އިއްޔެގެ ވޯޓަށް ފަހު ވޯޓު ލީކަމުގެ ނިޝާން ދައްކާލަނީ (ދައުރު ފޮޓޯ/އަނޫފް ޖުނައިދު)

އިއްޔެ ލިބުނު ފިލާވަޅު: ކޮންމެ ކަމަކާ ކުޅެން ނޫޅޭތި!

ދެ އިންތިހާބު އެއްކޮށްލަން ސަރުކާރުން ރޭވި ނުބައި ރޭވުމާ ދެކޮޅަށް ދިވެހިން ނޫނެކޭ އެބުނީ ނިޒާމީ ވޯޓަށް ވުރެ ވެސް މާ ވަރުގަދަކޮށް
5 އޭޕްރީލު 2026
26

މުހިންމު ނުކުތާތައް

ދިވެހިންނަށް ފުރުސަތު ލިބިއްޖެ ނަމަ ގާނޫނުއަސާސީ ހިމާޔަތްކުރާނެކަން ބުނެދީފި

އިއްޔެގެ ވޯޓުގައި ޕީއެންސީގެ އެތައް ހާސް ހަރަކާތްތެރިން ވެސް ޖެހީ 'ނޫނެކޭ'

މި ނަތީޖާއަކީ ފިލާވަޅެއް ކަމަށް ސަަރުކާރާއި ރައްޔިތުންގެ މަޖިލިހުން ވެސް ގަބޫލުކުރަން ޖެހޭނެ

މިއީ ކާކުގެ ހިޔާލަށް ކުރި ކަމެއް ހެއްޔެވެ؟ އެމީހަކަށް ނުވަތަ އެކަން ރޭވި ނުބައި ބައިގަނޑުގެ ކަންކަށިމަތީގައި ދިވެހިން އިއްޔެ ޖަހައިފި އެވެ. ދިވެހިން ބުނީ ކީކޭ ހެއްޔެވެ؟ މި ކަހަލަ އެއްޗެއް އަހަރެމެންގެ ކުރިމައްޗަށް ދެން ހުށަނާޅައްޗެވެ.

ދިވެހިންނަށް ޝުކުރިއްޔާ އެވެ! ސާބަހާއި އައްސަރިބަހެވެ!

ރިޔާސީ އިންތިހާބާއި ރައްޔިތުންގެ މަޖިލިސް އިންތިހާބު އެއް ދުވަހެއްގައި ބާއްވަން ރައީސް މުހައްމަދު މުއިއްޒު އާއި ކެބިނެޓާއި ޕީއެންސީން ކުރި މަސައްކަތާ ދެކޮޅަށް، ވޯޓު ލީ މީހުންގެ ގާތްގަނޑަކަށް %70، ނޫނެކޭ އިއްޔެ ބުނުމަކީ ރާއްޖޭގެ ގާނޫނުއަސާސީގެ ހިމާޔަތުގައި ރައްޔިތުން ސީދާ ބަސް ބުނި ފުރަތަމަ ފަހަރެވެ. މީގެ ކުރިން ގާނޫނުއަސާސީއަށް ގެނައި ކޮންމެ ބަދަލެއް އައީ ހަމައެކަނި ރައްޔިތުންގެ މަޖިލިހުގެ ތެރެއިންނެވެ.

ޕީއެންސީގެ ސުޕަ މެޖޯރިޓީ އޮތް ރައްޔިތުންގެ މަޖިލިހުން 10 ފެބްރުއަރީ 2026ގައި، ދެ އިންތިހާބު އެއް ދުވަހެއްގައި ބާއްވަން ފާސްކުރީ ޕީއެންސީގެ 72 މެމްބަރުންގެ ވޯޓުންނެވެ.

އެކަމަކު އެ ސުޕަ މެޖޯރިޓީއަކީ ބައެއް ނޫންކަން ދިވެހިން ބުނެދީފި އެވެ. ރާއްޖޭގެ އެންމެ ބޮޑު ދެ އިންތިހާބު އެއް ދުވަހެއްގައި ބާއްވައިގެން ނުވާނެ ކަމަށް އިއްޔެ ނެގި ހިޔާލު ހޯދުމުގައި، މިހާތަނަށް ގުނި 174،576 ވޯޓުގެ ނަތީޖާއިން ފެންނަނީ:

  • އާނއެކޭ: %31

  • ނޫނެކޭ: %69

މީގެ ކުރިން ރައްޔިތުންގެ ހިޔާލު ހޯދުމުގެ ވޯޓެއް ނެގީ މިހާރުގެ ގާނޫނުއަސާސީ ހެދިއިރު ރާއްޖޭގައި އޮންނަން ފެންނަ ވެރިކަމުގެ ނިޒާމަކާ ބެހޭ ގޮތުން 18 އޮގަސްޓް 2007ގަ އެވެ. އެއީ އެހާ ތަނަށް ރާއްޖޭގައި ބޭއްވި އެންމެ މިނިވަން، އެންމެ ފޯރިގަދަ ވޯޓުލުމެވެ. އޭގެ ތަފުސީލަކީ މި އެވެ:

