ހައްޖުގެ އަޅުކަމަށް ގޮސް ކުރި ތަވާފަށް ފަހު ފައިރޫޒާ ގެފުޅު ކުރިމަތީގައި ހުއްޓިލައިގެން

ފައިރޫޒާގެ ވާހަކަ: އުމްރާއަކަށް ކުރި އުއްމީދު ހައްޖަކަށް

ގުރުއަތުން ފައިރޫޒާއަށް ހައްޖު ދަތުރެއް ލިބުނީ އަންނަ އަހަރަށް. އެކަމަކު އިމްތިހާނަކަށް ފަހު އޭނާއަށް މި އަހަރު ތަނަވަސްވި

ދޮޅު މިލިޔަނަށް ވުރެ ގިނަ ހައްޖުވެރިން މިހާރު ތިބީ އަރަފާތު ބިމުގަ އެވެ. އޭގެތެރޭގައި ފާތުމަތު ފައިރޫޒާ އާދަމް ވެސް ހިމެނެ އެވެ. ކަޅާއި ހުދުގެ ހެދުމުގައި ތިބި އެތައް ހާސް މީހުންނާ އެކު، ސަރާސަރު އެ ބިމުގައި އަޅުކަމުގައި މަޝްއޫލުވެގެންނެވެ. އެކަމަކު އެ މާތްބިމުގައި ފައިޖައްސާލައި، ހައްޖުގެ ރުކޫއު އަދާކުރުމަށް އޭނާ ކުރި ދަތުރާއި އޭގެ ވާހަކަ ވަރަށް ހާއްސަ އެވެ

މައްކާގެ ބިމުގައި ހުރެގެން ފައިރޫޒާގެ ވާހަކަ ހިއްސާކުރީ، އެއިން ބަޔަކަށް އިބްރަތެއް ލިބޭނެ ކަމުގެ އުއްމީދުގަ އެވެ.

އުމުރުން މިހާރު 39 އަހަރުގެ، ދެ ކުދިންގެ މަންމަގެ ނަން މީގެ ކުރިން އިވެމުން އައީ ދަނޑުމަތިންނެވެ. އޭނާއަކީ މޮޅު ހޭންޑްބޯޅަ ކުޅުންތެރިއެކެވެ. ގައުމީ ޓީމަށް، 2015 އަހަރުއްސުރެ އައީ ކުޅެމުންނެވެ. އެކަމަކު ދެވަނަ ދަރިފުޅަށް ބަނޑުބޮޑުވެ، 2024 ވަނަ އަހަރުގެ ފަހުކޮޅު ވިހެއުމާ އެކު އޭނާއަށް ޖެހުނީ އެކަމުން ބްރޭކެއް ނަގާށެވެ.

ގައުމީ ޓީމު ސައުދީ އަރަބިއްޔާގައި މެޗެއް ކުޅެން ހަމަޖެހިފައި އޮތްކަން ފައިރޫޒާއަށް އެނގުނީ އެދުވަސްކޮޅެވެ. ސައުދީއަށް ދެވިއްޖެ ނަމަ، ހުރިހާ އެންމެންނަށް ވެސް އުމްރާ ކުރުމުގެ ފުރުސަތު ލިބޭނެ އެވެ. އުމްރާ ދަތުރަކަށް އުއްމީދުކޮށްގެން ހުރި ފައިރޫޒާއަށް، ޓީމުގައި ބައިވެރިނުވެވުމުން ކުރެވުނު ހިތާމަ ބޮޑެވެ.

އެ ދުވަސްވަރަކީ ވިހެއުމަށް ފަހު ބައެއް މައިން ކުރިމަތިލާ، ޕޯސްޓްޕާޓަމް ޑިޕްރެޝަން ވެސް ކުރިމަތިވެފައިވާ ދުވަސްވަރަކަށްވުމުން އުމްރާގެ ފުރުސަތު ގެއްލުމުން އޭނާއަށް އެ ހިތާމަ ކުރެވުނީ މާ ބޮޑަށެވެ.

އުމްރާގެ ފުރުސަތު ލިބޭތޯ، ޓީމުން ޖާގައެއް ހޯދުމަށް، ވިހާ ގަދަވުމާ އެކު ފައިރޫޒާ ކުޅެން ނުކުތެވެ. އެކަމަކު ޓީމުގެ ފައިނަލް ސްކޮޑުގައެއް ނުހިމެނުނެވެ. އެންމެ ފަހުން އެކުވެރިން އުމްރާކޮށް، މަދީނާގައި ހޭދަކުރި ވަގުތުތައް އޭނާ ބަލަން ޖެހުނީ ފޮޓޯއާ ވީޑިއޯއިންނެވެ.

