އެމްޑީޕީގެ ޗެއާޕާސަން އިންތިހާބުގެ ކެމްޕެއިނަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ރަށަކަށް ވަޑައިގަތުމުން މަރުހަބާ ދަންނަވަނީ (ފޮޓޯ/ ހުސައިން ޝާފިއު)

ނަޝީދު މިހާރު ވެސް އެ ހުންނެވީ ކޮޅު ނަންގަވައިގެން، ދެން އެހެން ބަޔަކަށް ފުރުސަތު އޮންނާނީ ކިހިނެއް؟

އެމްޑީޕީގެ ޗެއާޕާސަންއަށް، ޕާޓީގެ އެެތެރޭގެ އިންތިހާބުގައި ވާދަކުރާ ކެންޑިޑޭޓުންނަށް ތާއީދުކުރުން މަނާ. އެކަމަކު ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ކެމްޕޭންގައި ވިދާޅުވަނީ ފައްޔާޒު އިސްމާއިލްއަށް ތާއީދުކުރައްވާ ވާހަކަ
43 މިނިޓު ކުރިން

އަންނަ ހޮނިހިރުދުވަހު އެމްޑީޕީގެ ޗެއާޕާސަންގެ އިންތިހާބަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ކުރިއަށް ގެންދަވާ 'ރިޔާސީ ކެމްޕޭން' ވެސް މިހާރު މި އޮތީ ނިމުމާ ކައިރިއަށް އައިސްފަ އެވެ. އެމަނިކުފާނުގެ ވާދަވެރިޔާ ރައްޔިތުންގެ މަޖިލިހުގެ މެމްބަރު މީކާއީލް އަހުމަދު ނަސީމް ވެސް ދޫދެއްވުމެއް ނެތި ކެމްޕޭން ކުރައްވަނީ އެވެ.

އެކަމަކު މިހާރު ވެސް އެއް ކަމެއް ޔަގީނެވެ: އެމްޑީޕީ ހިންގުމުގެ އިސް ޒިންމާ އުފުލަން ޖެހޭ ޗެއާޕާސަންގެ މަގާމަށް ނަޝީދު ނުކުންނެވީ ވެސް އަދި ކެމްޕޭން ކުރިއަށް ގެންދަވަނީ ވެސް ވަކިކޮޅެއް ނަންގަވައިގެން ކަމެވެ. އެމަނިކުފާނުގެ ފަހަތްޕުޅުގައި ހުންނެވި ފައްޔާޒު އިސްމާއިލް ރިޔާސީ ކެންޑިޑޭޓަކަށް ހަދަން އެމަނިކުފާނު ކުރައްވާ ތާއީދެވެ.

ނަޝީދު އެހާ ފާޅުކޮށް އެކަން އިއުލާންކުރައްވައިގެން އެތެރޭގެ އިންތިހާބުގެ ވޯޓަށް އެމްޑީޕީ ދާއިރު އާންމު މެމްބަރުން ވިސްނާނެ ގޮތެއް އަދި ނޭނގެ އެވެ. އެކަމަކު ޗެއާޕާސަންގެ ޒިންމާތަކުގެ ތެރޭގައި ރިޔާސީ ޕްރައިމަރީ ކުރިއަށް ގެންދިއުން ހިމެނެ އެވެ. އެމްޑީޕީގެ އަސާސީ ގަވާއިދު ބުނާ ގޮތުން އެތެރޭގެ އިންތިހާބުތަކުގައި ވާދަކުރާ އެއްވެސް ކެންޑިޑޭޓަކަށް ޗެއާޕާސަން ތާއީދުކޮށްގެން ނުވާނެ އެވެ.

