މާލޭގައި މަސްތުވާތަކެތި ބޭނުންކުރާ ތަނެއް: މަސްތުވާތަކެއްޗާ ގުޅިފައި ހުރި އަނިޔާވެރި އަމަލްތައް ގިނަ

ކުށްކުރުން

ގައުމުގެ ހާލަތު ދައްކައިދިން ރަހީނުކުރުން، އޭގެ ފަހުން ކޯޓު ޑްރާމާ

އަބްދުﷲ ރަޖީހު ރަހީނުކޮށްގެން ގެންގުޅުނު ގޮތާއި އޭނާއަށް ދިން އަނިޔާތަކާއި ކޯޓުގައި ފަހުން އޭނާ ހެދި ދޮގުތަކުން އެނގެނީ މަސްތުވާތަކެތީގެ ވިޔަފާރީގައި އުޅޭ މީހުންގެ ނުރައްކާތެރިކަން
1 ގަޑިއިރު ކުރިން
1

މުހިންމު ނުކުތާތައް

'ގެއްލުނު' މަސްތުވާތަކެތީގެ އަގު ހޯދަން ކިޑްނީ ވިއްކާލަން ނުވަތަ ރާއްޖެއިން ބޭރަށް ގޮސް މަސްތުވާތަކެތި ހިފައިގެން އަންނަން މަޖުބޫރުކުރި

ރަހީނުކޮށްގެން ގެންގުޅުނީ ގެއިން ބޭރަށް ވެސް ނެރެމުން، ހަމަ އާދައިގެ ގޮތަށް މިނިވަންކަމާ އެކު އުޅޭ މީހެއް ފަދައިން

އެންމެ ފަހުން ފިލައިގެން ގޮސް ހުޅުމާލޭ ހޮސްޕިޓަލުން ފަރުވާ ހޯދި. ކަން ވީ ގޮތް ފުލުހުންނަށް ވަރަށް ތަފުސީލުކޮށް ކިޔައިދީ، ކުށްކުރި މީހުންގެ ފޮޓޯތައް ވެސް ދެއްކި

އެ ދެ ދުވަސް އޭނާގެ ހަނދާނުން ފޮހެއެއް ނުލެވޭނެ އެވެ. މާޒީގެ ދެލި ނުހިކޭ ގަލަމުން އަބްދުﷲ ރަޖީހުގެ ހަޔާތުގައި ލިއެ ބިންވަޅު ނަގާފައި ވަނީ 24 މޭ 2024 އާއި 23 ޖޫން 2024 އެވެ.

ދުނިޔޭގެ ނިސްބަތުން މި ކުޑަކުޑަ މާލޭގައި އޭނާ ރަހީނުކުރީ 24 މޭގަ އެވެ. އޭގެ ފަހުން މަހެއް ވަންދެން މާލޭގެ ދެ ގެއެއްގައި އޭނާ ގެންގުޅުނީ ފަސް މީހެއްގެ ބެލުމުގެ ދަށުންނެވެ. އެ މީހުންގެ ހިތަށްއެރި ފަހަރަކު އެކި އަނިިޔާއާ ކުރިމަތިކޮށްގެންނެވެ.

ފުރަތަމަ ދުވަހު ކާން ދެކޮޅުހެދުމުން ކަރުގައި ކަންވާރެއް އައްސައި، އެކަކު އުޅުނީ އޭގެ އެއްކޮޅުގައި ހިފައިގެންނެވެ.

ގައިގެ އެކި ތަންތަނުގައި ޓޭޒާ ގަން ޖެއްސި އެވެ.

އެކެއްގެ ކަނާތު ފައިން އޭނާގެ ވާތު ލޯމައްޗަށް ހަމަލާއެއް ދިނެވެ.

މީގެ ގިނަ އަނިޔާތައް ކުރިމަތިވީ، ރަހީނުކޮށްގެން ގެންގުޅޭތާ މަހެއް ވާން ކައިރިވެފައި އޮއްވާ 23 ޖޫން 2024 ރޭގަނޑެވެ. އެއީ ރަޖީހުގެ ހަޔާތަށް އެހާ ތަނަށް އައި އެންމެ ވޭން ގަދަ ރެ އެވެ.

މައްސަލަ ގޯސްވީ ރަޖީހު ރަހީނުކޮށްގެން ގެންގުޅޭކަން އެހެން މީހެއް ކައިރީގައި ބުނިކަމަށް ކުރެވުނު ތުހުމަތެވެ.

