އާދަމް އާޒިމް

ކެމްޕޭނުގެ ތަޖުރިބާއިން އާޒިމަށް ފެނިވަޑައިގަންނަވަނީ '%70 އާއި %80' މީހުންގެ ވޯޓު

މާލޭގެ މޭޔަރު ގަބޫލުކުރައްވަނީ މާދަމާ އޮންނަ އިންތިހާބަށް އެމްޑީޕީގެ އަސްލު ރޫހު އަލުން ދިރުވެއްޖެ ކަމަށް. އެމްޑީޕީގެ މީހުން ވޯޓުލާން ނުކުންނާނެ ކަމަށް
3 އޭޕްރީލު 2026
2

މުހިންމު ނުކުތާތައް

އަގުލަބިއްޔަތު ނެތް ކައުންސިލެއްގައި މަސައްކަތްކުރެއްވުމަކީ ކެތްތެރިކަމުގެ މިސާލެއް

އާދަމް އާޒިމް އުއްމީދުކުރައްވަނީ އެމްޑީޕީގެ މެޖޯރިޓީ އޮތް ކައުންސިލެއް މިފަހަރު ލިބޭނެ ކަމަށް

ދިވެހިންނަށް މިހާރު ލިބޭ އަސާސީ އެތައް ހިދުމަތަކަށް އެމްޑީޕީގެ ހަރަކާތްތެރިން ވީ ގުރުބާނީ ހަނދާންކޮށްދެއްވި

މާލެ ސިޓީ ކައުންސިލްގެ ގޮނޑިތަކަށް ފުރަތަމަ ބަލައިލަމާ ހިނގާށެވެ: ޖުމްލަ 17 މެމްބަރުންގެ ތެރެއިން 14 މެމްބަރުން ނިސްބަތްވަނީ ސަރުކާރަށެވެ.

އެމްޑީޕީ ތަމްސީލުކުރައްވާ މޭޔަރު އާދަމް އާޒިމަށް އެ ކައުންސިލް ހިންގަވަން ފަސޭހައެއް ނުވާނެ އެވެ. އެކަމަކު މިދިއަ ދެ އަހަރު ދުވަސް އޭނާ ދެއްކެވީ ކިތައްމެ އުނދަގޫ ހާލެއްގައި ނަމަވެސް، ކެތްތެރިކަން އިސްކުރައްވައި، ރައްޔިތުންނަށް ހިދުމަތްކޮށްދެއްވުމުގެ ފުރުސަތު އޮތް ކަމެވެ. އެއީ ވިސްނުންތެރިކަމާ އެކު ހޯއްދެވޭނެ ފުރުސަތެއް ކަމެވެ.

އާޒިމް ގަބޫލުކުރައްވާ ފޯމިއުލާއެއް އެބަ އޮތެވެ: އިންސާނުން މެނޭޖްކުރުމެވެ.

"އަސްލު ރިސޯސަކީ މީހުން، ދެން ހުރި ރިސޯސްތަކަކީ އަސްލު ރިސޯސްއެއް ނޫން،" އާޒިމް ވިދާޅުވި އެވެ.

"މީހުން ރަނގަަޅަށް މެނޭޖްކުރެވިއްޖެއްޔާ އާހިރު ނަތީޖާ ވިސްނާކަށް ވެސް ނުޖެހޭނެ. ރަނގަޅުވާނެ."

ކައުންސިލްގެ ބައެއް ބައްދަލުވުންތައް ދިޔަައީ ވަރަށް ހޫނުކޮށެވެ. އޭނާގެ މައްޗަށް ވެސް ގިނަ ތުހުމަތުތަކެއްކުރި އެވެ. ކަންކަން ފަސްކުރައްވާކަމެވެ. ބައެއް ފަހަރަށް ކެރިވަޑައިނުގަންނަވާ ކަމެވެ.

