އެމްޑީޕީގެ ޗެއާޕާސަން އިންތިހާބު ކާމިޔާބުކުރެއްވި ކުރީގެ ރައީސް މުހައްމަދު ނަޝީދު ރޭ އާޓިފިޝަލް ބީޗުގައި އުފާ ފާޅުކުރައްވަނީ (ފޮޓޯ/ނައުޝަން ވަހީދު)

ނަޝީދަށް އަލުން އެމްޑީޕީ، މިއީ އަށް އަހަރުގެ ސިޔާސީ 'އެކަނިވެރިކަން' ފިލުވާލުން

އިއްޔެ އޮތް ޗެއާޕާސަންގެ އިންތިހާބުން ފެނުނީ އެމްޑީޕީގެ ގިނަ މެމްބަރުން އަދިވެސް ބޭނުންވަނީ ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ހަރަކާތްތެރި ސިޔާސީ ހަރަކާތްކަން

ދަ ޑިމޮކްރެޓްސް ހަދައިގެން ބޭއްވި ބޮޑު ޖަލްސާއެއްގައި ކުރީގެ ރައީސް މުހައްމަދު ނަޝީދު އެމްޑީޕީގެ މެމްބަރުންނަށް މެސެޖެއް، ރުޅިވެރިކަމާ އެކު، ދެއްވި އެވެ:

"އެމްޑީޕީގެ ހުރިހާ މެމްބަރުންނަށް، އެ ޕާޓީ އިރާދަކުރެއްވިއްޔާ އަޅުގަނޑު ރޫލާލާނަން."

އެއީ ގޭގެއަށް ވަޑައިގެން މީހުންނާ ބައްދަލުކުރައްވާ އިރާއި، ސައި ހޮޓާތަކާއި މައިޒާންތަކުގައި މީހުންނާ ވާހަކަފުޅު ދައްކަވާ ގަޑީގަ އާއި ނުވަތަ މަގުމަތިން ސަޕޯޓަރުންނާ މުއާމަލާތްކުރައްވާ އިރު ގެންގުޅުއްވާ ހިނިތުންވުމެއް، މަޖާ މިޒާޖެއް ވެސް ނޫނެވެ. މޫނުފުޅުން ފެންނަނީ ކޯފާއިސްވުމުގެ އަސަރުތަކެވެ.

އެމްޑީޕީގެ ވެރިކަމާ ދެކޮޅަށް ދަ ޑިމޮކްރެޓްސް އުފައްދަވައި، ރިޔާސީ އިންތިހާބުން އެމްޑީޕީގެ ކެންޑިޑޭޓް އަދި އޭރުގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ބަލިކުރަން ނުކުތުމުގެ ފޯރި ވެސް އެމަނިކުފާނުގެ ބޮޑެވެ. އެހެންކަމުން އެމްޑީޕީގެ މެމްބަރުންނަށް އެ މެސެޖް ދެއްވާފައި، ދެން ތަކުރާރުކުރެއްވީ މި ބަސްތަކެވެ. އެންމެ ފަހަރަކު ނޫނެވެ. ފަސް ފަހަރަށެވެ.

"ރޫޅާލާނަން، ރޫޅާލާނަން، ރޫޅާލާނަން، ރޫޅާލާނަން، ރޫޅާލާނަން."

އެމްޑީޕީގައި ސޯލިހު ބާރު އޮވެމެ އަދި ގައުމުގެ ރައީސްކަމުގެ ބާރުގައި ހުންނަވައިގެން ވެސް، ރިޔާސީ އިންތިހާބު ގެއްލުނީ އެވެ. ރައްޔިތުންގެ މަޖިލިހުގެ އިންތިހާބު ވެސް، ބޮޑުތަނުން ގެއްލުނީ އެވެ. އޭގެ ފަހަތުގައި އޮތީ ޕާޓީ ދޫކުރައްވައި ނަޝީދު ވަޑައިގަތުމުން އުފެދުނު ދެބައިވުން ކަމަށް، އާންމު މެމްބަރުން އެއްބަސްވެ އެވެ.

