތައް ބާއްވައި ފަހުން ރަށްރަށަށް ވެސް ޔާމީން ޒިޔާރަތް ކުރައްވަން ފެއްޓެވި އެވެ. އަދި އިންޑިއާއަށް އަމާޒުކޮށް ސީދާ ބަހުގެ ހަމަލާތައް ވެސް ދެއްވި އެވެ.

އިދިކޮޅުގެ މި ކެމްޕޭނުގެ ޕްރެޝަރު ބޮޑުވެ، އެކަން ހުއްޓުވަން ސަރުކާރުގެ މައި ޕާޓީ އެމްޑީޕީން ގާނޫނެއް ހަދަން ވެސް އުޅުނެވެ. މުޒާހަރާތައް ހުއްޓުވަން ފުލުހުން ވެސް ނެރެން ފެށި އެވެ.

ޔާމީންގެ ގެކޮޅުގައި 'އިންޑިއާ އައުޓް'ގެ ބޮޑު ބެނާއެއް ދަމާ ހިސާބަށް ދިޔުމުން، މިދިޔަ ބުރާސްފަތި ދުވަހު އެކަމަށް ފިޔަވަޅު އެޅުއްވީ ސީދާ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ފަރާތްޕުޅުންނެވެ. އެ ހަރަކާތް ހުއްޓުވަން އެ މަނިކުފާނު ނެރުއްވީ ރިޔާސީ ގަރާރެކެވެ. އޭގައި ބުނީ:

  • އިންޑިއާ އައުޓް ހަރަކާތަކީ ގައުމީ ސަލާމަތައް ހުރި ނުރައްކަލެއް ކަމަށް

  • ދެ ގައުމުގެ ހާރިޖީ ގުޅުމަށް އަސަރުކޮށްފާނެ ކަމަށް

  • ކަމާ ބެހޭ ފަރާތްތަކުން އެކަން ހުއްޓުވަން ޖެހޭނެ ކަމަށް

ޔާމިންގެ ގެ އާއި ޕީޕީއެމް އޮފީސް ހުންނަ އިމާރާތުގައި އިންޑިއާ އައުޓް ޖެހި ބޮޑު ބެނާއެއް ދަމާފައި (ދައުރު ފޮޓޯޯ/ މުޒައްޔިން ނާޒިމް)

އެކަމަކު އިދިކޮޅުން ބުނާ ގޮތުގައި އެއީ ގާނޫނާ ހިލާފު ގަރާރެކެވެ. ގާނޫނުއަސާސީން ލިބިގެންވާ ހިޔާލުފާޅުކުރުމުގެ މިނިވަންކަމާއި އެއްވެ އުޅުމުގެ މިނިވަންކަމަށް ހުރަސްއެޅޭ ކަމަށް ވެސް އިދިކޮޅުން ބުނެ އެވެ. އެހެންވެ އެ މައްސަލަ މިހާރު ވަނީ ސިވިލް ކޯޓަށް ހުށަހަޅައިފަ އެވެ.

އެ ގަރާރުގެ ސައްހަކަމާ މެދު ގާނޫނީ ބައެއް ވަކީލުން ވެސް ވާހަކަ ދައްކަ އެވެ.

ގަރާރާ ގުޅޭ މައިގަނޑު ތިން ސުވާލެއް އެބަ އޮތެވެ. ރައީސް ގަރާރު ނެރުއްވީ ހަގީގަތުގައި ވެސް ލިބިގެންވާ ބާރަކުންތޯ އެވެ؟ އެފަދަ ގަރާރަކުން އަސާސީ ހައްގުތައް ހަނިކުރެވިދާނެތޯ އެވެ؟ އަދި މި ގަރާރު ނެރެން ޖެހޭތޯ އެވެ؟