އެކަމަކު އާޒިމްގެ ކެރުން ނެތީއެއް ނޫނެވެ. އޭނާ މަސައްކަތްކުރައްވާ ގޮތުގައި ހުރި ތަފާތުން، ބައެއް މީހުންނަށް އެހެން ނެގެނީ އެވެ.

އާޒިމް ގަބޫލުކުރައްވަނީ އޭނާ ވާހަކަ ދެއްކެވުމަށް ވުރެ އެހެން މީހުންގެ ވާހަކަ އަޑުއެއްސެވުން މާ މުހިންމު ކަމަށް

އާޒިމް ވިދާޅުވާ ގޮތުގައި މާލެއަށް ދިމާވެެ ހައްލުނުވެ 30 އަހަރަށް ވުރެ ގިނަ ދުވަސް ވެފައި ހުރި ބޮޑެތި މައްސަލަތައް ވެސް އޭނާގެ ބެލުމުގެ ދަށުން މިހާރު ވަނީ ހައްލުކޮށްދީފަ އެވެ.

މިދިއަ ދެ އަހަރު މާލޭ ސިޓީ ކައުންސިލް ހިންގުމުގެ ތަޖުރިބާގެ ތެރެއަށް އަޅުގަނޑުމެން ވަނީ، މި ނޫހުގެ ޕޮޑްކާސްޓް 'މޫސާ ލަތީފް'ގެ މެހެމާނަކަށް އިންނަވައި އާޒިމް ދެއްވި އިންޓަވިއުގަ އެވެ.

މާލެ ސިޓީ ކައުންސިލުން ކުރާ ގިނަ ކަންކަން ނޭނގިދާނެ އެވެ. އެކަމަކު ޔަގީނުން ވެސް އެނގޭ ކަންކަން އެބަ ހުއްޓެވެ: މިސާލަކަށް ބޯކޮށް ވާރޭ ވެހިއްޖެ ނަމަ ކުރިން މާފަންނުކޮޅާއި ހެންވޭރުކޮޅުގައި ބޮޑުވާ ފެންގަނޑުގެ މައްސަލަ އެވެ. ސާފުނުކޮށް ގިނަ ދުވަސް ވުމުން ކުނިން ފުރިފައި ހުރި މާލޭގެ ކާނުތަކެވެ.

އޭނާގެ މޭޔަރުކަމުގައި ނިންމި ކަންކަމުގެ މިސާލުތަކެއް މި ފަހުން އާޒިމް ދެއްކެވި އެވެ:

  • މާލޭގައި 40،000އަށް ވުރެ ގިނަ ކާނު ސާފުކުރުން

  • ވިލިމާލޭގެ 400އަށް ވުރެ ގިނަ މަގާއި ގޯޅިތައް މަރާމާތުކުރުން

  • ބޮޑެތި ޕަމްޕްތައް ގެެނެސް ފެން ހިންދުމުގެ ނިޒާމު ފައްކާކުރުން

  • ކުރިން ފެންބޮޑުވެގެން ބަންދުކުރަން ޖެހުނު ފިހާރަތަކާއި ކެފޭތައް އެ ހުއްޓުމުން ސަލާމަތްކުރުން

ވެރިރަށުގެ މޭޔަރުގެ ޒިންމާއަކީ، މައި ސަރުކާރު ނެގުމަށް ފަހު، ރާއްޖޭގައި ދެވަނައަށް އެންމެ ބޮޑު އިދާރީ ހިންގުން ކުރިއަށް ގެންދެވުމެވެ. އެއީ އަގުލަބިއްޔަތު ނެތް ކައުންސިލެއްގައި ފަސޭހަ ކަމެއް ނޫނެވެ. އެކަމަކު އާޒިމަކީ މީހުން ދައްކާ ވާހަކަ އަޑުއައްސަވާ ބޭފުޅެކެވެ. ރާއްޖޭގެ ބޮޑެތި ކުންފުނިތައް ހިންގުމުގެ ތެރެއިން އޭނާއަށް ދަސްކުރެއްވުނު ފިލާވަޅަކީ ވެސް އެ އެވެ. އެހެންކަމުން މަސައްކަތަށް ހުއްޓުން ނައިސް ކުރިއަށް ގެންދެވެ އެވެ.

