މަޖިލީހުގެ ނައިބު ރައީސްކަމަށް އަންނާނެ ކަމަށް ބެލެވޭ ހަތަރު ބޭފުޅުން (ކ-ވ): ފަލާހު، ސަލީމް، ތޯރިގް އަދި ޝުޖާއު

މަޖިލީހުގެ ނައިބު ރައީސްއަށް މީގެ ތެރެއިން ކޮން ބޭފުޅެއް؟

މިހާތަނަށް ލިބިފައި ހުރި މައުލޫމާތުތަކުން ބެލެވޭ ގޮތުގައި މަޖިލީހުގެ ނައިބު ރައީސްކަމަށް އައުން ކައިރީ ޝުޖާއު، ފަލާހު، ތޯރިގު އަދި ސަލީމްގެ ތެރެއިން ކޮންމެވެސް ބޭފުޅެއް

ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސްކަމުން ދިއްގަރު ދާއިރާގެ މެންބަރު އަހްމަދު ނާޒިމް ވަކިކުރުމުގެ މައްސަލަ މާދަމާގެ ޖަލްސާއަށް އޮތީ އެޖެންޑާކޮށްފަ އެވެ. ޕީއެންސީއަށް ސުޕާ މެޖޯރިޓި އޮތް މަޖިލިހުން ނަގާ ވޯޓުގައި ނާޒިމް ވަކިކުރާނެ އެވެ. 

މިހާރު އޮތް އެއް ސުވާލަކީ ނާޒިމް ވަކިކުރުމަށް ފަހު، އެ މަގާމަށް ޕީއެންސީ ގެންނާނީ ކޮން ބޭފުޅެއް ހެއްޔެވެ؟ ޕީއެންސީގެ ޕީޖީގެ ފުރިހަމަ ކޮންޓްރޯލް އޮތް ރައީސް މުހައްމަދު މުއިއްޒު ބޭނުންފުޅުވަނީ ކޮން ބޭފުޅެއް ގެންނަން ހެއްޔެވެ؟ މި ދެ ސުވާލުގެ ޖަވާބު މާދަމާ ނުވަތަ ވަރަށް އަވަހަށް ލިބޭނެ ކަމަށް ބެލެވެ އެވެ. ނަމަވެސް މިހާތަނަށް ލިބިފައި ހުރި މައުލޫމާތުތަކަށް ބަލާއިރު، މި މަގާމަށް އަންނާނެ ކަމަށް ބެލެވޭ ހަތަރު ބޭފުޅަކު އެބަ ތިއްބެވެ. އެއީ:

  • ބާރަށު ދާއިރާގެ މެންބަރު އިބްރާހިމް ޝުޖާއު

  • މަހިބަދޫ ދާއިރާގެ މެންބަރު އަހްމަދު ތޯރިގް (ޓޮމް)

  • ޕީޖީ ލީޑަރު، އިނގުރައިދޫ ދާއިރާގެ މެންބަރު އިބްރާހިމް ފަލާހު

  • އޭދަފުށި ދާއިރާގެ މެންބަރު އަހްމަދު ސަލީމް (ރެޑްވޭވް ސަލީމް)

މިއީ ޕީއެންސީގެ 75 މެންބަރުންގެ ތެރެއިން ސިޔާސީ ގޮތުން އެންމެ ތަޖުރިބާ ހުރި މެމްބަރުންގެ ތެރެއިން ހަތަރު ބޭފުޅުންނެވެ. މަދުވެގެން ދެ ދައުރުގައި މެމްބަރުކަން ކުރެއްވި އެވެ.

އިބްރާހިމް ޝުޖާއު

ބާރަށު ދާއިރާގެ މެމްބަރު އިބްރާހިމް ޝުޖާއު (ފޮޓޯ/މަޖިލިސް)

މިއީ ޝުޖާއު މަޖިލީހުގެ މެންބަރުކަން ކުރައްވާ ދެވަނަ ފަހަރެވެ. އަށާރަ ވަނަ މަޖިލިސް، 2014 އިން 2019އަށް، ވެސް ބާރަށު ދާއިރާގެ މެންބަރުކަން ކުރެއްވި އެވެ.

ނަވާރަ ވަނަ މަޖިލީހުގެ އިންތިހާބުން ނާކާމިޔާބުވެވަޑައިގަތީ އެވެ. އެކަމަކު 2021ގެ ކައުންސިލް އިންތިހާބުގައި މާލެ ސިޓީ ކައުންސިލްގެ ހުޅުމާލެ ދާއިރާގެ ކައުންސިލް މެންބަރުކަން ހޯއްދެވި އެވެ. އޭރު މާލޭގެ މޭޔަރަކަށް ހުންނެވީ ރައީސް މުއިއްޒެވެ. 