  • 154،123: ވޯޓު ލީ ޖުމްލަ މީހުންގެ އަދަދު

  • 95،169، (62.04%): ރިޔާސީ ނިޒާމަށް

  • 58،504 (37.96%): ޕާލިމަންޓްރީ ނިޒާމަށް

ރިޔާސީ އިންތިހާބާއި ރައްޔިތުންގެ މަޖިލިހުގެ އިންތިހާބަކީ ރިޔާސީ ނިޒާމުގެ ތެރޭގައި ރައްޔިތުންނަށް އެ މީހުންގެ ބަސް ބުނަން ލިބޭ އެންމެ ބޮޑު ދެ ފުރުސަތެވެ. ނަމަވެސް ރައީސް މުހައްމަދު މުއިއްޒުގެ އަމުރަށް އެ ފުރުސަތުން ދިވެހިން މަހުރޫމްކުރަން ޕީއެންސީގެ ސުޕަ މެޖޯރިޓީން ތާއީދުކުރީ މަޖިލިހުގެ ކޮންމެ ނިންމުމަކަށް ދިވެހި ރައްޔިތުން ލައްވާ 'އާނއެކޭ' ބުނުވޭނެ ކަމަށް ގަބޫލުކޮށްގެންނެވެ. ނުވަތަ އެންމެ ފަހުގެ އާންމު އިންތިހާބުގައި ދިވެހިން ޕީއެންސީއަށް ސުޕާ މެޖޯރިޓީ ދިނީ، ބޭނުންހާ ކަމެއް ކުރުމުގެ ހުއްދައާ އެކުގައި ކަމަށް، ހީކުރީ އެވެ.

މަޖިލިހުގެ ސުޕަ މެޖޯރިޓީ ލިބުމުން އެޕްރީލް 2024 ގައި ޕީއެންސީން ފާހަގަކުރަނީ: އިއްޔެ ދިވެހިން ނޫނެކޭ ބުނީ އެ ސުޕަ މެޖޯރިޓީގެ ނިންމުމަކަށް

މިއީ ނުހަނު ބާރުގަދަ ސަރުކާރަކާއި މަޖިލިހެކެވެ. ކަން ކުރަމުން އަންނަނީ ހިތަށްއެރި ގޮތަށެވެ. ރައީސް މުއިއްޒު ބޭނުންފުޅުވީމާ ރައްޔިތުންގެ މަޖިލިހުގެ މެމްބަރުންގެ ބާރު ވެސް އެ މެމްބަރުން އަމިއްލައަށް ހަނިކޮށްލީ އެވެ. އެ ހަނިކޮށްލުން ގާނޫނުއަސާސީއާ ހިލާފޭ ބުނެ ސުޕްރީމް ކޯޓަށް މައްސަލަ ލީމާ ބަދަލުކޮށްލީ ސުޕްރީމް ކޯޓުގެ ބެންޗެވެ. 

އޭރު ވެސް ރައްޔިތުން ތިބީ ބަލާށެވެ. ކޮންމެ ނިންމުމަކަށް ދިވެހިންގެ ހިޔާލު ހޯދާކަށް ނުޖެހެ އެވެ. ނަމަވެސް ދިވެހިން ހިމޭންކަން ދެއްކުމަކީ ސަރުކާރާއި މަޖިލިހުން ކުރާ ކޮންމެ ކަމެއް ގަބޫލުކުރުމެއް ނޫނެވެ. އޭރު ވެސް ގިނަ ދިވެހިންގެ ޝަކުވާ ހުއްޓެވެ. މި ސަރުކާރާއި މި މަޖިލިހަކީ ހާދަހާ 'ގޮތްކުޑަ ބައެކޭ' ވެސް ބުނެ އުޅުނެވެ.

ހިޔާލު ހޯދުމުގެ ވޯޓު ކަރުދާސްކޮޅު އަތަށް އެރުމާ އެކު ދިވެހިން އިއްޔެ އެ ކަށަވަރުކޮށްދިނީ އެކަމެވެ. ރައީސް ކިތައްމެ ބާރުގަދަޔަސް އެ މީހުންނާ ހަމައަށް ފުރުސަތެއް ތަނަވަސް ވެއްޖެ ނަމަ، ގައުމަށް އެންމެ ރަނގަޅު ގޮތް އިހުތިޔާރުކުރާނެ ކަމެވެ. ގާނޫނުއަސާސީ ހިމާޔަތްކުރާނެ ކަމެވެ. ކޮންމެ ކަހަލަ ބަދަލެއް އެއަށް ނުގެނެވޭނެ ކަމެވެ. 

ރައީސް މުހައްމަދު މުއިއްޒު އިއްޔެ ވޯޓު ލައްވަނީ: ވޯޓުގެ ނަތީޖާއަކީ ދިވެހިންގެ ގިނަ ބަޔަކު ސަރުކާރާ ހިތްހަމަނުޖެހޭކަން (ފޮޓޯ/ރައީސް އޮފީސް)

އެ ނިންމުން ދިވެހިން އެ ނިންމީ ގާނޫނުއަސާސީއަށް ގެންނަ އެފަދަ ބޮޑެތި ބަދަލުތަކަށް ރައްޔިތުން ހޭލުންތެރިކުރަން އެކަށީގެންވާ ވަގުތު ވެސް ނުދީ އޮއްވަ އެވެ.

