ވ. ފުލިދޫގެ މަގެއްގެ މަތީގައި ބަޔަކު މަޑުކޮށްލައިގެން (ދައުރު ފޮޓޯ/އައިމިނަތު ޝިފްލީން)
5،000ރ.ގެ ސުވާލެއް: ރަށްވެހިކަން ބަދަލުކޮށްފާނަންތަ؟
އިބްރާހިމް ވަހީދަކީ ފުވައްމުލަކު މީހެކެވެ. އުފަންވީ އެ ރަށު މަގިވަޑޮދޮރޮގެ އަށެވެ. އެކަމަކު ރާއްޖޭގައި އެންމެ ހުޅަނގަށް، އެންމެ އެކަހެރިކޮށް އޮންނަ ހދ. މަކުނުދޫގައި އޭނާ ދިރިއުޅޭތާ މިހާރު 45 އަހަރުވެއްޖެ އެވެ. އެ ރަށުގެ މީހަކާ ކައިވެނިކޮށް، އެ ރަށުގައި ވަޒަންވެރިވެ، ރަށަށް ހިދުމަތްކޮށް، ދަރިން ލިބި، ކާފަ ވެސް ކިޔައިފި އެވެ.
ނަމަވެސް ބަދަލުނުވި އެއް ކަމެއް އެބައޮތެވެ؛ އަދިވެސް އޭނާއަކީ ފުވައްމުލަކު މީހެކެވެ. އޭނާ ނިސްބަތްވާ ގޭގެ އެޑްރެހުގެ ގޮތުގައި އައިޑީކާޑުގައި އަދިވެސް އޮތީ މަގިވަޑޮދޮރޮގެ އެވެ. ހުރިހާ ކަމެއް ބަދަލުވި އިރު ވެސް، އޭނާގެ ރަޖިސްޓްރީ އޮތީ ބަދަލުނުވެ އެވެ.
"ފުވައްމުލަކަކީ އަޅުގަނޑުގެ އައިޑެންޓިޓީ. އެ އައިޑެންޓިޓީ އަޅުގަނޑަށް ބަދަލުކުރަން ވަރަށް އުނދަގޫ،" މަކުނުދޫ ސްކޫލުގެ ޓީޗަރެއްގެ ގޮތުގައި 41 އަހަރު ހިދުމަތްކޮށް، މިހާރު ރިޓަޔާކޮށްފައިވާ އިބްރާހިމް ވަހީދު، 65، ބުންޏެވެ.
ބީރައްޓެހި ރަށެއްގައި ވަޒަންވެރިވެ، ދިރިއުޅުން ބަދަލުވެ، އުމުރު ދުވަހު އުޅުނު އިރު ވެސް ރަށްވެހިކަން ބަދަލުކުރަން ބޭނުން ނުވި ސަބަބު ވެސް ވަހީދު ކިޔައިދިނެވެ. ފުރަތަމަ ކަމަކަށް، އުފަން ރަށާ މެދު އޮތް ޖަޒުބާތީ ގުޅުމެވެ. ކުޑައިރު ކުޅެން އުޅުނު މަގުތަކާއި އެރި ގަސްތަކާއި ކުޅިތަކާއި މޫދަށް އޮތް ލޯތްބެވެ. މައިންބަފައިންގެ ހިޔާވަހިކަމާއި އެ އޯގާތެރިކަމާއި ހަނދާންތަކެވެ. އެ ހުރިހާ ކަމަކާ މިހާރު އޭނާ ގުޅުވައިދޭ ހަމައެކަނި ކަމަކަށް އޮތީ، ރަށުގެ ދަފުތަރުގައި އޮތް އޭނާގެ ނަމެވެ.
"އަޅުގަނޑުގެ މައިންބަފައިން މިހާރު ދުނިޔެއަކު ނެތް. އެކަމަކު ދުނިޔޭގައި އޮތް، އެ މީހުންނާ ގުޅުވައިދޭ ހަމައެކަނި ކަމަކަށް މިހާރު އޮތީ ގޭގައި އޮތް އަޅުގަނޑުގެ ނަން. އެހެންވެ، އެކަން އެގޮތުގައި ބާއްވަން ބޭނުންވީ،" ވަހީދު ބުންޏެވެ.