ގަރާރު ނެރުނު ގޮތުގެ ސައްހަކަން

ރައީސްގެ ގަރާރުގައި އިދިކޮޅުގެ އިންޑިއާ އައުޓް ކެމްޕެއިނުގައި ކުރަމުންދާ ކަންތައްތައް ކުށްވެރި ކުރަން، ރާއްޖެ ބައިވެރިވާ ބައެއް ބައިނަލްއަގުވާމީ މުއާހަދާތަކާ ހަވާލާ ދެއްވި އެވެ. އަދި އުފަންވީ ގައުމަށް އަދި ނަސްލު ފަދަ ކަންކަމަށް ބަލައި ތަފާތު ކުރުމަކީ ކުށެއް ކަމަށް ބުނާ ގާނޫނުލްއުގޫބާތުގެ މާއްދާއަކާއި އާންމު ތަންތަނުގައި އެހެން މީހުންނަށް އުނދަގޫވާހެން ކުރުން މަނާ ކުށްތައް ބަޔާންކުރާ މާއްދާއަކާ ވެސް ހަވާލާ ދެއްވި އެވެ. އޭގައި ވާ ގޮތުން، ގަރާރު ނެރުއްވީ ގާނޫނުއަސާސީގައި ރައީސުލްޖުމްހޫރިއްޔާގެ ބާރުތަކާއި މަސްއޫލިއްޔަތުތައް އަދާކުރާ 115 ވަނަ މާއްދާގެ ތިން އަކުރެއްގެ ދަށުންނެވެ.

ހަވާލާދެއްވި 115 ވަނަ މާއްދާގެ އަކުރުތައް (ރައީސްގެ މަސްއޫލިއްޔަތުތައް):

  • (ނ) ގާނޫނުގެ ވެރިކަން ކުރިއަރުވައި، އެންމެންގެ ހައްގުތަކާއި މިނިވަންކަން ރައްކާތެރިކުރުން

  • (ރ) ދިވެހިރާއްޖޭގެ މިނިވަންކަމާއި ސަރަހައްދުގެ ރައްކާތެރިކަން ދެމެހެއްޓުމާ އެކު ބައިނަލްއަގުވާމީ މުޖްތަމައުގައި ދިވެހިރާއްޖޭގެ ގައުމީ ސިޔާދަތަށް އިހުތިރާމްކުރުން އިތުރުކުރުވުން

  • (މ) ދިވެހިރާއްޖޭގެ ހާރިޖީ ސިޔާސަތު ކަނޑައަޅައި، ހިންގައި، އެ ސިޔާސަތު ހިނގާނުހިނގާ ގޮތް ބަލައި، ބޭރު ގައުމުތަކާއި ބައިނަލްއަގުވާމީ ޖަމިއްޔާތަކާ އެކު ގުޅުން ގާއިމްކޮށް ދެމެހެއްޓުން

އިންޑިއާގެ އެހީގައި ހެދި 'ނެޝަނަލް ކޮލެޖް އޮފް ޕޮލިސިން އެންޑް ލޯ އެންފޯސްމަންޓް' ހުޅުވުމުގެ ރަސްމިއްޔާތުގައި ރައީސް ސޯލިހު ވާހަކަދައްކަވަނީ، 27 މާޗު 2022 (ފޮޓޯ/ރައީސް އޮފީސް)

އެކަމަކު ހަވާލާ ދިން އަކުރުތަކުގައި ގަރާރެއް ނެރުމުގެ ބާރުގެ ވާހަކައެއް ނޯވެ އެވެ. އޮތީ ހަމައެކަނި ރައީސަށް ލިބިގެންވާ ބާރުތަކުގެ ވާހަކަ އެވެ. އެހެންވެ އެ މާއްދާތަކުގެ ދަށުން ހައްގުތަކެއް ހަނިކުރެވޭ ގަރާރެއް ނެރެވިދާނެތޯ ބައެއް ވަކީލުން ސުވާލު އުފައްދަ އެވެ.

ކުރީގެ ބަންޑާރަނައިބު ދިޔާނާ ސައީދު ކުރެއްވި ޓްވީޓެއްގައި ފާހަގަކުރެއްވީ، ރައީސަށް ގަރާރު ނެރެވޭނެ ކަމަށް ގާނޫނުއަސާސީގައި ބަޔާން ކުރަނީ ތިން ހާލަތެއްގައި ކަމެވެ. އެކަންކަން ވެސް ބަޔާން ކުރަނީ ރައީސްގެ މަސްއޫލިއްޔަތުތައް ބަޔާން ކުރާ 115 ވަނަ މާއްދާގަ އެވެ. އެކަމަކު ރައީސް މި ފަހުގެ ގަރާރު ނެރުއްވީ އެއިން ހާލަތެއްގައެއް ނޫނެވެ.