ދަ ޑިމޮކްރެޓްސް އުފައްދަން 3000 މެމްބަރުން ހަމަކުރަން ހިންގި ހަރަކާތެއް: ނަޝީދު އިސްކޮށް ހުންނަވައި އުފެއްދެވި މި ޕާޓީއަކީ ސިޔާސީ ތޮށިގަނޑެއް -- ދައުރު ފޮޓޯ/ހުސެން ސުނައިން

އެބައިވުމުގައި ދަ ޑިމޮކްރެޓްސްއަށް ވެސް ސިޔާސީ އެއްވެސް ބާރެއް ނުލިބުނެވެ. ރައްޔިތުންގެ މަޖިލިހުގެ އިންތިހާބުގައި ވާދަކުރެއްވި އެއްވެސް ކެންޑިޑޭޓަކަށް ކާމިޔާބެއް ނުވި އެވެ. އޭގެ ތެރޭގައި އާ ގާނޫނުއަސާސީގެ ދަށުން އިންތިހާބު ބާއްވަން ފެށީއްސުރެ ރައްޔިތުންގެ މަޖިލިހުގައި އެމްޑީޕީ ތަމްސީލުކުރެއްވި އެތައް މެމްބަރުންނެއް ވެސް ހިމެނެ އެވެ.

ދަ ޑިމޮކްރެޓްސްއަކީ، ނަޝީދާ އެކުގައި ވެސް، ސިޔާސީ ތޮށިގަނޑެކެވެ. އެންމެ ފަހުން އުވާ ވެސް ލީ އެވެ.

ރޭ އާޓިފިޝަލް ބީޗުގައި ނަޝީދު އެ ހުންނެވީ އަލުން އެމްޑީޕީގެ ބާރު ނަންގަވައިގެންނެވެ. އިއްޔެ އޮތް ޗެއާޕާސަންގެ އިންތިހާބުގައި %68ގެ ބޮޑު އަގުލަބިއްޔަތަކުން ބުނީ ޕާޓީ ހިންގަވަން އަދިވެސް ބޭނުންވަނީ ނަޝީދު ކަމަށެވެ. ޒުވާން ކެންޑިޑޭޓް މީކާއިލް އަހުމަދު ނަސީމަށާއި އޭނާގެ ފަހަތުގައި ހުންނެވި ސޯލިހަށް މިއީ ވަރަށް ބޮޑު ބައްޔެކެވެ.

ރާއްޖޭގެ ރައީސްކަމާއި ރައްޔިތުންގެ މަޖިލިހުގެ ރައީސްކަން ކުރެއްވި ބޭފުޅަކަށް އެމްޑީޕީގެ ޗެއާޕާސަންގެ މަގާމަކީ، ހައިރާކީއަށް ބަލާ ނަމަ، ދަށް މަސްއޫލިއްޔަތެކެވެ. ނަމަވެސް އެމްޑީޕީގެ އަސާސީ ގަވާއިދާއި ޕާޓީގެ އެތެރޭގެ ހިންގުން ރޭވިފައި ހުރި ގޮތުން އެއީ ނަޝީދުގެ ސިޔާސީ ކުރިމަގަށް ވަރަށް ބޮޑު ބާރެކެވެ.

އެމްޑީޕީގެ އާންމު މެމްބަރުންގެ ނިންމުމުން އެނގެނީ ނަޝީދު ނެތުމާ އެކު އެމްޑީޕީގެ 'ރޫހު' ވެސް ޕާޓީގައި ނެތް ކަމެވެ. ޗެއާޕާސަންގެ އިންތިހާބުގެ ކެމްޕޭން ރިޔާސީ ކެމްޕޭން ފަދަ ސިޔާސީ ހަރަކާތަކަށް ބަދަލުކުރެއްވީ ނަޝީދަށް އެކަން ރަނގަޅަށް އެނގިވަޑައިގެން ހުންނަވަ އެވެ. އެމްޑީޕީއަކީ 30 އަހަރުގެ ހުދުމުހުތާރު ވެރިކަމަކާ ދެކޮޅަށް އުފެއްދި ހަރަކާތްތައް ގިނަ ސިޔާސީ ވިސްނުމަކަށް ވާތީ، އެމްޑީޕީގެ މެމްބަރުންނަށް އެމަނިކުފާނުގެ އެ މިޒާޖު ކަމުދެ އެވެ. ފޯރި އުފެދެ އެވެ.