ޝުޖާއުއަކީ، ޕީއެންސީގެ ނައިބު ރައީސް އަދި ޕީޖީގެ ސީނިއާ ޑެޕިއުޓީ ލީޑަރެވެ. ޕީޕީއެމް އިދިކޮޅުގައި އޮތްއިރު ޕާޓީގެ ހަރަކާތްތަކުގައި އިސް ސަފުން އޭނާ ފެނުނެވެ.

އިތުބާރު ހުރި މަސްދަރުތަކުން 'ދައުރު'އަށް މައުލޫމާތު ލިބިފައިވާ ގޮތުގައި މަޖިލީހުގެ ނައިބު ރައީސްގެ މަގާމަށް އައުމަށް ޝުޖާއުގެ ޝައުގުވެރިކަން އެބަ އޮތެވެ.

އަހްމަދު ތޯރިގް (ޓޮމް)

މަހިބަދޫ ދާއިރާގެ މެންބަރު އަހުމަދު ތޯރިގު (ފޮޓޯ/ މަޖިލިސް)

މިއީ ތޯރިގް މަޖިލީހުގެ މެންބަރުކަން ކުރައްވާ ތިން ވަނަ ފަހަރެވެ. އެންމެ ފުރަތަމަ އޭނާ މަޖިލީހަށް އިންތިހާބުވީ 2013ގަ އެވެ. އޭގެ ފަހުން މަހިބަދޫ ދާއިރާގެ ގޮނޑި އޭނާގެ އަތުން ނުގެއްލެ އެވެ. 

މަޖިލިހުގެ އާ ނައިބު ރައީސަކަށް އަންނާނެ ކަމަށް ބެލެވޭ ހަތަރު ބޭފުޅުންގެ ތެރެއިން އެންމެ ތައުލީމީ ބޭފުޅަކީ ވެސް ތޯރިގެވެ. އޭނާ ވަނީ ސީއެޗުއެސްއީގައި އޭ ލެވެލް ހެއްދެވުމަށް ފަހު މެލޭޝިއާގައި އެކައުންޓިންގެ ދާއިރާއިން ފުރަތަމަ ޑިގްެރީ ހާސިލްކުރައްވައިފަ އެވެ.

 މިހާރުގެ މަޖިލިސް ފެށުނު އިރު ޕީއެންސީ ޕީޖީގެ ޑެޕިއުޓީ ލީޑަރަކަށް ވެސް ހުންނެވި އެވެ. ނަމަވެސް ފަހުން އޭނާ އަމިއްލައަށް އެ މަގާމުން ވަކިވަޑައިގަތީ އެވެ.

ސިޔާސީ ޒިންމާތަކުގެ އިތުރުން ގައުމީ ޓީމުގެ ކުރީ ފޯވަޑް ތޯރިގަކީ އެފްއޭއެމްގެ މިހާރުގެ ރައީސް ވެސް މެ އެވެ.

އިބްރާހިމް ފަލާހު

މަޖިލީހުގެ ޖަލްސާއެއްގައި ފަލާހު ވާހަކަ ދައްކަވަނީ (ފޮޓޯ/ މަޖިލިސް)

މިއީ ފަލާހު މަޖިލީހުގެ މެންބަރުކަން ކުރައްވާ ދެވަނަ ފަހަރެވެ. ޕީޕީއެމްގެ މެމްބަރެއްގެ ގޮތުން މަޖިލިހަށް ފުރަތަމަ ވެންނެވީ 2014ގަ އެވެ. އެކަމަކު 2019ގެ އިންތިހާބު ކާމިޔާބެއްނުކުރެއްވުނެވެ.

އޭގެ ފަހުން ފަލާހު ފެނުނީ ސިޔާސީ ގޮތުން އެހާ ހަރަކާތެރިކޮށެއް ނޫނެވެ. އޭނާ ޕީޕީއެމްގައި އަލުން މަސައްކަތް ފެއްޓެވީ ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރަށް ފަހު އެވެ. 

ފަލާހަކީ ރައީސް މުއިއްޒުގެ އެންމެ އަރިސް އަދި އިތުބާރުކުރައްވާ އެއް މެންބަރެވެ. އޭގެ ހެއްކަކީ ޕީޖީ ލީޑަރަކަށް ހުންނެވުމެވެ. 

މަޖިލީހުގެ ނައިބު ރައީސްގެ މަގާމަށް ފަލާހުގެ ޝައުގުވެރިކަން ބޮޑެވެ. އެކަމަށް އޭނާ އަންނަނީ މަސައްކަތް ވެސް ކުރައްވަމުންނެވެ.

އަހްމަދު ސަލީމް

މަޖިލީހުގެ މުޅި ކޮމިޓީ ބައްދަލުވުމެއްގެ ތެރެއިން އޭދަފުށި ދާއިރާ މެންބަރު އަހްމަދު ސަލީމް  ވާހަކަ ދައްކަވަނީ (ފޮޓޯ/ މަޖިލިސް)

މިއީ މިވަގުތު ރައްޔިތުންގެ މަޖިލިހުގައި އިންނެވި އެންމެ ގިނަ ދުވަސް ވީ އެއް މެމްބަރެވެ. އެގޮތުން 2004 އިން ފެށިގެން މިހާތަނަށް މަޖިލިހުގައި އޭނާ ހޭދަކުރައްވަމުން އެ ގެންދަވަނީ ފަސް ވަނަ ދައުރެވެ. 