ރައީސަށް ގަރާރު ނެރެވޭނެ ކަމަށް ގާނޫނުއަސާސީގައި ބަޔާން ކުރާ ހާލަތްތައް:

  • ހަނގުރާމަ ނުވަތަ ސުލްހަ އިއުލާންކުރަން

  • ގާނޫނުއަސާސީގައި ބަޔާންވެގެންވާ ގޮތުގެ މަތިން ކުއްލިނުރައްކަލުގެ ހާލަތު އިއުލާންކުރަން

  •  އެކިއެކި ތަހުގީގުތައް ކުރުމަށް ނުވަތަ ގައުމީ މައްސަލަތަކުގައި ރައީސުލްޖުމްހޫރިއްޔާއަށް ލަފާދިނުމަށް އުފައްދަން ޖެހޭ ރިޔާސީ ކޮމިޝަންތައް އުފެއްދުމަށް

ގާނޫނީ ވަކީލުން ބުނަނީ އެފަދަ ގަރާރެއް ނެރޭ އިރު އެކަމެއް ހުއްދަކުރާ ގާނޫނީ މަސްދަރެއް ސާފުކޮށް ބަޔާންކޮށްފައި އޮންނަން ޖެހޭނެ ކަމަށެވެ. ގާނޫނުއަސާސީން ލިބިގެން ދީފައި ނެތް ބާރެއް އޮތް ބާރަކަށް ނުހެދޭނެ ކަމަށް ވެސް، ގަރާރުގެ ސައްހަކަމާ މެދު ސުވާލު އުފައްދާ ވަކީލުން ބުނެ އެވެ. 

އިދިކޮޅު ލިޑަރު ރައީސް ޔާމިންގެ ގެ، ހ. ދޫވެހިގައި ހަރުކުރި އިންޑިއާ އައުޓް ބެނާ ނަގަން ފުލުހުން އެގެއަށް ވަނުމުން ޔާމީންގެ ސަޕޯޓަރުން އެއްވެ އަޑު އުފުލަނީ (ދައުރު ފޮޓޯ/އަބްދުﷲ ޔަޝާއު )

ދިޔާނާ ފާހަގަކުރެއްވި ގޮތުގައި ރިޔާސީ ގަރާރެއް ނެރެން ކަނޑައަޅާފައިވާ ތިން ހާލަތުގައި ވެސް ރައީސަށް އެކަން ކުރެއްވޭނީ ރައްޔިތުންގެ މަޖިލީހުގެ ދައުރެއް އޮވެގެންނެވެ. މަޖިލީހުގެ ދައުރެއް ނެތް ގޮތަކަށް ރައީސަށް ގަރާރެއް ނުނެރެވޭނެ ކަމަށް އޭނާ ގަބޫލުކުރައްވަ އެވެ.

އެފަދަ ގަރާރަކުން ހައްގުތައް ހަނިކުރެވޭނެތަ؟

ރައީސްގެ ގަރާރަށް ގޮންޖަހައި އިދިކޮޅުން ބުނެފައި ވަނީ އެއީ އަސާސީ ހައްގުތައް ހިފެހެއްޓުން ކަމަށެވެ. އެހެންކަމުން އެއީ ރައީސަށް ވެސް ކުރެއްވޭނެ ކަމެއް ނޫން ކަމަށް، ބުނެ އެވެ. މައިގަނޑު ގޮތެއްގައި ފާހަގަކުރަނީ އެއީ ހިޔާލުފާޅުކުރުމުގެ މިނިވަންކަމާއި އެއްވެ އުޅުމުގެ މިނިވަންކަމުގެ ހައްގަށް ހުރަސް އެޅުން ކަމަށެވެ.

ގާނޫނުއަސާސީގެ 16 ވަނަ މާއްދާގައި ބަޔާންކޮށްފައި ވަނީ އެ ގާނޫނުގައި ބުނާ އެއްވެސް ހައްގެއް ނުވަތަ މިނިވަންކަމެއްގެ އެއްވެސް މިންވަރެއް ހިފެހެއްޓޭނީ ގާނޫނުއަސާސީއާ ތައާރަޒު ނުވާ ގޮތަށް އެކުލަވާލާ ގާނޫނަކުން ކަމަށެވެ. އަދި އެފަދަ ގާނޫނަކުން އެކަން ކުރެވޭނީ ވެސް މިނިވަން، ޑިމޮކްރެޓިކް މުޖުތަމައުތަކުގައި އެފަދަ ހައްގެއް ނުވަތަ މިނިވަންކަމެއް ހިފެހެއްޓިދާނެކަމަށް ގަބޫލުކުރެވޭ މިންވަރަކަށް ކަމަށް ވެސް، ގާނޫނުއަސާސީގައި ވެ އެވެ.

