ދިގުރަށުގެ ބޮޑު ދެ ގެސްޓްހައުސްއެއް. ބައެއް ރަށްރަށުގައި މިހާރު ގެސްޓްހައުސްތައް ހިންގަނީ ބޮޑެތި ހޮޓާތަކުގެ ގޮތުގައި (ދައުރު ފޮޓޯ/އައިމިނަތު ޝިފްލީން)

ލޯކަލް ޓޫރިޒަމް

ބުރިބުރިއަށް ނަގާ ގެސްޓްހައުސްތަކާ އެކު ނުދައްކާ ވާހަކަ

ރާއްޖޭގައި ލޯކަލް ޓޫރިޒަމްގައި ނަގާ ކިޔާ ރަށްތަކުން މިހާރު ގެސްޓްހައުސްތައް އަޅަނީ އުސް އިމާރާތްތަކުގެ ގޮތުގައި. އޭގެ ސަބަބުން ލިބެނީ ގެއްލުންތޯ ނުވަތަ ފައިދާތޯ ބައެއް މީހުން ސުވާލު އުފައްދާ.
1 ގަޑިއިރު ކުރިން
5

ރަށުގެ ހަތަރު އަނގޮޅިއެއްގައި ހުއްޓުނީމައި، ހަތަރު ފަރާތުން ވެސް ރާޅު ޖަހާ އަޑުއިވެ އެވެ. ރަށުގެ އެއް ފަރާތުގައި ހުރެ ސައިކަލެއް ސްޓާޓު ކުރީމާ އަނެއް ފަރާތަށް ވެސް އަޑު އިވޭހާ ރަށް ކުޑަ އެވެ. އާބާދީގައި އަދި ހާހެއްހާ މީހުން ވެސް ހަމައެއް ނުވެ އެވެ. 

އެކަމަކު އެ ރަށުގައި މިހާރު އެއޮތް، 10 ބުރީގެ ތިން ގެސްޓްހައުސް އަޅަނީ އެވެ.

އެހާ ހަމައިން، ލޯކަލް ޓޫރިޒަމްގެ ތަޖުރިބާކާރު އަދި އެ ދާއިރާއިން ފަންނީ ގިނަ މަސައްކަތްތަކެއް ކުރަމުން އަންނަ އަބްދުﷲ ރަޝީދު (އައިސީ) ސުވާލު ކުރި އެވެ.

"އަޅުގަނޑުގެ ހިތަށް އަރަނީ، މި ކުޑަކުޑަ ރަށުގައި އެހާބޮޑު އިމާރާތްތަކެއް އަޅައި، ގެސްޓުން ގެނައީމަ ރަށަށް ވާނީ ހަގީގަތުގައި ވެސް ފައިދާތޯއޭ؟ ނުވަތަ ގެއްލުންތޯއޭ؟،" އޭނާ އެހި އެވެ.

އަބްދުﷲ ރަޝީދު މި ސުވާލު ބިނާކުރީ، މި ފަހަކުން ރާއްޖޭގައި ލޯކަލް ޓޫރިޒަމް ފުޅާވަމުން އަންނަ ގޮތަށް ބަލާފަ އެވެ. ކުދިކުދި ރަށްރަށުގައި، 'އުޑާ ވާހަކަ ގޮވާހާ' މައްޗަށް އިމާރާތްތައް ހިއްލުމާއި އޭގެ ސަބަބުން ރަށްތަކަށް އަންނާނެ ނުވަތަ އައިސްދާނެ ކަމަށް ބެލެވޭ ބަދަލުތަކުގެ ވާހަކަ ދައްކަމުންނެވެ.

އޭނާ ދައްކަން ބޭނުންވީ، މި ސިނާއަތުގައި މީހުން ނުދައްކާ އޮތް ވާހަކަތަކެވެ.

އަބްދުﷲ ރަޝީދު ބުނި ގޮތުގައި، ރާއްޖެއަށް ލޯކަލް ޓޫރިޒަމް ތައާރަފް ކުރީ، އާއިލާތަކުގެ ފުދުންތެރިކަން އިތުރު ކުރުމުގެ މަގްސަދުގަ އެވެ. ރަށުގެ ވަށައިގެން ރިސޯޓުތަކާއި ފަޅުތަކުގެ ބޭނުން ކުރަމުން ދިޔައިރު، އޭގެ ހަގީގީ މަންފާ ރަށަށް ނުކުރާތީ، އެކަން ބަދަލުކުރުމުގެ ބޭނުމުގަ އެވެ.

ކ. މާފުށީގައި ހިންގާ ބޮޑު ގެސްޓްހައުސްއެއް: ގެސްޓްހައުސްގެ ގޮތުގައި ބޮޑެތި އިމާރާތްތައް އަޅައި، ލޯކަލް ޓޫރިޒަމްގެ ކޮންސެޕްޓް އެންމެ ފުރަތަމަ ބަދަލުކޮށްލީ އެރަށުގައި (ފޮޓޯ/ބުކިން.ކޮމް)

އެހެންވެ، ގެސްޓްހައުސްތައް އަޅައި، 'ކޮމިއުނިޓީ ބޭސްޑް ޓޫރިޒަމް' ތައާރަފްކުރީ، ރަށުގައި އިންނަ އާދައިގެ މީހާއަށް ވެސް އެ ވިޔަފާރީގައި ޝާމިލް ވެވިދާނެ ގޮތެއް ހޯދުމަށެވެ. އެކަމަކު ލޯކަލް ޓޫރިޒަމް އުފަންވިތާ 18 އަހަރު ފުރުނު އިރު، އެ މަގްސަދު މިހާރު ހާސިލްވޭތޯ އޭނާއަށް ސުވާލު އުފެދުނީ އެވެ.

ކުޑަކުޑަ ރަށުގެ ވަށައިގެން ބޮޑެތި އިމާރާތްތަކެއް

ލޯކަލް ޓޫރިޒަމްގެ ވިޔަފާރިއަށް ދިވެހިން އަހުލުވިއިރު އެ ވިޔަފާރީގެ މަލަމަތި މިހާރު ބަދަލުވެއްޖެ އެވެ. އެއާ އެކު، ޓޫރިޒަމްގައި ނަގާ ކިޔާ ރަށްރަށުގެ މަލަމަތި ވެސް ބަދަލުވެއްޖެ އެވެ. ކުރިން ދެތިން ކޮޓަރިން ނުވަ ކޮޓަރިން ހިންގި ވިޔަފާރި ފުޅާކޮށް، އިމާރާތްތައް މަތިމައްޗަށް ހިއްލައި، 40-50 ކޮޓަރީގެ ވިޔަފާރިއަށް ބަދަލުކޮށްލަނީ އެވެ. ބައެއް ރަށްރަށުގައި 10 ބުރީގެ އެތައް ގެސްޓްހައުސްތަކެއް މިހާރު ދަނީ އަޅަމުންނެވެ.

އެކަމަކު ދެން ސުވާލު އުފެދެނީ، މި ބޮޑު ބަދަލުގެ ސަބަބުން، ރަށުގައި އިންނަ އާއްމު މީހާއަށް އަސަރެއް ކުރާނެތޯ އެވެ.

"ބޮޑު ހޮޓާތައް އަންނަންވީ. އޭގައި ނެތް އެއްވެސް ކަހަލަ މައްސަލައެއް. އެކަމަކު މައްސަލައަކަށް ވަނީ އެކަމުގައި އެއްވެސް ކަހަލަ އިންތިޒާމެއް ނުވަތަ އުސޫލެއް ހަމަޖެހިފައި ނެތުން،" އަބްދުﷲ ރަޝީދު ބުންޏެވެ.