އަބްދުﷲ ރަޖީހު ރަހީނުކޮށް ގެންގުޅުނު ކަމަށް ތުހުމަތުކޮށް ހައްޔަރުކުރުމާ އެކު ފުލުހުން އާންމުކުރި ފަސް މީހުންގެ ފޮޓޯ

އަނިޔާވެރިންނާއި އެ މީހުންގެ ކުށް

އަހުމަދު ސާއިފް ވަހީދު، ހުދުވެލި، ގދ. ގައްދޫ

ސާބިތުވި ކުށް

  • އަބްދުﷲ ރަޖީހުގެ އިނގިލި ބުރިކޮށްލުން

މުހައްމަދު ނައުޝާން ހުސެއިން، އުތުރުގެ އާގެ، ތ. ތިމަރަފުށި

ސާބިތުވި ކުށް

  • އަބްދުﷲ ރަޖީހުގެ އިނގިލި ބުރިކޮށްލަން އެހީތެރިވުން

އަލީ ސާމީ، މެހުރާ، ރ. ކަނދޮޅުދޫ

ސާބިތުވި ކުށް

  • އަބްދުﷲ ރަޖީހުގެ އިނގިލި ބުރިކޮށްލަން އެހީތެރިވުން

މުހައްމަދު ނަފާހު، ފުލްމޫން، ކ. މާފުށި (އޭރު ސިފައިންގެ މީހެއް)

އުފުލި ދައުވާ އެކަމަކު ސާބިތެއް ނުވި

  • އަބްދުﷲ ރަޖީހުގެ އިނގިލި ބުރިކޮށްލަން ބޭނުންކުރި ވަޅި ހޫނުކުރުން

އަހުމަދު ޒަޔާން، ތުނޑި ލިންކް، ލ. ގަން (އޭރު ސިފައިންގެ މީހެއް)

ސާބިތުވި ކުށް

  • އަބްދުﷲ ރަޖީހުއަށް އަނިޔާ ލިބިފައި ހުއްޓާ އެހީތެރިކަން ފޯރުކޮށްނުދިނުން

މަސްތުވާތަކެތީގެ ވިޔަފާރީގެ އަނިޔާވެރި ބައި

އުމުރުން 30 އަހަރުގެ ރަޖީހުގެ ހަޔާތުގައި އަނިޔާވެރިކަމުގެ އެ ދުވަސްތައް ފެށެން ދިމާވީ އޭނާ އަތަށް އަލީ ސާމީ ދިން މަސްތުވާތަކެތި 'ގެއްލިގެންނެ'ވެ. 

'ގެއްލުނު' މަސްތުވާތަކެތީގެ ބަދަލު ހޯދައިދިނުކީ ރަޖީހުގެ ޒިންމާއެކެވެ. އެ ޒިންމާ އޭނާ ލައްވާ ގަދަކަމުން އުފުލުވުމަކީ، އޭނާއަށް ކުރި އަނިޔާތަކުގައި ބައިވެރިވި ފަސް މީހުންގެ މަސައްކަތެވެ. އެ މީހުން ތިން ގޮތެއް ހުށައެޅި އެވެ:

  • ގެއްލުނު މަސްތުވާތަކެއްޗަށް ޖެހޭ ފައިސާ ދިނުން

  • ކިޑްނީ ވިއްކާލައިގެން އެ ފައިސާ ހޯދުން

  • ރާއްޖެއިން ބޭރަށް ގޮސް މަސްތުވާތަކެތި ހިފައިގެން އައުން

އެ މަސްދުވަހުގެ ތެރޭގައި ރަޖީހު ގޮވައިގެން އެ މީހުން ގެއިން ބޭރަށް ނުކުމެ އުޅުނެވެ. ބަލާބެލުމަށް އެއީ ހަމަ އާދައިގެ ބައެކެވެ. އެކި މީހުން އެކި ފަހަރު، ވަކިންނާއި ބައިބަޔަށް ނުކުމެ، ވަދެ ހަދަނީ އެވެ.

ފުރަތަމަ ދެ ހަފުތާގައި އޭނާ ބެހެއްޓި ގެއިން ނެރެ، ދެން ބަދަލުކުރީ އެހެން ގެއެއްގެ އެއް ކޮޓަރީގެ އެޕާޓްމަންޓެއް، ރަޖީހުގެ ނަމުގައި، ކުއްޔަށް ހިފައިގެން އެތަނަށެވެ. ދެން އޭނާ ގެންގުޅުނީ އެ އެޕާޓްމަންޓްގަ އެވެ.

