ކޭލަކުނުގެ ކަނޑޫފަލުގެ ކުރީގެ މަންޒަރެއް. މިހާރު މިފަލުގައި ހުރި ގިނަ ކަނޑޫގަސްތަކެއް ހުރީ މަރުވެފައި
'ބޭރިއަށް ވެސް ނޭރޭ ރަށުން' ފެންނަ ބިރުވެރި މަންޒަރު
ބޭރިއަކީ ކަނޑުން އަރާ ފުރޭތަ އެކެވެ.
ދަތިކަމާއި ހުރަސްތައް ގިނަކަމުން، ހދ. ކޭލަކުނު މީހުން ސިފަކުރަނީ އެއީ، އެ ފުރޭތައަށް ވެސް ނޭރޭނެ ފަދަ ރަށެއްގެ ގޮތުގަ އެވެ. އެކަމަކު ކުޑަކުޑަ އެ ފަޅުރަށުން މިހާރު މީހުންނަށް ފެންނަނީ އެއަށް ވުރެ ބިރުވެރި މަންޒަރެކެވެ.
ބޭރިއެއް، އިންސިއެއްގެ ވެސް ހިލަމެއް ނެތް ކޭލަކުނުގެ، އެ އޮތް ވަރުގަދަ ކަނޑޫފާ މަރުވަނީ އެވެ. އެއާ އެކު ތިމާވެށީގެ ބައެއް ތަޖުރިބާކާރުން ކިޔައިދިނީ މާ ބިރުވެރި ވާހަކައެކެވެ.
"ޝައްކެއް ވެސް ނެތް އެއީ ކަނޑުގެ ލޮނުގަނޑު އުސްވަމުންދާ ކަމުގެ ހެއްކެއް،" ތިމާވެށީގެ ހިމާޔަތުގައި މަސައްކަތް ކުރަމުން އަންނަ ރާއްޖޭގެ އެންމެ ދުވަސްވީ ޖަމިއްޔާ، ބްލޫޕީސްގެ އެއް ފައުންޑަރު އަދި އެގްޒެކްޓިވް ޑިރެކްޓަރު އަލީ ރިލްވާން ވިދާޅުވި އެވެ.
"މިއަށް ވުރެ ބޮޑު ހެއްކެއް ދެއްކޭނެތޯ؟ މިއީ ކަނޑުގެ ލޮނުގަނޑު އުސްވެ، ރަށްތަކަށް އަސަރު ކުރަމުންދާ ކަމުގެ އަލާމާތަކަށް ނުފުދޭތޯ؟"
ރިލްވާންގެ މި ބޮޑު ވާހަކަ އޭނާ އޮޅުންފިލުވައިދެއްވި އެވެ. އޭނާ ވާހަކަ ފެއްޓެވީ ވެސް، ކުޅިތަކާއި ފާތަކާއި ކޯރުތަކުގައި ހެދޭ ގަސްތަކާ ހަމައިންނެވެ.
ރާއްޖޭގެ ގުދުރަތީ މުއްސަނދިކަމުގެ ބައެއްގެ ގޮތުގައި ބަލާ ކުޅިފާތަކުގައި ލޮނުގެ މިންވަރު ހުންނަނީ އެކިވަރަށެވެ. ލޮނުގެ މިންވަރު އެންމެ ދަށީ ކުށްޅަވަށްފަލުގަ އެވެ. ކަނޑުގަދަ ދުވަސްތަކާއި ހަޅަތަކުގައި އާއްމުކޮށް ލޮނުވައްދާތީ، ލޮނުގެ މިންވަރު އެންމެ މަތީ 'ކޯރު'ތަކުގަ އެވެ. އެތަނުގައި ހެދެނީ ރަނޑުލާއި ތަކަފަތި ފަދަ ގަސްގަހެވެ.
ދެން ހުންނަނީ ކުޅި އެވެ. ކަނޑުލާއި ބޮޑުވަތްކާއި ބޮޑު ކަނޑޫ ފަދަ ގަސް ހެދޭ އެތަނުގައި ލޮނުގެ މިންވަރު ހުންނަނީ ގާތްގަނޑަކަށް %20 އަށެވެ.
އެކަމަކު މިހާރު ފެންނަނީ ކޯރާއި ކުޅިފާތަކުގެ ތެރެއިން، ކުޅީގައި ހުންނަ ކަނޑޫގަސްތައް މަރުވާ ތަނެވެ.
ރިލްވާން ވިދާޅުވި ގޮތުގައި، ކޭލަކުނުގައި ބަޔަކު ދަނޑެއް ނުހައްދަ އެެވެ. ކެމިކަލެއް ނާޅަ އެވެ. ޖެހިގެން އޮންނަ ހދ. ނޭކުރެންދު އާއި ވައިކަރަންދޫ އާއި ނޮޅިވަރަމްފަރުގައި ހުންނަ ފާތަކުގައި އެހެން ގަސްތައް އެ ހުރި ގޮތަށް ހުރި އިރު މިމަރުވަނީ ހަމައެކަނި އެތަންތަނުގައި ހުރި ކަނޑުލެވެ.