ރާއްޖޭގެ ސިޔާސީ ވެރިންގެ ހަނދާނުގައި ބަހައްޓަން ވާނެ އެވެ: އާ ގާނޫނުއަސާސީއަކީ މަޑުން ތިއްބާ ދިވެހިންނަށް ލިބުނު އެއްޗެއް ނޫނެވެ. އެއީ އެތައް ބައެއްގެ، އެތައް ގުރުބާނީއެކެވެ. މަގުމަތީގެ އެތައް ހަރަކާތެކެވެ. އެތައް އަނިޔާއެއް ތަހައްމަލްކުރި އެވެ. އެތައް ބަޔަކު ހައްޔަރުވި އެވެ. 

އެވަރުން ހޯދި އެއްޗަކަށް ރައީސް އާއި ރައްޔިތުންގެ މަޖިލިހުގެ ސުޕަ މެޖޯރިޓީން ކޮންމެ ކަހަލަ ބަދަލެއް ގެނަޔަސް ދިވެހިން ގަބޫލުކޮށްލާނެ ކަމަށް ހިތަށް ވެސް އަރުވައިގެން ނުވާނެ އެވެ. ގާނޫނުއަސާސީ ހިމާޔަތްކުރަން ގިނަ ދިވެހިން މަގުމައްޗަށް ނުނިކުމެފާނެ އެވެ. އެކަމަކު އެ މީހުންގެ ނުރުހުމާއި ރުޅިވެރިކަމުގައި މަތިޖަހައިގެން ފިންޏެއް ނުކުރެވޭނެ އެވެ. އަތަށް ވޯޓު ކަރުދާސްކޮޅު އެރުމާއި 'ތިމަންނަމެން މި ތިބީ ތިކަމާ ދެކޮޅަށޭ' ބުނުން އަންނާނީ އެކުއެކީގަ އެވެ.

އިއްޔެގެ ވޯޓުން ސަރުކާރު ބަލިވެއްޖެ ކަމަށް ޕީއެންސީގެ މަޖިލިހުގެ މެމްބަރުން ގަބޫލުކުރައްވައިގެން ފަރުޖައްސާލެވޭކަށް ވެސް ނެތެވެ. ރައްޔިތުން އެ ބުނީ އެ މެމްބަރުންގެ ފެންވަރު ނެތް ކަމަށެވެ. ޒިންމާ ނުނަންގަވާ ކަމަށެވެ. ގޮނޑިއަށް އެކަށީގެންނުވާ ކަމަށެވެ. ނުވިތާކަށް ރައީސް މުއިއްޒުގެ ގޮނޑިކޮއްކޮތަކެއް ކަމަށެވެ.

މަޖިލިހުގެ ސުޕަ މެޖޯރިޓީ، ރައީސް މުއިއްޒުގެ ރިޔާސީ ހިތާބަށް އަތްޖައްސަވަނީ: މިއީ މިހާތަނަށް އުފެދުނު އެންމެ ފެންވަރު ދަށް ރައްޔިތުންގެ މަޖިލިސް (ފޮޓޯ/މަޖިލިސް)

ރައީސް މުއިއްޒު ވަނީ ރައްޔިތުންގެ ނިންމުން ގަބޫލުފުޅުކުރައްވާ ކަމަށް ރޭ ވިދާޅުވެފަ އެވެ. 

"ސަރުކާރުން ރަނގަޅުކުރަން ޖެހޭ ކަންކަން، ރައްޔިތުންގެ ވިންދާ އެއްގޮތަށް ރަނގަޅުކުރުމަށް ކުރަން ޖެހޭ މަސައްކަތްތައް މާތްﷲގެ ވާގިފުޅާ އެކު ކުރިއަށްގެންދާނެ ކަމުގެ ޔަގީންކަން ދިވެހި އެންމެހާ ލޮބުވެތި ރައްޔިތުންނަށް އަޅުގަނޑު އަރުވަން،" ސޯޝަލް މީޑިއާގައި ލިއުއްވި މެސެޖްގައި ރައީސް ވިދާޅުވި އެވެ.