ގަރާރަކުން އަސާސީ ހައްްގެއް ހަނިނުކުރެވޭނެ ކަމަށް ގާނޫނީ ވަކީލު މަރިޔަމް ޝުނާނާ ގަބޫލުކުރައްވަނީ އެހެންވެ އެވެ. ރައީސްގެ ގަރާރާ ބެހޭ ގޮތުން ކުރެއްވި ޓްވީޓެއްގައި އެ މާއްދާއާ ހަވާލާދެއްވައި އޭނާ ވިދާޅުވީ ގާނޫނެއް ހެދުމަކާ ނުލައި ހަމައެކަނި ގަރާރަކުން އަސާސީ ހައްގެއް ނުހިފެހެއްޓޭނެ ކަމަށެވެ.

ގާނޫނުއަސާސީ ބުނާ ގޮތުން އަސާސީ ހައްގުތައް ހަނިކުރުމުގެ ބާރު އޮތީ ރައްޔިތުންގެ މަޖިލީހަށެވެ. އެކަން ކުރެވޭނީ ގާނޫނުތަކެއްގެ ތެރެއިންނެވެ. ހައްގުތައް ހަނިކުރުމުގެ ބާރު ރައީސަށް ކިރިޔާ ވެސް ލިބެނީ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާނުކޮށްގެންނެވެ.

އެކަމަކު ކުއްލި ނުރައްކަލުގެ ހާލަތުގައި ވެސް ރައީސަށް ހުރިހާ ހައްގެއް ހަންޏެއް ނުކުރެވޭނެ އެވެ. އެ ހާލަތުގައި ވެސް ނުހިފެހެއްޓޭނެ 16 ހައްގެއް ގާނޫނުއަސާސީގައި ބަޔާންކޮށްފައިވެ އެވެ. ހިޔާލުފާޅުކުރުމުގެ މިނިވަންކަމަކީ އެއިން އެއް ހައްގެވެ. އެހެންވެ ބައެއް މީހުން ދެކޭ ގޮތުގައި، އިންޑިއާ އައުޓް ކެމްޕެއިން ހުއްޓުވަން ރައީސް ނެރުއްވި ގަރާރު ގާނޫނުއަސާސީއާ ހިލާފެވެ.

ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އައްޑޫގައި އިންޑިއާގެ އެކްސްޓާނަލް އެފެއާޒް މިނިސްޓަރު އެސް ޖަޔަޝަންކަރުއާ ބައްދަލުކުރައްވަނީ (ފޮޓޯ/ރައީސް އޮފީސް)

ކުރީގެ ޕްރޮސެކިއުޓާ ޖެނެރަލް އަހުމަދު މުއިއްޒު 'ދައުުރު'އަށް ވިދާޅުވި ގޮތުގައި ގަރާރެއް ނެރެގެން އަސާސީ ހައްގެއް ހަންޏެއް ނުކުރެވޭނެ އެވެ. އޭނާ ވެސް ގަބޫލުކުރައްވަނީ އެކަން ކުރެވޭނީ މަޖިލީހުން ހަދާ ގާނޫނަކުން ކަމަށެވެ.

"ރައީސުލްޖުމްހޫރިއްޔާ ގަރާރެއް ނެރެގެންނެއް ހައްގެއް ހަންޏެއް ނުކުރެވޭނެ ދެއްތޯ. ގާނޫނުގެ ޒަރީއާއިން ހައްގު ހަނިކުރެވޭނީ،" މުއިއްޒު ވިދާޅުވި އެވެ.

