މޯޕާގެ ޕްލާސްޓިކް ރިސައިކްލިން ފެސިލިޓީ (ދައުރު ފޮޓޯ/އިބްރާހިމް ނިއުމަތުﷲ)

ޕްލާސްޓިކް

ހަމައެކަނި މިތަނުން ވެސް ރާއްޖޭގެ ޕްލާސްޓިކް ކުނީގެ ހާލަތު

މޯޕާ އިން އަންނަނީ 2022 އިން ފެށިގެން ޕްލާސްޓިކް ރިސައިކަލްކުރުމަށް އެކްސްޕޯޓު ކުރަމުން. މިހާތަނަށް އެ ޖަމްއިއްޔާ އިން ވަނީ 250 ޓަނަށް ވުރެ ގިނަ ޕްލާސްޓިކް ރާއްޖޭން ބޭރަށް ފޮނުވާފައި
1 ގަޑިއިރު ކުރިން

ފިހާރައިން ގަނެގެން ބޯން ފެށި ފެންފުޅި ހުސްވުމުން އެއްލާލެވެނީ ހުރި ތަނުން ބިންމައްޗަށެވެ. ޓޭކްއަވޭ ޝޮޕުން ގަތް ކޮފީ ތަށި ހުސްކޮށްލުމަށް ފަހު، ކައިރީ ހިނގާފައި ދެވޭ ސަރަހައްދުގައި ޑަސްބިން ހުއްޓާ އެ ވެސް އެއްލާލީ މަގުމައްޗަށެވެ. ބޯން ގެންގުޅުނު ދަޅު ވެސް ހުސްކޮށްލާފައި ހަމަ އެ ހުރި ތަނުން މަގުމައްޗަށެވެ. 

ރާއްޖޭގެ ވެށީގެ ސާފުތާހިރުކަމަށް އޮތް އެންމެ ބޮޑު ހުރަހަކީ ފަރުދީ ޒިންމާ އަދާނުކުރުމެވެ. އަމިއްލަ ވެށި ސާފުކޮށް ބޭއްވުމަށް އަމިއްލައަށް ކުރެވޭނެ ކުދިކުދި ކަންކަމާ އަޅާނުލާ ދޫކޮށްލުމެވެ. އެ ކުޑަކުޑަ އިހުމާލުން ދެން ނިކުންނާނެ ބޮޑު ނަތީޖާއާ މެދު ފިކުރުކޮށްލުމެއް ނެތެވެ.

ހުޅުމާލެ ބީޗު ސަރަހައްދަށް އެއްލާލާފައި އޮތް ޕްލާސްޓިކް ފުޅިއެއް (ދައުރު ފޮޓޯ/އަބްދުﷲ އަނޫފް ޖުނައިދު)

އެއް ފަހަރު ބޭނުންކޮށްފައި އުކާލާ ކުނީގެ މައްސަލަ އަކީ ރާއްޖޭގައި އޮތް ކުނީގެ އެންމެ ބޮޑު އެއް މައްސަލަ އެވެ. ގޮނޑުދޮށްތަކާއި ކަނޑުފަޅު އަދި އެއްގަމުން ވެސް ފެންނަ، އެންމެ އުނދަގޫވާ މަންޒަރަކީ ކައިރީ ޑަސްބިންތައް ހުއްޓާ ވެސް މަގުމައްޗަށް އުކާލާފައި ހުންނަ އެފަދަ ކުންޏެވެ.

ރާއްޖޭގެ ވެށި ސާފުކޮށް ބާއްވާ، ޕްލާސްޓިކުން ތިމާވެށި ސަލާމަތްކުރުމުގެ މަސައްކަތް ކުރާ އެއް ބަޔަކީ މޯލްޑިވްސް ޕްލާސްޓިކް އޯޝަން އެލަޔަންސް (މޯޕާ) އެވެ. އެ ޖަމްއިއްޔާ އިން ކުރާ އެއް މަސައްކަތަކީ މާލެ އާއި ހުޅުމާލޭގެ އިތުރުން ރަށްރަށާއި ރިސޯޓުތަކުގައި އުފެދޭ ޕެޓް ފުޅީގެ ކުނި އެއްކޮށް އެ ކުނި 'ލާރި' އަށް ހެދުމުގެ މަސައްކަތެވެ. އެ ޖަމްއިއްޔާ އިން އެ މަސައްކަތް ކުރާތާ ހަތަރު ވަރަކަށް އަހަރު ވެއްޖެ އެވެ. 