"އަޅުގަނޑު ވަރަށް ގިނައިން ކުރާ ކަމެއް 80 ޕަސެންޓޭ އަޑު އަހަނީ، 20 ޕަސެންޓޭ ވާހަކަ ދައްކަނީ،" އާޒިމް ވިދާޅުވި އެވެ.

"އެހާ ބައިވަރު މީހުންނާ އެކު ވޯކްކޮށްފައި ހުރީމާ ކައުންސިލްގައި ވޯކްކުރަން ދަސްވެފައި ހުރީ. ތިމަން ކިތައްމެ މޮޅުކަމަށް ހީކުރިޔަސް ނަތީޖާ ހާސިލެއް ނުކުރެވޭނެ އެންމެންނަށް އިހުތިރާމްކޮށް، ގަދަރުކޮށް، އިތުބާރުނުކުރާހާ ހިނދަކު."

ހުޅުމާލޭ ދެވަނަ ފޭސްގެ ބައެއް ރައްޔިތުންނާ ބައްދަލުކުރައްވާ އާޒިމް ވާހަކަ ދައްކަވަނީ

އޭގެ ކުރިން ރައީސް މުހައްމަދު މުއިއްޒު ފުރުއްވި މާލޭގެ މޭޔަރުގެ ގޮނޑި 2024ގައި އާޒިމް ކާމިޔާބުކުރެއްވީ މި ސަރުކާރުގެ ހަނީމޫން ދުވަސްވަރުގަ އެވެ. ރިޔާސީ އިންތިހާބުގެ ބައްޔާ އެކު އެމްޑީޕީ އޮތީ ރޫހު ގެއްލިފަ އެވެ. އެކަމަކު ސަރުކާރުގެ ކެންޑިޑޭޓް އަދި ކުރީގެ ބަންޑާރަ ނައިބު އައިޝަތު އާޒިމާ ޝަކޫރު ބަލިކުރެއްވީ ތަފާތު ބޮޑުކޮށެވެ.

މިއަދު އަނެއްކާ އާޒިމް ނުކުންނަވައިގެން އެ ހުންނެވީ އޭގެ ދެވަނަ ވާދަވެރިކަމަށެވެ. އަންނަ ހޮނިހިރުދުވަހު އޮންނަ ކައުންސިލް އިންތިހާބުގައި މާލޭގެ މޭޔަރުގެ ގޮނޑި ދެވަނަ ދައުރަކަށް އޭނާއަށް ރައްޔިތުން ދޭނެކަމުގެ އުއްމީދާ އެކުގަ އެވެ.

މިހާރު މަންޒަރު މާ ބޮޑަށް ތަފާތު

އެކަމަކު މީގެ ދެ އަހަރު ކުރިއާ އަޅާބަލާއިރު މަންޒަރު ބަދަލުވެއްޖެކަން އާޒިމަށް ޔަގީނެވެ. މީގެ ހަ މަސް ކުރިން ފެއްޓެވި ކެމްޕޭނުން މިހާރު ފެނިވަޑައިގަންނަވަނީ އެމްޑީޕީގެ ރޫހު އަލުން ދިރެމުން އަންނަ ތަނެވެ. އެމްޑީޕީގެ ފޯރި ގަދަވާތަނެވެ. އަދި އޭނާގެ ހިދުމަތްތަކުގެ އަގުވަޒަންކުރާ ރައްޔިތުން ވެސް ގިނަކަމުގެ ހިތްހަމަޖެހިވަޑައިގަތުމެވެ.