ގަރާރު ނެރެން ޖެހޭތަ؟

އިދިކޮޅުގެ ހަރަކާތަކީ ގާނޫނީ ގޮތުން ވެސް ކުށެއް ކަމަށް ރައީސްގެ ގަރާރުގައިވެ އެވެ. އެގޮތުން އެފަދަ ކަންކަން ކުށްވެރި ކުރާ ގާނޫނުލްއުގޫބާތުގެ ދެ މާއްދާއަކާ ހަވާލާދިނެވެ. އެ ދެ މާއްދާގައި ވަނީ:

124 (ހ)(3):

  • މީހެއްގެ ނަސްލަށް، ނުވަތަ އުފަންވީ ގައުމަށް، ނުވަތަ ކުލަޔަށް، ނުވަތަ ސިޔާސީ ވިސްނުމަށް، ނުވަތަ ދީނަށް ބަލައި އެމީހަކާ މެދު އަނިޔާއެއް ދިނުން ނުވަތަ އަނިޔާއެއް ދިނުމަށް ގޮވާލުމަކީ ކުށެއް

615 (ހ)(6):

  •  އާންމު ތަނެއްގައި ހުރި އެއްވެސް މީހަކު، އެ މީހެއްގެ އަމަލުތަކުގެ ސަބަބުން އެހެން މީހަކަށް ގޯނާވާނެކަން، ނުވަތަ އުނދަގޫވާނެކަން، ނުވަތަ ބިރު ހީވާނެކަން އެނގި ހުރެ ޖާއިޒު މަގުސަދެއް ހާސިލު ނުވާނެ އަމަލަކުން ނުރައްކާތެރި، ނުވަތަ މާއްދީ ގޮތުން ހުތުރު، ނުވަތަ މީހުން ބިރުގަންނަ ފަދަ ހާލަތެއް އުފެއްދުމަކީ ކުށެއް

ރައީސްގެ ގަރާރުގައި ގާނޫނުލްއުގޫބާތުގެ މާއްދާތަކާ ހަވާލާދީފައި އޮތުމުން އެކަމާ ބެހޭ ގޮތުން މުއިއްޒު ވިދާޅުވީ އެ މާއްދާތަކުގައި ކުށެއް ކަމަށް ބުނާ ކަންތައްތަކަކީ ރައީސް ވިދާޅުނުވިޔަސް، ކުށެއް ކަމަށެވެ. އެހެންވެ އެއީ ގަރާރެއް ނެރެން ޖެހޭ ފަދަ ހާލަތެއް ނޫން ކަމަށް އޭނާ ދެކެވަޑައިގަންނަވަ އެވެ.

'އިންޑިއާ އައުޓް' ކެމްޕޭނަށް ކުރީގެ ރައީސް އަބްދުﷲ ޔާމީން ރ. ދުވާފަރަށް ވަޑައިގަތުމުން ސަޕޯޓަރުންނާ ސަލާންކުރައްވަނީ (ފޮޓޯ/ ޕީޕީއެމް)

އޭނާ ވިދާޅުވި ގޮތުގައި ގާނޫނެއްގައި ކުރިން ވެސް ބަޔާން ވެގެންވާ ކުށްތަކެއް ހިމަނައިގެން އަސާސީ ހައްގުތައް ހަނިވާ ގޮތަށް ގަރާރެއް ނެރުމުގެ މާނައެއް ނެތެވެ. އޭނާ ސުވާލު އުފެއްދެވީ ގަރާރުގައި ހަވާލާދީފައިވާ މާއްދާތަކުގައި ބަޔާންކުރާ ކުށްތައް ބަޔަކު ކުރަންޏާ ކުރިން ވެސް ތަހުގީގު ނުކުރީ ކީއްވެތޯ އެވެ.

"އޭގެ [ގާނޫނުލްއުގޫބާތުގެ] ދަށުން ފިޔަވަޅު އަޅާކަށް މި ގަރާރު ކޮންމެހެން ބޭނުމެއް ނޫން ދެއްތޯ؟" މުއިއްޒު ވިދާޅުވި އެވެ.

ރައީސަށް އެ ގަރާރު ނެރެވިދާނެ

ގަރާރު ނެރުމުގައި އެއްވެސް މައްސަލައެއް ނެތް ކަމަށް، އަނެއް ބައި ވަކީލުން ގަބޫލުކުރައްވަ އެވެ. އެމްޑީޕީގެ ހަރަކާތްތަކުގައި އުޅުއްވާ ގާނޫނީ ވަކީލު މުހައްމަދު ނިޝާން އިބްރާހިމް ދެކެވަޑައިގަންނަވާ ގޮތުގައި ރައީސްގެ ގަރާރުގައި ގާނޫނީ މައްސަލައެއް ވެސް ނެތެވެ. އެއީ ރައީސަށް ލިބިގެންވާ ބާރުގެ ތެރެއިން ސައްހަކޮށް ނެރުއްވި އެއްޗެއް ކަމަށް އޭނާ ވިދާޅުވި އެވެ. އެގޮތަށް ދެކެވަޑައިގަންނަވާ ސަބަބުތައް ވެސް ދެއްކެވި އެވެ.