ރަނގަޅު ކުރަން ހުރި ކަންކަން ވަރަށް ގިނަ އެވެ. ފުރަތަމަ ވިސްނަވަންވީ ރައްޔިތުން ރައީސް މުއިއްޒުއާ ވެރިކަން ހަވާލުކުރީ ކޮންމެ ކޮންމެ ކަމެއް ބޭނުންފުޅު ގޮތަކަށް ކުރައްވަން ނޫން ކަމެވެ. ރައީސްގެ ބާރު ގަދަޔަސް ހުދޫދަކާއި އިންތަކެއް އޮންނަ ކަމެވެ. ކިތައްމެ މައުސޫމް ބޭފުޅަކަށް ވެވަޑައިގަންނަވަން މަސައްކަތްކުރެއްވިޔަސް ދައުލަތުގެ ހުރިހާ ބާރެއް އަތްޕުޅަށް ނަންގަވައިގެން ހުންނެވިކަން ދިވެހިންނަށް އެނގެ އެވެ. މި ގައުމުގައި މިހާރު މިނިވަން މުއައްސަސާއެއް ނެތެވެ. މިނިވަން، އިންސާފުވެރި ޝަރުއީ ނިޒާމެއް ނެތެވެ. މިނިވަން ރައްޔިތުންގެ މަޖިލިހެއް ވެސް ނެތެވެ.

އެކަމަކު އާންމު ދިވެހިން އެ ތިބީ މިނިވަންކަންމަތީގަ އެވެ. އެ މީހުންނަށް ވޯޓު ލާނެ ފުރުސަތު ލިބިއްޖެ ނަމަ ގާނޫނުއަސާސީ ވެސް ހިމާޔަތްކުރާނެ އެވެ. ޝަރުއީ ނިޒާމު ވެސް ހިމާޔަތްކުރާނެ އެވެ. ރައްޔިތުންގެ މަޖިލިސް ވެސް ހިމާޔަތްކުރާނެ އެވެ. އުވާލި އަތޮޅު ކައުންސިލްތައް ވެސް ހިމާޔަތްކުރާނެ އެވެ.

ޕީއެންސީގެ އިސް ބޭފުޅަކު، މި ވޯޓުގެ މާ ކުރިން، އަޅުގަނޑު ކައިރީގައި ވިދާޅުވި ވާހަކައެކެވެ. 'ރައީސް އެ އުޅެނީ މާތްﷲ ދެއްވި ފަސް އަހަރު ބާއްވާފައި ނުދެއްވާ ފަސް އަހަރު ހޯދާށެ'ވެ. އެމްޑީޕީގެ ބޭފުޅެއް ނޫނެވެ. ޕީއެންސީގެ ހަރު، ނުފޫޒު ގަދަ ބޭފުޅެކެވެ. ތައުލީމީ ބޭފުޅެކެވެ.

ރައީސް މުއިއްޒަށް ލިބިވަޑައިގަންނަވަން ޖެހޭ އެހެން މެސެޖެއް ވެސް އެބަ އޮތެވެ: 'ނޫނެކޭ' ވޯޓުގައި ޕީއެންސީގެ އެތައް ހާސް ބަޔަކު ވެސް ބައިވެރިވި އެވެ. ވޯޓުގެ ކުރިން އަޅުގަނޑަށް ލިބުނު މައުލޫމާތުތަކުން އެނގެނީ ކައުންސިލް ގޮނޑިތައް ޕީއެންސީއަށް ހޯދަން ކިތައްމެ މަސައްކަތެއް ކުރިޔަސް ހިޔާލު ހޯދުމުގެ ވޯޓުގައި ސަރުކާރަށް ތާއީދުނުކުރާނެ ކަމެވެ. މާނައަކީ ޕީއެންސީގެ ހަރަކާތްތެރިން ވެސް އޭގައި ބުނާނީ 'ނޫނެކޭ' އެވެ.

މިފަހަރުގެ ކެމްޕޭން ނިންމާލަން ޕީއެންސީން މާލޭގައި ބޭއްވި ހިނގާލުން: ޕީއެންސީގެ ވަރަށް ގިނަ ބަޔަކު ވެސް ހިޔާލު ހޯދުމުގެ ވޯޓުގައި ޖެހީ 'ނޫނެކޭ' (ދައުރު ފޮޓޯ/އަބްދުﷲ އަނޫފް ޖުނައިދު)

ރައީސް މުއިއްޒު އާއި ބަންޑާރަ ނައިބު އަހުމަދު އުޝާމް އާއި ރައްޔިތުންގެ މަޖިލިހުގެ ޕީއެންސީ މެމްބަރުން ދެން ހަނދާންކުރައްވަން ޖެހޭނެ ކަމަކީ، ރިޔާސީ އިންތިހާބުގެ ދެވަނަ ބުރު އުވާލަން މަސައްކަތްނުކުރެއްވުމެވެ. ދިވެހިން ދަންނަ އަދި ދަސްކޮށްގެން ތިބި ޑިމޮކްރަސީގައި 'ޕްރެފެރެންޝަލް'ގެ ވާހަކައެއް ނާދެ އެވެ. ދިވެހިންނަށް އެނގެނީ ރައީސަކަށް ހޮވާ މީހަކަށް ޖުމްލަ ވޯޓުގެ %50އަށް ވުރެ މަތިން ލިބެން ޖެހޭނެ ކަމެވެ. ފުރަތަމަ ބުރުން ނުލިބިއްޖެ ނަމަ ދެވަނަ ބުރަކުންނެވެ.

އަމިއްލަ ގައުމުގައި ގާއިމްކުރި ނިޒާމު ހިމާޔަތްކުރަމާ ހިނގާށެވެ. ވެރިކަން ދެމެހެއްޓުމުގެ ނިޔަތުގައި ކޮންމެ ކޮންމެ ކަމެއް ބަދަލުކުރަން ނޫޅެމާ ހިނގާށެވެ. އެފަދަ އަމަލްތަކަށް އާންމު ދިވެހިންގެ ހިތް ހެޔޮނުވާނެކަން ދަސްކުރަމާ ހިނގާށެވެ.

އިއްޔެގެ ނަތީޖާއަކީ އެ ފިލާވަޅެވެ. އެއީ ފިލާވަޅެއްކަން ގަބޫލުކުރަން ޖެހޭނީ އެ ވޯޓާ ދެކޮޅު އަޅުގަނޑު ކަހަލަ މީހުން އެކަންޏެއް ނޫނެވެ. ސަރުކާރު ވެސް މެ އެވެ. ޕީއެންސީގެ ސުޕަ މެޖޯރިޓީ އޮތް ގޮނޑިކޮއްކޮ މަޖިލިސް ވެސް މެ އެވެ. ގޮނޑިކޮއްކޮ ބަންޑާރަ ނައިބާއި ގޮނޑިކޮއްކޮ ކެބިނެޓް ވެސް މެ އެވެ.

ގޮނޑިކޮއްކޮ ނުވީ ދިވެހިންނެވެ.

ދިވެހިންނަށް ޝުކުރިއްޔާ އެވެ! ސާބަހާއި އައްސަރިބަހެވެ! 

ކޮމެންޓް (26)

ހާއިރު

15 އޭޕްރީލު 2026
ސާބަހޭ ސާބަހޭ މޫސަބޭ ސާބަހޭ މޫސަބޭ ކުރިމަސައްކަތް ތަކަށް ސާބެހޭ ތިޔައީ ވާ ލިއުންތެރިއެކޭ ސާބަހޭ ސާބަހޭ މުސަބޭ ސާބަހޭ
0 0

ސިކުނޑި

6 އޭޕްރީލު 2026
މައުމޫނު ވިދާޅުވާހެން މީހުންނަކީ ވަރަށް ހަރާމްކޯރު ބައެއް!!
1 1

ހުވަދޫ އަހައްމަދޭ

6 އޭޕްރީލު 2026
ޕީއެންސީގެ މުއިއްޒުގެ ސިޔާސީ އައުވާނުންނަށް ބުނަން. ރިޔާސީ އިންތިޙާބުގަ ވިއްކުނީ ރައީސް ޔާމީނުގެ ފޮޓޯއާ އެމަނިކުފާނުގެ މެނިފެސްޓޯ؟ މުއިއްޒުގެ ސައިޒު ތިއޮތީ ފެނިފަ. ރިޔާސީ އިންތިހާބުގަ ތިވަރުވެސް ނުދޭނަން.
4 2

ވަލި ކުދުރަހާ

5 އޭޕްރީލު 2026
އަޅުގަނޑަކީ ރައީސު ވެރިކަމައް ގެންނަން މަސައްކަތްކުރި މުސްކުޅިއެއް މިފަހަރު ޕީއެންސީއައް ބުނީ ނޫނެކޭ. ދޮޅަހަކައް މީހުންނާގުޅިގެން އައްޑު އަތޮޅު ބައިބައި ކުރަން ޖެއްސި ޗައްކަރުން އައްޑޫން ނޫނެކޭ ބުނީ
10 0

ގައުމު

5 އޭޕްރީލު 2026
މުއިއްޒު އިސްތިއުފާ ދިނުން އެންމެ ރަނގަޅު ގޮތަކީ. މުއިއްޒުއަށް ކަންކަން ރަނގަޅު ނުކުރެވޭނެ ކަމުގެ ޔަޤީންކަމަކީ މުއިއްޒު ގެނައި ސުޕުރީމް ކޯޓަށް ވެސް ރައްޔިތުންގެ އިތުބާރެއްނެތް. އަވަހަށް އިސްތިއުފާ ދީފަ ގެއަށް ވަޑައިގަތުން އެދެމެވެ.
11 3

ކާކު ވިސްނަނީ

5 އޭޕްރީލު 2026
މޫސަ މިއީ ހާގީގަތް. ރަށްރަކުން ބޮޑު ތަނުން ނޫނެކޭ ބުނީ ކޮންމެ އިލެކްޝަނަކަށް އެއޮންނަ ސަރުކާރަކަށް ޑިމާންޑްކޮށްގެން ހޯދާ ނާޖާއިޒު ފައިދާތައް ނުލިބޭތީ. ނުފެންނަ ކަމަށް ފާހަގަ ޖަހަން އިދުކޮޅުންވެސް ކިޔާ ދިނީ މިކަންކަން ނުވާނޭ އޭރަށް. އެކަމު މީގެ ކުރިން އިދުކޮޅުންވެސް އިންތިހާބު އެއްކުރަންކީ އެކުރާ ޑިމާންޑްތަކުގެ އުނދަގޫ ބޮޑުކަމުން. ދަޢުލަތުން ބޭކާރު ވަޒީފާ އާއި ޚަރަދު ކުރަންޖެހޭތީ. ނޫނެކޭ ބުނީ އެމަންފާ އެ ލިބޭ ބަޔަކަށް ނުލިބޭތީ. ހުދު ވަޒީރުން އެމްޑީން، ސިޔާސީ މަޤާމުތަކުގަ ތިބި މީހުން ވެސް ނޫނެކޭ ޖަހަން އޮތީ ކެމްޕޭންކޮށްފަ. އެހެން ނޫންނަމަ މިހާ ބޮޑު ބައްޔެއް ނުވީސް. ވޯޓުލީކީ ރައީސްގެ ވިސްނުމަކަށް ނޫން. އެބައިގަނޑު އަމިއްލަ އެދުމަށް. މި ދިރާސާކޮށްލާފަ ލިޔުމެއް ލިޔެދީބަލަ.
5 3