އެއާ އެކު އަނެއްކާވެސް އެނބުރިދާން މި ޖެހެނީ، ކަނޑޫ ގަސްތައް މަރުވާން ދިމާވި ސަބަބާ ގުޅޭ ގޮތުން ރިލްވާން ކުރެއްވި ސުވާލަށެވެ.
އޭނާ ވިދާޅުވީ 2020 ވަނަ އަހަރުގެ ކޮވިޑް-19ގެ ބަލިމަޑުކަމަށް ފަހު ރާއްޖޭގެ ހުރިހާ ހިސާބެއްގައި ވެސް ކަނޑޫ ގަސްތައް މަރުވި ކަމަށެވެ. އެއީ ޖެހުނު ބައްޔެއްގެ ސަބަބުން ވީ ކަމެއްކަން އޭނާ ގަބޫލު ނުކުރައްވަނީ ރާއްޖޭގެ އުތުރާއި ދެކުނުން ވެސް ގަސްތައް މަރުވީމަ އެވެ. ބައްޔެއް ނަމަ އޭގެ އަސަރު ކުރާނީ، ޖެހިޖެހިގެން ނުވަތަ ކައިރީގައި ހުންނަ ގަސްތަކަށް ކަމަށްވީމަ އެވެ.
އޭރު އެ އުފެދުނުގެ ސުވާލުގެ ޖަވާބު އޭނާ އަށާއި ބްލޫޕީސް ޖަމިއްޔާއަށް ލިބުނީ 2021 ވަނަ އަހަރު ހެދި ދިރާސާއަކުންނެވެ. އޭގެ ކުރިން 2016 ވަނަ އަހަރު ނޭކުރެންދޫ ކަނޑޫފަލުގައި ޓެސްޓުތަކެއް ހެދި އިރު، އޭގެ ފަސް އަހަރު ފަހުން ހަމަ އެއް މޫސުމެއްގައި ހެދި ޓެސްޓުތަކުން ދެއްކީ އެތަނުގައި ލޮނުގެ މިންވަރު ދެގުނަ ވެފައި ހުރިކަމެވެ. ކަނޑޫގަސްތައް މަރުވީ، ހުންނަންވާ ވަރަށްވުރެ ލޮނުގެ މިންވަރު މަތިވެގެންނެވެ.
ރިލްވާން ވިދާޅުވީ މީގެ 37 އަހަރު ކުރިން ފެށިގެން، ބްލޫޕީސްއިން އަންނަނީ ރާއްޖޭގެ ތިމާވެށީގެ ހާލަތު ވަރަށް ގާތުން ބަލަމުންނެވެ. އެކަމަކު ކަނޑުގެ ލޮނުގަނޑު މައްޗަށް އަރާކަން، ފަހަކާ ޖެހެންދެން ގަބޫލުކުރަން އުނދަގޫ ކަމަށާއި ނަމަވެސް އެކަމުގެ ސާފު ހެއްކެއް ލިބުނީ ކަނޑޫގަސްތަކަށް އައި ބަދަލުން ކަމަށް އޭނާ ވިދާޅުވި އެވެ.
ވަކާލާތުގެ އަޑުގަދަ، އެކަމަކު ހައްލެއް ނުނެރެވޭ
މޫސުމަށް އަންނަމުންދާ ބަދަލުތައް މިހާރު ސިއްރެއް ނޫނެވެ.
ކުއްލިއަކަށް ވެހޭ ވާރޭ އާއި މަދުވަގުތުކޮޅެއްގެ ތެރޭގައި ގިނަ އަދަދަކަށް ވާރޭ ވެހުމެވެ. ކަނޑުގެ ލޮނުގަނޑު ހޫނުވާ މިންވަރު އަހަރުން އަހަރަށް މަތިވުމާއި މަސްތައް ދުރަށް ދިޔުމެވެ. މުރަކަ ހުދުވުމާއި މޮންސޫން ނަކަތްތައް އޮޅުމަކީ ވެސް އޭގެ ތެރޭގައި ހިމެނޭ ކަންކަން ބްލޫޕީސްއިން ފާހަގަ ކުރި އެވެ.