އެމްޑީޕީގެ އަސާސީ ގަވާއިދުގެ 48 ވަނަ މާއްދާ

ޕާޓީގެ ސެކްރެޓޭރިއެޓް

  • ޕާޓީގެ އެންމެހާ އިދާރީ މަސައްކަތްތައް ބަލަހައްޓާނީ، ޕާޓީގެ ސެކްރެޓޭރިއަޓްއިންނެވެ. ސެކްރެޓޭރިއަޓްގެ މަސައްކަތްތައް ޗެއާޕާސަންގެ އިރުޝާދާ އެއްގޮތަށް ރާވާ ހިންގާނީ އަމީން އާންމުއެވެ. ސެކްރެޓޭރިއަޓްގައި ވަޒީފާ އަދާކުރާ މުވައްޒަފުންނަކީ ޕާޓީގެ ހުރިހާ މެމްބަރުންނަށް ވެސް ހަމަހަމަކަމާ އެކު ހިދުމަތް ދޭން ޖެހޭ ބަޔަކަށް ވާތީވެ، އެއްވެސް މުވައްޒަފަކު ޕާޓީގެ އެތެރޭގެ އެއްވެސް އިންތިހާބެއްގައި ބައިވެރިވެ، ނުވަތަ އެތެރޭގެ އިންތިހާބުތަކުގައި ވާދަކުރާ ފަރާތްތަކަށް ތާއީދުކުރާކަން ހާމަކޮށް އަމަލީ ގޮތުން މަސައްކަތްކޮށްގެން ނުވާނެ އެވެ.

އެމްޑީޕީގެ ސެކްރެޓޭރިއެޓްގެ އެންމެ އިސް ފަރާތަކީ ޗެއާޕާސަން އެވެ. އެހެންކަމުން ޗެއާޕާސަންގެ އިންތިހާބުގައި ނަޝީދު މިހާރު ވެސް އެ ދައްކަވަނީ ޕާޓީގެ އަސާސީ ގަވާއިދާ ހިލާފު ވާހަކަތަކެކެވެ. ކުރީގެ އިކޮނޮމިކް މިނިސްޓަރު ފައްޔާޒު ވަނީ 2028ގެ ރިޔާސީ ޓިކެޓަށް ވާދަކުރައްވާނެ ކަމަށް އިއުލާންކުރައްވައިފަ އެވެ. ނަޝީދު އަލުން އެެމްޑީޕީއަށް ގެންނެވުމުގެ ފަހަތުގައި ވެސް ވަނީ ފައްޔާޒުގެ އެ އުއްމީދެވެ.

އެމްޑީޕީގެ ރިޔާސީ ޕްރައިމަރީއަކީ ކުރިއަށް އޮތް އަހަރެއްހާ ދުވަހުގެ ތެރޭގައި ޕާޓީގެ އެތެރޭގެ އެންމެ ބޮޑު އިންތިހާބެވެ. އެ ޕްރައިމަރީއަށް ފައްޔާޒުގެ އިތުރުން ވެސް އާ އެތައް ބޭފުޅުންނެއްގެ ޝައުގުވެރިކަން އެބަ ހުއްޓެވެ. ކުރީގެ ރައީސް އިބްރާޙިމް މުހައްމަދު ސޯލިހު ވެސް، އެ އިންތިހާބަށް ނުނިކުންނަވާނެ ކަމަކަށް އަދި އިއުލާނެއް ނުކުރައްވަ އެވެ. ދެން ހުންނެވީ ނަޝީދެވެ. އެމަނިކުފާނުގެ ސިޔާސީ ހަޔާތްޕުޅުގެ މިސްރާބު ވެސް ހުރީ ގައުމުގެ ވެރިކަމާ ދިމާލަށެވެ. 

