'ދައުރު'ގެ ސީނިއަ ލިއުންތެރިއެއް ކަމަށްވާ އައިމިނަތު ޝިފްލީން އޭނާގެ އުފަން ރަށް ހދ. މަކުނުދޫގެ ހިތްގައިމު ތަންކޮޅެއްގައި މަޑުކޮށްލައިގެން

ރާޅުފަށް

ރާޅުފަށް: 'ދައުރު'ގެ އާ ކަވަރޭޖެއް، ރަށްރަށުން

ހދ. މަކުނުދުއަކީ ކުރިން ނަމަ ރާއްޖޭގެ އެންމެ އެކަހެރި ރަށް. ވިހި ވަނަ ގަރުނުގައި ސިޔާސީ ގިނަ 'ކުށްވެރިންތަކެއް' އެ ރަށަށް އަރުވާލި. އެކަމަކު ރާއްޖޭގެ ގިނަ މީހުންނަށް އަދިވެސް ނޭނގި އޮތީ އެ ރަށުގެ ތަފާތުކަމާއި ގުދުރަތީ ރީތިކަން
24 ޖެނުއަރީ 2022

ހދ. މަކުނުދޫގައި އައިމިނަތު ޝިފްލީން ހުރީ، އޭނާގެ ތިން އަހަރުގެ އަންހެން ދަރިފުޅާ އެކު، ޗުއްޓީގަ އެވެ. އެއީ ދައުރުގެ ސީނިއަ އެއް ލިއުންތެރިޔާގެ އުފަން ރަށެވެ. ފުރަތަމަ ސުވާލަކީ، ރަށާ ބެހޭ ގޮތުން ތަފާތު ރިޕޯޓްތަކެއް ލިއެވިދާނެ ހެއްޔެވެ؟ ބަލިމަޑުކަމުގެ ތެރޭގައި މިދުވަސްވަރު ރަށްރަށަށް ދިއުމަކީ، އެންމެ ބޮޑަށް ކޮވިޑް-19 ފެތުރިފައިވާ މާލޭ ސަރަހައްދުން އެހެން ހިސާބަކަށް ބަލި ގެންދިއުން ކަމަށް ގިނަ ފަހަރަށް އޮންނަނީ ވެފަ އެވެ.

ޝިފްލީން ހުރީ އޭނާގެ ރަށާ ބެހޭ ގޮތުން މީގެ ކުރިން ލިއެފައި ނެތް އެތައް މައުލޫއަކަށް ލިއަން ތައްޔާރަށެވެ. އެހެންކަމުން 'ދައުރު'ގެ އާ ކަވަރޭޖް، 'ރާޅުފަށް' ފެށުން މަކުނުދޫން ގެންނަން ނިންމައި، އޭގެ މައިގަނޑު ހުރިހާ މަސައްކަތަކާ ޒުވާން ލިއުންތެރިޔާ ހަވާލުވި އެވެ.

މޯލްޑިވްސް މީޑިއާ ކައުންސިލް (އެމްއެމްސީ)ގެ އެވޯޑް ހާސިލްކޮށްފައިވާ ނޫސްވެރިޔާ ބުނި ގޮތުގައި މިއީ އޭނާ ހީކުރި ވަރަށް ވުރެ އުފާވެރި، އަދި އަމިއްލަ ރަށާ ބެހޭ ގޮތުން ކުރިން ލިބިފައި ނެތް އެތައް މައުލޫމާތެއްގެ ތެރެއަށް ގެންގޮސްދިން މަސައްކަތެކެވެ.

މި ރަށުގެ މީހުން ވެސް ހަމަ ވަރަށް ތަފާތު. ވަރަށް ހިތްހެޔޮ، ބީރައްޓެހިންނަށް ވަރަށް އަޅާލާ ބައެއް

އައިމިނަތު ޝިފްލީން، ދައުރުގެ ނޫސްވެރިއެއް

ޝިފްލީންގެ އުފަން ރަށަށް މަކުނުދޫ ވިޔަސް، އަދި މައިންބަފައިންނާއި މުޅި އާއިލާ އެ ރަށުގައި އުޅުނަސް ވަރަށް ކުޑައިރުއްސުރެ ހަޔާތުގެ ގިނަ ދުވަސްތައް އޭނާ ހޭދަކުރީ ހދ. ވައިކަރަދު އާއި މާލޭގަ އެވެ. ގްރޭޑް 2 އިން ފެށިގެން ތައުލީމު ހާސިލްކުރަން ދިޔައީ ވައިކަރަދުއަށެވެ. އޭގެ ފަހުން އަނެއްކާ ދުވަސްކޮޅަކު ރަށުގައި އުޅުމަށް ފަހު ސެކަންޑަރީ ތައުލީމަށް އައީ މާލެ އެވެ. އޭރުގެ 'ހަވީރު'ން ނޫސްވެރިކަން ފެށީ މާލޭގައި އޯ ލެވެލް ނިންމައި، އުމުރުން 18 އަހަރު ވެސް ނުވަނީހެވެ.

"ވަރަށް އުފާވޭ މި ކަވަރޭޖްގައި ބައިވެރިވެވުނީތީ،" ޝިފްލީން ބުންޏެވެ.

"މަކުނުދުއަކީ ވަރަށް ތަފާތު ރަށެއް. އެކަމަކު އަސްލު ކުރިން ނޭނގޭ ވަރަށް ގިނަ ކަންކަން މި ރިޕޯޓުތަކަށް މައުލޫމާތު ހޯދުމުގައި އެނގިއްޖެ. އެކި މީހުން ވަރަށް ގިނަ ވާހަކަތައް ކިޔައިދިން."