"ވަރަށް ދެރަވި އެ އުމްރާގެ ފުރުސަތު ގެއްލުމުން. ވަރަށް ރޮވުނު،" ފައިރޫޒާ ބުންޏެވެ.

ހައްޖުގެ އަޅުކަން އަދާކުރުމަށް ދޮޅު މިލިޔަނަށް ވުރެ ގިނަ މީހުން މިއަދު އަރަފާތު ބިމަށް ޖަމާވެފައި

އެ ދުވަސްވަރު އޭނާއަށް ލިބުނު އެންމެ ބޮޑު ނަސީބަކީ، ލިބުނު އެކުވެރިންނެވެ. އެ މީހުންގެ ފަރާތުން ދުއާގެ ބާރުގަދަ ކަމާއި މުހިއްމުކަން ދަސްވި އެވެ. އެއާ އެކު އޭނާ ﷲގެ ނަންފުޅުތައް އުނގެނި، ދުއާގައި އެ ނަންފުޅުތައް ހިމަނަން ފެށި އެވެ. އެންމެ ގިނައިން ދުއާ ކުރީ، ގިނަގިނައިން ރިޒްގު ދެއްވާ އައްރައްޒާގުގެ ނަމުންނެވެ. ހުރިހާ ނިއުމަތެއް ދެއްވާ، އެންމެ ދީލަތި ބެއްސެވުންތެރިޔާ އަލްވައްހާބުގެ ނަމުންނެވެ.

އެ ހިސާބުން އޭނާއަށް ވިސްނުނީ، އަލުން ކުޅެން ދާން ފެށުމުގައި އޭނާގެ މަގްސަދު ރަނގަޅު ނޫން ކަމެވެ. ޓީމު މޮޅުކޮށްދިނުމަށްވުރެ ބޮޑަށް، އޭނާގެ މަގްސަދަކަށް ވެފައި އޮތީ އުމްރާ ކުރުމުގެ ފުރުސަތު ހޯދުންކަމެވެ. އެހާ ހަމައިން، އޭނާ އަނެއްކާ ވެސް ނިޔަތް ހާލިސްކޮށް ދުއާކުރަން ފެށި އެވެ. މި ފަހަރު، އުމްރާގެ ބަދަލުގައި ހައްޖު ދަތުރެއް ދެއްވުމަށެވެ. ހައްޖަށް ދާނެހާ ތަނަވަސްކަން އިތުރުކޮށްދިނުމަށެވެ. ހައްޖުގެ އަޅުކަން އެންމެ ފުރިހަމައަށް އަދާކުރެވޭނެހާ ރަނގަޅު ސިއްހަތެއް ދެއްވުމަށެވެ.

އެކުވެރިން ގާތުގައި ވެސް އޭނާއަށް އެ ދުއާކޮށްދިނުމަށް އެދުނެވެ.

"އޭގެ ފަހުން ދެ މަސް ފަހުން އެއް ދުވަހު އޮފީހަށް ދިޔައިރު އޮފީހުގައި މިއޮތް ގުރުއަތު ނަގަނީ، މުވައްޒަފުންގެ ތެރެއިން ހައްޖަށް ދާނެ މީހަކު ހޮވުމަށް. އަޅުގަނޑު ވެސް އެތަނަށް ގޮސް ހުއްޓިއްޖެއިން ލިބިދާނެ ކަމުގެ އުއްމީދުގައި،" މައްކާގައި ހުރެ، ފޯނުން ވާހަކަ ދައްކަމުން ފައިރޫޒާ ކިޔައިދިނެވެ.

"ކާކަށް ލިބުނީ؟ ބުރު އެނބުރެމުން އެނބުރެމުން ގޮސް ހުއްޓުނީ ފައިރޫޒާގެ ނަމުގައި."

ހައްޖުގެ އަޅުކަމަށް ގޮސް ކުރި ތަވާފަށް ފަހު ފައިރޫޒާ ގެފުޅު ކުރިމަތީގައި ހުއްޓިލައިގެން

ގަބޫލު ނުކުރެވިފައި އޭނާއަށް ހުރެވުނީ އެވެ. ދިރާގުގައި މަސައްކަތް ކުރާތާ 10 އަހަރުވެފައިވާ ކޮންމެ މުވައްޒަފަކަށް ވެސް ބައިވެރިވެވޭ އެ ގުރުއަތުގައި އޭނާ ބައިވެރިވާތާ މިހާރު 11 އަހަރު ވެއްޖެ އެވެ. ކޮންމެ އަހަރަކު ވެސް އޭނާ ބައިވެރިވަނީ އެ ފަދަ ފުރުސަތަކަށް އެދެވޭލެއް ބޮޑުކަމުންނެވެ.