މޯޕާގެ ޕްލާސްޓިކް ރިސައިކްލިން ފެސިލިޓީ (ދައުރު ފޮޓޯ/އިބްރާހިމް ނިއުމަތުﷲ)
މޯޕާގެ ޕްލާސްޓިކް ރިސައިކްލިން ފެސިލިޓީ (ދައުރު ފޮޓޯ/އިބްރާހިމް ނިއުމަތުﷲ)

ހުޅުމާލޭގައި ހުންނަ މޯޕާގެ މެޓީރިއަލް ރިކަވަރީ ފެސިލިޓީގައި ކުރަނީ، މުޅި ރާއްޖޭގެ އެކި ސަރަހައްދުތަކުން އެއްކުރާ ޕްލާސްޓިކް ފުޅިތައް ފިއްތައި ރާއްޖޭން ބޭރަށް އެކްސްޕޯޓު ކުރުމުގެ މަސައްކަތެވެ. ކުރިއަށް އޮތްތަނުގައި އެކަން ފުޅާކޮށް އިތުރު ހަރުފަތަކަށް ގެންދިޔުމުގެ މަސައްކަތް އަންނަނީ ކުރަަމުންނެވެ.

އަހަރެއްގެ މައްޗަށް ރާއްޖޭގައި ގާތްގަނޑަކަށް 4،000 ޓަނަށް ވުރެ ގިނަ ޕްލާސްޓިކް ކުނި ރާއްޖޭގައި އުފެދެ އެވެ. މޯޕާގެ ފެސިލިޓީއަށް ގެންދެވެނީ އޭގެ އެންމެ %11 އެވެ.

މޯޕާގެ ޖެނެރަލް މެނޭޖަރު އަކްޝޭ ޗަވަން، ޕްލާސްޓިކް ކުނީގެ މައްސަލަ ރާއްޖޭގައި ބޮޑުކަން ފާހަގަކުރެއްވި އެވެ. ރާއްޖޭގެ ގޮނޑުދޮށްތަކާއި ކަނޑުތަކަށް އުކާލާ ޕްލާސްޓިކްގެ ސަބަބުން އިގްތިސޯދަށާއި ސިއްހަތަށް ވެސް އޭގެ ނުރައްކާވާނެކަމުގެ އިންޒާރު އޭނާ ދެއްވި އެވެ.

މޯޕާގެ ޕްލާސްޓިކް ރިސައިކްލިން ފެސިލިޓީ (ދައުރު ފޮޓޯ/އިބްރާހިމް ނިއުމަތުﷲ)
މޯޕާގެ ޕްލާސްޓިކް ރިސައިކްލިން ފެސިލިޓީ (ދައުރު ފޮޓޯ/އިބްރާހިމް ނިއުމަތުﷲ)

"މިތަނަށް ގެންނަ ފުޅިތައް [ނުގެނެވިއްޖެ ނަމަ] މި އެއްޗެހި ދާނީ ކުނިގޮނޑުތަކަށް. އޯޕަން ބާނިންއަށް. ނޫނީ ކަނޑުތަކަށް. އަޅުގަނޑުމެން މި ކުރާ ކަމަކީ މި ފުޅިތައް ކަނޑުތަކަށް ކުނީގެ ގޮތުގައި ދިޔުން ހުއްޓުވާ، އެ އެއްޗެހި ރިސައިކަލް ކުރުން،" އަކްޝޭ ވިދާޅުވި އެވެ.

ކޮންމެ ދުވަހަކު ވެސް މާލެ އާއި ހުޅުމާލޭގެ ބައެއް ފިހާރަތަކާއި ކެފޭ ރެސްޓޯރެންޓުތަކުގައި އުފެދޭ ޕްލާސްޓިކް ކުނި މޯޕާގެ ފެސިލިޓީއަށް ގެންދެ އެވެ. އެ ޖަމްއިއްޔާގެ ޕާޓްނަރުންނާ ގުޅިގެން، ރަށްރަށާއި ރިސޯޓުތަކުގައި އުފެދޭ އެފަދަ ކުނިތައް އެ ފެސިލިޓީއަށް ޖަމާކުރެ އެވެ. 

ޕްލާސްޓިކް ފުޅި ފިއްތުމުގެ މަސައްކަތް ފަށަނީ ފުޅިތައް ކުލަ ވަކިކޮށް އޭގެ ލޭބަލްތައް ވެސް ވަކިކުރުމަށް ފަހު އެވެ.

"ކުލަ ވަކިކޮށް ހަދާފައި ކޮމްޕެކްޓު ކޮށްފައި މި އެއްޗެހި މި އެކްސްޕޯޓު ކުރަނީ ރާއްޖޭން ބޭރަށް،" އަކްޝޭ ވިދާޅުވި އެވެ.

ފުޅިތަކުގެ މަތިގަނޑުތައް ވެސް ވަކިން ޝްރެޑުކޮށް އެ ތަކެތި ވެސްް ރީސައިކަލް ކުރުމަށް ރާއްޖޭން ބޭރަށް ފޮނުވަ އެވެ. މީގެ އިތުރުން އެލްމިނިއަމް ދަޅު ފިއްތާފައި އެ އެއްޗެހި ވެސް ކޮންމެވެސް ވަރަކަށް އެކްސްޕޯޓު ކުރެ އެވެ.

މޯޕާގެ ޕްލާސްޓިކް ރިސައިކްލިން ފެސިލިޓީ (ދައުރު ފޮޓޯ/އިބްރާހިމް ނިއުމަތުﷲ)
މޯޕާގެ ޕްލާސްޓިކް ރިސައިކްލިން ފެސިލިޓީ (ދައުރު ފޮޓޯ/އިބްރާހިމް ނިއުމަތުﷲ)

މޯޕާ އިން ޕްލާސްޓިކް ރިސައިކަލް ކުރުމަށް ކުރާ މަސައްކަތުގެ ދަށުން އެއްކުރާ ޕްލާސްޓިކް މިވަގުތު އެކްސްޕޯޓު ކުރަނީ އިންޑިއާ އަދި މެލޭޝިއާ އަށެވެ.

"ވަރަށް އަވަހަށް ފުޅި ޝްރެޑު ކުރުމުގެ މަސައްކަތް ވެސް ކުރާނަން. ކުރިއަށް އޮތްތަނުގައި އަމާޒަކީ ތިލަފުށީގައި ވޮޝިން ފެސިލިޓީއެއް ގާއިމްކޮށް އެ މަސައްކަތް ވެސް ކުރުން. އޭރަށް މި ޕްލާސްޓިކް އެކްސްޕޯޓު ކުރެވޭ ގައުމުތައް ގިނަވާނެ. މިހާރު ފުޅިތައް ފިއްތައިގެން އެކްސްޕޯޓު ކުރެވެނީ މަދު ގައުމަކަށް. މި ސަރަހައްދުގެ ގައުމުތަކަށް އެކްސްޕޯޓު ކުރެވޭ ގޮތަށް ޕްލާސްޓިކް ފުޅީގެ ރިސައިކްލިން ކުރިއަށް ގެންދެވޭ ނަމަ އޭގެ ނަތީޖާ އަދި މާ ރަނގަޅުވާނެ،" އަކްޝޭ ވިދާޅުވި އެވެ.

މިހާތަނަށް 500 ޓަނަށް ވުރެ ގިނަ ޕްލާސްޓިކް އެ ޖަމްއިއްޔާ އިން ވަނީ އެއްކޮށްފަ އެވެ. އަދި 250 ޓަނަށް ވުރެ ގިނަ ޕްލާސްޓިކް ރިސައިކަލް ކުރުމަށް ވަނީ ރާއްޖޭން ބޭރަށް ފޮނުވައިފަ އެވެ.

މޯޕާގެ ޕްލާސްޓިކް ރިސައިކްލިން ފެސިލިޓީ (ދައުރު ފޮޓޯ/އިބްރާހިމް ނިއުމަތުﷲ)

ރާއްޖެ ފަދަ ގައުމެއްގައި މިފަދަ ކުނި އުފުލުމަށް ދިމާވާ ދައްޗަކީ އެންމެ އެދެވޭގޮތުގައި އެ މަސައްކަތް ކުރުމަށް އޮތް ގޮންޖެހުމެވެ. މޫސުން ތަންނުދިނުމާއި ދަތުރަށް ކުރަންޖެހޭ ހޭދަ ބޮޑުވުމެވެ. ނަމަވެސް ވެމްކޯ އާއި ރިސޯޓުތަކާއި މޯޕާއާ އެކު މަސައްކަތް ކުރާ ކައުންސިލްތަކުން ލިބޭ އެއްބާރުލުން އެ ޖަމްއިއްޔާ އިން ފާހަގަކުރެ އެވެ.

މީގެ އިތުރުން ރަށު ފެންވަރުގައި ވެސް، ކުނި މެޖޭނުކުރެވޭނެ  ވަސީލަތްތައް ގާއިމްކުރުން މުހިއްމުކަމަށް އަކްޝޭ ވިދާޅުވި އެވެ.