ޗެއާޕާސަންގެ އިންތިހާބު ކާމިޔާބުކުރެއްވުމަށް ފަހު ނަޝީދު ސަޕޯޓަރުންނާ އެކު އާޓިފިޝަލް ބީޗުގައި: އެމްޑީޕީގެ ހަރަކާތްތަކަށް އާ ދިރުމެއް އަންނާނެ ކަމަށް ބެލެވޭ (ފޮޓޯ/ނައުޝަން ވަހީދު)

މީކާއީލްގެ ކެމްޕޭންގައި ވިސްނާދެއްްވީ އޭނާއަކީ ހަމައެކަނި އިދާރީ ގޮތުން ޕާޓީ ހިންގަވާނެ ބޭފުޅެއް ކަމާއި ވަކި މީހަކު ތަފާތުނުކޮށް ޕާޓީގެ އެތެރޭގައި ކަންކަން ކުރިއަށް ގެންދަވާނެ ކަމެވެ. ކުރިއަށް އޮތް ރިޔާސީ އިންތިހާބުގެ ޕްރައިމަރީގައި އެތައް ބަޔަކު ވާދަކުރާނެތީ، ވަކި ކޮޅެއް ނުނަންގަވާ ޗެއާޕާސަންއެއްގެ މުހިންމުކަމުުގެ ވާހަކަ ތަކުރާރުކޮށް އޭނާ ދެއްކެވި އެވެ.

ނަމަވެސް އެމްޑީޕީގެ ގިނަ މެމްބަރުންގެ ތެރޭގައި އެ ވާހަކަ ނުވިކުނެވެ. ނަޝީދު ހުންނެވީ ކުރީގެ އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއިލްގެ ކެންޑިޑެސީއަށް ތާއީދުކުރައްވައިގެން ކަމަށް ވިޔަސް، އެއީ މައްސަލައެއް ކަމަކަށް ގަބޫލުނުކުރީ އެހެންވެ އެވެ. ވޯޓުން އެނގުނީ ނަޝީދު ނޫން ބޭފުޅަކާ އެމްޑީޕީ ހިންގަން ހަވާލުކުރަން އާންމު މެމްބަރުން މި ވަގުތު އެއްގޮތަކަށް ވެސް ތައްޔާރު ނޫން ކަމެވެ.

ޖަލު ހުކުމެއްގައި ހުންނެވުމުގެ ސަބަބުން 2018ގެ ރިޔާސީ އިންތިހާބުގައި ވާދަކުރެއްވޭ ގޮތް ނުވި ހިސާބުން އެމްޑީޕީގެ ބާރު ފުރޮޅުލުނީ އޭރު ނަޝީދުގެ އެންމެ އަރިސް ސިޔާސީ އެކުވެރިޔާ ސޯލިހުގެ އަތްޕުޅަށެވެ. އޭގެ ފަހުން ނަޝީދަށް ޕާޓީގެ ކޮންޓްރޯލެއް ނެތެވެ. ރައްޔިތުންގެ މަޖިލިހުގެ މެމްބަރުންނާއި ގައުމީ މަޖިލިހުގެ ތެރޭގައި ވެސް މެ އެވެ. އެހެންކަމުން ގާތްގަނޑަކަށް އަށް އަހަރުގެ 'އެކަނިވެރިކަމަކަށް' ފަހު މިއަދު އެމްޑީޕީގެ އޮފީހަށް އެމަނިކުފާނު ފައިންޕުޅު އަޅުއްވާނީ ހުރިހާ ބާރަކާ އެކުގަ އެވެ.

އިންތިހާބުން އެނގުނީ އެމްޑީޕީގެ އާންމު މެމްބަރުން ތިބީ ނަޝީދު ދޫކޮށްލާ ގޮތަށް ނޫން ކަން (ފޮޓޯ/ނައުޝަން ވަހީދު)

ޔަގީނުން ވެސް ސިޔާސީ ހަރަކާތްތައް ގިނަވާނެ އެވެ. ރޭ އޮތް އުފާފާޅުކުރުމުގެ އެއްވުމުގައި ސަރުކާރަށް ދެއްވި އިންޒާރަކި އޭގެ ހެއްކެކެވެ. ކެމްޕޭންގައި ރަށްރަށަށް ވަޑައިގަތުމުން މަރުހަބާ ކިޔަން ނުކުތް ސަރުކާރު ކުންފުނިތަކުގެ ބައެއް މުވައްޒަފުން ވަޒީފާއިން ވަކިކުރިކަމުގެ ތުހުމަތު ރައީސް މުހައްމަދު މުއިއްޒަށް އެބަ އޮތެވެ. ނަޝީދު ރައްދު ދެއްވީ އެކަމަށެވެ.

"ސަރުކާރުން އެއްވެސް މީހަކާ ދޭތެރޭގައި ބޭއިންސާފުން އެއްވެސް ކަމެއް ނުކުރާތި. އަޅުގަނޑުމެން ތިބޭނީ ގަދަފަދަކޮށް، ސީދާ ހަރަކާތަށް ނުކުންނަން ތައްޔާރަށް،" ނަޝީދު ވިދާޅުވި އެވެ.