އެންމެ ފަހުން އޭނާގެ އެ އުއްމީދު ވެސް ފުރިހަމަވީ އެވެ. އުމްރާއެއްގެ ބަދަލުގައި، އަލްވައްހާބު، އޭނާއަށް ހައްޖު ދަތުރެއް ދެއްވީ އެވެ. އަންނަ އަހަރު ހައްޖަށް ދާ މީހުންގެ ލިސްޓުގައި އޭނާގެ ނަން ވެސް ހިމެނުއްވީ އެވެ.

އެކަމަކު ފައިރޫޒާ ދެކޭ ގޮތުގައި އޭނާގެ ހަގީގީ އިމްތިހާނު ފެށުނީ އެހާ ހަމައިންނެވެ. އޮފީހުގެ ފަރާތުން ތަނަވަސްވި އެ ހަދިޔާއިން އޭނާ ހައްޖަށް ދާން ދަތުރު ހަދަން ފެށި އެވެ. ހައްޖު ކޯޕަރޭޝަނަށް ޕާސްޕޯޓާ އެއްޗެހި ފޮނުވި އެވެ. ދަތުރާ މެދު އަދި އަހަރަކަށް ވުރެ ގިނަ ދުވަސް އޮތް ނަމަވެސް، އޭނާ ހުރީ ކެތްމަދުވެފަ އެވެ.

އެކަމަކު ހަމަ ކުއްލިއަކަށް އެއް ދުވަހު ނުރަސްމީކޮށް އޭނާއަށް އޮފީހުން މެސެޖެއް ލިބުނީ، ކޯޓާގެ މައްސަލައެއް ދިމާވެ، އަންނަ އަހަރުގެ ހައްޖުގައި އޭނާއަށް ބައިވެރި ނުވެވިދާނެ ކަމަށެވެ. އޮފީހުގެ ވެރިންނަށް ގުޅުމުން އެކަން ޔަގީންކޮށްދީ އެދުނީ މާޔޫސްނުވުމަށެވެ. ފުރުސަތު ލިބޭތޯ މަސައްކަތް ކުރަމުންދާ ކަމަށެވެ.

ހައްޖު ކޯޕަރޭޝަނަށްލީ ޕާސްޕޯޓު ނަގަން ދާކަށް އޭނާ ބޭނުމެއް ނުވި އެވެ. އޭނާ ނިންމީ، ﷲއަށް ވަކީލުކޮށް ދަތުރަށް ތައްޔާރުވާށެވެ. ދުއާތައް އިތުރުކުރާށެވެ. ދެން ކުރިމަތިވި ރޯދަ މަހުގެ ތެރޭގައި އޭނާ މެދުނުކެނޑި ދުއާކުރަން ފެށި އެވެ. ކުރިއަށް ވުރެ އަޅުކަންތައް ގިނަކޮށް، ގިނަގިނައިން ތައުބާވި އެވެ. އެއާއެކު ދިރިއުޅުމަށާއި އަމިއްލަ ނަފްސަށް ހެޔޮ ބަދަލުތައް އަންނަ ތަން އޭނާއަށް ފެންނަން ފެށި އެވެ.

މަދު މިންވަރަށް ރުހުމާއި ކުދިކުދި ކަންކަމުން އުފާވެރިކަން ލިބިގަތުމެވެ. މީހުންނަށް ހެޔޮކޮށް ހިތުމާއި ހިތްހެޔޮ ކުރުމެވެ. މީހުންނަށް ދެން ފެންނަން ފެށީ ވަރަށް ބޮޑަށް ބަދަލުވެފައިވާ، ކުރިއަށްވުރެ އުފާވެރި ފައިރޫޒާއެކެވެ.

"ރޯދައިގެ ފަހުން އެއް ދުވަހު ސައިކަލުގައި ދަނިކޮށް، ވަރަށް ނުރަސްމީ ގަޑިއެއްގައި އޮފީހުގެ އެޗްއާރުން ގުޅާތަން ފެނުނީ. އެހާ ނުރަސްމީ ގަޑިއެއްގައި ގުޅާނީ ވަރަށް މުހިއްމުކަން އެނގުނު،" ފައިރޫޒާ ކިޔައިދިނެވެ.

"ފޯނު ނެގިތަނުން އެޗްއާރުން ބުނީ އެނގޭދޯއޭ ހައްޖަށް ނުދެވޭކަން. އެކަން ހަމައެއް ނުޖެހުނޭ."

އެ ފޯނުކޯލުން އޭނާގެ ހިތް ހަލާކުވި އެވެ. ފުރަތަމަ ފަހަރަށް ހިތުގައި ޝަކުވާތައް ޖަމާވެގަތެވެ. 'އަޅެ ކީއްވެ'އޭ ބުނެވުނެވެ. 

އެ ދުވަހު އޭނާއަށް ވަރަށް ރޮވުނެވެ. އެކަމަކު އެކުވެރިން ހިތްވަރު ދިނީ، ފަހަރެއްގައި އެއަށްވުރެ ރަނގަޅަށް ކަމެއް މެދުވެރިވުން އެކަށީގެންވެދާނެއޭ ބުނަމުންނެވެ. އަންނަ އަހަރު ހައްޖަށް ނުދެވުމަށް ވުރެ، އިތުރަށް ކަމެއް ދެން ރަނގަޅުވާނީ ކިހިނެއްބާއޭ އޭނާގެ ހިތަށް އެރި އެވެ. އެކަމަކު އުއްމީދުގޮތަށް ކަންތައް ނުވިޔަސް، ﷲގެ ރަހުމަތުން އުއްމީދު ކަނޑާލާކަށް ބޭނުމެއް ނުވި އެވެ. ދުއާކުރުން ހުއްޓައެއް ނުލަ އެވެ. ކުރިއަށް ވުރެ ވަރުގަދަ ކުރީ އެވެ. ދެން ހަމަ އެއް ދުވަހު އަނެއްކާ ވެސް އޮފީހުން ގުޅި އެވެ.

"މި ފަހަރު ބުނީ ހައްޖަށް ދާން ރެޑީ ހެއްޔޯ. މި އަހަރު ހައްޖަށް ދާން ހަމަޖެހުނު މުވައްޒަފަށް ކަމެއް ދިމާވެގެން ނުދެވޭތީ، އެ ފުރުސަތު ފައިރޫއަށް ލިބިއްޖެޔޯ،" އޭނާ ބުންޏެވެ.

އެއް އަހަރު ފަހުން ލިބެން އޮތް ދަތުރު، ނޫނީ ލިބުމާމެދު ސުވާލު އުފެދިފައި އޮތް އެ ދަތުރު، ހަމަ ކުއްލިއަކަށް މި އަހަރަށް ބަދަލުވީ އެވެ. ހަމަ ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި ފުރަން ވެސް ހަމަޖެހުނީ އެވެ. ހުރިހާ ކަމެއް ހަމަޖެހުނީ، މާރަނގަޅަށް، މާފުރިހަމައަށެވެ.

އެ ވަގުތު، ކުޑަ ހިނދުކޮޅަކަށް ނަމަވެސް ﷲގެ މިންވަރުފުޅާ މެދު ޝައްކުކުރެވުނީތީ ލަދުގަތެވެ. އެތައް ފަހަރަކު އޭނާ އެކަމަށް ތައުބާވި އެވެ.

މިއަދު އޭނާ ހުއްޓި ހުރީ ހައްޖުގެ އެންމެ މުހިއްމު ރުކުން ކަމުގައިވާ އަރަފާތު ބިމުގަ އެވެ. ހިތްވަނީ އެކަލާނގެއަށް ޝުކުރުން ފުރިފަ އެވެ. އިންސާނުންނަށް ފާފަ ކުރެވޭނެ ކަމާއި ޝައްކުތައް އުފެދޭނެކަން އޭނާ ގަބޫލު ކުރެ އެވެ. 

އެކަމަކު އެކަލާނގެއަށް ތައުބާވެ، ދުއާއަށް އަތް ނަގައިފި ނަމަ، އެ ދުއާ އިޖާބަނުވެ ނުދާނެ ކަމަކީ ޔަގީންކަމެކެވެ. ފަހުން ވިޔަސް، އެހެން ގޮތަކަށް ވިޔަސް އެ ދުއާ އެކަލާނގެ އިޖާބަކުރައްވާނެ އެވެ.

ހަމައެކަނި ފައިރޫޒާގެ މި ވާހަކަ ވެސް އެކަމަށް ހެކިވެ އެވެ.

ކޮމެންޓް (10)

ޙުމާމު

29 މޭ 2026
އޮފީސް ވަޒީފާ އަކީ ކޮބައިތޯ، ފިހަރައެއްގަ ރިސޯޓެއްގަ މަސައްކަތް ކުރިޔަސް ވަޒީފާ ވަނީ ވަޒީފާއަށް. ކޮންމެހެން ޓަައި އެޅީމައެއްނޫން އޮފަިހަކަށް ވަނީ. އެންމެން ހަމަހަމަ ވާންްޖެހެ އެބަ
5 0

ރާރާ

26 މޭ 2026
ހޭޓާސް ގޮއިންޓު ހޭޓް.. މުސްލިމުންނަށް ވެފަ އެހެން މުސްލިމުންނަަށް ލިބޭ ފުރުސަތުތަކާއި ކުރިއެރުމަށް އުފާކޮށްބަލަ..ފިތުނައިން ފުރިފަ
11 2

ބަބާ

26 މޭ 2026
އެކަލާނގެ އެމީހަކަށް ދަޢުވަތު ދިނިމުން ލަހެއްފަހެއް ނެތި އެގޮތް އެމީހަކަށް މިންވަރު ކުރައްވަތެވެ. އެހެން މީހަކަށް އެބިމަށް ދެވުމުން އެކަމާ އެހެން މީހުންނަށް ހިތްބުރަ ކުރުމުގެ ބަދަލުގައި ދުޢާ ކުރުން އިތުރު ކުރުމާއި އެކު އެކަލާނގެ ހަޞްރަތުގައި އެފުރުސަތު ދެއްވުން އެދި ދުޢާ ކުރުން މާ ރަނގަޅު ވާނެއެވެ
17 0

ހަޤީޤަތަކީ...

26 މޭ 2026
ތިކަމުން އާއްމު ރައްޔިތެއްގެ ހައިސިއްޔަތުން ސަރުކާރުގެ އޮފީސްތަކާދޭތެރޭ ނަފުރަތު ކުރަން. ސަރުކާރަށް ސަނާކީމާ ހަމަ ވަގުތުން ދެވޭ..... ތިހެން ހަމަ ޤުރުއަތުލާފަ އެމީހުންނަށް ކީއްވެ ހަމަ ވަގުތުން ހައްޖަށް ދެވެންވީ ޤުރުއަތު ނަގާ އަހަރުގައި. ރުޅިއާދޭ ... ޙައްޖު ކިއު އޮތްވަރު އެނގޭނަމަ، ތިކަހަލަ ވާހަކަ ނޫސްތަކުގައި ނުވެސް ފަތުރާނެ ލަދެއް ހުރިނަމަ
8 1

މުއާބެ

26 މޭ 2026
މިކަމަކާ ހެދި އަހަރުމެން މިއަހަރު ލާރި ދެއްކީމަ ވެސް ބުނަނީ ދެވޭނީ 10 އަހަރު ފަހުންނޭ
9 0

ހައްޖައްތަ

26 މޭ 2026
އޮފީސް އޮފީހުން ޖެހޭތަ މި ލިބޭ މަދު ކޯޓާ ތެރެއިން މީހުން ފޮނުވަން؟ ހައްޖު ވާޖިބު ވަނީ ކޮން ދެ ޝަރުތެއް ފުރިހަމަ ވީމަތަ؟ އޮފީސް ސްޕޮންސަރ އެޔަކު ނޯވޭ
10 0

ފެކްޓްސް

26 މޭ 2026
އޮފީސްތަކަށް ހައްޖަށްދާން ފުރުސަތު ދިނުމަކީ އިންސާފެއްބާ؟ ކިއުގަ އެތައްބަޔަކު ތިއްބާ އަދި ހުރިހާ އޮފީހަކަށް އެފުރުސަތު ނުވެސް ދެވޭއިރު…..
13 2

އިލާ

26 މޭ 2026
@ފެކްޓްސް މިއީ އިންސާފެއް ނޫން..ފައިރޫޒާ...އޮފީސްތަކުން ހޮވޭ މީހުންވެސް ޖެހޭނީ ކިޔުއަށް އަރަން.
9 2

ބޭކާރު

26 މޭ 2026
@ފެކްޓްސް އަސްލުވެސް
6 0

އަހަރެން

26 މޭ 2026
ދުޢާ އަކީ މުސްލިމްގެ ހަތިޔާރު، އަޅަމެން އެންމެގެ ފާފަތައް ފުއްސަވާ ނަރަކާއިން މުއްތިކުރާ އަޅުންގެ ތެރޭގައި އަޅަމެން ލައްވާފާދެއެވެ. ފައިރޫޒާއަށާއި، މިއަހަރުގެ ހައްޖުގެ މަތިވެރި އަޅުކަން އަދާކުރާ އެންމެހައި މުސްލިމުންނަށް މަބުރޫރު ހައްޖެއް މިންވާރުކުރަށޭ އާމީން.
23 0

އިތުރު އާޓިކަލް

އިތުރު އާޓިކަލް