"ރާއްޖެ ފަދަ ގައުމެއްގައި  ވޭސްޓް މެނޭޖުމެންޓު ސެންޓްރަލައިޒް ކޮށްފައި އޮތުމަކީ ހައްލެއް ނޫން. އިކޮނޮމިކަލީ ވެސް ފީޒިބަލް ކަމެއް ނޫން. މޫސުމާ ހުރިހާ ކަމަކަށް ބަލާއިރު މަރުކަޒީކޮށްފައި އޮންނަތަނަށް މި ކުނިތައް ޖަމާކުރުމަކީ ދައްޗެއް،" އޭނާ ވިދާޅުވި އެވެ.

އަކްޝޭ ގަބޫލުކުރައްވާ ގޮތުގައި ރަށްރަށުގައި ވެސް ބެއިލަރު ނޫނީ ޝްރެޑިން މެޝިންތައް ބަހައްޓައިގެން މަސައްކަތް ކުރެވިއްޖެ ނަމަ ކުނީގެ މައްސަލައަށް މިހާރަށްވުރެ ފަސޭހަ ހައްލުތައް ގެނެވޭނެ އެވެ.

"މޯޕާ އިން އަބަދުވެސް އޮންނާނީ އެހީތެރިވާން ތައްޔާރަށް، މި އެއްޗެހި ރިސައިކްލިންއަށް ފޮނުވުން ފަދަ ކަންކަމުގައި،" އޭނާ ޔަގީންކަން ދެއްވި އެވެ.

މޯޕާގެ ރިސައިކްލިން ފެސިލިޓީ (ފޮޓޯ/ބީއެމްއެލް)

ޕްލާސްޓިކް ކޮތަޅުގެ ބަދަލުގައި ރީޔޫސަބަލް ކޮތަޅު ބޭނުން ކުރުމާއި އެއް ފަހަރު ބޭނުންކޮށްފައި އެއްލާލާ ފުޅީގެ ބަދަލުގައި އަލުން ބޭނުންކުރެވޭނެ ފުޅި، ފެން އެޅުމަށް ބޭނުންކުރުމަކީ ޕްލާސްޓިކާ ދެކޮޅަށް ކުރާ ހަނގުރާމައިގައި މުހިއްމު ފިޔަވަޅުތަކެއް ކަމަށް އަކްޝޭ ވިދާޅުވި އެވެ.

ޕްލާސްޓިކް ކުނި މަދުކޮށް، ޕްލާސްޓިކް ރިސައިކަލް ކުރުމަށް އާންމުން ހޭލުންތެރިކުރުމުގެ މަސައްކަތް ވެސް މޯޕާ އިން އަންނަނީ ކުރަމުންނެވެ. މޯޕާގެ ސާފުކުރުމުގެ ހަރަކާތްތަކަށް ލިބޭ ތަރުހީބަކީ އެ މަސައްކަތުގެ ނަތީޖާ ރަނގަޅުކަން އަންގައިދޭ ހެއްކެއްކަން އަކްޝޭ ފާހަގަ ކުރެއްވި އެވެ.

މޯޕާ އާއި އެ ޖަމްއިއްޔާގެ ބައިވެރިން އެއްކޮށްފައި ހުރި ފުޅިތަކެއް

މާ ބޮޑު ކަމަކަށް ނުހަދާ މަގުމައްޗަށާއި ގޮނޑުދޮށަށް އަޅާ ޕެޓް ޕްލާސްޓިކް އަލުން ބޭނުންކުރަނީ ފޮއްޗާއި ބޫޓު އަދި ޖެކެޓު ފަދަ ތަކެތި އުފެއްދުމަށެވެ. ތަންކޮޅެއް ހަރު ޕްލާސްޓިކް ރީސައިކަލްކޮށް ފަރުނީޗަރު އުފެއްދުމަށް ވެސް ބޭނުންކުރެ އެވެ.

މޯޕާ އިން ދޭ ނަސޭހަތަކީ އަދި ކުރާ އިލްތިމާސަކީ ފަރުވާކުޑަކޮށްލާފައި ޕްލާސްޓިކް ކުނިން ވެށި ތަގައްޔަރު ނުކުރުމެވެ. ޑަސްބިންތަކަށް ކުނި އެޅުމާއި ޕްލާސްޓިކް ރިސައިކަލް ކުރުމާއި ވެށި ސަލާމަތް ކުރުމުގެ މަސައްކަތަށް އެއްބާރުލުން ދިނުމެވެ.

ކޮމެންޓް

profile-image-placeholder

އިތުރު އާޓިކަލް

އިތުރު އާޓިކަލް