ނަޝީދުގެ ކެމްޕޭންގައި ފައްޔާޒު އިސްމާއިލް ވާހަކަ ދައްކަވަނީ: އޭނާގެ ރިޔާސީ ކެންޑިޑެންސީއަށް  ނަޝީދު ތާއީދުކުރައްވާ (ފޮޓޯ/ ކެމްޕެއިން ޓީމް)

ނަޝީދާއި ފައްޔާޒު އެކުވެގެން 19 އެޕްރީލް 2026ގައި ވަނީ 'ބޮޑު ބަދަލު'ގެ ނަމުގައި ރާއްޖޭގެ ވެރިކަމުގެ ނިޒާމަށް އިސްލާހުތަކެއް އިއުލާންކުރައްވައިފަ އެވެ. އެކަމަކު މިއީ އާ ގާނޫނުއަސާސީ އެކުލަވާލަމުން ދިޔައިރު ރާއްޖޭގައި ބާއްވަން ފެންނަ ވެރިކަމުގެ ނިޒާމު ކަނޑައަޅަން 2007ގައި އޮތް 'ނިޒާމީ ވޯޓު'ން ފެށިގެން ނަޝީދު ގެންގުޅުއްވާ ހިޔާލީފޮލާއެކެވެ. މިފަހަރު ސީދާ ބަރުލަމާނީ ނިޒާމެކޭ ނުކިޔައި، އެހެން ނަމެއް ކިޔައިގެން އެ ހުވަފެން ހަގީގަތަކަށް ހެއްދެވޭތޯ ނުކުންނެވީ އެވެ.

'ބޮޑު ބަދަލު'ގެ ވާހަކަތައް އަޑުއަހައި، އެއަށް ބޯ ޖަހަމުން އަދި ދަނީ ހަމައެކަނި ނަޝީދުގެ ސަޕޯޓަރުންނެވެ. އެހެންކަމުން އެ ހިޔާލުގައި ސިޔާސީ ބަތްގަނޑެއް ކެއްކުން އަދި އޮތީ ދުރުގަ އެވެ. މި ވަގުތު އެންމެންގެ ނަޒަރު ހުއްޓިފައި ވަނީ ޗެއާޕާސަންގެ އިންތިހާބަށެވެ. 

ނަޝީދަކީ ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާގެ މަގާމާއި ރައްޔިތުންގެ މަޖިލިހުގެ ރައީސްގެ މަގާމު ފުރުއްވާފައިވާ ސިޔާސީ އެންމެ އިސް އެއް ލީޑަރެވެ. ވަކި ކޮޅަކަށް ނުޖެހި ވާހަކަ ދައްކާ ނަމަ ކޮންމެ މީހަކަށް ވެސް ބުނެވޭނީ 'ދެން އެމްޑީޕީގެ ޗެއާޕާސަންގެ މަގާމަށް ނަޝީދު ވަޑައިގަންނަވާކަށް ނުވާނެދޯ' އެވެ. އެކަމަކު އެމަނިކުފާނުގެ އަތްޕުޅުގައި ސިޔާސީ ބާރެއް ނެތި ހުންނަވާތާ ތިން އަހަރު ވަނީ އެވެ. މިއީ ސިޔާސީ ހަރަކާތެެއްގައި ނޫން ގޮތަކަށް ދުވަސް ނުފައްޓަވާ ބޭފުޅަކަށް ވަރަށް ދިގު މުއްދަތެކެވެ. އެހެންކަމުން ފައްޔާޒާއި ނަޝީދުގެ ފަޅިއަށް ޗެއާޕާސަންގެ އިންތިހާބު ކާމިޔާބުކުރެވެން އޮތީ އެމަނިކުފާނު ނުކުންނަވައިގެން ކަމަށް ގަބޫލުފުޅުކުރެއްވުމާ އެކު، އެ ހުންނެވީ އެ ރޭހުގަ އެވެ.