އޭނާ ވިދާޅުވީ ރައީސްގެ މަސްއޫލިއްޔަތުތަކާއި ވާޖިބުތައް ބަޔާން ކުރާ 115 ވަނަ މާއްދާގެ ދަށުން ވެސް ދައުލަތުގެ އެހެން އިސް ވެރިންނަށް ލިބިގެން ނުވާ ދުސްތޫރީ އިހްތިޔާރީ ބާރުތަކެއް ރައީސަށް ލިބިވަޑައިގަންނަވާ ކަމަށެވެ. އަދި ދައުލަތުގެ އެންމެ އިސް ވެރިޔާގެ ހައިސިއްޔަތުން އެތެރެއިންނާއި ބޭރުން އަންނަ ނުރައްކާތަކުން ދައުލަތް ހިމާޔަތްކުރުމުގެ ބާރު ވެސް އޮންނާނެ ކަމަށް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ގާނޫނުއަސާސީގެ 115 ވަނަ މާއްދާގެ ދަށުން ގަރާރު ނެރުމަކީ ރައީސަށް ލިބިގެންވާ އިހްތިޔާރެއް ކަމަށެވެ. އަދި ރައީސް ހަވާލާ ދެއްވި އަކުރުތަކުގައިވާ މާއްދާތައް ބަލާއިރު މަސްއޫލިއްޔަތުތައް އަދާކުރެއްވުމުގެ ގޮތުން ވެސް އެ ގަރާރު ނެރުއްވިދާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

އަސާސީ ހައްގެއް ހަނިކުރެވޭނީ ގާނޫނަކުން ކަމަށް ގާނޫނުއަސާސީގައި ވާއިރު، ނިޝާނ ވިދާޅުވީ، އެއްވެ އުޅުމާއި ހިޔާލު ފާޅުކުރުމުގެ މިނިވަންކަމުގެ ހައްގު ހަނިކުރެވޭނެ ހާލަތްތައް ބަޔާން ކުރާ ގާނޫނެއް އެބަ އޮތް ކަމަށެވެ. 

ސުލްހަވެރިކަމާ އެކު އެއްވެ އުޅުމުގެ މިނިވަންކަމުގެ ގާނޫނުގައި ގައުމީ ސަލާމަތަށް ނުރައްކާ ހުރި ކަންތައްތަކަކީ އެއްވެ އުޅުމުގެ ހައްގު ނުވަތަ ހިޔާލު ފާޅުކުރުމުގެ ހައްގު ހަނިކުރެވެދާނެ ހާލަތެއް ކަމަށް ބަޔާންކޮށްފައި އޮންނަ ކަމަށް އޭނާ ވިދާޅުވި އެވެ. އޭނާ ގަބޫލުކުރައްވަނީ އިންޑިއާ އައުޓް ހަރަކާތަކީ އެފަދަ އަމަލެއް ކަމަށެވެ.

"ރާއްޖޭގެ ދާހިލީ މަސްލަހަތަށް އުނިކަން އަންނަ ގޮތަށް ބަޔަކު ކުރާ ކަމެއް ހުއްޓުވަން ރައީސްގެ އެންގެވުމަކަށް ނުވަތަ ރައީސްގެ ގަރާރަކުން އެކަން ހުއްޓުވުން އެއީ އަސާސީ ހައްގަކަށް އަރައިގަތީއޭ ނުވަތަ ހިޔާލުފާޅުކުރުމުގެ މިނިވަންކަން ހިފެހެއްޓީއޭ، އެގޮތަކަށް ގާނޫނު މާނައެއް ނުކުރެވޭނެ،" ނިޝާން ވިދާޅުވި އެވެ.

ރައީސް ސޯލިހުގެ ރިޔާސީ ގަރާރާ މެދު އުފައްދާ ގާނޫނީ ސުވާލުތަކަށް ސިވިލް ކޯޓަށް މިހާރު ހުށައަޅާފައިވާ މައްސަލައިގެ ޝަރީއަތުގައި ވަރަށް ފުޅާކޮށް ވާހަކަ ދައްކާނެ ކަމަށް ބެލެވެ އެވެ. 

އިތުރު އާޓިކަލް

އިތުރު އާޓިކަލް