އެ އެޕާޓްމަންޓް ކުއްޔަށް ހިފީ، ރަޖީހު ވަޒީފާ އަދާކުރި ރިސޯޓުން އޭނާގެ މުސާރަ ޖަމާވުމާ އެކު އޭގެ ތެރެއިން 10،000ރ، ނަގައިގެންނެވެ. 

ބައެއް ފަހަރު އޭނާ ގެއިން ބޭރަށް ނެރެ މަސްތުވާތަކެތީގެ ވިޔަފާރި ވެސް ކުރުވި އެވެ.

މަސްތުވާތަކެތީގެ ވިޔަފާރި މާލޭގައި ވަރަށް ފުޅާކޮށް ހިންގާ

ގެއްލުނު މަސްތުވާތަކެއްޗަށް ބަދަލު ލިބުމުގެ ކުރިން އެ ފަސް މީހުންގެ އަތްދަށުން ރަޖީހު ސަލާމަތްވާކަށް ނެތެވެ. އޭނާ ވެސް ހުރީ އެ ބިރުވެރިކަމުން އަމިއްލައަށް ސަލާމަތްވާނެ ހިތްވަރެއް ނެތިފަ އެވެ. އެކަން އެނގެނީ އޭނާ ރާއްޖެއިން ބޭރަށް ފޮނުވަން ޕާސްޕޯޓް ހޯދަން މަންމަގެ ގެއަށް ދާން ދިން ފުރުސަތުންނެވެ. އެ ފުރުސަތުގައި ވެސް އޭނާގެ ހާލަތު މަންމައަށް ނުވަތަ އާއިލާގެ މީހަކަށް ކިޔައިދީފައެއް ނެތެވެ.

ޕާސްޕޯޓެއް ނުލިބުނެވެ. އާ ޕާސްޕޯޓެއް ހަދަން އެ މީހުން މަސައްކަތް ވެސް ކުރިމެ އެވެ. އެކަމެއް ވެސް ނުވި އެވެ.

އިނގިލި ބުރިކޮށްލި ވަގުތު

މަސްތުވާތަކެތީގެ ވިޔަފާރިއަކީ އޭގެ އެތެރެ އާއި ބޭރުގައި ވެސް އަނިޔާވެރިކަން ބޮޑު މުއާމަލާތެކެވެ. ވިޔަފާރީގެ ބޭރުގައި ދުނިޔެއިން ބިކަވެ، ހަޔާތުގެ އަލިކަން ގެއްލެނީ އެ ބޭނުންކުރާ މީހުންނެވެ. ވިޔަފާރީގެ އެތެރޭގައި ލޭއޮހޮރުވުމާއި ތަޅާފޮޅުން ގުޅިފައި އޮންނަނީ ވިޔަފާރީގެ އޮޅުވާލުންތަކާ އެވެ.

ރަޖީހު އަތުން 'ގެއްލުނު' މަސްތުވާތަކެތީގެ ބަދަލު ހޯދައި ނިމޭނީ ކޮން ދުވަހަކުން ކަމެއް ނޭނގެ އެވެ. އެހެންވެ އޭނާ އެ މީހުންގެ އަތްދަށުގައި ރަނގަޅަށް ތާށިވެގެން އުޅުނީ އެވެ.

އެއީ 23 ޖޫން 2024 އެވެ. ރޭގަނޑު ގާތްގަނޑަކަށް 10 ޖަހާކަންހާއިރެވެ. އުމުރުން އެންމެ 18 އަހަރުގެ ސާއިފް، އެ އެޕާޓްމަންޓަށް ވަނީ ރުޅިއައިސް ހުރެ އެވެ. 

އޭނާގެ ސުވާލަކީ ރަޖީހު ރަހީނުކޮށްގެން ގެންގުޅޭ ކަން މީހެއް ކައިރީގައި ބުނިންތޯ އެވެ.

އެ ފެށުނީ އަނިިޔާގެ ބަ އެވެ. އޭގެ ކުރީ ދުވަހު މި ގްރޫޕް ފިނޮޅޮކަށް ދަތުރު ދިޔައިރު ސާއިފް ގެންދިޔަ ޓޭޒާ ގަން އޭރު އޮތީ އެ އެޕާޓްމަންޓްގަ އެވެ. އެ ގަން ބޭނުންކޮށްގެން ރަޖީހުއަށް ޝޮކް ދިނެވެ. ސާއިފް އާއި ނައުޝާން އަތުންނާއި ފައިން ތެޅި އެވެ.