އެހެން ވިދާޅުވީ އެ ހަރަކާތުގައި އެ ކުންފުނިތަކުގެ މައި އޮފީސްތައް ހިފާނެކަމުގެ އިންޒާރާ ވެސް އެކުގަ އެވެ.

އަނެއްކާވެސް ނަޝީދުގެ ސިޔާސީ ހަރަކާތްތައް، އެމްޑީޕީއާ އެކު މި ފެށުނީ އެވެ. ރުޅިއަންނަ މީހުން ރުޅިއަންނާށެވެ. އުފާކުރާ މީހުން އުފާކުރާށެވެ. ޕާޓީ 'ރޫޅާލާނެ' ކަމަށް ކިތައްމެ ވަރަކަށް ވިދާޅުވިޔަސް، ނަޝީދު ދޫނުކޮށްލާނެ ކަމާއި އެމްޑީޕީގެ ކުރިމަގު އަލިވާން އޮތީ އެމަނިކުފާނާ އެކު ކަމަށް ގަބޫލުކުރި އެ ޕާޓީގެ މެމްބަރުން ބަލަން ތިބޭށެވެ.

ކޮމެންޓް (4)

profile-image-placeholder

މުޙައްމަދު އަލް ޢާދިލް

14 ޖޫން 2026
ނަޝީދަކީ ކާއޮސް ޕޮލިޓިކްސްގެ ތަޖުރިބާ ކާރެއް. އޭނާ ވަރަށް މޮޅުވާނެ އިދިކޮޅުގައި ހުންނަން. އަދި ސަރުކާރަށް ޕުރެޝަރު ކުރަން. އެކަމަކު ހަމަ ކާއޮސް އެޑިކްޓެޑް ބުރެއިން އިން ޤައުމާ ޙަވާލުވެ ސްޓެބިލިޓީއެއް ނުހިފެހެއްޓޭ. ކޮންމެވެސް ކަމެއް ކޮށްލައިގެން ޤައުމު ހަލަބޮލިކުރެވޭތޯ އަބަދުވެސް އުޅޭނީ. ހެނދުނު ހޭލައިގެން މިއަދު މީމާފޫހި ދުވަހެކޭ ހިތާ ހަލަބޮލި ކުރެވޭނެ ގޮތެއް ނޫނީ ނުވިސްނާނެ. ހަމަޖެހުމާއި ސްޓެބިލިޓީއަކީ މީނާ ދަންނައެއްޗެއް ނޫން. 2028 އަކީ 2008 ކަމުގައި ވަންޏާ، 2032 އިސާހިތަކު 2012 އަށް ވުން އެކަށީގެންވޭ. އެނޫންގޮތަކަށް މީނާއަށް ހިންގަން ނޭގޭނެ. ދިވެހިން އެގޮތް ބޭނުމިއްޔާ އަހުރެން ބުނާނެ އެއްޗެއް ނެތް

ކޮބާ

13 ޖޫން 2026
70 ޕަސެންޓް އިނގޭތޯ

ހިމާރުލްގައުމު

13 ޖޫން 2026
ޓެކްސްކޮށްގެން ނޫން އެހެން ގޮަތަކަށް ލާރިއެއް ހޯދަން އެނގޭ މީހެއް ނޫން. ހިންގަން ނޭނގުނީމަ ހުރިހާ ކުންފުނިތައް ވިއްކާލުން ކުރާނެ ކަމަކީ. ހުރިހާ ކަމެއް ހިލޭ ވާންޖެހޭނެ ކަމަށް ވަކާލާތާކުރާ މީހެއް. ދިވެހިރާއްޖެއަށްވުރެ އިންޑިއާ އިސްކުރާ މީހެއް. މިދިޔަ ހަފްތާގަ ދިމާވި މަލިކު މަސްވެރިއެއް ބުނި 2008ގެ ކުރިން ތިމަންނަމެންނަށް މަހަށް ނުދެވޭ ތަންތަނަށް ޔައުނީ ރާއްޖޭގެ އީއީޒެޑަށް މީނަ ވެރިކަމަށް އައިސް ވަދެވޭ ގޮތަށް ހަދާފައޭ އޮންނަނީ.މުޅި ގައުމު މީނައަށް ވޯޓު ދިނަސް މަށެއް ނުދޭނަން.

ހިމާރުލްގައުމު

13 ޖޫން 2026
ފުރަތަމަ ފޮޓޯގަ މަޑު ނޫކުލައިގެ ގަމީހެއްގަ އެ ހުންނެވީވެސް ހާދަހާ ފަސްބައި ސާފު ސިޔާސީ ފަހުލަވާނެކޭ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް