ހުސެން އިރުޝާން އޭނާގެ އަންހެން ދަރިފުޅު އުރާލައިގެން: ދަރިފުޅުގެ ފުރާނަ ސަލާމަތް ކުރުމަށް އޭނާގެ މެއިން އެތިކޮޅެއް ދަރިފުޅަށް ދިނުމަށް ވަނީ ނިންމާފައި
އާ ހަޔާތެއްގެ އުއްމީދުގައި؛ ބައްޕަގެ މޭގެ އެއްބައި ދަރިފުޅަށް
ދެވަނަ ދަރިފުޅަށް ބަލިވެ އިނީއްސުރެ، ހުސެން އިރުޝާނާއި އޭނާގެ އަނބިމީހާ ފާތުމަތު މައިސާ އިންތިޒާރު ކުރަމުން އައީ ސިއްހަތު ރަނގަޅު، ލޯބިލޯބި އަންހެން ދަރިއަކަށެވެ. އުއްމީދު ކުރި ގޮތަށް، ލޯބިލޯބި އަންހެން ކުއްޖެއް ލިބުނު ނަމަވެސް، ސިއްހީ ގޮތުން އެ މީހުން ފަތަން ޖެހުނީ ގަދަ ކަނޑެއްގަ އެވެ.
ދުވަސްނުފުރާ ވިހެއުމުގެ ސަބަބުން ދަރިފުޅުގެ ސިއްހީ ހާލަތު މާ ބޮޑަށް ދަށަށް ދިޔައީ އެވެ. އެކަމަކު އެ ދެމަފިރިންގެ ހިތްހަލާކުވީ، މިހާރު ހަތަރު މަސް ފުރިފައިވާ ލިވިއަން އަލްވީގެ ފުރަމޭ ނުވަތަ ލިވާ ނަގަން ޖެހޭނެ ކަމަށް ބުނުމުންނެވެ. ފުރާނަ ސަލާމަތް ކުރުމަށް، އެ ދަރިފުޅުގެ ފުރަމޭ ބަދަލުކުރުމުގެ އޮޕަރޭޝަން ކުރަން ޖެހުނީ އެވެ.
"ލިވާ ޓްރާންސްޕްލާންޓް ހަދަން ޖެހޭނެއޭ ޑޮކްޓަރު ހަމަ ބުނިތަނާ އަޅުގަނޑު ނިންމައިފިން ޑޯނާއަކަށް އަޅުގަނޑުވާން،" ހދ. ނޭކުރެންދުއަށް އުފަން އެ ޒުވާނާ ބުންޏެވެ.
"އަޅުގަނޑުގެ މޭގެ އެތިކޮޅެއް ދަރިފުޅަށް ދޭން ޖެހެނީ. އެއީ އަޅުގަނޑުގެ ފުރާނަ. އެ ދަރިފުޅަށްޓަކައި އަޅުގަނޑު ނުދޭނެ އެއްޗެއް ނޯންނާނެ."
އަލްވީއަކީ 11 އަހަރަށް ފަހު އޭނާއަށް ލިބުނު ދަރި އެކެވެ. ކުރީގެ ކައިވެންޏަށް ފިރިހެން ދަރިއެއް ހުރި ނަމަވެސް މިހާރުގެ އަނބިމީހާއާ އެކު އޭނާއަށް ލިބުނު ފުރަތަމަ ދަރިފުޅެވެ. އެހެންވެ، އަލަށް ލިބުނު އަންހެން ދަރިފުޅާ އެކު އޭނާގެ އުފާވެރިކަން ހުރީ އިންތިހާގަ އެވެ. އެކަމަކު އެކަމަށް ހުރަސް އަޅަނީ ދަރިފުޅުގެ ބަލި ހާލަތެވެ.
މާބަނޑުއިރު ކުރިމަތިވި ސިއްހީ މައްސަލަތަކާ ގުޅިގެން، ވިހެއުމުގެ ދެ މަސް ކުރިން އެ ދެމަފިރިން އިންޑިއާއަށް ގޮސް ފަރުވާ ހޯދަން ފަށައިފި އެވެ. ދަރިފުޅާއި މައިމީހާގެ ރައްކާތެރިކަމަށް، ދުވަސް ނުފުރެނީސް، ސިޒޭރިއަން ހަދައިގެން ކުއްޖާ ނަގަން ޖެހުނެވެ. އޭރު ވެސް ތުއްތު އަލްވީގެ ލިވާ، އެ އުމުރުގެ ކުއްޖަކާ ބަލާފައި ބޮޑެވެ. އެކަމަކު ޑޮކްޓަރުން ބުނީ އުމުރު މަތިވާ ވަރަަކަށް ކުއްޖާގެ ހާލަތު ރަނގަޅުވާނެ ކަމަށެވެ.
"އޭރު ޑޮކްޓަރުން ފާހަގަކުރީ އަލްވީގެ އެހެން މައްސަލައެއް. އެކަމަށް އޮޕަރޭޝަން ވެސް ކުރިން. ދެން ރަނގަޅުވީ ކަމަށް ބަލައި ދެ މަސް ފަހުން މާލެ އައީ،" އިރުޝާން ބުންޏެވެ.
ވިހޭއިރު ވެސް ރީނދޫވުމުގެ މައްސަލަ ކުރިމަތިވި ތުއްތު އަލްވީ، މާލެ އައުމާއެކު ރީނދޫވުން މާ ބޮޑުވި އެވެ. ޓްރީ ޓޮޕް ހޮސްޕިޓަލަށް ދެއްކުމުން އެތަނުން އިރުޝާދު ދިނީ ރާއްޖޭން ބޭރަށް ދިޔުމަށެވެ.
އެންމެ ފަހުން އަނެއްކާވެސް އެ މީހުން އެނބުރި އިންޑިއާއަށް ގޮސް، ކިމްސް ހޮސްޕިޓަލަށް ދެއްކުމުން އެނގުނީ ދަރިފުޅުގެ ލިވާ ބަދަލު ކުރަން ޖެހޭ ކަމަށެވެ.
ލިވާ ބަދަލުކުރުމުގައި ޑޯނަރެއްގެ ގޮތުގައި އާއްމުކޮށް މެޗުވަނީ މަންމަ އާއި ބައްޕަ އެވެ. އަލްވީގެ މަންމަ ސިޒޭރިއަން ހަދާފައި ހުރުމާ އެކު، އެކަމަށް އިސް ނެގީ އިރުޝާން އެވެ. އޭނާ ބުނި ގޮތުގައި، އަނބިމީހާ އޮޕަރޭޝަން ކުރެވޭ ހާލަތުގައި ހުރި ނަމަވެސް ޑޯނަރެއްގެ ގޮތުގައި ހުރީހީ އޭނާ އެވެ.
ލިވާ ޓްރާންސްޕްލާންޓް އޮޕަރޭޝަނުގައި އިރުޝާނުގެ ލިވާއިން ނަގަން ޖެހެނީ %25 އެވެ. ދަރިފުޅުގެ ލިވާ އެއްކޮށް ނަގައި އެ ޖާގައިގައި ބާއްވަނީ ބައްޕަގެ މޭގެ އެތިކޮޅެވެ. މި އޮޕަރޭޝަނުގައި އިރުޝާނަށް ވުރެ ރިސްކު ބޮޑީ، އަލްވީ އަށެވެ.
"ހޮސްޕިޓަލުން ބުނެފައި އޮތީ އެތަނުގެ މި ފަދަ އޮޕަރޭޝަންތައް ވަރަށް ކާމިޔާބު ކަމަށް. އެކަމަކު ދަރިފުޅުގެ މުހިއްމު ނާރެއް ތަންކޮޅެއް ހިމަވީމާ، މި އޮޕަރޭޝަން ތަންކޮޅެއް އުނދަގޫވާނެ ކަމަށް. ސަވައިވް ނުވުމުގެ ޗާންސް ވެސް އޮތް ކަމަށް. ނަމަވެސް އެންމެން ވެސް އުއްމީދު ކުރަނީ ރަނގަޅުވާނެ ކަމަށް،" އިރުޝާން ބުންޏެވެ.
އޮޕަރޭޝަން ކުރަން ޖެހުނު ނަމަވެސް ޑޮކްޓަރުންނަށް އަދި ޔަގީން ނުވަނީ އެކަން ކުރެވޭނެ ދުވަހެކެވެ. ހަފުތާއެއް ފަހުންތޯ ނުވަތަ މަހެއް ފަހުންތޯ އަދި މުޅިން ބުނަން ނޭނގޭ ކަމަށް އިރުޝާން ބުންޏެވެ.
ބައްޕަގެ ލިވާ ދަރިފުޅަށް ދިނުމަށް ކުރާ އެ އޮޕަރޭޝަނުގެ އަގުބޮޑެވެ. ޖުމްލަ 20،000 ޑޮލަރު ނުވަތަ ތިން ލައްކައަށް ވުރެ ގިނަ ރުފިޔާ އެކަމަށް ހޭދަވެ އެވެ. އާސަންދައިން އެބައި ކަވަރު ވޭތޯ އާއިލާއިން މިހާރު ދަނީ މަސައްކަތް ކުރަމުންނެވެ. އެކަމަކު އެކަމުގެ ޔަގީންކަން އަދި ނުލިބޭއިރު، އެ ދުވަސްތަކުގައި އާއިލާއިން އިންޑިއާގައި ހުރުމަށް ވެސް ބޮޑު ހޭދައެއް ކުރަން ޖެހެ އެވެ. މިހާރު ވެސް ދަރިފުޅު ބާއްވާފައި އޮންނަ ކޮޓަރި އާއި ކެއުމަށް ވެސް ދުވާލަކު 100 ޑޮލަރަށް ވުރެ ގިނައިން ހޭދަ ކުރަން ޖެހެ އެވެ. އޮޕަރޭޝަނަށް ފަހު ވެސް އިންޑިއާގައި ތިބެން ޖެހޭނެ މުއްދަތެއް ނޭނގޭއިރު އެ އާއިލާއަށް މިއީ މާލީ ގޮތުން ވެސް ބޮޑު ބުރަ އެކެވެ.
"ދަރިފުޅަށްޓަކައި އަޅުގަނޑުގެ ހަށިގަނޑުން ނުދޭނެ އެއްޗެއް ނޯންނާނެ. އެކަމަކު މާލީ ގޮތުން މި ވަގުތު މިހިރީ ވަރަށް ބޮޑަށް އާއްމުންގެ އެހީތެރިކަމަށް ބޭނުންވެފައި،" އިރުޝާން ބުންޏެވެ.
ތުއްތު އަލްވީއަށް އެހީވުމަށް:
-
7770000128814 ރުފިޔާ އެކައުންޓް
-
7730000543204، ޑޮލަރު އެކައުންޓް، ފާތުމަތު މައިސާ
-
90103100527031000 އެމްއައިބީ އެކައުންޓް، ހުސެން އިރުޝާން
ކޮމެންޓް