"ތެދަށް މި ދަންނަވަނީ، އަޅުގަނޑު މަގުމަތީގައި އެބަ އުޅެން، ގެތަކަށް އެބަ ވަންނަން. ޖުމްލަ ގޮތެއްގައި އަޅުގަނޑު ހަމަ ހައިރާންވާ ވަރަށް އެމްޑީޕީއަށް ތާއީދު އެބަ އޮތް. ގާތްގަނޑަކަށް 70، 80 ޕަސެންޓް މީހުން ބުނަނީ ތިމަންނަގެ ވޯޓް އޮންނާނީ އާޒިމަށޭ،" އޭނާ ވިދާޅުވި އެވެ.

އެމްޑީޕީގެ އެ ރޫހު ދިރިގެން އަންނަ ތަން ފެނިވަޑައިގަތުމުން އާޒިމްގެ ހިތްވަރު ވެސް ވަނީ ގަދަވެފަ އެވެ. 

'ދައުރު'ގެ ޕޮޑްކާސްޓަށް އާޒިމް އިންޓަވިއުދެއްވަނީ (ފޮޓޯ/ދައުރު)

އޭނާ ގަބޫލުކުރައްވާ ގޮތުގައި މިއަދު ދިވެހި ރައްޔިތުންނަށް ލިބޭ ގިނަ ހިދުމަތްތަކެއްގެ ފެށުމަކީ އޭރު އެމްޑީޕީގެ ހަރަކާތްތެރިން އެ ކުރި ބުރަ މަސައްކަތެވެ. ބައެއްގެ ހަނދާނުން އެކަން މިއަދު ކެހިފައި އޮވެދާނެ އެވެ. އޭރު އެ ވަރުގަދަ ހިތްވަރާ އެކު އިސްލާހީ މަސައްކަތުގައި ދެމިތިބި، ހައްޔަރުވި، އަނިޔާއާ ކުރިމަތިވި މީހުންނަށް މިއަދު މާޔޫސްކަން ވެސް އޮވެދާނެ އެވެ. ނުވަތަ، އާޒިމް ލަފާކުރައްވާ ގޮތުގައި، 'ކަލޭމެން ކުރި މަސައްކަތުގެ ނަތީޖާއެއް ނެތޭ' ބުނެ އެހެން މީހުން ދައްކާ ވާހަކައިން އެމްޑީޕީގެ އެ ފަހުލަވާނުންގެ ވިސްނުން ބަދަލު ވެސް ވެދާނެ އެވެ.

ނަމަަވެސް ތާރީހުން ދައްކައިދޭ ހެކިތައް މަދެއް ނޫނެވެ. އެވާހަކަތަކުގެ ތަފުސީލަށް އާޒިމް ވަޑައިގަތެވެ.

"ވަރަށް ގިނަ މީހުން އުޅުނު އެމްޑީޕީ މެމްބަރުންނަށް ވިސްނައިދޭން ކަލޭމެންނަށް ވީ ކޮން ކަމެއްހޭ މަގުމައްޗަށް ނުކުމެގެން. އަޅުގަނޑުމެން [ގޭގެއަށް] ދިޔައިމާ އެބަ ހުރި ތިމަންނަ މަގުމައްޗަށް ނުކުމެ މުގުރުބުރިން ޖެހި ބޮޑެތި އަނިޔާތަކެއް ވެ, ލޮލަށް ޕެޕަ ސްޕްރޭ ޖެެހީމާ [ފަހުން] ކިހިނެއްހޭ މި ވީ. އެގޮތަށް [އެމްޑީޕީގެ ސަޕޯޓަރުންނަށް] ވިސްނައިދިނީ މީހުންތަކެއް،" އާޒިމް ވިދާޅުވި އެވެ.

"އެކަމަަކު އަޅުގަނޑުމެން ގޮސް ކިޔައިދިނީމާ، ވިސްނައިދިނީމާ އެމީހުން [އެމްޑީޕީ މީހުން] ގަބޫލުކުރި މުޅި ރާއްޖެއަށް ބޮޑެތި ބަދަލުތަކެއް އެމީހުންގެ ސަބަބުން އައިކަން."