ހުވަދޫ އަހައްމަދޭ

5 އޭޕްރީލު 2026
@ކާކު ވިސްނަނީ ހޭބަލި ނުވެބަލަ. ރިޔާސީގަ މުއިއްޒުއަށް ވޯޓުލީ ޔާމީނު އޭނަ ދައްކާފަ އޭނައަށް ވޯޓުލާށޭ ބުނީމަ. ވެރިކަމަށް އައިސް ބޮޑާކަމާ ކިބުރުވެރިކަމުން ބަސްބުނެ (މިސާލަކަށް ޑޮލަރުގެ މައްސަލަ) ތިމާ ވަރުގެ މީހެއް ނެތްކަމަށް ހެދުނީމަ ސައިޒު ދައްކާފަ އެ އޮތީ.، ރިޔާސީ އިންތިހާބުގެ މިއަށްވުރެ ފުލަށް ދުއްވާލާނަން.
3 3

ވާންޗޯ

6 އޭޕްރީލު 2026
@ހުވަދޫ އަހައްމަދޭ ދުފާ އެއްޗިއްސޭ ކިޔާބަލަ. ޔާމިނު ކީ ބޯއިކޮޓް ކުރާށޭ. އޭނައަށް ކުރިމަރި ނުލެވޭތީ ސޯލިހަށް ދޫކޮށްލަން އޭނަ ބޭނުންވީ އޭނާ ޖަލަށް ލުމުގެ އިނާމަކަށްތަ؟؟؟ ހުސްގޮނޑި ދައްކައިގެންތަ މަޖުލިސް ލިބުނީ؟؟ ތިޔަ ޑޮލަރު މައްސަލައަކީ ހައްލުކުރަން އެހެންވެރިން ބިރުން ތިބި ކަމެއް މުއިއްޒު އެކުރީ. އޭގެއިން ވަނީ ފައިދާ އާއްމުންނަށް. 500 މިލިއަން ޑޮލަރުގެ ލޯނު އެދެއްކީ. ކާޑްތަކުގެ ލިމިޓް ބޮޑުކޮށްފި. މުއިއްޒު ކުރާ ކަންކަން ބަލައިގަންނަން.
2 1

ހުވަދޫ އަހައްމަދޭ

7 އޭޕްރީލު 2026
@ވާންޗޯ ފައިދާވެގެން ޑޮލަރު 15.42 ވިއްކަން ހުރި ތަނެއް ބުނެބަލަ ކަލޯ.
1 0

އަމީން ހާނީ

5 އޭޕްރީލު 2026
މިއީ ނޫސްވެރިކަމުގެ "އަލްޓްރާ ލަގްޒަރީ" ބްރޭންޑްގެ ފުރިހަމަ ލިޔުމެކެވެ.ޤާނޫއަސާސީއަށާއި،ރައްޔިތުންގެ މަޖިލިސްތެރެެއިންނާއި،ސްޕްރީމްކޯޓާއި ކުޅުމުގެ ކުރިންވެސް މި ބްރޭންޑުންއައީ ރައްޔިތުން ވިސްނަންވާ ކަންކަން ފާހަގަކޮށް އެކިއެކި ބަހުސްތަކަށް މަގުކޮށުމަށްޓަކައި ލިޔުންތައް ލިޔަމުންނެވެ.
8 2

ހއ.ދިއްދޫ މުހައްމަދު ހަސަނު

5 އޭޕްރީލު 2026
މޫސަގެ ލިޔުން ވަރަށް ފުރިހަމަ އަހަރެން ގަބޫލްކުރާ ގޮތުގައި ސަރުކާރަށް ބޮޑުތަނުން ނޫނެކޭ ބުނީ މިދިޔަ ދުވަސްތަކުގައި ރައްޔިތުންނަ ދިމާވި ދަތި އުދަގޫތަކަށް ހައްލެ ނުލިބިގެން މިސާލަކަށް އާސަންދަވެސް ހަމަޖެހެނީ ރައްޔިތުންގެ މަޖިލިސް މެމްބަރެއް ތުރޫކޮއް ހިނާއާ ބައްދަލްކޮއްގެން އަނެއްކޮޅުން ފަސްޓްލޭޑީ ހިީވަނީ ގައުމުގެ ނައިބް ރައީސްހެން ސަރުކާރުގެ ސިޔާސަތު ހާމަކުރަނީ އޭނަ ވަޒީރުން ރިޕޯޓްކުރަން ޖެހެނީ އޭނައަ ދެންވިސްނާލާ އަދުގެ ސަރުކާރުގެ ހާލަތު ދެން އޮތީ ވަޒީރުންގެ މަޖިލިސް މުޅިދުނިޔޭގައިވެސް ނެތް މިހާ ވަޒީރުންގިނަ ގައުމެއް މިނިސްޓްރީ އޮފް ވާނިސް އެންޑް ފަރުނީޗަރު އެކަނި މަދުވަނީ..
6 1

ގުއި ދޫނި

5 އޭޕްރީލު 2026
ބޮލަށް ދޫނިތައް ގުއިރީފި.
10 3

ޖޭމުގޭ އަހައްމާދީ

5 އޭޕްރީލު 2026
މުޅި ދައުލަތް ލޫޓުމާރު އަރުވައިގެންވެސް ވީވަރު.، ސައިޒު ތިޔަ ފެނުނީ މުއިއްޒޫ ކަލޭގެ.
10 3

ހުމޭދު

5 އޭޕްރީލު 2026
މޫސާ ލަޠީފް، މިކަމުގައި ވިސްނާލުން މުހިންމު ކަމަށް ފެންނަ ނުކުތާއެއް އެބަ އޮތް! ދެ އިންތިހާބު އެއް ދުވަހެއްގައި ބާއްވަން މަޖިލީހުގެ 72 މެންބަރުން ނިންމެވި ނިންމުމަކީ އެ މެންބަރުންގެ ދާއިރާގެ ރައްޔިތުންގެ ވިންދާ އެއްގޮތް ނިންމުމެއް ނޫންކަން. ޔައުނީ، މެންބަރުންގެ ނިންމުމުގައި ރައްޔިތުންގެ ތަމްސީލުވުމެއް ނެތްކަން. މެންބަރުންނަށް ރައްޔިތުންގެ ހިޔާލު ހޯދިފައި ނެޔްކަން. މިކަމުން މި ގެއްލުނީ ރައީސުލް ޖުމްހޫރިއްޔާގެ މައްޗަށް އޮތް ރުހުމަށް/ނުރުހުމަށްވުރެ މަޖިލީހުގައި ތިއްބެވި މެންބަރުންގެ މައްޗަށް އޮތް ރުހުން/ނުރުހުން؛ ދިރާސާ ކޮށްލަން ރަނގަޅު ޒާވިއާއެއްކަމުގައި ފެނޭ.
6 2

ހިމާރުލްގައުމު

5 އޭޕްރީލު 2026
@ހުމޭދު ކޮން ދިރާސާއެއްތަ. މުއިއްޒު މުށުތެރޭގަ އޮތް މިނިވަންކަމެއް ނެތް ގޮނޑިކޮއްކޮއިންގެ ވާހަކަ ތިޔަ ދައްކަނީ. ރިޔާސީ އިންތިޙާބުގަ އިރާދަކުރެއްވިއްޔާ މިއަށްވުރެ ދަށްކޮށް ދުއްވާލާ މުއިއްޒުއާ އޭނަގެ އައުވާނުންގެ ސައިޒު ދައްކާލާނަން.
10 4

ތައްހާނު.

5 އޭޕްރީލު 2026
@ހުމޭދު އިންތިހާބު އެއްކޮށްލަން އެންމެ ބޮޑަށް ވާހަކަ ދެއްކީ މުއިއްޒު،. ޔެރާ ދުވާލު ކެމްޕޭނުގައި އެވާހަކަ ދެއްކީ މުއިއްޒު. ނޫނޭ. ރައްޔިތުން ވޯޓުން މިދެއްކީ މިބަދަލު ގެންނަށް އުޅުނު އެންމެނަށް، ހާއްސަކޮށް ރައީސް މުއިއްޒުއަށް، ނޫނެކޭ ބުނިތަން.
8 3

ޖޭމުގޭ އަހައްމާދީ

5 އޭޕްރީލު 2026
މުއިއްޒުގެ ސައިޒު އެ ފެނުނީ. ލަދެއް ހަޔާތެއް ހުރިއްޔާ އިސްތިއުފާދީ.
14 4

ތެފައާސާ.

5 އޭޕްރީލު 2026
އަގެއް ނެތީމާ މަޖިލިސް މެމްބަރުން ގަނެ އަޅުވެތިކުރެވިދާނެ. އަގެއް ނެތީމާ މިނިވަން މުއަސްސަސާތަކުގެ ވެރިން ގަނެ އަޅުވެތިކުރެވިދާނެ. އަގެއް ނެތީމާ ފަނޑިޔާރުން ގަނެ އަޅުވެތިކުރެވިދާނެ. އެކަމަކު ޚަބަރުދާރުވެ ހަނދާނުގައި ބަހައްޓާތި، އަހަރެމެން ރައްޔިތުންގެ ޒަމީރުގައި އަގު އެބަހުރި. އަހަރެމެން އަޅުވެތިނުކުރެވޭނެ.
16 1

ދިވެހި

5 އޭޕްރީލު 2026
މޫސާއެވެ. ތިވާހަކަތައް ރަގަޅެވެ. އެކަމަކު މިހެންބުނެލަން ކެރުނީ މިއަދުދޯއެވެ. ވައިޖެހޭކޮޅު ބަލާލަން މަޑުކޮށްލާފަ މިއަދު ތިޖޯޝާއި ފޯރީގައި ތިހެން ބުނަންކެރިއްޖެއެވެ. ހަގީގީ އިހްލާސްތެރިކަމަކީ ފެށުނީއްސެރެ ތިފަދައިން ބުނަންކެރުމެވެ. އަދި ހަަނދާން ކޮށްދެމެވެ. އަބަދުވެސް ހައްގު ބަދަލެއްނުވާނެއެވެ. އެންމެން ބާތިލު ގަބޫލުކުރިޔަސްމެއެވެ.
8 2

ށަމީ

5 އޭޕްރީލު 2026
@ދިވެހި މޫސާގެ ލިޔުންތައް ނުކިޔަންޏާ ނުފެންނާނެ ދޯ. މި ވޯޓަށް ނޫނެކޭ ބުނަން އިލްތިމާސްކޮށް މޫސާ ލިޔުނު ވަރު
10 1

ޢަލީ

5 އޭޕްރީލު 2026
@ދިވެހި މޫސާ މާ ކުރިންވެސް އެހެން ބުނި ވާހަކަ މި ނޫހުގައި އެބަހުއްޓެވެ.
8 1

އެނަލިސްޓް

5 އޭޕްރީލު 2026
@ދިވެހި ތިޔައީީ ދައުރުު އާންމުކޮށްް ނުބަލާާ މަހުލޫގެއްކަންް މި އެނގުނީީ. މިި އޭޕްރިލްް 2 ވަނަަ ދުވަހުގެެ ނޫސްް ބަލާލިނަމަަ ވެސްް ހަގީގަތްް ސާފުވީސް.
3 1

ކޮރޮވައު މުޙައްމަދު އަމީން

5 އޭޕްރީލު 2026
@ދިވެހި ނޫނެކެވެ.މޫސާ ލަޠީފްއަކީ ޢިމާދު ލަޠީފްގެ ކޮށްކޮއެއް ނޫނެވެ.އެއީ ދެ އެކުވެރިންނެވެ.އެކީގައި ކުރީގެ ހަވީރުގައި ގިނަ ދުވަހު މަސައްކަތްކުރިއެވެ.ދެވެރިންވެސް ކަރަންޓް އެފެއާޒަށާއި،ކުޅިވަރާއި،ސިޔާސީ ކަންކަމަށް އެކިއެކި ނަޒަރުން ލިޔެއެވެ.މޫސައަލީ މިސަރުކާރަށް ކުރާ ގޯސްކަންކަން ފުރަތަމަ ދުވަހުންފެށިގެންވެސް ފާހަގަކޮށް ލިޔަމުންއައި ރާއްޖޭގެ ނޫސްވެރިކަމުގެ "އަލްޓްރާ ލަގްޒަރީ" ބްރޭންޑެކެވެ.އޭނަގެ ލިޔުންތައް އެހެރީ ފެންނާށެވެ.ކިޔާލާށެވެ.ބަލާށެ.ވިސްނައި ފިކުރުކުރާށެވެ.
1 1

ހުމޭދު

5 އޭޕްރީލު 2026
@ކޮރޮވައު މުޙައްމަދު އަމީން މޫސާނިކު ކޮންމެ ގޮތަކަށް ލިޔުނަސް ވަރިހަމައެވެ. އޭނާގެ ވިސްނުން އޭނާގެ ކަންޓުރޯލުގައެވެ. އޭނާގެ ގަލަން އޭނާގެ އިޚުތިޔާރުގައެވެ. އެއީ މިނިވަން ގަލަމެކެވެ. ކޮންމެ ކޮޅަކަށް ލިޔުނަސް ޔަގީނީ ގޮތަކީ އެއީ އޭނާގެ ވިސްނުންކަމެވެ. އެހެންވީމާ، މޫސާނިކާމެދު ޝަކުވާއެއް ނެތެވެ.
1 0

އަސްލު

5 އޭޕްރީލު 2026
އެމްޑީޕީ ސަރުކާރުގަ އިބޫ ވެސް އުޅުނު ދެއިންތިހާބު އެއްކުރަން... ކީއްވެ އެވާހަކަ ނުދެއްކީ...
2 12

ޙަޖީ

5 އޭޕްރީލު 2026
@އަސްލު އެކަން އެމްޑީޕީ އިން ކުރިނަމަވެސް އަހަރެމެން ބުނާނީ ނޫނެކޭ
1 0

އިތުރު އާޓިކަލް

އިތުރު އާޓިކަލް