އޭނާ ދެކޭ ގޮތުގައި އެ ފަދަ ބޮޑެތި އިމާރާތްތައް ތަރައްގީ ކުރުމުގެ ކުރިން، ވަރަށް ގިނަ ކަންކަމަށް ބަލަން ޖެހެ އެވެ. ރަށުގެ ބޮޑުކުޑަމިނެވެ. މީހުން ދިރިއުޅޭ އާބާދީ އެވެ. ރަށުން ލިބެން ހުރި ހިދުމަތްތަކެވެ. ރަށް މެނޭޖްކުރުމުގެ މާނައަކީ، އަބްދުﷲގެ ނަޒަރުގައި، ރަށަށް އަރާ ޓޫރިސްޓު މީހާގެ ނަރުދަމާ އާއި އުކާލާއި ކުނި ވެސް މެނޭޖްކުރުމެވެ. އެ ހިދުމަތް ޓޫރިސްޓު މީހާއަށް ލިބިފައި، ރަށުގެ އާއްމު މީހާއަށް ލިބުމަކީ އެއީ ރަށް މެނޭޖްކުރުން ނޫން ކަމަށް އޭނާ ދެކެ އެވެ.

މާލެ ކައިރީ ބައެއް ރަށްރަށުގައި ގެސްޓްހައުސްގެ ގޮތުގައި 10 ބުރިއަށް ނުވަތަ 15 ބުރިއަށް އިމާރާތްތައް ހަދާއިރު، ރަށުގެ ބަނދަރު ބޮޑެއް ނުވެ އެވެ. ޑައިވްކުރުމަށާއި އެކްސްކާޝަން ދަތުރުތަކަށް ހަދާ ލޯންޗުތައް ކިތަންމެ ގިނަވިޔަސް، އެ ލޯންޗުތައް އަޅާފައި ބާއްވަން ޖެހެނީ އެ ކުޑަ ބަނދަރުގަ އެވެ.

ދިގުރަށުގައި ހުންނަ ބޮޑު ގެސްޓްހައުސްއެއް. ބައެއް ރަށްރަށުގައި ގެސްޓްހައުސްތައް މިހާރު ހަދަނީ ގިނަ ކޮޓަރިތަކެއް ހިމެނޭގޮތަށް (ދައުރު ފޮޓޯ/އައިމިނަތު ޝިފްލީން)

ގެއަކުން އުކާލާ ކުންޏާއި އެތައް ކޮޓަރިއެއް ހިމެނޭ ހޮޓާތަކުން ނެރޭ ކުނި ނުބައްދަލެވެ. އެކަމަކު އެ ކުނިތައް ވެސް ގެންދަން ޖެހެނީ، ބަދަލެއް ނައިސް އަހަރުތަކެއް ވެފައި ހުރި ގޮނޑަށެވެ. ފެނާއި ނަރުދަމާގެ ހާލަތު ވެސް ހަމަ އޮތީ އެ ފަދައިގަ އެވެ.

ދެން އޮތީ އާއްމުން މީހާއަށް ރަށުން އޭނާއަށް އޮތް ޖާގަ ގެއްލުމެވެ.

ރަށަށް އަރާ މެހެމާނާއަށް، ރަށުގެ އެންމެ ރީތި ބީޗާއި އެންމެ ރީތި މޫދު ލިބިފައި އެހެން މީހުންނަށް އެކަމުން މަހުރޫމްވުމަކީ، އަބްދުﷲ ރަޝީދު ގަބޫލުކުރާ ގޮތުގައި އެ ރަށުން އޭނާގެ ސްޕޭސް ނުވަތަ ޖާގަ ގެއްލުމެވެ. ރަށުގެ ވަކި ހިސާބަކަށް އެރުން މަނާވެފައި، ހިދުމަތްތައް ވަކި ބަޔަކަށް ލިބުމުން، ރަށުން އޭނާގެ ޖާގަ ގެއްލުނީ އެވެ. ރަށަކުން އުފާ ހޯދުމަށް ބަޔަކަށް ދައުވަތު ދިނުމުގެ ކުރިން، ރަށުގެ ހައްގުވެރިންގެ އެ ޖާގަ އަތުލައިގަތުމަކީ އެމީހުންނާ މެދު ވެވޭ ނާއިންސާފެއް ކަމަށް ދެކެ އެވެ.

"ރަށެއްގައި އިންނަ މީހާއަށް ހިދުމަތް ނުލިބި، ދެން އެ ރަށަށް އަރާ މެހެމާނަށް ހިދުމަތްތައް ލިބުމަކީ، ޖެހިގެން އޮތް ރިސޯޓުގައި ހަތް ތަރީގެ ހޮޓަލެއް ހިންގާތަން ބަލަން ހުރުމަށްވުރެ ނިކަމެތިކަމެއް،" އޭނާ ބުންޏެވެ.

ބޮޑެތި ހޮޓާތައް ގެންނަ މީހުން ބުނާ ވާހަކައަކީ އިތުރު ވަޒީފާތަކެއް ރަށުގައި އުފެދުމެވެ. އެކަމަކު ލޯކަލް ޓޫރިޒަމްގެ ތަޖުރިބާކާރުންގެ ނަޒަރުގައި އެއީ މުޅިން ތެދެއް ނޫނެވެ. އާ ވަޒީފާތަކެއް އުފެދުނު އިރު، އޭގެ މަންފާ ކުރީ ބިދޭސީންނަށެވެ. ބައެއް ރަށްރަށުގައި ހިންގާ ބޮޑެތި ގެސްޓްހައުސް ނުވަތަ ހޮޓާތަކުގެ %70އަކީ ބިދޭސީ މުވައްޒަފުންނެވެ. ދެން އެމީހުންނާއެކު ރަށުގައި އުފެދެނީ ސްޓާފް ކުއާޓަރެކެވެ.

ދެން އޮތީ ރަށުގައި ބައިގިނަވުން ނުވަތަ އޯވާކްރައުޑްވުމުގެ ވާހަކަ އެވެ.

ރާއްޖޭގައި ހިންގާ ގެސްޓްހައުސްއެއް. (ފޮޓޯ/އަގޯޑާ)

ގެސްޓްހައުސްތަކަށް އަންނަ ޓޫރިސްޓުންގެ ހަރަކާތްތައް ބިނާވެފައި އޮންނަނީ ދުވާލުގެ 12 ގަޑިއިރަށެވެ. މޫދާއި ބީޗުގެ އުފާ އެ މީހުން ހޯދަނީ އެ 12 ގަޑިއިރުގެ ތެރޭގަ އެވެ. އެއަށް ފަހު ރޭގަނޑު ނިދަނީ އެވެ. އެކަމަކު ހިސާބަށް ވުރެ މީހުން ގިނަވެއްޖެ ނަމަ، އެންމެ ފުރިހަމަ ގޮތެއްގައި އޭގެ އުފަލެއް ލިބިއެއް ނުގަނެވެ އެވެ. އެމީހުން ރާއްޖެ އަންނަން ބޭނުންވާ މަގްސަދެއް ހާސިލެއް ނުވެ އެވެ. ބައިގިނަވުން ނުވަތަ އޯވާކްރައުޑްވުން ޓޫރިސްޓު މަންޒިލަކާ ނުގުޅެ އެވެ.

"ގްރީސް ފަދަ ތަންތަން އެހެރީ އެހެން ވެފައި. ރާއްޖޭގައި މި ހުންނަނީ ކުދިކުދި ރަށްތަކެއް. ކުޑަކުޑަ ރަށެއްގައި ވަށައިގެން ބޮޑެތި ބިލްޑިންތަކެއް އެޅީމާ ކިހިނެއްތޯ ވާނީ. އެ ކުދިކުދި ރަށްތަކަށް ނުކަތާ ވަރަށް މީހުން ގެނައީމާ ކިހިނެއްތޯ ވާނީ؟،" އަބްދުﷲ ރަޝީދު އެހި އެވެ.