މިއީ ހަމައެކަނި އޭނާގެ ވާހަކައެއް ނޫނެވެ. ރާއްޖޭގެ އާބާދީގެ ގާތްގަނޑަކަށް ދެބައިކުޅަ އެއްބައި މީހުން އެ މީހުންގެ އަމިއްލަ ރަށާ ދުރުގައި ދިރިއުޅޭއިރު، އޭގެ ތެރޭގައި ރަށުގެ ފަސްގަނޑުގައި ފައިނާޅާތާ އެތައް އަހަރެއް ވެފައިވާ މީހުން ހިމެނެ އެވެ. އެކަމަކު އުފަންވި ރަށުގެ ލިސްޓުން އަމިއްލަ ނަން އުނިކޮށް، އެހެން ރަށަކަށް ބަދަލުކުރުމަކީ އޭގެތެރެއިން ގިނަ މީހުން ކުރަން ބޭނުންނުވާ ނުވަތަ ނުކުރާނެ ކަމެކެވެ.
ހިޖުރަކުރުން ތަފާސްހިސާބުތަކުން
އަމިއްލަ ވަޒަނުން ފައިބައި، އެހެން ރަށެއްގައި ދިރިއުޅުން އާރާސްތުކުރުމަކީ ގިނަ މީހުންނަށް މަޖުބޫރީ ނިންމުމެކެވެ. ވެރިރަށް މާލޭގައި ދިރިއުޅޭ މީހުންގެ އާބާދީގެ %54 ހިއްސާކުރަނީ، ވަޒީފާ އާއި ތައުލީމާއި ސިއްހީ ފަރުވާ ހޯދުމާއި އާއިލާ އެކުގައި އުޅެން ބޭނުންވެގެން އަމިއްލަ ރަށުން ހިޖުރަކޮށްފައިވާ މީހުންނާ އެކުގަ އެވެ.
އޭގެ ބޭރުން، މާލެ ނޫން އެހެން ރަށްރަށަށް މީހުން ހިޖުރަކުރާ މައިގަނޑު ސަބަބަކީ ކައިވެނި ނުވަތަ އާއިލާއާ އެކު ދިރިއުޅުމެވެ.
ހިޖުރަކުރުމުގެ ތަފާސްހިސާބުތައް ފެންނަން އޮތް އެންމެ ފަހުގެ ރަސްމީ މައުލޫމާތަކީ 2022 ވަނަ އަހަރު ނެގި ބޯހިމެނުމެވެ. އެއިން ފެންނަ ގޮތުގައި:
-
ރަށްރަށުގައި ރަޖިސްޓްރީވެފައިވާ މީހުންގެ ތެރެއިން މާލޭގައި އެންމެ ގިނައިން ދިރިއުޅެނީ ހުވަދު އަތޮޅު މީހުން؛ އެ އަތޮޅަށް ރަޖިސްޓްރީވެފައިވާ ކޮންމެ ފަސް މީހުންގެ ތެރެއިން ދެ މީހުން ދިރިއުޅެމުން އަންނަނީ މާލޭގައި
-
ދެން މާލޭގައި އެންމެ ގިނައީ ތ. އަތޮޅުގެ މީހުން
-
މާލެ ނޫން އެހެން ރަށަކަށް އެންމެ ގިނައިން ހިޖުރަކޮށްފައިވަނީ ވ. އަތޮޅުގެ މީހުން
-
ނިސްބަތްވާ އަތޮޅުގައި އެންމެ ގިނައިން ދިރިއުޅެނީ މާލެ އަތޮޅާއި އއ. އަދި އއ. އަތޮޅުގައި؛ އޭގެ އެންމެ ބޮޑު ސަބަބަކީ ޓޫރިޒަމް ކަމަށް ބެލެވޭ
-
އޭގެ އިތުރުން ރަޖިސްޓްރީވެފައިވާ އާބާދީއަށް ބަލާއިރު އެންމެ ގިނަ މީހުން ރަށުގައި އުޅެނީ ލ. ހިތަދު އާއި ފޮނަދޫގައި
-
މާލެއަށް ހިޖުރަކޮށްގެން ދިރިއުޅޭތާ 15 އަހަރުވެފައިވާ، 28،000 މީހުން އުޅޭ
ހުޅުމާލޭ ދެވަނަ ފިޔަވަހީގައި މީހުން އާބާދުވުމާއި ބޯހިޔާވަހިކަމުގެ އާ މަޝްރޫއުތަކާ ގުޅިގެން، ރަށްރަށުން މާލެއަށް ހިޖުރަކުރި މީހުންގެ އާބާދީ މިހާރު ކުރިއަށް ވުރެ މާ ބޮޑުވާނެ އެވެ. އެހެންވެ، ހަތަރު އަހަރު ކުރީގެ މި ތަފާސްހިސާބުތަކަށް މިހާރު ބޮޑު ބަދަލެއް އައުމަކީ އެކަށީގެންވާ ކަމެކެވެ.
އެކަމަކު ލިޔެކިޔުންތަކުގައި ފާހަގަކޮށްފައިވާ ގޮތުގައި، މާލެއަށް ހިޖުރަކޮށްފައިވާ މީހުންގެ އަދަދު ކިތަންމެ ގިނަޔަސް، ގިނަ މީހުން އެމީހުން ރަށްވެހިވެފައިވާ ތަނަކަށް ބަދަލެއް ގެންނާކަށް ބޭނުމެއް ނުވެ އެވެ. އެމީހުންގެ ނިޔަތަކީ ކޮންމެވެސް ދުވަހަކުން އެނބުރި ދިޔުމެވެ.
5،000ރ.އަށް ރަށްވެހިކަން ބަދަލުކޮށްފާނަންތަ؟
މި ފަހުން މަކުނުދޫ ކައުންސިލުން އިއުލާނެއް ކުރި އެވެ.
އެ ރަށުގައި ދިރިއުޅޭ ބީރައްޓެހިންގެ ތެރެއިން، ރަށުގެ ރަޖިސްޓްރީގައި ޖެހިއްޖެ ނަމަ ގުރުއަތުން ހޮވޭ މީހަކަށް 5،000ރ.ގެ އިނާމެއް ދޭނެ ކަމަށެވެ. އެ އިއުލާން ގިނަ ބައެއްގެ ތެރޭގައި ވައިރަލްވީ، ސުވާލެއް ވެސް އުފައްދަމުންނެވެ.
އެއީ، 5،000ރ.އަށް ރަށްވެހިކަން ބަދަލުކުރާނަންތޯ އެވެ.
އެ ފަދަ އިނާމެއް ދޭން ނިންމި ސަބަބު ވެސް، އެ ރަށުގެ ކައުންސިލްގެ ރައީސް މުހައްމަދު ވަހީދު އޮޅުންފިލުވައި ދެއްވި އެވެ.
އޭނާ ވިދާޅުވީ ރާއްޖޭގެ އެހެން ރަށްރަށާ ހިލާފަށް، މަކުނުދޫއަކީ ރަޖިސްޓްރީވެފައިވާ އާބާދީއަށް ވުރެ، ރަށުގައި ދިރިއުޅޭ މީހުންގެ އާބާދީ އެންމެ ގިނަ ރަށް ކަމަަށެވެ. ރަށުގެ ރަޖިސްޓްރީގައި 1،952 މީހުން ތިބޭއިރު، ރަށުގައި 2،400 މީހުން ދިރިއުޅެ އެވެ. ރަށުގައި ދިރިއުޅޭ އާބާދީގެ %18އަކީ އެހެން ރަށްރަށުގެ މީހުންނެވެ.
ވަހީދު ވިދާޅުވި ގޮތުގައި، އޭގެ ސަބަބުން ހިދުމަތްތަކަށް ބުރޫއަރަ އެވެ.
ސަރުކާރުން ދޭ އިނާޔަތްތަކާއި ބަޖެޓް ބިނާވެފައި އޮންނަނީ ރަށުގައި ރަޖިސްޓްރީވެފައިވާ މީހުންގެ އާބާދީ އަށެވެ. މިސާލަކަށް، 2،000 މަތީގެ އާބާދީއެއް ނަމަ ހިދުމަތް ދޭން ފަސް ކައުންސިލަރުން ތިބެން ޖެހެ އެވެ. ކައުންސިލް ހިންގުމަށް ދޭ ބަޖެޓް ބޮޑުވެ އެވެ. ސިއްހީ ހިދުމަތުގެ ފެންވަރު ރަނގަޅުވެ، މަރުކަޒުގެ ލެވެލް މަތިވެ އެވެ. ތައުލީމު ރަނގަޅު ކުރުމަށް ސަރުކާރުން އެހީވެ އެވެ. ސިޔާސީ ގޮތުން ބަލާއިރު، ވޯޓާ ވެސް، ރަޖިސްޓަޑް އާބާދީ އޮންނަނީ ގުޅިފަ އެވެ.
އެހެންވެ، ރަށުގައި ދަފުތަރުވެފައިވާ މީހުންނަށް ވުރެ ދިރިއުޅޭ މީހުންގެ އާބާދީ ގިނަވެއްޖެ ނަމަ މި ހިދުމަތްތަކުން މަހުރޫމްވާ ކަމަށް ވަހީދު ވިދާޅުވި އެވެ.
ރަށުގެ ދަފުތަރުގައި ވީހާވެސް ގިނަ ބަޔަކު ޖެއްސުމަށް، ހާއްސަ ކެމްޕޭނެއް އެ ރަށު ކައުންސިލުން ފެށީ އެހެންވެ އެވެ. 5،000ރ. އާއި އައިޑީ ކާޑު ހަދައިދިނުން ފަދަ ހިދުމަތްތަކާ އެކު ފެށި އެ ކެމްޕޭނުގެ އަމާޒަކީ 2،000 މީހުން އާބާދީއަށް އިތުރުކުރުމެވެ.
އެކަމަކު ކައުންސިލްގެ ރައީސް ވެސް ގަބޫލު ކުރެއްވި ގޮތުގައި ރަށުގައި 20-30 އަހަރު ދިރިއުޅުނު އިރު ވެސް މީހުން ރަޖިސްޓްރީ ބަދަލުކުރަން ބޭނުން ނުވާ މައިގަނޑު ސަބަބަކީ އުފަން ރަށާ މެދު އޮންނަ ޖަޒުބާތީ ގުޅުމެވެ.
އިބްރާހިމް ވަހީދަށް، މަކުނުދޫގެ ދަފުތަރުގައި އޭނާގެ ނަން އޮންނާކަށް މާ މުހިއްމެއް ނޫނެވެ. 45 އަހަރު ވާންދެން އޭނާ ކިޔަވައިދެނީ އެ ރަށުގެ ކުދިންނަށެވެ. ހަޔާތުގެ ބޮޑުބައި ހޭދަކުރި އެ ރަށަށް ހިދުމަތްކޮށްދިނުމަށެވެ. އެ ރަށުގެ ކޮންމެ މީހެއް ވެސް، ކޮންމެ އާއިލާއެއް ވެސް އޭނާއަށް ހިތުދަހެވެ.
އުފަން ރަށަކީ އިބްރާހިމް ވަހީދަށް އޭނާގެ އަމިއްލަ އައިޑެންޓިޓީ އެވެ. އެއީ އޭނާގެ ހަނދާންތަކެވެ. 5،000ރ.ގެ ހަދިޔާއަކަށް އެ ދޫކޮށްލާކަށް އޭނާ ބޭނުމެއް ނޫނެވެ.
ކޮމެންޓް