ނިމިދިޔަ 19 ވަނަ މަޖިލީހުގައި މައިނޯރިޓީ ލީޑަރު އަދި ޕީޕީއެމްގެ ޕާލިމަންޓްރީ ގްރޫޕުގެ ލީޑަރަކީ ވެސް ސަލީމެވެ. 

އޭނާއަކީޚ މަޖިލީހުގެ ބާރުގަދަ ދެ ކޮމިޓީގެ ތެރެއިން ސަލާމަތީ ހިދުމަތްތަކާ ބެހޭ ކޮމިޓީގެ މުގައްރިރު އަދި މާލިއްޔަތު ކޮމިޓީގެ ނައިބު މުގައްރިރެވެ. މި މަޖިލީހުގައި  މިހާތަނަށް ހޮވި ދެ ބަޖެޓު ކޮމިޓީގެ މުގައްރިރަކީ ވެސް އޭނާއާ އެވެ.

މި ހަތަރު ބޭފުޅުންގެ ތެރެއިން ހާޒިރީ އެންމެ ރަނގަޅަށް އޮތީ ފަލާހާއި ޝުޖާއުގެ އެވެ.

ނައިބު ރައީސަކީ މަޖިލީހުގެ ރައީސް ނެތް ހާލަތުގައި ޖަލްސާގެ ރިޔާސަތު ބަލަހައްޓަވާ ބޭފުޅެވެ. 

މި ހަަތަރު ބޭފުޅުންގެ ބޭރުން ވެސް ނައިބު ރައީސްގެ މަގާމަށް އެހެން މެމްބަރަކު އައުމުގެ ފުރުސަތު ވެސް އެބަ އޮތެވެ. ނަމަވެސް ޕީއެންސީގެ ބައެއް މަންބަރުންގެ ފަރާތުން ލިބުނު މައުލޫމާތުތަކުން އެނގޭ ގޮތުގައި މިހާތަނަށް މޭޒު މަތީގައި މި ހަތަރު ބޭފުޅުންގެ ނަމެވެ. 

ގޮތް ނިންމަވާނީ ރައީސް މުއިއްޒެވެ.

ކޮމެންޓް (4)

ތެފައާސާ.

31 މޭ 2026
ތިޔަ ލިސްޓުގައި ތިޔަ ތިއްބެވީ ހުރިހާ ރައްޔިތުންގެ މައްޗަށް ގާނޫނު ހަދާ މަޖިލީހުގައި ނައިބުރައީސްކަން ކުރަން މި ގައުމުން ހުނިޖަހާލާފައިވެސް ނެގޭނޭ އެންމެ ގާބިލް ތައުލީމީ ބޭބޭފުޅުން. ވަކި ބޭފުޅަކު ރަނގަޅޭ ބުނުން ވާނީ ދެންތިއްބެވި ބޭފުޅުންނަށް ކުރެވޭ ކުޑައިމީސް ކަމަކަށް. މަޖިލީހުގެ ރައީސް އޮނަރަބަލް އަދުރޭ އާއިއެކު މިތަނުން ކޮންމެ ބޭފުޅަކު ނައިބަކަށް ލިއަސް، ހިއެއް ނުވޭ މި ސަރަހައްދުންވެސް މިއަށްވުރެ ގާނޫނު ހަދާ މަޖިލީހެއް ލީޑުކުރާން ވަރުގަދަ އެހެން ޓީމެއް އޮންނާނޭހެނެއް.
7 0

އަހްމަދު

31 މޭ 2026
ކޮންމެ މީހަކު ނައިބުރައީސްގެ މަޤާމަށް އައަސް ރައްޔަތުންނަށް ވާނެ އެއްވެސް ފައިދާއެއް ނޯންނާނެ. އެހެންކަމުން މިކަމާމެދު ވިސްނާ މީހުންނެއް ނެތް. މި ސުވާލަކީވެސް ބޭކާރު ސުވާލެއް
8 0

ެތުރާކުނު

30 މޭ 2026
އިލްމެއް ހުރީ ޓޮމްގެ، ދެން ސަލީމްގެ ތަޖުރިބާ
5 1

2229

31 މޭ 2026
@ެތުރާކުނު ކޮންކަމެއް ކުރުމުގެ ތަޖްރިބާއެއް؟ ކުއްލިއަަކަށް މުއްސަނދިވުމުގެ ތަޖްރިބާ؟ ކާތިބަކަށް ހުރެ! ރަންވަޅެއް ފެނުނީތޯއްޗެ
4 0

އިތުރު އާޓިކަލް

އިތުރު އާޓިކަލް