އެމްޑީޕީގެ ހިތްވަރުން ދިވެހި ރައްޔިތުންނަށް ތަނަވަސްވި ފުރުސަތުތައް ސާބިތުކޮށްދެއްވަން އާޒިމް މިސާލުތަކެއް ނެންގެވި އެވެ. އެއީ:

  • އާސަންދަ: ދިވެހި ކޮންމެ ރައްޔިތަކަށް އާދޭސްނުކޮށް ބޭސް އެބަ ކުރެވޭ

  • ހިލޭ ޑިގްރީ

  • ދުވަސްވީ މީހުންނަށް އެލަވަންސް

  • ނުކުޅެދުންތެރިކަން ހުންނަ ކުދިން/މީހުންނަށް އެލަވަންސް

  • އެކަނިވެރި މައިންނަށް އެލަވަންސް

އަސާސީ ހިދުމަތްތަކާއި ހައްގުތައް ހޯދަން އެމްޑީޕީގެ ފަހުލަވާނުން ކުރި ބުރަ މަސައްކަތް، އާޒިމް ވިދާޅުވި ގޮތުގައި، އަނެއްކާވެސް އެމީހުންނަށް މިހާރު ވިސްނައިދީފި އެވެ.

މިހާރު އެމީހުން އަލުން އެބަ ބުނޭ "ލައިފް ބެޓާއޭ. އެއީ ތިމަންނަމެން ކުރި މަސައްކަތުންނޭ. އެކަން ވަރަށް ބޮޑަށް އަނެއްކާވެސް ވިސްނައިދެވިއްޖެ،" އާޒިމް ވިދާޅުވި އެވެ.

އަންނަ ހޮނިހިރުދަވަހުގެ އިންތިހާބަށް ނުކުންނަވާއިރު އޭނާ އާއި އެމްޑީޕީގެ ކެންޑިޑޭޓުންނާ ދެކޮޅަށް ސަރުކާރުގެ ހުރިހާ ބާރެއް ބޭނުންކޮށްގެން ޕީއެންސީން ކެމްޕޭން ކުރިޔަސް އެމްޑީޕީގެ ރޫހު ގުޑުވާނުލެވޭނެކަމުގެ ޔަގީންކަން އެބަ އޮތެވެ.

މައްސަލަތައް ހައްލުކުރެވޭނެ، އެ އިތުބާރު އެބަ އޮތް

އާޒިމަކީ ހިންގުމުގެ ތަޖުރިބާކާރެކެވެ. ފުރުސަތަށް ބައްލަވައިގެން ހުންނަވަ އެވެ. ފުރުސަތުގެ ބޭނުންކުރައްވަ އެވެ. އޭގެ މިސާލަކީ 1992ގައި ވިކްޓަރީގެ ފުޓްބޯޅަ ޓީމުން ޖާގަ ހޯއްދެވި ގޮތެވެ.

އޭރު ކުޅެން ދަނީ ވިކްޓަރީ ޓީމާ އެކު އެވެ. އެކަމަކު ޓީމަށް އަރާ ކުޅުންތެރިންގެ ތެރެއަކު ނުހިމެނެ އެވެ. އެހެންވެ ބޮޑަށް އުޅުއްވީ، މާފަންނު ސްޓޭޑިއަމްގައި ވިކްޓަރީ ފަރިތަކުރާ އިރު ދުރަށް ޖަހާ ބޯޅަތައް ހޮވައިގެން ގެންނެވުުމުގެ މަސައްކަތުގަ އެވެ. ދޭތެރެދޭތެރެއިން ކުޅެލަން ފުރުސަތު ވެސް ލިބޭމެ އެވެ.

ވިކްޓަރީގެ މުހިންމު ކުޅުންތެރިޔަކަށް އަނިޔާވެއްޖެ އެވެ. އެ ހުސްވި ޖާގަ ލިބިވަޑައިގަތީ އާޒިމަށެވެ. 

އެ އަހަރުގެ ގައުމީ މުބާރާތަށް ނިއު ރޭޑިއަންޓް ނުކުތީ ޖެހިޖެހިގެން ތިން ވަނަ ފަހަރު ތަށި ހޯދައިގެން އެ މިލްކުކުރާށެވެ. އެހާ ތަނަށް ގައުމީ ތަށި މިލްކުކޮށްފައި އޮތީ ހަމައެކަނި ވިކްޓަރީންނެވެ.

ކެމްޕޭން ޖަލްސާއެއްގައި ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު (ކ) އާއި އާޒިމް

އެ އަހަރުގެ ތާރީހީ ފައިނަލްގައި ނިއު ބަލިކޮށް ގައުމީ ތަށި ކާމިޔާބުކުރި ވިކްޓަރީގެ ޒުވާން، އާ ކުޅުންތެރިންގެ ތެރެއިން އެކަކީ އާޒިމް އެވެ.

އެކަމަކު ޖެހިގެން އައި އަހަރު ފަޔަށް ލިބުނު އަނިޔާއަކާ ގުޅިގެން ފުޓްބޯޅައާ ދުރަށް ވަޑައިގަތީ އެވެ. އެހާ ހިސާބުން އެކައުންޓިން އާއި މާލީ ދާއިރާއިން މަތީ ތައުލީމު ހާސިލްކުރެއްވި އެވެ. ވަޒީފާއަށް ނުކުންނެވި އެވެ. އެމްޑަބްލިޔުއެސްސީގެ ޗީފް ފައިނޭޝަން އޮފިސަރު (ސީއެފްއޯ) މަގާމު ފުރުއްވި އެވެ. އޭގެ ފަހުން އެސްޓީއޯގެ މެނޭޖިން ޑިރެކްޓަރުކަމެވެ. އެމްޑީޕީ ސަރުކާރުގައި ދެން އަނެއްކާ އެމްޑަބްލިޔުއެސްސީގެ އެމްޑީއަކަށެވެ. ސަރުކާރުގެ މަޝްއޫރުތައް ގިނަކޮށް، ފެރީ އާއި ބަހުގެ ހިދުމަތްތައް ވަރުގަދަކުރަން ދެން ހަވާލުކުރީ އެމްޓީސީސީގެ ސީއީއޯ އާއި އެމްޑީގެ މަގާމެވެ.

މި ހުންނަނީ މާލޭގެ މޭޔަރުކަމުގެ ޒިންމާ، އިދާރީ ގޮތުންނާއި ވިސްނުމުގެ ގޮތުން ވެސް ނެންގެވޭނެ މުހިންމު ތަޖުރިބާތަކެވެ.

މާލެ ކަހަލަ "ސިޓީއެއް ހިންގަން ބޭނުންވާ ހުރިހާ ތަޖުރިބާއެއް ލިބިފައި ހުރި މީހެއް އަޅުގަނޑަކީ. އެހެންވީމާ ބައިވަރު ވިސްނުންތަކެއް ހުންނާނެ. ޔުނިވަސިޓީން ޑިގްރީއެއް ނެގުމަކީ އަސްލު މަސައްކަތަށް ނުކުތުމަށްޓަކައި 10 ޕަސެންޓް. އަނެއް 90 ޕަސެންޓަކީ ތަޖުރިބާ،" އާޒިމް ވިދާޅުވި އެވެ. 

އޭނާގެ ނަޒަރުގައި މާލޭގައި މިހާރު ހުރި މައްސަލަތައް އުފެދިގެން އެ އައީ މިދިއަ 60 އަހަރުގެ ތެރޭގަ އެވެ. އެހެންކަމުން ހައްލުކުރަން އުނދަގޫ ކަންކަން ވެސް ހުންނާނެ އެވެ. އެކަމަކު އާ ދައުރަކަށް ކުރިމަތިލެއްވި އިރު އޭނާގެ ނެތީ، އެއިން އެއްވެސް ކަަމަކަށް، މާޔޫސްވުމެވެ. އޭނާގެ އޮތީ އުއްމީދެވެ.

ހުޅުމާލޭގައި ބޭއްވި ޖަލްސާގައި އާޒިމް ވާހަކަދައްކަވަނީ (ފޮޓޯ/އެމްޑީޕީ)

އިންތިހާބު ކާމިޔާބުކުރައްވަން އާޒިމް ބޭނުންވަނީ ކައުންސިލްގެ އެހެން ގޮނޑިތަކާ އެކުގަ އެވެ. އަމާޒަކީ ފުރިހަމަ މެޖޯރިޓީއެއް ހޯދުމެވެ. އޭރުން، މިހާރު ގޮތަށް، މޭޔަރަށް އެއްވެސް މެޖޯރިޓީއެއް ނެތި ހިންގަމުން އަންނަ ވެރިރަށުގެ ކައުންސިލް، މާ ރަނގަޅަށް، މާ ފުރިހަމައަށް ކުރިއަށް ގެންދެވޭނެކަމުގެ ޔަގީންކަން އެބަ އޮތެވެ.

މިދިއަ ހަ މަސް ދުވަހުގެ ކެމްޕޭން ހިންގެވުންތަކާއި އާންމުންނާ ބައްދަލުކުރެއްވުމާއި ޖަލްސާތަކުން، އެމްޑީޕީގެ ރޫހު ދިރިގެން އަންނަ ގޮތަށް އާޒިމްގެ ރޫހާއި ހިތްވަރު ވެސް ވަނީ ގަދަވެފަ އެވެ. އޭނާއަށް ޔަގީންވަނީ ހޮނިހިރުދުވަހު އެމްޑީޕީގެ މެމްބަރުންނާއި ހެޔޮއެދޭ މީހުން ނުކުމެ ވޯޓު ލާނެ ކަމެވެ. މާލެއަށް އޭނާ ކޮށްދެއްވާ ހިދުމަތްތަކުގެ އަގު މާލޭގެ ރައްޔިތުން ވަޒަންކުރާނެކަމެވެ.

"މާލެ ސިޓީގެ މޭޔަރުކަމަށް އެބޭފުޅުން އަޅުގަނޑަށް ޔަގީން ވޯޓު ދެއްވާނެކަން، އިރާދަކުރެއްވިއްޔާ. ކައުންސިލަރުންނާއި މެޖޯރިޓީއާ އެކީގައި ދެއްވާށޭ. އޭރުން އަޅުގަނޑަށް އިތުރު ހިދުމަތްތަކެއް ކޮށްދެވޭނީ،" އާޒިމް ވިދާޅުވި އެވެ.

ކޮމެންޓް (2)

ހަސަން12344

6 އޭޕްރީލު 2026
އާޒިމް އޯކޭ ، މުއީޒް މޭޔަރު ކަމުގައި ނުވި އެތައް ކަމެއް އާޒިމް ކޮއްފި ، އާސަހަރާ ވެސް ނިންމީ އާޒިމް ، ކޮންޓްރެކްޓަރު މަކަރު ހެދީމަ އިތުރުބަޔަކަށް ދީގެންވެސް ކަން ކޮއްފި ، ގަލޮޅު ޕާކު ހުޅުވާފަ އެހުރީ ، ކާނުތައް ސާފު ކުރޭ ، މުއީޒު މޭޔަރ ކަމުގައި މާލޭގެ މަގުތައް ވިއްކާ ، ވެރިކަމަށް އަންނަން ޕާޓީ ކުދިން ނަށް ކޮރަޕްޝަން ހިންގީ ..
0 0

އަލީ ސާކިރު

3 އޭޕްރީލު 2026
އެމްޑީޕީގެ 80% ލައިގެން ޕާޓީ މޭޔަރުކަން ލިބިދާނެ.
0 0

އިތުރު އާޓިކަލް

އިތުރު އާޓިކަލް