އެކަމަކު އާއްމު ދިރިއުޅުމުގައި ނުފެންނާތީ ނޫނީ ވަށައިގެން ރައްޓެހި ކަނޑު އޮންނާތީ، ކަނޑުގެ ލޮނުގަނޑަށް އަންނަ ބަދަލަށް މާބޮޑު އަހައްމިއްޔަތުކަމެއް ނުދެވޭ ކަމަށް އެތަނުން ބުންޏެވެ. ނަމަވެސް، ޖައްވަށް ދޫކުރާ ވިހަ ގޭސްތައް އެއްކޮށް ހުއްޓާލައި، މުޅި ގައުމު 'ޒީރޯ އެމިޝަން'އަށް ދިޔައަސް، ކުރިއަށް އޮތް އަހަރުތަކުގައި ކުރިމަތިވުން ގާތް، ތިމާވެށީގެ ގެއްލުންތަކުން ބޯދަމައިނުދެވޭނެކަމުގެ އިންޒާރު އެތަނުން ދިނެވެ.
ރިލްވާން ވިދާޅުވި ގޮތުގައި، މޫސުމީ ބަދަލުތަކުގެ ސަބަބުން ކުރިމަތިވާ ނޭދެވޭ އަސަރުތަކާ ގުޅޭ ގޮތުން ރާއްޖެއިން އަޑުއުފުލާތާ އެތައް އަހަރެއް ވެއްޖެ އެވެ. އެކަމަކު ރައްކާތެރިކަމުގެ ފިޔަވަޅެއް މިހާތަނަށް އެޅިފައިވަނީ، އޭނާ ގަބޫލު ކުރައްވާ ގޮތުގައި، އެންމެ ފަހަރަކު އެވެ.
އެއީ ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމުގެ ސަރުކާރުން، ކަނޑުގެ ލޮނުގަނޑަށްވުރެ 2.2 މީޓަރު އުސްކޮށް ހުޅުމާލެ ހިއްކުމެވެ.
ރިލްވާން ގަބޫލުކުރައްވާ ގޮތުގައި، ކުރިއަށް 50 ނުވަތަ 70 އަހަރަށް ބަލާއިރު، މި ފަދަ އުސް، ގިނަ ރަށްތަކެއް ހުންނަން ޖެހޭނީ ތަރައްގީ ކުރެވިފަ އެވެ. މާލެ ކައިރީގައި އިތުރު 'ހުޅުމާލެ'ތަކެއް ކޮންމެހެން ވެސް މުހިއްމެވެ.
"އަޅުގަނޑު ގަބޫލުކުރާ ގޮތުގައި ރަށް ހިއްކައިގެން ލިބޭ ގެއްލުމަށް ވުރެ، ނުހިއްކާ، މިއޮތް ގޮތަށް ދޫކޮށްލުން މި ހާލަތުގައި މާ ނުރައްކާ ބޮޑު،" އޭނާ ވިދާޅުވި އެވެ.
"ކޮންމެ އަތޮޅެއްގައި ވެސް މި ފަދަ އުސްރަށްތަކެއް ހަދަން އެބަޖެހޭ."
ރިލްވާން ވިދާޅުވީ ރާއްޖެއަކީ ތިމާވެށީގެ މައްސަލަތަކުގައި ބައިނަލްއަގްވާމީ ގޮތުން އަޑުގަދަ، އެކަމުގެ ލީޑަރުން ގިނަ ގައުމެއް ނަމަވެސް، ތަންފީޒީ މަރުހަލާއިން އެކަން ނުދެއްކޭ ކަމަށެވެ. އިމާރާތެއް އެޅިޔަސް، އަދި ތަރައްގީގެ އެހެން މަޝްރޫއެއް ހިންގިޔަސް ވެށީގެ ރައްކާތެރިކަން އިސްނުކުރެވޭ ކަމަށް ވިދާޅުވި އެވެ.
އެހެންވެ، ލޮނުމަޑުކޮށް' ވިސްނައި ކަންކަން ތަންފީޒުކުރުމުގެ ބަދަލުގައި، 'ލޮނުގަނޑު އެބަ އުސްވަމުންދާ' ކަމުގެ ވިސްނުމަށް އަނބުރާލަން ޖެހޭ ކަމަށް އޭނާ ވިދާޅުވި އެވެ.
"ދިރާސާތައް ހައްދަވައި، ބައެއް ބޭފުޅުން އެބަ ވިދާޅުވޭ ކަނޑޫގަސްތައް މަރުވަނީ ސޫތްޕަކުންނޭ، ބައްޔަކުންނޭ. އެކަމަކު އަޅުގަނޑު، ބްލޫޕީސްގެ ރިލްވާން މިބުނަނީ އޭގެ ސަބަބަކީ ލޮނުގެ މިންވަރު މަތިވުމޭ، ކަނޑުގެ ލޮނުގަނޑު އުސްވަމުން ދިޔުމޭ،" ރިލްވާން ވިދާޅުވި އެވެ.
"މިކަމުގައި އިތުރު ވާހަކައެއް ނެތް."
ކޮމެންޓް