ވަކި ހިސާބަކުން ސާމީގެ އެންގުން އަ އެވެ: ރަޖީހުގެ އިނގިލި ބުރިކޮށްލާށެވެ! 

މާލޭގައި މާރާމާރީއެއް ހިންގި ތަނެއް ކައިރީގައި ފުލުހުން ހަރަކާތްތެރިވަނީ: އަނިިޔާވެރި ގިނަ އަމަލްތައް ގުޅިފައި ހުރީ މަސްތުވާތަކެއްޗާ (ދައުރު ފޮޓޯ)

ބުރިކޮށްލަންވީ ކޮން އިނގިއްޔެއްތޯ، ރަޖީހު ގާތުގައި އެހި އެވެ. ޖަވާބުގައި ނައުޝާން ބުނީ ފަސޭހަވާނީ ކުޑަވާ އިނގިއްޔެއް ބުރިކޮށްލަން ކަމަށެވެ.

ފަސް މީހުން ވެގެން ރަޖީހު ގޮނޑިއެއްގައި ބޭންދި އެވެ. ގޮނޑީގެ ދެ އަތްގަނޑުގައި ދެ އަތް ބަނެވެ. ހަޅޭއްނުލެވޭނެ ގޮތް ހަދަން އަނގަޔަށް ފޮތިގަނޑެއް ލައްވައި، އެ ފޮތިގަނޑުގެ އަނެއް ބައި ގޮނޑީގައި އެއްސި އެވެ.

ބޭނުންކުރި ވަޅި އުނދުނުން ހޫނުކުރީ ނަފާހު އެވެ. އެ ވަޅި ގެންގޮސް ސާމީ އަތަށް ދިނެވެ. އެ ވަޅި ސާމީ ޖެއްސީ ރަޖީހުގެ އެ އިނގިލީގަ އެވެ.

އޭރު ސާއިފް ވަނީ ރަޖީހުގެ ވާތު ކުޑަވާ އިނގިލީގައި ފޯނު ޗާޖަރެއްގެ ކޭބަލެއް އައްސާ ބާރުކޮށްފަ އެވެ.

އެ އަތުގެ ދެން ހުރި އިނގިލިތަކުގައި ބާރަށް ހިފަހައްޓައިގެން ހުރީ ނައުޝާން އެވެ.

އެ އިނގިލި ބުރިކޮށްލީ ސާއިފް އެވެ. އެތަނުގައި ބޭސް އަޅައި ބެންޑޭޖްކުރީ ސާމީ އެވެ. ދެން ފޮށި ބަންދުކުރާ ޓޭޕްގަނޑެއް ވެސް އެޅި އެވެ.

ޓޭޒާ ގަން: މިކަހަލަ ގަންއެއް ބޭނުންކޮށްގެން ވެސް ރަޖީހުއަށް އަނިޔާކުރި ކަމަށް ތުހުމަތުކުރޭ 

އެހާ ހިސާބުން އަނިޔާ ނުނިމެ އެވެ. ދޭތެރެއަކުން ޓޭޒާ ގަން ޖައްސަ އެވެ. ދޭތެރެއަކުން ގައިގެ އެކި ތަންތަނުގައި ތަޅަ އެވެ.

އެއީ 25 ޖޫން 2024ގެ މެންދުރު ވަގުތެވެ. ނިދިން ހޭލެވުނު އިރު އެޕާޓްމަންޓް ތެރެއިން ރަޖީހުއަށް ފެނުނީ އެންމެ މީހެކެވެ. އޭނާ އޮތީ ނިދައިފަ އެވެ. އޭރު ރަޖީހުގެ ފޯނު ސޯފާ މަތީގައި އޮތެވެ. އެހެންވެ އެ ފޯނު ހިފައިގެން އަވަހަށް ގެއިން ބޭރަށް ނުކުތެވެ.

ސަލާމަތްވާން ދުއްވައިގަތީ އެވެ.

ހުޅުމާލޭގައި މަންމަ ދިރިއުޅޭ ގެއަށް ކާރެއްގައި ދިޔަ އެވެ. އޭގެ ފަހުން މަންމައާ އެކު ހުޅުމާލޭ ހޮސްޕިޓަލްގެ އެމަޖެންސީއަށެވެ. އަވަސް ފަރުވާ ފެށި އެވެ.