'ދައުރު'ގެ އާ ސެގްމެންޓް 'ރާޅުފަށް' ފެށުމުގެ ގޮތުންމަކުނުދުއާ ބެހޭ ރިޕޯޓްތަކަށް ފޮޓޯ އާއި ވީޑިއޯ ނަގައިދިން އެ ރަށު ސްކޫލްގެ ޓީޗަރު މުހައްމަދު ވާސިފް، ކުއްޖަކަށް ފޮޓޯ ނަގަން ދަސްކޮށްދެނީ

ޝިފްލީން ވަނީ ރާއްޖޭގެ ވަރަށް ގިނަ ރަށްރަށަށް ޒިޔާރަތްކޮށްފަ އެވެ. މިސާލަކަށް މަޝްހޫރު އަބްދުލް ގަފޫރު އަަލީ (ގައްބެ) 2015 ގައި، ރާއްޖޭގެ މިނިވަންކަމުގެ ރަން ޔޫބީލް އަހަރާ ގުޅުވައިގެން ރާއްޖޭގެ އެއްކޮޅުން އަނެއް ކޮޅަށް ކަތަމަރާންއެއްގައި ކުރި ދަތުރުގައި 'ހަވީރު'ން ހަމަޖެއްސި ރިޕޯޓަރެއްގެ ގޮތުން ވެސް ގިނަ ރަށްރަށަކަށް ދިޔަ އެވެ.

އެކަމަކު އޭނާ ބުނާ ގޮތުގައި މަކުނުދޫ ކަހަލަ ރަށަކަށް ނުދެވެ އެވެ. އެހާ ރީތި، އެހާ ތަފާތު ރަށެއް ނުފެނެ އެވެ. އެހެންކަމުން ރާއްޖޭގެ އެންމެ ހުޅަނގަށް އޮތް، ޖިއޮގްރަފީގެ ގޮތުން މުޅިން ވަކި އަތޮޅެއްގެ ގޮތަށް އުފެދިފައި އޮތް، ރަށަށް ދާ ކޮންމެ ފަހަރަކީ، ޝިފްލީން ބުނި ގޮތުގައި، ވަރަށް ބޮޑު އުފަލެކެވެ.

"މި ރަށުގެ މީހުން ވެސް ހަމަ ވަރަށް ތަފާތު. ވަރަށް ހިތްހެޔޮ، ބީރައްޓެހިންނަށް ވަރަށް އަޅާލާ ބައެއް،" ކައިވެންޏަށް ފަހު ފިރިމީހާއާ އެކު ރަސްދޫގައި ދިރިއުޅެމުން އަންނަ ޝިފްލީން ބުންޏެވެ.

"އަބަދުވެސް ހިތަށްއަރާ މިއީ ހާދަ ތަފާތު ރަށެކޭ."

އެ ތަފާތުކަން 'ދައުރު'ގެ ކިއުންތެރިންނާ ހަމައަށް އެކި ރިޕޯޓްތަކުން ގެނެސްދޭނެ އެވެ. މިއީ ހަމައެކަނި ޝިފްލީންގެ މައިގަނޑު މަސައްކަތެކެވެ. މިހާ ގިނަ ރިޕޯޓްތަކެއް އެކަކަށް، އެއްފަހަރާ، މީގެ ކުރިން އެޑިޓަރެއްގެ ގޮތުން އަޅުގަނޑަށް ހަވާލުކުރެވިފައެއް ނެތެވެ. ނަމަވެސް މިހާރުގެ ކޮވިޑް-19ގެ ބަލިމަޑުގެ ހާލަތުގައި، ވީހާވެސް މަދު ބަޔަކު ބޭނުންކޮށް، ވީހާވެސް ރަނގަޅު ލިއުންތަކެއް ތައްޔާރުކުރުމަކީ އޮތް ހަމައެކަނި ފުރުސަތު ވެސް މެ އެވެ.

މަކުނުދޫގެ ރިޕޯޓްތަކަށް ފޮޓޯ އާއި ވީޑިއޯ ނަގައިދިނީ 2008 އިން ފެށިގެން އެ ރަށު ސްކޫލްގައި ޓީޗަރަކަށް އުޅެމުން އަންނަ މުހައްމަދު ވާސިފް، 32، އެވެ. ޕާޓްޓައިމް މަސައްކަތެއްގެ ގޮތުން ފޮޓޯގްރަފީގެ ދާއިރާއަށް ވާސިފް ވަނީ މީގެ ދޮޅު އަހަރެއްހާ ދުވަސް ކުރިންނެވެ. މި ރިޕޯޓްތަކުގައި އޭނާ ނެގި ވަރަށް ރީތި، އަދި އެހާމެ ހިތްގައިމު ފޮޓޯތަކާއި ވީޑިއޯތައް ހިމެނޭނެ އެވެ.

'ދައުރު' ޓީމުން މި ފަށާ ހާއްސަ ކަވަރޭޖްގައި، ޒުވާން އެކި ލިއުންތެރިންނާއި ވީޑިއޯ ޖާނަލިސްޓުންގެ ހުނަރު ކިއުންތެރިންނާ ހަމައަށް އަންނާނެ އެވެ. 

އިތުރު އާޓިކަލް

އިތުރު އާޓިކަލް