ޑިވެލޮޕްމަންޓް ބޭންކު އޮފް މޯލްޑިވްސް (ޑީބީއެމް) ހުޅުވުމަށް ބޭއްވި ރަސްމިއްޔާތުގައި ސައީދު ވާހަކަ ދައްކަވަނީ. (ފޮޓޯ/ރައީސް އޮފީސް)
ޑިވެލޮޕްމަންޓް ބޭންކުގެ ފޮނި ހުވަފެނާއި ހިތި ނިމުން
އުމްރާނީ ތަރައްގީ އާއި އިގްތިސާދީ މަޝްރޫއުތަކަށް އިންވެސްޓްކުރުމަށް މި ސަރުކާރުން އުފައްދާފައިވާ ހާއްސަ ބޭންކް، ޑިވެލޮޕްމަންޓް ބޭންކް އޮފް މޯލްޑިވްސް (ޑީބީއެމް)ގެ ޗެއާޕާސަން އަރޫނީ ގޫނަތިލަކަ އިސްތިއުފާ ދެއްވި ހަބަރާ އެކު އިގްތިސާދީ ދާއިރާގެ ބޭފުޅަކު މެސެޖެއް ފޮނުއްވި އެވެ. ވިދާޅުވީ، އެ ބޭންކު އުފެދުމުގައި ވެސް ފެއިލްވެފައިވާ ކަމަށެވެ.
އެބޭފުޅާ ވިދާޅުވި ހަގީގަތް ހިސާބުތަކުން ވެސް އޮތީ ފެންނާށެވެ. މިހާތަނަށް އާންމުކޮށްފައި އޮތް އެބޭންކުގެ އޮޑިޓް ރިޕޯޓުން ފެންނަ ގޮތުގައި އެ ބޭންކަށް 2.3 މިލިއަން ރުފިޔާގެ ގެއްލުމެއް ވަނީ ވެފަ އެވެ. އެ ގެއްލުމާ އެކު ބޭންކުގެ ރައުސްމާލު ވަނީ 3 މިލިއަން ރުފިޔާ އިން 736،196ރ.އަށް ވެއްޓިފަ އެވެ.
އެކަމަކު އެ ބޭންކު އުފައްދަމުން ރައީސް މުހައްމަދު މުއިއްޒު، ހާއްސަކޮށް އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ފޮނި ހުވަފެންތަކެއް ދެއްކެވި އެވެ. އެ ވާހަކަތަކާއި ވިދާޅުވި ޕްލޭން ވަރަށް ޗާލެވެ. އެކަމަކު، އެ ރީތި ހުވަފެނާއި އެ ޗާލު ޕްލޭނުން ނިކުމެފައި މި ވަނީ ހިތި ނަތީޖާ އެވެ. މިވީ ކިހިނެއް ހެއްޔެވެ؟
"އެ ބޭންކު އުފެއްދުމުގެ ވިސްނުމަކަށް އޮތީ ރާއްޖޭގެ ބޮޑެތި އިންފްރާސްޓްރަކްޗާ މަޝްރޫއުތަކަށް ބޭރުގެ އެކި އިންވެސްޓަރުންގެ އަތުން ފައިސާ ހޯދުން. އެކަން ކުރަން ރާއްޖޭގެ ބައެއް މުހިންމު އެސެޓް މިސާލަކަށް ޕޯޓް ކަހަލަ އެއްޗިހި އެ ބޭންކުގެ އެސެޓެއް ގޮތަށް ހަދައިގެން އެކަން ކުރަން އޮތީ. އެކަމަކު ސިޔާސަތު ތަކަށް އައި ބަދަލާ އެކު އެކަން ނުވެ ގޮސް އެ މޮޑެލް ހިނގާ ގޮތް ނުވީ،" އެ ބޭންކުގެ މައުލޫމާތު އެނގިހުރި މާލީ ދާއިރާގެ ބޭފުޅާގެ ނަން ނުޖަހާ ގޮތަށް ވިދާޅުވި އެވެ.
ކުރީގެ އިކޮނޮމިކް މިނިސްޓަރު އަހުމަދު މުހައްމަދުގެ ވިސްނުމުގައި ވެެސް ޑީބީއެމް ފެއިލްވި މައިގަނޑު އެއް ސަބަބަކީ އެ ބޭންކުގެ ސިޔާސަތުތައް ސާފުނުވުމެވެ. އެ ބޭންކު އުފެއްދުމަށް ފަހު އެކި ފަހަރު އެކި ވިސްނުންތައް އައުމެވެ.
ޑިވަލޮޕްމަންޓް ބޭންކަކީ އާންމު ރައްޔިތުންގެ އަތުން ޑިޕޮސިޓް ނަގައިގެން ހިންގާ އާދައިގެ ބޭންކެއް ނޫނެވެ. އެއީ، ބޭރުގެ އިންވެސްޓަރުންގެ އަތުން އިންވެސްޓްމަންޓްތަކަށް ފައިސާ ހޯދައިގެން ވިޔަފާރި ހިންގާ މޮޑެލްގެ ބޭންކެވެ. އެ ބޭންކަށް މިސްރާބު ބަދަލުކުރަން ސަރުކާރު ފެއިލްވީ އެވެ.
"ރާއްޖޭގެ މާލީ ބާޒާރުގައި މި ބޭންކުން އަދާކުރާނެ ސީދާ ދައުރު އަދި އޮތީ މުޅިން ސާފުނުވެ ހަގީގަތުގައި. ބޭންކަކީ ސީދާ އުމްރާނީ ތަރައްގީއަށް އިންވެސްޓްކުރާނެ ތަނެއްތޯ، ނުވަތަ ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް އެހީވާނެ ތަނެއްތޯ، ނޫނީ އެހެން ބޭންކުތައް މެދުވެރިކޮށް ފައިސާ ދޫކުރާނެ އިދާރާއެއްތޯ ކަނޑައެޅުން މުހިންމު. މިފަދަ ސިޔާސަތުތައް ސާފުނުވުމަކީ މަސައްކަތްތައް ކުރިއަށް ގެންދިއުމަށް އޮތް ހުރަހެއް،" އަހުމަދު މުހައްމަދު ވިދާޅުވި އެވެ.
އޭނާގެ ވިސްނުމުގައި ރާއްޖޭގެ ދަރަނި މަތިވުމާއި ދުނިޔޭގެ މާލީ ބާޒާރުގައި ރާއްޖޭގެ ކްރެޑިޓް ރޭޓިންގް މިވަގުތު ހުރި ގޮތުން، އަލަށް އުފެދޭ ބޭންކަކަށް ބޭނުންވާ ބޭރުގެ އިންވެސްޓްމަންޓްތައް ހޯދުމަށް އެއީ ވުމަށް ވުރެ ނުވުން ގާތްކަމެކެވެ. މިއީ ބޭންކުގެ ދެމެހެއްޓެނިވި ހިންގުމަށް އޮތް ބޮޑު ގޮންޖެހުމެއް ކަމަށް އޭނާ ގަބޫލުކުރައްވަ އެވެ.
"ޑިވެލޮޕްމަންޓް ބޭންކެއްގެ އެންމެ މުހިންމު ބިންގަލަކީ ދިގުމުއްދަތަކަށް ދެމިގެންދާނެ ވަރުގަދަ ރައުސްމާލެއް. އާންމު ވިޔަފާރި ބޭންކުތަކާ ހިލާފަށް، މިފަދަ ބޭންކުތަކަކީ ކަސްޓަމަރުންގެ ޑިޕޮސިޓްތަކަށް އެކަނި ބުރަވެވޭނެ ތަންތަނެއް ނޫން،" އަހުމަދު މުހައްމަދު ވިދާޅުވި އެވެ. "ރާއްޖޭގެ މިހާރުގެ މާލީ ހާލަތާއި، ބޭރު ފައިސާގެ ތާށިކަން ހުރި ގޮތުން، އެކަށީގެންވާ ލުއި ރޭޓެއްގައި ދިގުމުއްދަތުގެ ފަންޑު ހޯދުމަކީ މިވަގުތު ކުރިމަތިވެފައިވާ އެންމެ ބޮޑު އެއް ހުރަސް."
މާލީ ދާއިރާގެ އެހެން ބޭފުޅަކު ވިދާޅުވި ގޮތުގައި ޑިވަލޮޕްމަންޓް ބޭންކެއްގައި ސަރުކާރުގެ ހިއްސާ ބޮޑުވުމަކީ ވެސް އިންވެސްޓަރުން ޝައުގުވެރިވާނޭ ކަމެއް ނޫނެވެ. އޭގެ ބަދަލުގައި އެ ބޭންކުގައި އޮންނަ ސަރުކާރުގެ ހިއްސާ ކުޑަކޮށް ބޭރުގެ ރަނގަޅު އިންވެސްޓްމަންޓް މެނޭޖްމަންޓް އެޖެންސީއެއް ފަދަ ތަނަކަށް ހިއްސާ ވިއްކަން ޖެހެ އެވެ.
"ބޭރުގެ އިންވެސްޓަރުން ޝައުގުވެރިވާނެ ކަމެއް ނޫން އެތަނުގައި ސަރުކާރުގެ ހިއްސާ ބޮޑުވުން. އެވެސް ޗެލެންޖެއް. މިސާލަކަށް އެޗްޑީއެފްސީ އުފެއްދިއިރު ބޭރުގެ މީހުންގެ ހިއްސާ ބޮޑުވާނީ. އެތަނުގެ %51 އަކީ އައިއެފްސީ، އޭޑީބީ ފަދަ ތަންތަން. އެކަހަލަ މޮޑެލްއަކަށް ދާން ޖެހޭނީ،" އެބޭފުޅާ ވިދާޅުވި އެވެ.
އާންމު ކޮމާޝަލް ބޭންކުތަކާ ހިލާފަށް، ޑިވެލޮޕްމަންޓް ބޭންކަކީ ހަމައެކަނި އާންމުންގެ އަތުން ނަގާ ޑިޕޮސިޓްތަކަށް ބަރޯސާވެގެން ހިންގޭނެ މުއައްސަސާއެއް ނޫނެވެ. އޭގެ ބަދަލުގައި، މިފަދަ ބޭންކެއްގެ ތަސައްވުރު ހަގީގަތަކަށް ހެދުމަށްޓަކައި ދިގުމުއްދަތުގެ ބޮޑު މާލީ ރައުސްމާލެއް ބޭނުންވެ އެވެ. އަދި ނުގުޑާނޭ ދުރުވިސްނޭ ތަސައްވުރެއް ނުވަތަ ވިޝަންއެއް ބޭނުންވެ އެވެ.
މިފަދަ ބޭންކުތަކުގެ މައިގަނޑު މާލީ ނާރެހަކީ:
-
ދައުލަތުގެ ހިއްސާ: ސަރުކާރުން ބޭންކަށް އިންޖެކްޓްކުރާ ފުރަތަމަ ކެޕިޓަލް
-
ބައިނަލްއަގުވާމީ ކްރެޑިޓް ލައިން: ދުނިޔޭގެ މާލީ އިދާރާތަކުން ފޯރުކޮށްދޭ ފަންޑު
-
ބައިލެޓްރަލް އެހީ: ދޭދޭ ގައުމުތަކުގެ މެދުގައި ވެވޭ އެއްބަސްވުންތަކުގެ ތެރެއިން ލިބޭ ތަރައްގީގެ އެހީ
-
ކެޕިޓަލް މާކެޓް: ބައިނަލްއަގުވާމީ ބާޒާރުގައި ބޮންޑު ވިއްކައިގެން ހޯދާ ފައިސާ.
-
ސިންޑިކޭޓެޑް ފައިނޭންސިން: އެކި މާލީ އިދާރާތައް ގުޅިގެން ފޯރުކޮށްދޭ ބޮޑެތި ލޯނުތައް
ނަމަވެސް، ރާއްޖޭގެ އިގްތިސާދީ ހަގީގަތަށް ބަލާއިރު މިއީ ފަސޭހަ މަސައްކަތަކަށް ނުވާނެ އެވެ. ޑޮލަރުގެ ތާށިކަމާއި ބޭރު ފައިސާގެ ރިޒާވަށް އޮތް ޕްރެޝަރުގެ ސަބަބުން، ކުޑަ އިންޓްރެސްޓެއްގައި ދިގު މުއްދަތުގެ ފަންޑު ހޯދުމަކީ މިވަގުތު ރާއްޖެއަށް އޮތް އެންމެ ބޮޑު އެއް ގޮންޖެހުމެވެ. ވޯލްޑް ބޭންކުން ވެސް އިންޒާރު ދީފައިވާ ފަދައިން، ބޭރު ފައިސާގެ ދަތިކަމާއި ބައިނަލްއަގުވާމީ މާލީ ބާޒާރުތަކަށް ވަނުމުގައި ހުރި ހުރަސްތަކަކީ ރާއްޖޭގެ މާލީ ނިޒާމަށް އޮތް ބޮޑު ނުރައްކަލެކެވެ.
މި ހަގީގަތްތަކާ އެކު، އުފެދޭ ސުވާލަކީ މިއީ އެވެ؛ އާ ޑިވެލޮޕްމަންޓް ބޭންކަކީ ހަމައެކަނި ކަރުދާހުގައި އޮތް އުންމީދީ ކުރެހުމެއް ހެއްޔެވެ؟ ބަޔަކު ދެކުނު ފޮނި ހުވަފެނެއް ހެއްޔެވެ؟ ނުވަތަ ބައިނަލްއަުވާމީ މާލީ ކަނޑުގައި ނަގަމުންދާ ބިޔަ ރާޅުތައް ކަފަމުން، ރާއްޖޭގެ އިގްތިސާދު އާ މިސްރާބަކަށް ގެންގޮސްދޭނެ ވަރުގަދަ ނަވަކަށް މި ބޭންކު ވެގެންދާނެ ހެއްޔެވެ؟
މީގެ ޖަވާބު ގުޅިފައިވަނީ، ހުސްވަމުންދާ ޑޮލަރުގެ ތިޖޫރީތަކުގެ ތެރެއިން، ދުނިޔޭގެ މާލީ ބާޒާރަށް ދިވެހިންގެ "އިތުބާރު" ވިއްކޭނެ މިންވަރަކާ އެވެ.
ކޮމެންޓް (9)
ދައުރު ތީތި ކަޑައޭ
ގސއއ
ކަޑައޭ
ބޮޓް
ޑީބީއެމް ބޭންކު
0000
ޑީބީއެމްގެ މުވައްޒަފެއް
ސިކުނޑި
ޑީބީއެމްގެ މުވައްޒަފު