އޭނާ ބުނި ގޮތުގައި، ބޮޑެތި ހޮޓާތައް އަޅައި، ޓޫރިޒަމް ފައްކާ ކުރެވޭނެ ރަށްތައް ރާއްޖޭގައި އެބަހުއްޓެވެ. އައްޑު އާއި ލާމު އަތޮޅާއި ހދ. އަތޮޅުގެ ބައެއް ރަށްރަށުގައި ވެސް އެ ފަދަ ހޮޓާތައް އެޅިދާނެ އެވެ. އެކަމަކު ރަށުގެ އެއް ފަރާތުގައި ހުރެ ގޮވާލާ އަޑު އަނެއް ފަރާތަށް އިވޭހޭ ކުދިކުދި ރަށްރަށުގައި ބޮޑެތި ހޮޓާތައް އެޅުމުން، ފައިދާއަށް ވުރެ ލިބެން އޮތް ގެއްލުން މާބޮޑު ކަމަށް، ޓޫރިޒަމްގެ ތަޖުރިބާކާރު ގަބޫލު ކުރެ އެވެ.

ބޮޑު ގެސްޓްހައުސްއެއް ކައިރިން މީހަކު ބައިސްކަލުގައި ދަނީ (ދައުރު ފޮޓޯ/އައިމިނަތު ޝިފްލީން)

'ދެތިން ކޮޓަރިން ދެކޮޅެއް ނުޖެހޭ'

އަބްދުﷲ ރަޝީދުގެ މި ވާހަކަ، ގެސްޓްހައުސް ހިންގާ ބައެއް ވިޔަފާރިވެރިންނަކަށް ކަމަކު ނުދިޔަ އެވެ. އެމީހުން ބުނިގޮތުގައި މަގުތައް ހަދައި، ބަނދަރު ބޮޑުކުރުމަކީ ސަރުކާރުގެ ޒިންމާއެކެވެ. ކޮންމެ ގެސްޓްހައުސްއަކުން، ތިން މަހުން އެއް ފަހަރު އެތައް ހާހުން ސަރުކާރަށް ޓެކްސް ދައްކާއިރު، އެއާ އެއްވަރަށް އެ ރަށް ތަރައްގީ ނުކުރެވުމަކީ ސަރުކާރުގެ ނުކުޅެދުންތެރިކަންކަމަށް އެ މީހުން ދެކެ އެވެ.

"އެކި ނަންނަމުގައި އެބަ ސަރުކާރުން އަޅުގަނޑުމެން އަތުން އެބަ ޓެކްސް ނަގާ. ދެތިން ރޫމުގެ ގެސްޓްހައުސްއަކުން މިހާރު އެއްވެސް ފައިދާއެއް ނުވޭ. އެހެންވެ، ދެކޮޅު ޖައްސަން ވެސް އެބަޖެހޭ ރޫމުތަކުގެ އަދަދު އިތުރުކުރަން،" މާލެ ކައިރީ ރަށެއްގައި ގެސްޓްހައުސް ހިންގާ މީހަކު ބުންޏެވެ.

އޭނާ ބުނި ގޮތުގައި، ރަށަށް އަރާ ޓޫރިސްޓުންގެ އަދަދު ގިނަވާވަރަކަށް، ސަރުކާރަށް ދައްކަން ޖެހޭ ފައިސާގެ އަދަދު ވެސް މަތިވެ އެވެ. އެކަމަކު އާބާދީ މަދުވީމާ ނުވަތަ ސިޔާސީ ގޮތުން ވަކި ކޮޅަކަށް ބުރަވެފައި އޮތުމުން، ރަށުގެ ތަރައްގީއަށް އަހައްމިއްޔަތު ކަމެއް ނުދެ އެވެ. ބައެއް ރަށްރަށުގެ ބަނދަރު ހަދާތާ 18 އަހަރުވާއިރު ވެސް ނުނިމެ އެވެ. ވާރޭކޮޅެއް ވެހޭއިރަށް މުޅި މަގުގައި ފެންބޮޑުވެ ޗަކަވެ އެވެ. ނަރުދަމާގެ ހާލަތު އެހާމެ ދަށެވެ. ކުނި ނައްތާލެވޭނެ ގޮތެއް ނެތެވެ.

"އެކަމަކު އަޅުގަނޑުމެންނަށް އެބަ ފެނޭ އިގްތިސޯދީ ގޮތުން މާބޮޑެތި މަސައްކަތްތަކެއް ނުހިނގާ، ސަރުކާރަށް އާމްދަނީ ނުލިބޭ ރަށްރަށުގައި ދެ ބަނދަރު ވެސް އޮންނަތަން. އެއީ ކީއްވެ؟ އާބާދީ ބޮޑުވީމާ ނުވަތަ ސަރުކާރަށް ސަޕޯޓު ކުރާތީ،" އޭނާ ޝަކުވާ ކުރި އެވެ.

"އެހެންވީމާ އަޅުގަނޑުމެން ވެސް އެބަޖެހޭތާ އަމިއްލަ ފައިދާއަށް ވެސް މަސައްކަތްތަކެއް ކުރަން."

އެކަމަކު އޭނާ ގަބޫލު ކުރާ ގޮތުގައި، 10 ބުރީގެ ގެސްޓްހައުސްތައް އަޅައި، ޓޫރިސްޓުން ގެންނަ ވަރަކަށް އާއްމު ރައްޔިތުންގެ ދިރިއުޅުމުގެ ފެންވަރު ވެސް މަތިވެ އެވެ. ޓޫރިސްޓުންނަށް އަމާޒުކޮށްގެން، އެކި ކަހަލަ ވިޔަފާރިތައް ހިންގެ އެވެ. އެހެންވެ، ރަށްވަށައިގެން އުސް އިމާރާތްތައް އަޅައިގެން ވެސް އޭގެ ފައިދާ އާއްމު ރައްޔިތުންނަށް ކުރާކަމަށް އޭނާ ބުންޏެވެ.

ކޮމެންޓް (5)

profile-image-placeholder

ށސ11

1 ގަޑިއިރު ކުރިން
ކޮބާ އިޖުތިމާއީ މައްސަލަތައް. ބަރަހަނާކޮށް ބީޗުތަކުގައުޅުމާ ރަށުތެރޭ އުޅުމާ އެމީހުންކިބައިން ފެންނަ ނޭދެވޭ ކަންތަކުގެ ވާހަކަ؟!

ރ454

1 ގަޑިއިރު ކުރިން
ރާްއްޖޭގެ މުއްސަނދި ބިންވަރެިން ހިންގާ ޖަރީމާތައް ލިއަން ހާއްސަ ނޫހެއް ހެދިޔަސް ހުސްނުވާވަރަށް ޖަރިމާ އެބަހުރި. އެވާހަކަ ދައްކާނެ މީހެއް ނެތް. ބަލާނެ ސަރުކާރެއް ނެތް. މަޖިލީހެއް ނެތް. ނޫހެއް ނެތް. ޕާޓީއެއް ނެތް. ވަގު ގަރާޖު. ބިދޭސީން ދުމަށީ މަތީ ނިންދާހެން އެއްކޮޓަރީގައި 40 މީހުން. ދެން ގެސްޓް ހައުސްއަށް ބިންތައް ނަގައި ރަށް ޚަރާބު ކޮށްލުން ކިޔާނެ ކަމެއްނެތް....

ސާދާ

1 ގަޑިއިރު ކުރިން
އަދި އެެހެން ކަމެއްވެސް އެބަވޭ. ހުޅުމާލެ ލޭންޑް ޔޫސް ޕްލޭން އޮޅާލައިފި. އެ އޮތްގޮތެއް މިހާރު އެނގޭ އިންސިއެއްވެސް. ނެތް. ދެން މިވާގޮތަކީ ކުދި ކުދި ފްލެޓް އަޅާައި އެތަން ވަށައިގެން ކުޅިވަރާ ޕާކްތަކާ މައިޒާންތަކަށް އޮތް ހުސްބިން ނަގާ އަނެއްކާ ލަގްޒަރީ ފްލެޓް އަޅަނީ. މަޖިލިސް މެމްބަރަށް ނުވަތ ޕާޓީއަށް ފައިސާ ހޯދަން. އެގޮަތަށް އިބޫ ސަރުކާޜުގައި ހިޔާކައިރީ ގައި ހުރި ހުރިހާ ހުސްބިމެއް ގޯތި ދީ ހުސްކޮށްފި. މިިހާެރު ދޯދި އުދަރެއްސް ފެްލެޓްތަެއް ކައިރީ މެދުގައި އޮތް ހުސްބިން ލަގްޒަރީއޭ ކިޔާ ބަޔަކަށް ދީފި. ފލްޓްގައިތިބި މީޙުންނަށް ފެންނާނީ މި ބޮޑު ބިޔަ ފާރު. ހާދަ ނުލަފަޔޭ. ހާދަ ަރަހުމު ނެތޭ. ރަށުން ގެނެސް ފްލެޓަށް ލާފައި ހުރިހާ ކޮޅަކުން ބަންދު. ދެން އެތަންތަން މީހުން ގިނަކަމުން މި ބޭންކުރަނީ ވިޔަފާިރިއަށް ދިން ގޯތި ތަކުގައިވެސް އުޅެނީއެްނޫން. އުދަރެސް ދޯދި މެދުަގއި އޮތް ހުސްބިމަށް ހެދިގޮތް ކަލޭމެން ހޯދަބަލަ.

ސސސސ

1 ގަޑިއިރު ކުރިން
މިއީ ވަރަށް ޖާހިލު ނުލަފާ ސިޔާސީ މީހުން އުޅޭ ގައުމެއް. އެކަން ފެށީގެން އަންނަނީ މަތީގައި އެބަތިބި ބަޔަކު އިންސާފުގެ ދިގު އަތް ނުފޯރާ ރަށެއް 2 ބުރި ކޮށްލިއަސް.. އެއް ބަަޔަކަށް ނުފޯރަންޏާ ދެން ތިބި މީހުންނަށްވެސް ފޯރުވަން އުނދަގޫވާނެ. ރައްޔިތުންނަށޭ ކިޔާ އައި ހުރިހާ ސިޔާސީ މީހުންނަކީވެސް 5 އަހަރުން އެމީހުންގެ ޖީބު މުއްސަނދިކުރަން އައި ބައެއް. އެކަން ކޮށްފި. ކޮންގެން ވެރިކަން ނިމާއިރު ކައިރީގައި އުޅޭ ބައިނގަޑު އެތިބެނީ ހުޅަނގުން ގެ ގަނެގެން އެތަނުގައި ދިރިއުޅެން. ކަލޭމެން ނުލިޔާނެ މިވާހައެއް. ނުހައްގު މުއްސަނދިކަމގުެ ވާހަކައެއް.

0000

1 ގަޑިއިރު ކުރިން
މިގައުމުގެ ރައްޔިތުންނަށް އަޅާލާ ސިޔާސީ ބަޔަކު ތިބިނަމަ މީހު ދިރިއުޅެން ކަނޑައަޅާ ސަރައްހދުތަކުގައި % ގެސްޓް ހައުސް ހެދިޔަކަ ނުދޭނެ. ފަތުރެވެރި ޒޯން ހުންނާނެ. އެތަނުގައި އެކަން ކުރެވޭނެ. ފްލެޓް ވެސް ގެވެސް ދެނީ ދިރއިުޅެން އެއީ ދިރިއުޅޭ ސަރަހައްެދު ރިައްޔިތުން. ވިޔަފާރި މަންފާއަށް ބޭނުންކުރަން ހުރިހާ ރައްޔިތުންނަށް ހިއްސާ ލިބޭގޮތަށް ޒޯނ ްވަކިކޮށް ތިކަން ކުރާނީ. އެހެން ނޫނީ ތިޔަ ޕޮލިސީ ބަދަލުވަނީ ފާޑެއްގެ ކޮލޮނައިޒޭޝަންއަކަށް.

އިތުރު އާޓިކަލް

އިތުރު އާޓިކަލް