ނަޝީދުގެ ކެމްޕޭންގައި ސަޕޯޓަރެއްގެ ވާހަކަ އަޑުއައްސަވަނީ (ފޮޓޯ/ކެމްޕެއިން ޓީމް)

ނަޝީދާއި ޔާމީންގެ އަޅާބެލުމެއް

ނަޝީދުގެ ކޮންމެ ފިޔަވަޅަކީ ސޯޝަލް މީޑިއާގެ ސަޕޯޓަރުންނަށް 'ޑިމޮކްރަސީ'ގެ ނަމޫނާއެކެވެ. އެމްޑީޕީ އުފެދިގެން އައި ފުރަތަމަ ދުވަސްވަރުގެ ހަރަކާތްތައް އޭގެ 20 އަހަރު ފަހުން އަނެއްކާވެސް ތަކުރާރުކުރަނީ އެވެ. ގޭގޭގެ ބަދިގެއަށް ވަންނަވާ ތަނެވެ. ސައިހޮޓާތަކުން މީހުންނާ ބަައްދަލުކުރައްވާ ތަނެވެ. އުމުރުން ދުވަސްވީ މީހުން އެމަނިކުފާނުގެ ގައިކޮޅުގައި ފިރުމާތަނެވެ.

އެއް ބަޔަކު ބުނެފާނެ އެވެ. ހަގީގީ ސިޔާސީ ލީޑަރުންނަކީ އެެއީ އެވެ.

އެކަމަކު ގިނަ ވަގުތުތަކެއް ތާސް ކުޅުއްވުމުގައި ހޭދަކުރައްވާ ކުރީގެ ރައީސް އަބްދުﷲ ޔާމީން އާއި ނަޝީދުގެ މިޒާޖު އަޅާބަލާލުމުން އެނގެނީ ކޮންމެހެން ގޭގޭގެ ބަދިގެއަށް ވަންނަވައި، ސައި ހޮޓާތަކާއި މައިޒާންތަކުގައި މީހުންނާ ބައްދަލުނުކުރެއްވިޔަސް ވެރިކަން ވެސް ކުރެއްވިދާނެ ކަމެވެ. ސިޔާސީ ގޮތުން ވަރުގަދަ ލީޑަރަކަށް ވެސް ވެވަޑައިގެންފާނެ ކަމެވެ.

ދެ ބޭފުޅުންގެ ވެރިކަމުގައި ވެސް އިދިކޮޅު ހަރަކާތްތައް އެހާމެ ވަރުގަދަ އެވެ. ނަޝީދުގެ ވެރިކަން ވައްޓާލަން އަޑިން ރޭވިރޭވުންތަކަށް ވުރެ ވެރިކަމުން ޔާމީން ބާލަން ރޭވިރޭވުންތައް މާ ގިނަ އެވެ.

ފުލުހުންނާއި ސިފައިން ވެސް ބައިވެރިވި 7 ފެބްރުއަރީގެ ހަމަނުޖެހުންތަކުގައި ނަޝީދު އިސްތިއުފާ ދެއްވީ އެވެ. އެއީ ޑިމޮކްރަސީގެ ނަމޫނާއެއް ކަމަށް، އެމަނިކުފާނުގެ ސަޕޯޓަރުން އަބަދުވެސް ބުނެ އެވެ.

ޔާމީން ހެއްދެވީ ކިހިނެއްތޯ އެވެ؟ ކުރު ހުލާސާއެކެވެ.

  • 1 މޭ 2015: އިދިކޮޅުން ބޭއްވި މޭ ޑޭގެ ބޮޑު އެއްވުން، ވެރިކަން ވައްޓާލެވޭ ހިސާބަށް ދިއުމުގެ ކުރިން، އަނިޔާވެރިކޮށް ރޫޅާލައި، އެ މުޒާހަރާގެ އިސް ލީޑަރުން ހައްޔަރުކޮށް، އެތައް ބަޔަކަށް ޓެރަރިޒަމްގެ ދައުވާކޮށް ޖަލަށް ލި.

