ނަންޖިން ގަތުލުއާންމުގެ ދާރުލްއާސާރުގައި ހުރި އޭރުގެ ހަނގުރާމައިގެ މަންޒަރެއް
ހަނގުރާމައިގެ ހިތާމަ އާއި ސުލްހައިގެ ރީތިކަން؛ ނަންޖިންގެ މާޒީން ސުލްހައިގެ އަލިކަމަށް
ޗައިނާގެ ނަންޖިން ސިޓީގެ ޒަމާނީ މަގުތަކުން މި ރޭގަނޑު ހިނގާލާއިރު ގައިގާ ފިރުމަމުން އެ ދަނީ މި ދަމުގެ ފިނި ވައިރޯޅިތަކެވެ. އުހަށް އުފުލިފައިވާ އިމާރާތްތަކާއި ފެހިކަން ގަދަ ގަސްތަކެވެ. ފެންނަމުން މި ދަނީ އަމާންކަމާއި ތަރައްގީގެ އާ ޒަމާނެކެވެ. ރޭގަނޑުގެ އެ ހިމޭންކަމުގެ ތެރެއިން ވިސްނެމުން ދިޔައީ މި ރަށުގެ ފޮރުވިފަވާ ވޭނީ މާޒީ އެވެ. މި ރަށަށް ކުރަމުން މިދާ ދަތުރުގައި، ނަންޖިން މެސެކާ ނުވަތަ އެ ގަތުލުއާންމުގެ ވާހަކަ ކިޔައިދޭ ދާރުލްއާސާރަކަށް ދިޔުމުގެ ފުރުސަތު ލިބުނެވެ. މެންދަމުގައި އަހަންނަށް އުނދަގޫ ކުރަމުން މި ދަނީ އެ ތަނުން ދުށްތަނާއި އިވުނު އަޑުތަކުންނެވެ.
ނަންޖިން ގަތުލުއާންމަށް ހާއްސަ ދާރުލްއާސާރުގެ ދޮރުން އެތެރެއަށް އެޅި ފުރަތަމަ ފިޔަވަޅާ އެކު، ވަށާލީ އަނދިރިކަމެވެ. ހިތަށް ވެރިވީ ބިރުވެރި އިހުސާސެކެވެ. ހިތާމަ އާއި މާޔޫސްކަމެވެ. މިއީ ހަމައެކަނި ތާރީހު ކިޔައިދޭ ބިނާއެއް ނޫނެވެ. މިއީ 1937 ވަނަ އަހަރު ޖަޕާނުގެ އަސްކަރިއްޔާއިން ޗައިނާގެ އޭރުގެ ވެރިރަށުގެ ގޮތުގައި އޮތް ނަންޖިން ހިފުމަށް ފަހު ހިންގި ގަތުލުއާންމުންގެ ހިތި ހަނދާންތަކެވެ. އެ އަނދިރި ދުވަސްތަކުގައި ޗަޕާން ސިފައިން އަނިޔާވެރި ގޮތަކަށް މަރާލި 300,000އަށް ވުރެ ގިނަ ފުރާނައިގެ ރުއިމާއި ކަރުނައިގެ ދިރިހުރި ހަނދާނަކީ މިއީ އެވެ.
ދާރުލްއާސާރުގެ އެތެރެއަށް ވަދެގެން ދިޔަ ވަރަކަށް، އަލިކަން ފަނޑުވެ، ނޭވާ ހާސްވާފަދަ ހިތްދަތިކަމެއް ވަށާލި އެވެ. ކަޅާއި ހުދުން އެ ހުރި ފޮޓޯތަކާއި ބިންމަތީގައި ފެންނަން ހުރި މިނި ކަށިތަކުން ކިޔައިދެމުން ދިޔައީ ކުށެއްނެތް އާންމުންގެ މޫނުމަތިން އެދުވަހު ފެނުނު ބިރުވެރިކަމާއި މާޔޫސްކަމުގެ ވާހަކަ އެވެ. ދާރުލްއާސާރުގެ ހިމޭންކަމުގެ ތެރެއިން ކޮންމެ 12 ސިކުންތަކުން އެއްފަހަރު އިވިގެންދާ ފެންތިއްކެއްގެ އަޑާ އެކު ދިއްލޭ ތަރީގެ އަލިކަމުން، އެ ގަތުލުއާންމުގެ ދުވަސްވަރު ކޮންމެ 12 ސިކުންތަކުން މީހެއްގެ ފުރާނަ ގެއްލިގެން ދިޔަކަން ހަނދާންކޮށްދެ އެވެ. އެ އަޑު އަހަރެންގެ ކަންފަތުގައި ގުގުމާލާ ކޮންމެ ފަހަރަކު ހިތުގެ ވިންދު އަވަސްވެގެން ދިޔަ އެވެ.