މައްސަލަ ފުލުހުންނަށް ރިޕޯޓްކުރި އެވެ.

ފުލުހުންނަށް ބަޔާން ދިނެވެ. ފުލުހުން ދެއްކި ފޮޓޯތަކުން، އޭނާއަށް އަނިޔާކުރި އެންމެންނަކީ ކޮބައިކަން ބުނެދިނެވެ. ބަޔާނުގައި ސޮއިކުރި އެވެ.

ހައިރާން! ޝަރީއަތުގައި ރަޖީހަށް އެއިން އެއްވެސް މީހަކު ނޭނގުނު

މަތީގައި އެ އޮތީ ފުލުހުންގެ ތަހުގީގަށް ރަޖީހު ދިން ބަޔާނުގައި ހުރި ވާހަކަތަކެވެ.

އެކަމަކު ކްރިމިނަލް ކޯޓުގައި ހިންގި ޝަަރީއަތުގައި ހެކިބަސް ދޭން އޭނާ ހުރި އިރު އެ ބަޔާނުގެ މަތިން ހަނދާން ނެތް ކަހަލަ އެވެ. އޭނާއަށް އެހާ ބޮޑު އަނިޔާއެއް ދީ، ރަހީނުކޮށްގެން ގެންގުޅުނު މީހުން ތިބީ އޭނާގެ ކުރިމަތީގައި، ކޯޓު ތެރޭގައި، ދައުލަތުގެ ބެލުމުގެ ދަށުގަ އެވެ. އެކަމަކު އެތަނުގައި އޭނާ ދަންނަ މީހަކު އިން ކަމަކަށް ނުވި އެވެ.

އެއިން އެއްވެސް މީހަކު ނޭނގޭ ކަމަށް އެއްފަހަރު ބުނެފައި، އަނެއް ފަހަރު ބުނަނީ މިވެނި މީހަކު ކުޑަކޮށް ދަންނަ ކަަމަށެވެ.

ވިސްނާލާށެވެ! އަމިއްލަ އިނގިލި ބުރިވީ ކަމެއް ނުވަތަ ބަޔަކު ބުރިކޮށްލީ ކަމެއް ވެސް އޭނާއަކަށް ނޭނގެ އެވެ.

ފުރަތަމަ ދިޔައީ ހޮސްޕިޓަލަށް ކަމެއް، ފުލުހަށް ކަމެއް ވެސް ނޭނގުނެވެ.

ރަހީނުކޮށްގެން ބަޔަކު އޭނާ ގެންގުޅުނުކަމެއް ހަނދާނެއް ނުވެ އެވެ.

ކާން ދެކޮޅުހެދުމުން އޭނާގެ ކަރުގައި ނަނުގަނޑެއް ނާއްސަ އެވެ.

އޭނާގެ ނަމުގައި އެޕާޓްމަންޓެއް ކުއްޔަކަށް ނުހިފަ އެވެ.

އޭނާ ލައްވާ ގަދަކަމުން މަސްތުވާތަކެތީގެ ވިޔަފާރިއެއް ނުކުރުވަ އެވެ.

އެދުވަސްވަރު އޭނާ އުޅުނީ މަސްތުވާތަކެތި ބޭނުންކުރުމުގަ އެވެ.

ފުލުހުންނަށް ބަޔާން ދީފައިވާ ނަމަ އެއީ މަސްތުގެ ހާލަތުގައި ހުރެގެން ދިން ބަޔާނެކެވެ.

އެކަމަކު ފުލުހުންގެ ހެކިތަކުން ހާދިސާގެ ހަގީގަތް ދެނެގަތް

ރަޖީހުގެ ހެކިބަހާއި އޭނާ ފުލުހުންނަށް ދިން ތަހުގީގީ ބަޔާނާ އެއްވެސް ގުޅުމެއް ނެތަސް، މައްސަލަ ބެއްލެވި ގާޒީ މުހައްމަދު މިސްބާހުގެ ވިސްނުން ދޫކުރެއްވީ ފުލުހުން ހުށައެޅި ހެކިތަކަށެވެ.

އެއް ހެއްކަކީ ރަޖީހުއަށް ކިޔާ ވަނަން ކަމަށްވާ 'ސިމްބާ' ޖަހައިގެން ޒަޔާން ކުރި މެސެޖެކެވެ. އެ މެސެޖްގައި އޮންނަނީ 'ސިމްބާ ބަޗައިފި' މިހެންނެވެ.

ސީސީޓީވީ ފުޓޭޖްތަކާއި މޮބައިލް ފޮރެންސިކް ރިޕޯޓުން އެ ފަސް މީހުންނާއި ރަޖީހު އެކުގައި އުޅޭ މަންޒަރުތަކާއި ގުޅުންތައް އޮތްކަން ފާހަގަވި އެވެ.

އަބްދުއްރަހުމާން ރާއިފްއަކީ ރަޖީހުގެ ކޮއްކޮއެކެވެ. އޭނާ ވަނީ މޮބައިލް ފޯނުން 2 ޖޫން 2024ގައި ރަޖީހުގެ ފޯނަށް ގުޅައިފަ އެވެ. އެކަމަކު އެ ކޯލަށް ޖަވާބެއް ނުލިބުނެވެ. އެހެންވެ އޭނާ މެސެންޖާއިން ސާމީއަށް މެސެޖެއް ކުރި އެވެ. އޭނާ ސުވާލުކުރީ ބޭބެ ކޮބައިތޯ އެވެ. ސާމީގެ ޖަވާބަކީ ބަޔަކު ރަޖީހު ހިފަހައްޓައިގެން އުޅޭތީ މިހާރު ސާމީގެ ގެސްޓްހައުސްގެ  ވަޒީފާގައި ގެންގުޅެމުން އަންނަ ކަމަށެވެ.

ފުލުހުން އަތުލައިގަތް މަސްތުވާތަކަތި ނައްތާލަން ނެރެފައި: މަސްތުވާތަކެތީގެ ވިޔަފާރި ރާއްޖޭގައި ފުޅާކޮށް ކުރިއަށް ގެންދޭ (ދައުރު ފޮޓޯ/ މުހައްމަދު މުޒައްޔިން ނާޒިމް)

އޭގެ ފަހުން އެހެން މެސެޖެއް އެހެން ދުވަހަކު، ރާއިފް ކުރި އެވެ. އެއީ ރަޖީހުގެ ފޮޓޯއެއް ފެނިގެންނެވެ. އެ ފޮޓޯގައި ރަޖީހުގެ ވާތު ލޯ މަތި ހުރީ ދުޅަވެ، ލޮލަށް ލޭ ވެސް އަރައިފަ އެވެ. އެއީ ކީއްވެގެން ވީ ކަމެއްތޯ ސުވާލުކުރި އެވެ. ސާމީ ބުނި ކަމަށް ވަނީ 'ވައްކަން ކޮށްގެން ބަޔަކު ރަޖީހަށް އަނިޔާކުރީ' ކަމަށެވެ.

ސާމީގެ ވާހަކަ އެހާ ހިސާބުން ނިމުނީކީ ނޫނެވެ. ތަޅައިގަތް މީހުން ރަޖީހުގެ އިނގިއްޖެއް ބުރިކޮށްލިި ކަމަށް ވެސް ރާއިފް ކައިރީ ބުންޏެވެ.

ފޯނު މެސެޖްތަކުން ސާމީގެ އެ ވާހަކަތައް ޝަރީއަތަށް ހުށައަޅާފައި އޮތުމުން ގާޒީއަށް ނިންމެވުނީ މިހެންނެވެ:

"އަލީ ސާމީއަކީ އެންމެ ފުރަތަމަ ދުވަހުން ފެށިގެން ވެސް އަބްދުﷲ ރަޖީހުގެ މިނިވަންކަން ހިފަހައްޓައި އެކަމުގައި ޝާމިލްވި މީހެއް ކަމާއި އަބްދުﷲ ރަޖީހުގެ އިނގިލި ބުރިކޮށްލުމުގައި ޝާމިލްވާ މީހެއް ކަމަށް ހެކި ލިބެ އެވެ."

ރަޖީހު ރަހީނުކޮށްގެން ގެންގުޅުނު އެޕާޓްމަންޓް ހުންނަ ގޭ ސަރަހައްދުން ފުލުހުން ހޯދި ސީސީޓީވީ ފުޓޭޖްތަކުން އެހެން ބައެއް ހަގީގަތްތައް ޝަރީއަތަށް ހާމަވި އެވެ.

މިއީ މަސްތުވާތަކެއްޗާ ގުޅުން ހުރި ރަހީނުކުރުމެއްގައި މީހަކު ގެންގުޅުނު ހިޔާ ޓަވަރުގެ ފްލެޓެއް: ރަހީނުކުރުމަކީ ބޮޑު ކުށެއް (ދައުރު ފޮޓޯ/މުހައްމަދު މުޒައްޔިން ނާޒިމް)

އިނގިލި ބުރިކޮށްލި ކަމަށް ރަޖީހު ބުނާ ގަޑީގެ ކުރިން އެކި ދުވަހު، އެކި ވަގުތު ގެއިން ނުކުމެ އުޅެނިކޮށް ފެނުނު އޭނާގެ ވީޑިއޯތަކުން އިނގިއްޔަށް އަނިޔާއެއް ލިބިފައި ހުރިކަން ފާހަގައެއް ނުވެ އެވެ.

އެ ގަޑީގެ ފަހުން އޭނާ ގެއިން ނުކުމެ ހަދާ މަންޒަރު ފެނިފައެއް ނުވެ އެވެ. އެކަމަކު އޭނާ ގެންގުޅުނު މީހުން އެކި ގަޑިތަކުގައި ނުކުމެ ވަންނަ ވީޑިއޯތައް ހުއްޓެވެ.

ސީސީޓީވީއަށް ދެން ރަޖީހު އަރާފައި ހުންނަނީ އެމީހުންގެ އަތް ދަށުން ފިލި ދުވަހު، އޭނާ ބުނި ގަޑީގަ އެވެ. ވީޑިއޯއިން ފެންނަނީ ގޯޅިގަނޑުން އޭނާ ނުކުންނަ ތަނެވެ. ވަކި ހިސާބަކުން ދުއްވައިގަންނަނީ އެވެ.

ފުލުހުންގެ ތަހުގީގުގައި އެ މީހުންގެ ފޯނުތަކުން ފެނުނު ފޮޓޯތައް ވެސް ހުއްޓެވެ. އެ ފޮޓޯތަކުގެ ތާރީހަށް ބެލުމުން އެނގެނީ އިނގިލި ބުރިކޮށްލި ރޭގެ ކުރިން ނެގި ފޮޓޯތަކުގައި ރަޖީހުގެ އިނގިއްޔަށް އަނިޔާވެފައި ނެތް ކަމެވެ. ނަމަވެސް އިނގިލި ބުރިކޮށްލި ރޭގެ ފަހުން ނެގި ފޮޓޯތަކުން އިނގިއްޔަށް އަނިޔާ ލިބިފައި ހުރިކަން އެނގެ އެވެ.

މި އަނިޔާވެރިކަން ހިންގި ކަމުގެ ދައުވާ އުފުލި ފަސް މީހުންގެ ތެރެއިން ހަތަރު މީހެއްގެ މައްޗަށް ކުށް ވަނީ ސާބިތުވެފަ އެވެ.

ސާއިފަށް 15 އަހަރުގެ ޖަލު ހުކުމެވެ. ސާމީ އާއި ނައުޝާންއަށް 10 އަހަރުގެ ޖަލު ހުކުމެކެވެ. ޒަޔާންއަށް ތިން މަހުގެ ޖަލު ހުކުމެކެވެ.

ވަޅި ހޫނުކޮށްދިން ނަފާހުގެ މައްޗަށް ކުށް ސާބިތެއް ނުވި އެވެ.

މިއީ ދިވެހިރާއްޖޭގެ އެތައް ޒުވާނުންނެއްގެ ހާލަތު ސިފަކުރެވޭ ޝަރީއަތެކެވެ. އެތައް ބަޔަކު ނުރައްކަލުގެ ތެރޭގަ އެވެ. އަނިޔާވެރިކަން އެހާ ބޮޑެވެ. އިންސާނިއްޔަތުކަމުގެ ކުލުނެއް ނެތެވެ.

ދިވެހި ސިފައިންގެ ތެރޭގައި ވެސް އޭގެ މީހުންނެވެ.

ކޮމެންޓް (1)

profile-image-placeholder

ހަސީން

45 މިނިޓު ކުރިން
ސިފައިންނާއި ފުލުހުން ކޮރަޕްޓްވެ ނުބައި ހުރިހާ ކަމެއްގައި ބައިވެރިވުމުގެ ހިތްވަރު އެމީހުންނަށް ލިބުނީ 2012 ފެބްރުއަރީ 7 ގައެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް