ޔޫތު މިނިސްޓަރު އިބްރާހީމް ވަހީދަށް މިނިސްޓަރުކަމުގެ ފަތްކޮޅު ނޮވެމްބަރު 2023ގައި ރައީސް މުހައްމަދު މުއިއްޒު ހަވާލުކޮށްދެއްވަނީ (ފޮޓޯ/ ރައީސް އޮފީސް)

ސިޔާސީ

ވަހީދުގެ ކެމްޕޭން 'އިސްތިހާރަށް' ފަހު ދެން އެ އައީ އިސްތިއުފާ

މާފުށީ ބަނދަރު މަތީގައި އިންނަވައި، ކުރީގެ ޔޫތު މިނިސްޓަރު އިބްރާހިމް ވަހީދު (އަސްވާޑް) ސީދާ ރައީސް މުއިއްޒަށް ގުޅުއްވާ، މާފުށީ ޒުވާނުން ބޭނުންވާ ސްޕޯޓްސް ފިޝިން ބޮޔާ ބެހޭ ގޮތުން ވާހަކަ ދެއްކެވި. މިއީ ކެމްޕޭން ތެރޭގައި ހިނގި ވީޑިއޯއެއް
16 އޭޕްރީލު 2026
7

އެޕްރީލް 2 ވީ ބުރާސްފަތި ދުވަހުގެ ރޭ އޭރުގެ ޔޫތު މިނިސްޓަރު އިބްރާހިމް ވަހީދު (އަސްވާޑް) އިންނަވަނީ މާފުށީ ބަނދަރު މަތީގައި ހުރި މޭޒެއް ދޮށުގަ އެވެ. އޭނާގެ ދެ ފަރާތުގައި، ލޯކަލް ކައުންސިލް އިންތިހާބުގައި މާފުށިން ޕީއެންސީގެ ފަރާތުން ވާދަކުރެއްވި ދެ ބޭފުޅެކެވެ.

މިއީ މީގެ ކުރިން ކެމްޕޭނެއްގައި ފެނުނު ފަދަ ވީޑިއޯއެއް ނޫނެވެ. މިއީ ރައީސް މުހައްމަދު މުއިއްޒު، ކޮންމެ ރަށަކުން ކަމަކު އެދުނަސް އެކަމެއް ކޮށްދެއްވަން ތައްޔާރަށް ހުންނަވާކަން ދައްކަން ކުޅުނު އިސްތިހާރެކެވެ.

އަސްވާޑްގެ ވާތް ފަރާތުގައި އިންނެވީ އިންތިހާބުގައި މާފުށީގެ ރައިީސްގެ ގޮނޑި ކާމިޔާބުކުރެއްވި ޕީއެންސީގެ ކެންޑިޑޭޓް އަލީ ޝައްމޫން އެވެ. ވާހަކަ ފައްޓަވަނީ އޭނާ އެވެ.

ޝައްމޫން: މިނިސްޓަ، ބަލައިދީބަލަ މާފުށީގެ ސްޕޯޓްސް ފިޝިން ބޮއިގެ އަޕްޑޭޓެއް. މިކަން އަވަސްކުރެވޭނެ ގޮތެއް، ރައީސްއާ ގުޅާލައިގެން ވިޔަސް.

ވަހީދު: ފިޝަރީޒް މިިނިސްޓަރު ކިހިނެއް ވާނީ؟ ރައީސަށް ދޯ ގުޅަންވީ؟

ޝައްމޫން: ރައީސްއާ ގުޅާލާ،

ވަހީދު: އޯކޭ، ހިނގާ ބަލަ ރައީސްއަށް ގުޅާލާނަން.

މިނިސްޓަރުގެ ފޯނު މޭޒު މަތީގައި ބާއްވަ އެވެ. ކެމެރާގެ ފޯކަސް ބަދަލުކޮށްލަނީ އެ ފޯނަށެވެ. 

ވަހީދު: އައްސަލާމް އަލައިކުމް، ރައީސް

ރައީސް މުއިއްޒު: ވައަލައިކުމުއް ސަލާމް

ވަހީދު: އަޅުގަނޑު މި ގުޅީ، މިހިރީ މާފުށީގައި ކެމްޕޭންގައި. ދެން އަޅުގަނޑާ އެކު މި ގަޑީގައި މާފުށީގެ ކުރިމަތިލައްވައިގެން ތިއްބެވި ދެ ބޭފުޅުން އެބަ ތިއްބެވި. ކައުންސިލްގެ ރައީސް ވެސް އެބަ ހުންނެވި. ދެން މި ރަށުގެ ޒުވާނުންނާ... ވަރަށް ގިނަ މީހުންނާ ވެސް މިރޭ ބައްދަލުކުރިން. އެ ބޭފުޅުންގެ ވަރަށް ބޮޑު ކޮންސާންއެއް މިއީ މާފުށީގައި ސްޕޯޓްސް ފިޝިން ބޮއެއް އަޅައިދެވޭނީ ކިހާ ތާރީހެއްގައިތޯ ރައީސްކުރެއް އައްސަވައިދޭތޯ.

ރައީސް މުއިއްޒު: އާދެ، ތިއީ ވަރަށް މުހިންމު ކަމެއް. އަޅުގަނޑު ތިކަން ކުރަން ވެސް ނިންމާފައި އޮތް ކަމެއް، އެކަން ކުރިއަށް ވެސް އެބަ ދޭ. އިރާދަކުރެއްވިއްޔާ މިހާރު ވަރަށް ބޮޑަށް ޔަގީންކަން ދެވިދާނެ މަހެއްހާ ދުވަސް ތެރޭގައި އެކަން ހަމަ އެއްކޮށް ކޮމްޕްލީޓްކޮށްލެވޭނެކަން.

ވަހީދު: އެހެންވިއްޔާ ވަރަށް ރަނގަޅުވާނެ. މި ރަށުގެ ވަރަށް ގިނަ ޒުވާނުން ހަމަ ވަރަށް ބޮޑަށް އެދޭ މަހެއް ތެރޭގައި....

ރައީސް މުއިއްޒު: އެބޭފުޅުންނަށް ދަންނަވާލައި އިރާދަކުރެއްވިއްޔާ ތިއީ ނިމިފައި އޮތް ކަމެކޭ. މެކްސިމަމް ވަން މަންތު އިރާދަކުރެއްވިއްޔާ ވާނީ.

ވަހީދު: ދެން ހަމަ އެއާ އެއްކޮށް މި އަހަރު ކޮންމެވެސް ތާރީހެއްގައި ހަމަ އަޅުގަނޑުމެންނަށް އައިސް ކަންތައް ވެސް ހަމަޖެހޭނެ، އިންތިޒާމެއްކޮށްލެވިދާނެތާ.

ރައީސް މުއިއްޒު: އާނ، އައިސް ޕްލާންޓްގެ ކަންތައް ވެސް އެއީ އެއާ އިންކްލޫޑްކޮށްފައި އޮންނާނީ މިހާރު. އައިސްޕްލާންޓްގެ ކަންތައް ވެސް އިރާދަކުރެއްވިޔާ ފޯތު ކްއާޓާއަށް ދާއިރު އެންމެ ލަސްވެގެން، މާނައަކީ ސެޕްޓެމްބަރުން ނޮވެމްބަރާ ދޭތެރޭގައި އެކަން ވެސް ހަމަޖެހިގެންދާނެ.

ވަހީދު: ރައީސް ދެން ވޯޓު ކަންތައް ވެސް، ރިފްރެންޑަމް ކަންތައް ވެސް ރައްޔިތުން ރަނގަޅު ރޫހެއްގައި ތިބީ. މި ބޭފުޅުން ދެން ކައުންސިލްގެ ރައީސްކަމަށް ކުރިމަތިލައްވައިގެން ޝައްމޫން، ވަަރަށް ޒަމާން ވެއްޖެ ރައީސްގެ ސަޕޯޓަރެއް، ހައި ޖަހާލަން ވީ ނޫންތޯ؟

ޝައްމޫން: އައްސަލާމް އަލައިކުމް، އަޅުގަނޑުމެން ހަމަ ވަރަށް ރަނގަޅަށް ދަނީ. ހަމަ އެއް ޓީމެއްގެ ގޮތުގައި ސަޕޯޓަރުން މަސައްކަތްކުރަމުން ދަނީ.

ރައީސް މުއިއްޒު: ވަރަށް ރަނގަޅު، ވަރަށް ރަނގަޅު. އިރާދަކުރެއްވިއްޔާ ކާމިޔާބުވާނެ. ރައްޔިތުންނަށް އެ ޔަގީންކަން ދެއްވަންވީ ކަންތައްތަކުގައި. އިރާދަކުރެއްވިޔާ އިންތިހާބު ނިމުނީމާ އަޅުގަނޑުމެންގެ ކައުންސިލް އައިމާ އިރާދަކުރެއްވިއްޔާ ރަށުގެ ކުރިމަގަށް ކުރަން ހުރި ކަންކަން ވަރަށް ބާރު ސްޕީޑްގައި ކައުންސިލްގެ ސަޕޯޓް ލިބިގެންދާނެ ކަމަށް ޔަގީންކުރަމޭ، އޭގެ ސަބަބުން ކަންތައްތައް ވަރަށް ބާރަށް ކުރިއަށް ދާނެ ކަަމަށް، އިތުރަށް ފުރިހަމަވެގެން. އެ ޔަގީންކަން ދެމުން ގެންދަވާ.

ޝައްމޫން: އަޅުގަނޑު އަބަދުވެސް އެ ޔަގީންކަން ދެމުން މިގެންދަނީ.

ރައީސް މުއިއްޒު: ވެރީ ގުޑް

ޝައްމޫން: އިރާދަކުރެއްވިއްޔާ ފެންނަ މަންޒަރުން އަޅުގަނޑުމެންނަށް [ކައުންސިލް] ނެގޭ

ރައީސް މުއިއްޒު: ނެގޭނެ، އިރާދަކުރެއްވިއްޔާ. އަޅުގަނޑުމެން މި ދޭންވާ މެސެޖަކީ އަޅުގަނޑުމެން މި މަސައްކަތްކުރަނީ ވަރަށް އިހުލާސްތެރިކަމާ އެކީގައޭ، ހަަމަ ވަރަށް ތެދުވެރި ނިިޔަތެއްގައޭ. އަޅުގަނޑުމެން ބޭނުންވަނީ ރަށަށް، ގައުމަށް ކުރިއެރުން ގެނެސްދޭށޭ. އެހެންވެ އަޅުގަނޑުމެންގެ ސަރުކާރަށް އެއްބާރުމުގެ ވިސްނުމުގައި ތިބީ ތިމަންނަމެންނޭ. އެހެންވެ ތިމަންނަމެން ހޮވައިދޭށޭ. އިރާދަކުރެއްވިއްޔާ ރައްޔިތުން އުފާވާނޭ، އެހެން ދަންނަވާ.

ވަހީދު: ތޭންކް ޔޫ ރައީސް.

ޔޫތު މިނިސްޓަރަކަށް އިބްރާހިމް ވަހީދުު ހުންނެވި އިރު ރަސްމީ ބައްދަލުވުމެއްގައި ވާހަކަ ދައްކަވަނީ

ގާތްގަނޑަކަށް ތިން މިނެޓާއި ބައިގެ މި ވީޑިއޯއަކީ ކުރިން ރާވައިގެން، އިންތިޒާމްކޮށްގެން ހެދި 'އިސްތިހާރެއް' ކަމަށް ޔަގީންކުރެވެ އެވެ. ވީޑިއޯއަށް ބައެއް މީހުން ފާޑުކީ ނަމަވެސް ސޯޝަލް މީޑިއާގެ ބާރު ގަދަ ދުވަސްވަރެއްގައި، އެކި އުކުޅުތައް ބޭނުންކުރާ ގޮތަށް ބަލާ ނަމަ، ކޮންމެ އެއްޗެއް ވެސް ދެން ހަދަންވީ އެވެ.

މައްސަލައަކީ ވީޑިއޯއެއް ނޫނެވެ. ވަހީދު އެހާ ބޮޑަށް ކެމްޕޭންކުރައްވައި، މާފުށީގައި ޕީއެންސީއަށް ގޮނޑިތަކެއް ވެސް ކާމިޔާބުވެފައި ވަނިކޮށް ކުއްލިއަކަށް މިނިސްޓަރުކަމުން އިސްތިއުފާ ދެއްވަން މަޖުބޫރުވުމެވެ. ރައީސް އަންގަވައިގެން އެއްފަހަރާ އިސްތިއުފާ ދެއްވި 10 މިނިސްޓަރުންގެ ތެރޭގައި އޭނާ ވެސް ހިމެނެ އެވެ.

ވީޑިއޯގައި ވާހަކަ ދައްކަވާ ޝައްމޫން ވަނީ އެމްޑީޕީގެ ކެންޑިޑޭޓާ ވާދަކުރައްވައި، ބޮޑު ތަފާތަކުން މާފުށީގެ ރައީސްގެ ގޮނޑި ކާމިޔާބުކުރައްވައިފަ އެވެ. އޭގެ އިތުރުން ކައުންސިލްގެ އެހެން ގޮނޑިއެއް ވެސް ޕީއެންސީއަށް ލިބުނެވެ. އެހެންވެ އެންމެ ފަހުން އޮތް ކައުންސިލްގެ މެޖޯރިޓީ ހޯދި އެމްޑީޕީ އަތުން މިފަހަރު މެޖޯރިޓީ ފުރޮޅޭނީ ޕީއެންސީ ކޮޅަށެވެ. އެއީ ރަށުގެ ބައެއް މީހުން ބުނާ ގޮތުގައި މިނިވަން ކެންޑިޑޭޓެއްގެ ގޮތުގައި ގޮނޑި ކާމިޔާބުކުރެއްވި ކެންޑިޑޭޓް ވެސް ބުރަވާނީ ޕީއެންސީއަށް ކަމަށް ވާތީ އެވެ.

ވަހީދަކީ، ރައީސް މުއިއްޒުގެ ކެބިނެޓްގައި ހިމެނުނު މިނިސްޓަރުންގެ ތެރެއިން އެންމެ ގިނަ ބަޔަކު ހައިރާންވި އެއް ބޭފުޅެވެ. އޭނާއަށް ކެބިނެޓުން ޖާގަ ލިބިވަޑައިގަތީ ރިޔާސީ ކެމްޕޭން ތެރޭގައި ރައީސް މުއިއްޒަށް ދެއްވި އެހީތެރިކަމުގެ ސަބަބުން ކަމަށް ބެލެވެ އެވެ.

އެކަމަކު ޔޫތު މިނިސްޓަރުގެ ހައިސިއްޔަތުން ވަހީދުގެ މަސައްކަތް ފާހަގަކުރެވޭވަރުގެ ދަރަޖައަކަށް ގެންދެވެނު ކަމަކަށް ނުފެނެ އެވެ. 

ކައުންސިލް އިންތިހާބުގެ މުޅި ނަތީޖާއަށް ބަލާ ނަމަ މާފުށިން ޕީއެންސީއަށް ނާކާމިޔާބެއް ނޫނެވެ. މާފުށިން ވެސް ސަރުކާރަށް ބޮޑު ތަނުން 'ނޫނެކޭ' ބުނީ ދެ އިންތިހާބު އެއްކޮށްލުމުގެ ހިޔާލު ހޯދުމުގެ ވޯޓަށެވެ. އެއީ މުޅި ސަރުކާރާއި ސަރުކާރުގެ މެޖޯރިޓީ އޮތް ރައްޔިތުންގެ މަޖިލިހުގެ މެމްބަރުންނަށް އޮތް ބޮޑުވެގެންވާ ނާކާމިޔާބީއެކެވެ. އެ 'ނޫނެކޭ'އަށް ނިސްބަތްކުރާ ނަމަ އިސްތިއުފާ ދެއްވަން ނުޖެހޭ ބޭފުޅަކު ނެތެވެ.

ގެސްޓްހައުސްގެ އެންމެ މަޝްހޫރު ރަށް މާފުށީގެ ކައުންސިލް އިންތިހާބު ޕީއެންސީއަށް ގޯހެއް ނޫން (ފޮޓޯ/ދައުރު)

ޔޫތު މިނިސްޓަރުކަމުގައި ދެ އަހަރަށް ވުރެ ގިނަ ދުވަހު ހޭދަކުރެއްވުމަކީ ވަހީދަށް ކާމިޔާބީއެކެވެ. ނޫސްވެރިކަމުން ސީދާ ކެބިނެޓަށް ވަޑައިގަތުމަކީ، މީގެ ކުރިން، ރާއްޖޭގެ ނޫސްވެރިޔަކަށް ލިބުނު ކުރިއެރުމަކަށް ނުވާތީވެ އެވެ.

ވަހީދު ކުޅުއްވި ކެމްޕޭން 'އިސްތިހާރު' ސޯޝަލް މީޑިއާގައި ގިނަ ބަޔަކު ބަލައިފި އެވެ. ފާޑުކިއުންތައް ވެސް ގިނަ އެވެ. ފަހަރެއްގައި އެ އިސްތިހާރު މާފުށީގެ ކެމްޕޭނަށް ފުދިދާނެ އެވެ. ނަމަވެސް ސަރުކާރަށް ލިބުނު ބޮޑު ނާކާމިޔާބީއަށް ބަލާއިރު އެއީ ރައީސް މުއިއްޒަށް މާ ބޮޑު އެއްޗަކަށް ނުވީ އެވެ. އިސްތިއުފާ ދެއްވަން އެންގެންވި ބޭފުޅުންގެ ލިސްޓަށް އޭނާގެ ނަން އެރީ އެހެންވެ އެވެ.

ދެން އޮތީ ވަހީދުގެ މީޑިއާގެ ބާރާއި ނުފޫޒެވެ. ރިޔާސީ ކެމްޕޭންގައި އެމްއެމް ޓީވީއެއް ނެތެވެ. އެކަމަކު މިހާރުތޯ އެވެ: ރައީސް މުއިއްޒާއި ސަރުކާރުގެ ކަވަރޭޖަށް ހާއްސަކޮށްގެން އެމްއެމް ޓީވީ އެ އަންނަނީ ހިންގަމުންނެވެ.

ކޮމެންޓް (7)

ދޮންނިކު

16 އޭޕްރީލު 2026
މި ޙަބަރު ކިޔަނިކޮށް ރައިސްގެ ލަފާފުޅާ އިރުޝާދުގެ ދަށުން ވައެއް ބޭރުވެއްޖެ. ސޮރީ ގައިސް.
2 1

ޔޫތު މިނިސްޓަރ

16 އޭޕްރީލު 2026
ޔޫތުގަ އުޅޭނެ ހުރިހާ ކަމެއް އެނގޭ ޑެޕިއުޓީ މިނިސްޓަރެއް. ނަމަކީ މަމްދޫހު. އެންމެން ދަންނަ މަންޑޭ. އޭނަ އާ ހަވާލު ކުރަންވީ ޔޫތު މިނިސްޓްރީ
1 4

ތެފައާސާ.

16 އޭޕްރީލު 2026
ފިޔަވަޅެއްވެސް އެޅި ރައީސްގެ އިސްނެންގެވުމާއި މަޝްވަރާއާއި އިރުޝާދުގެ ދަށުން. އެކަމަކު ހުރިހާ ބްލޭމެއް ބޮލުގައި އަޅުވާފައި ސައްޕެއްޖަހައި ބޭރުކޮށްލައިފި!
7 1

ބަގަރ

16 އޭޕްރީލު 2026
ސަންގުގަ ރޭގަ އޮތީ އިދިކޮޅުގެ މުޒާހަރާ. ބަދަލު ވެއްޖެ. ވާނީ ވެސް އެހެން.
6 1

ހިޔަޅު

16 އޭޕްރީލު 2026
ތިޔައީ އެތަކެއް ބަޔަކަށް ލަޑުދީފައި އެމީހުންގެ ބޮލަށް ފައިން އަރާފައި އާރާއި ބާރާއި މުދަލާއި ފައިސާ ހޯދި މީހެއް. އެންމެ ކުޑަ މިނުން، އެކުވެރިންނާއި ތިމާއަށް ދެރަ ލިބުނު ދުވަހު ކައިރީގައި ތިބި މީހުންނަށް ވެސް ނުބެލި މީހެއް. މަރުގެ ތުންފަންމަތިން ސަލާމްތަވެގެން އައިމާ އަހަރުމެން ހީކުރީ މީނާއަށް ދެވަނަ ފުރުސަތު ލިބުނީ ކަމަށް. އެކަމަކު، އޭނާ އެންމެނާ ދޭތެރޭވެސް ކަންތައް ކުރީ އިންތިހާއަށް އިހާނެތިކޮށް. ލަދުގެ ކަންފުޅެއްވެސް ނެތް. ފޮނިކަމާއި ބޮޑާކަން އިންތިހާ. މީނަޔަށް މި ދިމަވީ ހަމަ މިންވަރުގައި ހުރި ގޮތް.
10 0

ޖަވާދު

16 އޭޕްރީލު 2026
ތިކަހަލަ އުޑެއްބުޑެއް ނުދަންނަ ކުޑަމިނުން ދިވެހި ބަހުންވެސް އެއްޗެއް ބުނަންނޭގޭ މީހުން ކެބިނެޓް ގަބަހައްޓައިގެން ރައީސް ގެ އަގުވެއްޓި ގައުމުވެސް ފުޑިއްޖެ... ބޭރުކުރިލެއް މާލަސް..
13 0

އާހަބޫ

16 އޭޕްރީލު 2026
އަދި މަހަކު 9 ލައްކަ ދީގެން ދޯ
14 1

އިތުރު އާޓިކަލް

އިތުރު އާޓިކަލް