  • ފެބްރުއަރީ 2016: މާފުށީ ކޯޓުން ނެރުނު އަމުރަކަށް މާމިގިލީ ކޯޓުގެ އިސް މެޖިސްޓްރޭޓް އަހުމަދު ނިހާން ބަދަލު ގެންނަވައި، ޔާމީން ހައްޔަރުކުރަން  އަމުރެއް ހެއްދެވި. އެކަމަކު ހައްޔަރުވީ ނިހާން. އޭނާގެ މައްޗަށް ކުރި 17 އަހަރުގެ ހުކުމް، ޔާމީންގެ ވެރިކަން ނިމުމާ އެކު ހައި ކޯޓުން ބާތިލްކުރި

  • ޔާމީން ހައްޔަރުކުރުމުގެ އެ އަމުރު ނެރުމުގައި ބައިވެރިވެވަޑައިގަތުމުގެ ކުށް، ޔާމީން ވެރިކަމުގެ ފުރަތަމަ ޕްރޮސެކިއުޓަ ޖެނެރަލް މުހުތާޒް މުހުސިންގެ މައްޗަށް ވެސް ސާބިތުކުރި. ނަމަވެސް އެ ހުކުމް ވެސް ޔާމީންގެ ވެރިކަން ނިމުމުން ބާތިލްކުރި

  • 2017: ރައްޔިތުންގެ މަޖިލިހުގެ ޕީޕީއެމް 12 މެމްބަރުން ޔާމީނާ ދެކޮޅަށް ނުކުންނެވުމުން އެ ބޭފުޅުންގެ ގޮނޑި ގެއްލުނު ކަމަށް ކަނޑައަޅައި، މަޖިލީހަށް ނުވެންނެވޭ ގޮތް ހެދި

  • 1 ފެބްރުއަރީ 2018: ޔާމީންގެ ވެރިކަމުގައި ހައްޔަރުކޮށް ހުކުމް އިއްވާފައި ތިއްބެވި ސިޔާސީ ހުރިހާ ލީޑަރުން ދޫކުރާށާއި މަޖިލިހުގެ މެމްބަރުކަން ގެއްލުނު ކަމަށް ކަނޑައެޅި މެމްބަރުންގެ ގޮނޑި ނުގެއްލޭ ކަމަށް ބުނެ ސުޕްރީމް ކޯޓުން އަމުރެއް ނެރުނު

  • އެ އަމުރު ތަންފީޒުކުރަން ފުލުހުންނާއި އެމްއެންޑީއެފްގެ ލީޑަޝިޕުން ތިބީ ތައްޔާރަށް. އެކަމަކު ޔާމީން އެ ފުރުސަތެއް ނުދެއްވި

  • ޔާމީންގެ އެންގެވުމަށް އުއްތަމަ ފަނޑިޔާރާއި ފަނޑިޔާރު އަލީ ހަމީދު ހައްޔަރުކޮށް، ފަހުން ޖަލަށް ހުކުމް ކުރި

ޔާމީންގެ އެ އަމަލްތަކާ މެދު ގާނޫނީ ބޮޑެތި ސުވާލުތައް އެބަ ހުއްޓެވެ. ޑިމޮކްރަސީގެ ހަމަތަކާ މުޅިން ހިލާފު ވެސް މެ އެވެ. އެކަމަކު ބައެއްގެ ރޭވުމެއްގެ ދަށުވެ ރައީސްގެ މަގާމު ދޫނުކުރެއްވުމާއި ރައްޔިތުންގެ ވޯޓުން ނޫން ގޮތަކަށް އެ މަގާމުން ވަކިވެވަޑައިނުގެންނެވުމުގެ އަޒުމަކީ ވެސް، ލީޑަރުންގެ ވަރަށް ވަރުގަދަ ސިފައެކެވެ.

ނަޝީދުގެ ސަޕޯޓަރުން ބުނާނެ އެއް ވާހަކައަކީ ޔާމީން ކުރެއްވި ފަދަ އަމަލްތަކެއް ނަޝީދު ނުކުރައްވާނެ ކަމެވެ. ނަމަވެސް އެއީ ހަގީގަތެއް ނޫނެވެ. ނަޝީދުގެ ވެރިކަމުގައި ސުޕްރީމް ކޯޓުގައި ތަޅު އެޅުވި އެވެ. ސިފައިން ލައްވާ ޔާމީނާއި ކްރިމިނަލް ކޯޓުގެ ގާޒީ އަބްދުﷲ މުހައްމަދު ހައްޔަރުކުރި އެވެ. ޖޭޕީގެ ލީޑަރު ގާސިމް އިބްރާހިމް އާއި އޭރުގެ އިދިކޮޅު މެމްބަރު އަހުމަދު ނާޒިމް ވެސް ޖަލަށް ލި އެވެ.

ނަޝީދަކީ ކޮން ބޭފުޅެއްކަން އެމްޑީޕީގެ މެމްބަރުންނަށް އެނގޭނެ

އެމްޑީޕީގެ ޗެއާޕާސަންގެ ކެމްޕޭންގައި ނަޝީދުގެ ސިޔާސީ ހަރަކާތްތެރިކަން ކިތައްމެ ބޮޑަކަށް ވެސް ދެއްކިދާނެ އެވެ.

ޕާޓީގެ ކޮންޓްރޯލް ލިބިވަޑައިގަތުމާ އެކު ނަޝީދު ދެން ކަން ކުރައްވާނެ ގޮތް އެނގޭނެ މެމްބަރުން އެމްޑީޕީގައި ގިނަ އެވެ. މާޒީން ހޯދެން އޮތް ތަޖުރިބާއަކީ އެމަނިކުފާނު ބޭނުންފުޅު ނޫން މީހަކަށް ޕާޓީގެ ތެރެއިން ކުރިއަށް ދިއުމުގެ ފުރުސަތު ނުލިބޭނެ ކަމެވެ.

އެކަން މި ކެމްޕޭނުން ވަރަށް ރަނގަޅަށް ސާބިތުވެ އެވެ. 'ބޮޑު ބަދަލު'ގެ ހުށައެޅުމަކީ ޗެއާޕާސަން އިންތިހާބަށް ފަހު ފައްޔާޒު ނޫން އެހެން ބޭފުޅަކަށް ޕާޓީގެ ތެރެއިން ފުރުސަތު ހަނިކޮށްލުމެވެ. ރަސްމީކޮށް އެކަން އިއުލާންކުރުމެވެ. 

ނަޝީދުގެ ސިޔާސީ ހަޔާތްޕުޅުގައި އިއްޔެއަކީ ވަރަށް ނާކާމިޔާބު ދުވަހެކެވެ. ސޯލިހުއާ ވާދަކުރައްވައި 2023ގެ ރިޔާސީ ޕްރައިމަރީން ބަލިވެވަޑައިގަތުމުން އެމްޑީޕީ ރޫޅާލަން އުފެއްދެވި ޕާޓީ، 'ދަ ޑިމޮކްރެޓްސް'ގައި 3،000 މެމްބަރުން ހަމަނުވުމުން ސިޔާސީ ޕާޓީގެ ދަފުތަރުން އުނިކުރީ އިއްޔެ އެވެ. އެއީ 'ދަ ޑިމޮކްރެޓްސް'ގެ ރަސްމީ ޖަނާޒާ އެވެ.

އެމްޑީޕީގެ ޗެއާޕާސަން އިންތިހާބުގެ ކެމްޕޭންގައި މަޖިލިސް މެމްބަރު މީކާއީލް އަހުމަދު ނަސީމް ސަޕޯޓަރަކާ ބައްދަލުކުރައްވަނީ (ފޮޓޯ/އެމްޑީޕީ)

އެމްޑީޕީއަކީ ނަޝީދުގެ ސިޔާސީ ދިރުމެވެ. އެމްޑީޕީ ދޫކުރެއްވުމުގެ ނަތީޖާއަކީ ސިޔާސީ ގޮތުން އެކަހެރިވެ، ނިކަމެތިވުމެވެ. އެކަމަކު އަލުން އެމްޑީޕީއާ ގުޅިވަޑައިގަތުމުން އަނެއްކާވެސް ދިރުން މި އޮތީ އައިސްފަ އެވެ. ޗެއާޕާސަންގެ އިންތިހާބު ކާމިޔާބުކުރެވިއްޖެ ނަމަ އެ ދިރުން މިހާރަށް ވުރެ ވެސް ބޮޑުވާނެ އެވެ. އެކަމަކު 30 ޖޫން 2018ގައި އުުކުޅަހުގައި ބޭއްވި އެމްޑީޕީގެ ކޮންގްރެސްގައި އެ އަހަރުގެ ރިޔާސީ ޓިކެޓް ސޯލިހަށް ދޭން ނިންމި ހިސާބުން އެމްޑީޕީގެ ތެރެއިން ދޫވި ނަޝީދުގެ ބާރާ އެއްވަރުގެ ބާރެއް އަލުން ހޯއްދެވިދާނެތޯ ސުވާލު އުފެދެ އެވެ.

އެ ސުވާލު ޖަވާބު ލިބޭނީ އަދި ފަހުންނެވެ.

މި ވަގުތު ދިވެހިންގެ އިންތިޒާރު ގުޅިފައި އޮތީ އަންނަ ހޮނިހިރުުދުވަހުގެ ޗެއާޕާސަންގެ އިންތިހާބާ އެވެ. އެމްޑީޕީގެ އާންމު މެމްބަރުންގެ މެޖޯރިޓީ އޮތީ ނަޝީދަށްތޯ ނުވަތަ ނޫންތޯ، ވޯޓުގެ ކުރިއަކުން ކަށަވަރެއް ނުކުރެވޭނެ އެެވެ. އޭގެ ކުރިން ދެއްކޭނީ ބޮޑެތި ވާހަކަތަކެވެ. ފަތުރާލެވޭނީ ހަރަކާތްތެރި ފޮޓޯތަކާއި ވީޑިއޯތަކެވެ.

މީކާއިލް ވެސް ހަމަ ގަދައަށް ކެމްޕޭން އެބަ ކުރައްވަ އެވެ. އޭނާގެ ކެމްޕޭނުން ފާހަގަކޮށްލެވޭ އެއް ވާހަކައަށް ޖެހިލާ ނަމަ 7 މޭގައި އާންމުކުރެއްވި ހުޅުވާލެވިފައިވާ ސިޓީގައި އޮތް އެއް ޖުމްލަ، އެމްޑީޕީގެ މެމްބަރުންނަށް، ވަަރަށް މުހިންމެވެ.

"އަޅުގަނޑު ގަބޫލުކުރާ ގޮތުގައި ވަކި ރިޔާސީ ކެންޑިޑޭޓަކަށް ތާއީދުކޮށްގެން ހުރި ކެންޑިޑޭޓަކު ޗެއާޕާސަންކަމަށް އިންތިހާބުވެއްޖެ ނަމަ، ޕާޓީ އަނެއްކާވެސް ބައިބައިވެ، 2028ގެ ރިޔާސީ އިންތިހާބު ގެއްލުމުގެ ފުރުސަތު ބޮޑުވެ، ޕާޓީ އަނެއްކާވެސް މަގުމަތިވުމުގެ ބިރު ބޮޑެވެ."

އެ ވިދާޅުވީ ނަޝީދު މިހާރު ވެސް ކޮޅު ނަންގަވައިގެން ހުންނެވި ކަމެވެ. ދެން އެހެން ބަޔަކަށް ޕާޓީގެ ތެރެއިން ފުރުސަތު ލިބޭނީ ކިހިނެއް ހެއްޔެވެ؟

ކޮމެންޓް

profile-image-placeholder

އިތުރު އާޓިކަލް

އިތުރު އާޓިކަލް