މި ވޭނީ ދަތުރުގެ އެންމެ ފުން ޒަހަމެއް ފެނިގެންދިޔައީ ނަންޖިންގެ 'ލިޖީ އެލީ ކޮމްފޯޓް ވިމެން ސްޓޭޝަން' ސައިޓް މިއުޒިއަމްއަށް ވަނުމުންނެވެ. އެއީ އިންސާނީ ކަރާމާތް ނަގާލައި، އަނިޔާވެރިކަމުގެ އެންމެ ފުންމިނަށް ވެއްޓިގެން ދިޔަ ކަޅު ސަފްހާއެކެވެ. އެތަނުގެ ހަނި، އަނދިރި ކޮޓަރިތަކަށް ވަނުމާ އެކު، އެތައް ހާސް އަންހެނުންނެއްގެ ހިތްދަތި އާދޭހުގެ އަޑު ފާރުތަކުން އިވޭ ކަހަލައެވެ. އެތަނުގައި ހަދާފައިވާ ބުދެއްގެ މޫނުމަތިން ފެންނަން ހުރި ހިތްދަތިކަމާއި ލޮލުން ފައިބަމުންދާ ކަރުނައިން، ހަނގުރާމައިގެ ހަގީގީ އަގަކީ ކޮބައިކަން ހާމަކޮށްދެ އެވެ. އެ މައުސޫމް އަންހެނުންގެ ޒުވާންކަމާއި އިއްފަތްތެރިކަން ޗަޕާނުގެ ސިފައިންގެ އަރާމާއި އުފަލަށް ފޭރިގަނެވުނީ އެވެ. އެ ހަތަރުފާރުގެ ތެރޭގައި ހޭދަވި ކޮންމެ ސިކުންތަކީ އެ އަންހެނުންނަށް ނަރަކައެއް ފަދަ ވަގުތުތަކެއްކަން އިހުސާސްކުރެވުމާ އެކު، ފެން ކަޅިވި އެވެ. މުޅި ދުވަހަށް އެ ހަނދާންތައް އުނދަގޫކުރި އެވެ.
އެ ހިތްދަތި މާހައުލުން ނުކުމެ، އަހަރެންގެ ހިޔާލު މި ހިނގައިގަތީ ދާރުލްއާސާރުގެ އެންމެ ފަހު މަންޒިލާ ދިމާލަށެވެ. މިއުޒިއަމްގެ އަނދިރިކަމުގެ ތެރެއިން ނުކުމެ، ހުޅުވިފައިވާ ބޮޑު މައިދާނަށް ނުކުމެވުމާ އެކު، އިރުގެ އަލިކަން މޫނަށް އެޅި، ފުން ނޭވާއެއް ލެވުނެވެ. އެއީ ކަނު އަނދިރިކަމަކަށް ފަހު ފެނުނު އުންމީދުގެ އަލިކަމެވެ.
މައިދާނުގެ މެދުގައި ފެންނަން ހުރީ ވިދަވިދާ ހުރި 'ޕީސް މޮނިއުމަންޓް' ނުވަތަ ސުލްހައިގެ ބިނާ އެވެ. އެއީ އުޑާ ދިމާއަށް އަތް އުފުލައިގެން ހުރި މަންމައެއްގެ އަތުގައިވާ ތުއްތު ކުއްޖަކާއި ސުލްހައިގެ ރަމްޒެއް ކަމުގައިވާ ކޮތަރެއްގެ ސިފައިގައި ހަދާފައިވާ އުސް ބިނާއެކެވެ. އެ މައިދާނުގައި ހުރެ ވަށައިގެން ބަލާލުމުން ފެނުނީ ހިނިތުންވުމާ އެކު އުޅެމުންދާ މީހުންނާއި މިނިވަންކަމާ އެކު އުދުހެމުންދާ ކޮތަރުތަކެވެ.
އެ ބިނާގެ ކުރިމަތީގައި ހުއްޓި ހުރިއިރު ހިތަށް އަރަމުން ދިޔަ އެވެ. ހަނގުރާމައެއްގެ އަނިޔާވެރިކަމާއި ހިތާމަ އާއި ވޭނަކީ އިންސާނިއްޔަތު ދުވަހަކު ވެސް ހަނދާން ނައްތާލައިގެން ވާނެ ކަމެއް ނޫނެވެ. މާޒީގެ މި އަނދިރި ސަފްހާތައް ދާރުލްއާސާރުތަކުގައި ރައްކާތެރިކުރެވިފައި އެވަނީ މުސްތަގުބަލުގައި އެފަދަ ކަމެއް ތަކުރާރުވިޔަ ނުދިނުމަށެވެ. ކަޅު ކަނޑެއްފަދަ ހިތްދަތިކަމުގެ ތެރެއިން ނުކުމެ ސުލްހައިގެ އަލިކަން ފެނުމުން ސުލްހައިގެ ރީތިކަމާއި އޭގެ އަގުނުކުރެވޭ ފަދަ މަތިވެރިކަން އެތައް ގުނައަކަށް އިހުސާސްވި އެވެ.
ނަންޖިންގެ މި ދާރުލްއާސާރުން އަހަންނަނށް ދަސްކޮށްދިނީ ހަނގުރާމައިގެ ހިތްދަތިކަމާއި އިންސާނިއްޔަތުކަން ގެއްލިދިޔުން ކިތަންމެ ފުން ނަމަވެސް، މާފުކުރުމާއި ސުލްހައިގެ އުންމީދު އަބަދު ވެސް މާ ރީތިވެފައި މާ ބާރުގަދަވާނެ ކަމެވެ. އެތަނުން އަހަރެން ނުކުތީ ދުނިޔެއަށް މިއަދު އެންމެ ބޮޑަށް ބޭނުންވަނީ ސުލްހައިގެ އަމާންކަމާއި ރީތިކަންކަން ހިތުގެ އަޑިން ގަބޫލުކުރަމުންނެވެ.
ކޮމެންޓް